ބުރާސްފަތި 22 އޮކްޓޯބަރ 2020
05 ހެއި
1442 ރަބީއުލް އައްވަލް 05
ފަތިސް 04:37
އިރުއަރާ 05:49
މެންދުރު 11:55
އަސްރު 15:11
އިރުއޮއްސޭ 17:53
އިޝާ 19:05

ވާހަކަ - ތޭރިތަކުން

އަލީ ޔޫސުފް
AliYooosuf

31 މާރޗް 2019 | އާދީއްތަ 12:55 2,915

ނޯޓް: (މިއީ މީގެ އަހަރުތަކެއް ކުރިން މާލޭގައި ހިނގި ހާދިސާތަކެއްގެ މަައްޗަށް ބިނާކޮށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. މި ވާހަކައިގައި ބޭނުންކޮށްފައިވާ ނަންތަކާއި ތަންތަނާއި ވަގުތުތަކަކީ ވެސް ހިޔާލެކެވެ.)

 

އެންމެ ފަހުން ނީލާގެ މަތިން ހަނދާވުމުން ހިތާ ދެކޮޅަށް އަހަރެން ކޮޓަރިން ނުކުން އިރު ވެސް އާތިފް ހުރީ އަހަރެންގެ އަތުގައި ހިފަހައްޓައިގެންނެވެ. ނަމަވެސް އެ ނޫން ގޮތެއް މި ވަގުތަށް ނެތެވެ. އަހަރެމެން ދެ މީހުންގެ ހަށިގަނޑުގެ ދެމެދުގައި ހުރަހެއް ނެތް ކަމުގައި ވިޔަސް އެ ދެމެދުގައި ވަރުގަދަ ފާރެއް ވެއެވެ. އެއީ ނިލާއެވެ. އެ ފާރު ގިރާކުރަން އެހާ ފަސޭހައެއް ނުވާނެއެވެ. ނަމަވެސް އެ ފާރު ނެތިކޮށްލަން ކުރެވެން ހުރި ކޮންމެ ކުރަން ވެސް އަހަރެން ތައްޔާރެވެ. އާތިފް އަހަންނާ އެކު ހުރެއްޖެ ނަމަ ކޮންމެ ފަދަ ކަމެއް ވެސް އަހަރެން ކޮށްފާނަމެވެ. ކޮންމެ ފަދަ ގުރުބާނީއެއް ވެސް އަހަރެން ވާނަމެވެ.
**
އެ ރެއަށް ފަހު އަހަރެންގެ ހަޔާތަށް އައި ކޮންމެ ރެޔަކީ ވެސް އީދު ވިލޭރެއެކެވެ. ކޮންމެ ރެއެއް ނިމިގެން ދަނީ ކުލަތަކުން ޖަރީކުރުވި ހަވާއެރުވުންތަކުންނެވެ. ނީލާ ގިނައިން ހަދަނީ މެންދުރު ފަހުގެ ޑިއުޓީކަމުން ނީޝް ނިންދެވުމަށް ފަހު ރޭގަނޑު 12 ޖަހަންދެން އަހަރެން ހޭދަކުރަނީ އާތިފްގެ ކޮޓަރީގައެވެ. ކާން ނީލާ އަންނަ ވަގުތު ފިޔަވައެވެ. ސްކޫލް ޗުއްޓީ ދުވަސްވަރު ކަމަށް ވުމުން އަހަންނަށް ސްކޫލަށް ދާން ނުޖެހުމަކީ އަހަރެންގެ ނަސީބެވެ. ނީލާ ދަންވަރު ޑިއުޓީ ހަދާ ނަމަ އަހަރެން ނިދަނީ ވެސް ނީލާގެ ތަންމަތީގައެވެ. އޭނާގެ ފިރިމީހާ ކައިރީގައެވެ. އެއްވެސް ފިކުރެއް ހިޔާލެއް، ޖެހިލުންވުމެއް ނެތިއެވެ.

މަދު ފަހަރަކު ހެނދުނު ޑިއުޓީ އަށް ނީލާ ދެއެވެ. އެފަދަ ދުވަހެއްގައި އޮފީހުން ވަގުތުކޮޅެއް ހޯދައިގެން އާތިފް އަންނާނެއެވެ. މެންދުރު ނީޝް ނިދުމުން އަހަރެން އާތިފަށް ގުޅަމެވެ. އާތިފް ހުންނަނީ އެ ވަގުތަށް ކެތް މަދުވެފައެވެ. ނަމަވެސް ހަފްތާއަކު އެއް ދުވަހު އަހަރެން ވަރަށް ހިތާމަކުރަންޖެހެއެވެ. އެއީ ނީލާގެ އޮފް ދުވަހެވެ. ނަމަވެސް އެފަދަ ދުވަހެއްގައި ނަމަވެސް އާތިފް ކޮންމެ ވެސް ގޮތެއް ހޯދައެވެ. ހަށިގަނޑުގައި ބީހިލާނެ ކޮންމެ ވެސް ބަހަނާއެއް އޭނާ ހޯދައެވެ. ނީޝް ނިދުމުން ކޮޓަރިއަށް ގެނައުމުގެ ބަހަނާގައި ނަމަވެސް އާތިފް އަހަރެންގެ ކޮޓަރިއަށް ވަދެއެވެ. އެފަދަ ކޮންމެ ހިނދުކޮޅެއްގެ ފުރިހަމަ ފައިދާ އޭނާ ނަގައެވެ. އަހަރެން ވެސް ހުންނަނީ އެ ހިނދުކޮޅު ނައިސްގެންނެވެ. އެ އުފާވެރިކަމުގައި މަހެއް ވޭތުވެ ދިޔައިރު އަހަރެން ހުރީ ހަމަ ރަނގަޅަށް ވެސް އާތިފްގެ ލޯބީގައި މޮޔަވެފައެވެ. އޭނާގެ ހަށިގަނޑު ބީހުން އެންމެ ދުވަހަކު ވެސް ނުލިބިއްޖެ ނަމަ މުޅި ދުވަސް ހޭދަކުރަންޖެހެނީ މާޔޫސް ކަމުގައެވެ.

ގޭތެރެއިން އޭނާ ފެންނަ ކޮންމެ ވަގުތަކު ވެސް އަހަރެންގެ ހިތް ބާރަށް ތެޅެއެވެ. ހިތުގެ ހިނގުން އަވަސްވެއެވެ. ލޭދައުރުވުން އަވަސްވެ ލޯލިތައް ކޮޅަށް ޖެހެއެވެ. އަދި އޭނާ އަށް އަހަރެން ބޭނުން ވެއެވެ. ކޮންމެ ދުވަހަކު މަދުވެގެން އެއް ފަހަރު އާތިފްގެ ހަށިގަނޑުގައި އެއްވެސް ހުރަހެއް ނެތި ބީހިނުލެވޭ ނަމަ އަހަންނަށް އުދަނގޫވެއެވެ. ނީލާ ޑިއުޓީގައި އުޅޭ ނަމަ އަހަރެމެން ދުވާލަކު ތިން ހަތަރު ފަހަރު އޭނާގެ އެނދުމަތި އެފުށް މިފުށަށް ޖަހަމެވެ. އެއީ މިހާރު އަހަރެންގެ ކަށީގައި ހިފާފައިވާ ކަމެކެވެ. އާތިފްއާ ނުލައި އެންމެ ދުވަހަކު ވެސް އަހަންނަށް ހަމަނޭވާ ނުލެވެއެވެ. އަހަރެން ވަނީ އޭނާއަށް އާދަވެފައެވެ. އޭނާ އަށް އެކަންޏެ ނޫނެވެ. ބޮޑުވެގެންވާ އެ "ފާފައަށް" ދެވި ހިފާފައެވެ. އެ އަރާމު ނުލިބި އެންމެ ދުވަހެއް ވޭތުވެދިޔަޔަސް އަހަރެން މޮޔަވެދާނެއެވެ. މަހެއްހާ ދުވަސް ހޭދަވެގެން ދިޔައީ އެ ގޮތުގައެވެ. ނީލާ އަށް ދޮންކަޅު ވެސް ރޭކާ ނުލައެވެ.

***

"މާތް ކަލާކޯ!" މާނޭވާ ލެވެމުންދިޔަ ދެ މީހުންގެ އާހްގެ އަޑުގެ ތެރެއިން ކުއްލިއަކަށް ބާރު އަޑުފައްގަނޑެއް އިވިގެންދިޔައެވެ.

"ބަލާލަބަ ހުންނަ ހަޔާތް ކުޑަކަން،" އެއީ ނީލާގެ އަޑެވެ. އޭރު އޭނާ ބޮކި ދިއްލައިފިއެވެ.

އަހަރެންގެ ގައިމަތިން އާތިފް ވަގުތުން ފުންމާލިއެވެ. ކައިރީގައި އޮތް ބާލިސް ނަގާ ފޮރުވޭނެ އެންމެ ބޮޑަކަށް އަހަރެން ހަށިގަނޑު ފޮރުވީމެވެ. ނީލާގެ ބަޑިފަޅައިގެން ދިޔައެވެ. އިތުރު އެއްޗެއް ބުނާނެ ހިތްވަރެއް އޭނާގެ ނެތް ކަހަލައެވެ. ބާރުބާރަށް އަޑުން އަޑުނަގާ އޭނާ ރޯން ފެށިއެވެ. އެ ހުރިހާ ކަމެއްވީ ސުކޫތުކޮޅެއްގެ ތެރޭގައެވެ. އަހަރެން މަޑުމަޑުން ހެދުން އަތު ޖައްސާލީމެވެ. މޭގަނޑު ހީވަނީ އަނގައިން ބޭރު ވެދާނެހެންނެވެ. ހަދާނެ އެއްވެސް ގޮތެއް އަހަންނަކަށް ނުވިސްނުނެވެ. މި ތަނުން ދުއްވައިގަންނަންވީ ހެއްޔެވެ؟ ނޫނެކެވެ. ނީލާ ހުރީ ދޮރުގައި ލެނގިގެންނެވެ. އޭނާ ހުރަސްކޮށްފައި އަހަރެން ދާނީ ކިހިނެއް ހެއްޔެވެ؟ ހަށިގަނޑުގައި އެއްވެސް އަންނައުނެއް ވެސް ނެތެވެ. އާތިފް އަވަސް އަވަހަށް ކައިރީގައި އޮތް ސޯޓް ލިޔެއެވެ. އަދި ނީލާ މައިތިރިކުރުމަށް އިސް ނެގިއެވެ.

"ނީލާ...!"

"ހަބަރުދާރު. ގުޑި ނުލާތި. ތި ނުލަފާ މުޑުދާރު އަތުން މަގޭގައިގަ އަތް ނުލާތި. ހުންނަ ނުބައިކަން ބަލާބަލަ. މަގޭ ނަން ވެސް ކިޔައިގެން ނުވާނެ،" އާތިފްގެ އަނގައިގަ އެއްކޮޅު އޮއްވައި އިހުނަށް ވުރެ ބާރަށް އޭނާ ހަޅޭ ލަވައިގަތެވެނީލާ ރުޅި އައިސްގެން ފަޅައިގެން ދަނީއެވެ. އެ ރުޅިއާ އެއްވަރަށް އޭނާ ހުރީ ޝޮކެއްގައެވެ. ލޮލުން ހޯސްލާފައި އޮހެމުންދިޔަ ކަރުނަތައް ނޭފަތާއި އަނގައިން ފައިބަމުން ދިޔަ ސޮންޏާ އެކުވަމުން ފައިބަމުން ދިޔައެވެ. އޭނާގެ ރުއިމުގެ އަޑު ކެނޑިކެނޑިގެން ބޭރުވަމުން ދިޔައެވެ. ރޯ އޮރިޔާމު ހާލަތުގައި އާތިފާއި އަހަރެން އޮއްވައި ނީލާއަށް ފެނުމުން ގުޑި ވެސް ލާން ނުކުރިފައި އަހަރެން އަލަމާރި ކައިރީގައި ބިއްޖެހިފައި އިނނީމެވެ. ބާލީހުން ފޮރުވޭ ހިސާބު ފިޔަވައި އަހަރެންގެ ހަށިގަނޑު އޮތީ ހާމައަށެވެ. ޓީޝާޓް އަތު ތެރޭގައި އޮތް ނަމަވެސް އެ ލުމަށްޓަކައި ހިރިލަން ވެސް އަހަރެން ހުރީ ޖެހިލުން ވެފައެވެ. . އެނދުގެ ބޯލާ ކޮޅުގައި އަހަރެންގެ އަންނައުނުތައް ބޮނޑިފައި އޮތެވެ. އާތިފް ވެސް އެނދުމަތީގައި ގުޅައަކަށް ޖެހިފައި އިނނީ ހަދާނެ ގޮތެއް ނޭނގިފައެވެ. އިރުކޮޅަކު ނީލާ އެ ގޮތުގައި ހުރެފައި ރުއްގުޅިއެއް ހެން ވެއްޓިއްޖެއެވެ. އާތިފް ވެސް އެނދުމަތީގައި ގުޅައަކަށް ޖެހިފައި އިނނީ ހަދާނެ ގޮތެއް ނޭނގިފައެވެ. އިރުކޮޅަކު ނީލާ އެ ގޮތުގައި ހުރެފައި ރުއްގުޅިއެއް ހެން ވެއްޓިއްޖެއެވެ.

"ނީލާ..." އަހަރެމެން ދެ މީހުންނަށް ވެސް އެކީގައި ކަހަލަ ގޮތަކަށް ގޮވާލިއެވެ.

ބާލިސް އެއްލާލާފައި އަހަރެން ނީލާއާ ދިމާއަށް ފުންމައިގަތީމެވެ. އާތިފް ވެސް ނީލާ ހިފެހެއްޓޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް އޭގެ ކުރިން އޭނާ ވެއްޓި ތަށިމުށިގަނޑު މައްޗަށް ދެމުނެވެ. ވެއްޓެމުން ދިޔައިރު ކައިރީގައި ހުރި ޑްރެސިން ޓޭބަލްގައި އޭނާގެ ބޯ ވަރަށް ބާރަށް ޖެހުނު އަޑު އިވުނެވެ.
"ނީލާ!،" ނީލާގެ ބޯ ނަގާ އާތިފް އޭނާގެ އުނގުގައި ބޭއްވިއެވެ. އަދި އޭނާ ޒަހަމްވިތޯ ބަލަން ފެށިއެވެ. ނަސީބެކެވެ. އޭނާގެ ބޯ ފަޅައިގެން ނުދެއެވެ.

"ދޭބަލަ ފެން ފޮދެއް ބަލާ،" ތުރުތުރު އަޅާ އަޑަކުން އާތިފް ބުންޏެވެ.

އަހަރެން އަވަސް އަވަހަށް ޓީޝާޓް ނަގާ ބޮލަށް މަހާލީމެވެ. އަދި އަވަސް އަވަހަށް ހަރުވާޅުގަނޑު ހިފައިގެން ކޮޓަރިން ނުކުމެވޭތޯ ބެލީމެވެ. ޖަންގިޔާ ނަގާކަށް އަހަރެން ހަނދާނެއް ނެތެވެ. ނީލާ އޮތީ ދޮރުމަތީގައި ކަމުން އޭނާ ދުރަށް ޖައްސައިގެން ނޫނީ ދޮރު ހުޅުވެން ނެތުމުން އާތިފް މަޑުމަޑުން އޭނާ އަތްދަނޑި މައްޗަށް ނެގިއެވެ. އޭރު ވެސް ނީލާގެ އެއްވެސް ޚަބަރެއް ނެތެވެ. ދޮރު ކިރިޔާ ހުޅުވޭ ވަރުވުމުން އަހަރެން ވަރަށް ހަލުވިކޮށް ބޭރަށް ދެމިގަތީމެވެ. ދޮރުން ބޭރަށް ނުކުމެވުމާ އެކު އަހަރެން ހަރުވާޅު ދެފަޔަށް ކޮއްޕާލީމެވެ. އޭރު ވެސް މޭގަނޑު ހީވަނީ އަނގަޔަށް އައިސްދާނެހެންނެވެ.

ބުނެ އުޅެއެވެ. ވަގަކަށް ހާސް ދުވަސް ވިއްޔާ ވެރިޔަކަށް ވެސް ކޮންމެ ވެސް ދުވަހެއް އަންނާނެއެވެ. ޑިއުޓީ ނުނިމެނީސް މިރޭ ނީލާ ގެއަށް އައީ ކީއްވެ ހެއްޔެވެ؟

އަހަރެން އިތުރަށް މަޑުކުރުމެއް ނެތި ފްރިޖުން ފެން ފުޅިއެއް ހިފައިގެން ނީލާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތީމެވެ. ތަޅުގައި ހިފުވުމުގެ ކުރިން އަހަރެންގެ ފިޔަވަޅު ހުއްޓުނެވެ. ނަމަވެސް އެއްޗެއް ވިސްނާ ވަރަށް ވުރެ އަހަރެން ހުރީ ހާސްވެފައެވެ. ހިތް އަވަސްވެފައެވެ. ބިރުގެންފައެވެ. މީހާ އޮއްދާ ހިއްލާ ފޯވެފައެވެ. އަހަރެން އަވަސް އަވަހަށް ކޮޓަރިއަށް ވަނީމެވެ. އޭރު ނީލާ އޮތީ އެނދުމަތީގައި ބާއްވާފައެވެ. ބޯލާ ކޮޅުގައި އާތިފް އިށީނދެ އިނދެގެން ނީލާ އަށް ގޮވަމުން ދެއެވެ. އަހަރެން ފެންފުޅި ދިއްކޮށްލުމުން އާތިފް އޭގައި ހިފިއެވެ. އަދި އަތަށް ފެންފޮދެއް އަޅައި ނީލާގެ މޫނުގައި ހާކާލިއެވެ.

"ނީލާ. ނީލާ،" އާތިފް ވަރަށް އަސަރާއެކު އާދޭހުގެ ރާގެއްގައި ނީލާ އަށް ގޮވަމުން ދިޔައެވެ.

އެ ތަނުގައި ހުއްޓައި ނީލާ ހޭއަރައިފި ނަމަ މައްސަލަ އިތުރަށް ގޯސްވާނެއެވެ. އޭނާ ރުޅި އައިސް އެއްޗެހި ގޮވާނެއެވެ. ހަދާނެ ގޮތެއް ނޭނގިފައި އަހަރެން އިރުކޮޅަކު ހުރީމެވެ. ނީލާ ކުޑަކޮށް ލޯ ތަޅުވާހެން ހީވުމުން ބާރުބާރަށް އަހަރެން އެ ތަނުން ނުކުތީމެވެ. އަދި އަވަސް އަވަހަށް އައިސް ކޮޓަރިއަށް ވަނީމެވެ. އިރުކޮޅަކު ދޮރުގައި ލެނގިގެން އަހަރެން މަޑުކޮށްލީމެވެ. އަހަރެން ދެރައެއް ނުވެއެވެ. ނަމަވެސް ވަރަށް ބާރަށް ހިތް ތެޅެއެވެ. ދެން ވާނެ ގޮތެއް ނޭނގޭތީއެވެ. ޔަގީނުން ވެސް މިރޭ ކޮންމެ ވެސް އެއްގޮތަކަށް މިކަން ނިމޭނެއެވެ. އަހަރެން އާތިފަށް އިތުބާރުކުރަމެވެ. ކޮންމެ ގޮތެއް ވިޔަސް އޭނާ އަހަރެން ދޫކޮށެއް ނުލާނެއެވެ. ނީލާ ދޫކޮށްލާފައި ވިޔަސް އޭނާގެ މީހަކަށް އަހަރެން ހަދާނެ ކަމުގެ ޔަގީންކަން އޭނާ އޮތީ ދީފައެވެ.

"ހަގީގަތުގައި ނީލާ ވެސް ވަރަށް ރަނގަޅު. އޭނާ އަށް ދެރަގޮތެއް ވާކަށް އަހަރެން ވެސް ބޭނުމެއް ނޫން. އެކަމަކު މިހާރު އަހަރެން އޭނާއަށް ވުރެ ބޮޑަށް ލޯބި ވަނީ ރީމާ ދެކެ. އަހަރެން ވަރަށް މަސައްކަތްކުރާނަން ނީލާ ރުއްސޭތޯ. އޭނާ ނުރުހުނަސް އަހަރެން މިކަން ކުރާނަން،" މީގެ ދެ ރެއެއް ކުރިން އަހަރެންގެ އުނގުގައި ބޯއަޅާލައިގެން އޮވެ އާތިފް ދެއްކި ވާހަކަތައް އަހަރެންގެ ކަންފަތުގައި އަދިވެސް ގުގުމާލަގުގުމާލަ ހުއްޓެވެ.

މައްސަލައަކީ އާތިފް އަހަރެންގެ ވާހަކަ ނީލާ ގާތު ދެއްކުމުގެ ކުރިން ފަޅާ އެރުމެވެ. އެ ވެސް ހަޑި ގޮތަކަށެވެ.

"އަޅެ ތަޅުލައިގެން ތިބެވުނު ނަމަ. ކީއްވެބާ ނީލާ ކުއްލިއަކަށް ގެއަށް އައީ. އަނެއްކާ އޭނާ އަށް ޝައްކުވީބާ؟ ދެން ކިހިނެއްބާ ވާނީ،" ހިތާހިތުން އަހަރެން ނަފްސާ ސުވާލުކުރީމެވެ.

"އާތިފް ހުރިހާ ކަމެއް ވެސް ހައްލުކުރާނެ،" އަހަރެން ހިތަށް ވިސްނައިދެވޭތޯ މަސައްކަތްކުރީމެވެ.

އެތައް އެއްޗެއް ހިތަށް އެރިއެވެ. ޖަވާބު ހޯދަން ބޭނުން އެތައް ކަމެއް އެބަހުއްޓެވެ. އިރުކޮޅަކު އެހެން ހުރުމަށް ފަހު އަހަރެން ގޮސް ވަނީ ފާހާނާއަށެވެ. ފެންވަރައިގެން ނުކުން އިރު ވަރަށް ބާރަށް ހަޅޭލަވާ އަޑު އިވެއެވެ. އެއީ ނީލާގެ އަޑެވެ.

އަހަރެން ކުޑަކޮށް ދޮރު ހުޅުވާލީމެވެ. މީހަކު ފެންނާކަށް ނެތެވެ. އަޑު އަންނަނީ ނީލާގެ ކޮޓަރިންނެވެ.

- ނުނިމޭ -

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް