ވާހަކަ
ސިލްސިލާ ވާހަކަ
13 މާރޗް 2019 | ބުދަ 19:50
11 ވަނަ ބައި

ނޯޓް: (މިއީ މީގެ އަހަރުތަކެއް ކުރިން މާލޭގައި ހިނގި ހާދިސާތަކެއްގެ މަައްޗަށް ބިނާކޮށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. މި ވާހަކައިގައި ބޭނުންކޮށްފައިވާ ނަންތަކާއި ތަންތަނާއި ވަގުތުތަކަކީ ވެސް ހިޔާލެކެވެ.)

 

ދެން އެހެންވީއިރު އާތިފް އެހެން އެ ބުނީ ކީއްވެ ހެއްޔެވެ؟ ސަމާސާކުރަން ވެސް އެއީ ބުނާ ކަހަލަ ވާހަކަ ހެއްޔެވެ؟ އަނެއްކާ އާތިފް އަށް ކަމެއް އެނގެނީ ހެއްޔެވެ؟ ނޫނެކެވެ. ގައިމު ވެސް ރޭ އަހަންނަށް ބޭބެ އެ ވަރުގެ އަނިޔާއެއް ދިން އިރު އާތިފް އަށް އެނގޭ ނަމަ މަޑަކުން ނުހުންނާނެއެވެ. ފިހާރަ ތެރެއަށް އަހަރެން ވެއްޓުނު ދުވަހު އޭނާ އަހަންނަށް އެހީވި ގޮތް އަހަރެން ހަނދާން އެބަހުއްޓެވެ. ބޯހިޔާވަހިކަން ގެއްލި މަގުމަތިވެފައި ވަނިކޮށް އަހަރެން މި ގެއަށް ގެނައީ އޭނާއެވެ. އެއީ އަހަރެންގެ ހަގީގީ ރަހުމަތްތެރިއެކެވެ. އަހަންނަށް ދެރަ ގޮތެއް ވާން އޭނާ ދޫކޮށެއް ނުލާނެއެވެ. ބޭބެގެ ނުބައި އަމަލުގެ ޝިކާރައަކަށް ވާން އޭނާ އަހަރެން ދޫކޮށެއް ނުލާނެއެވެ. އިރުކޮޅަކު އެ ގޮތުގައި ހުރުމަށް ފަހު ކުއްލިއަކަށް ހަނދާންވީ ބަދިގެ މަތިންނެވެ. މިހާރު ނީލާ ބަލައި އާތިފް ދާނެއެވެ. އޭނާ އަންނަންވާއިރަށް ބަދިގޭގެ ކަންކަން ނިންމާލަން ވާނެއެވެ. އަހަރެން ފާހާނާ އިން ނުކުން އިރު ބުދެއްހެން ނީޝް އިނނީ އެނދުމަތީގައެވެ. ނީޝް ގޮވައިގެން ނުކުމެ އޭނާ އަށް ބުއްތަށި ދިނުމަށް ފަހު ސިޓިން ރޫމްގައި ކުޅެން ބައިނދާފައި އަހަރެން މަސްއޫލުވީ ހެނދުނުގެ ނާސްތާ ނިންމުމަށެވެ.
****
ޑިއުޓީން އައި ގޮތަށް ސައި ބޮއިގެން ނީލާ ވަނީ ކޮޓަރިއަށެވެ. ނައިޓް ޑިއުޓީގައި ހޭލައި ހުރުމުން ނިދި ހަމަކުރުމަށެވެ. މުޅި ދުވަސް ވަރަށް ބިޒީކޮށް އުޅުމުން ރޭގަނޑުގެ ހާދިސާ މަތިން ހަނދާންކުރާނެ ވަގުތެއް ވެސް އަހަންނަކަށް ނުލިބުނެވެ. ނަމަވެސް އިރުއޮއްސެމުން އައި ވަރަކަށް ހިތް ނުތަނަވަސްވަމުން ދިޔައެވެ. އެންމެ ބިރުގަންނަނީ ކަމުގެ ހަގީގަތް ނޭނގޭތީއެވެ. މިހާރު ކަންވީ ގޮތުން އެއީ ބޭބެކަމާ މެދު ވެސް އަހަންނަށް ޝައްކެވެ. އަދި އެއީ ޖިންނި ސައިތޯނުގެ ކަމަކަށް ވެއްޖެ ނަމަ ދެން ވާނެ ގޮތަކާ މެދު ވިސްނާލުމުން ވެސް ހީބިހި ނަގައިގަނެވެ. ދައްތަމެން ގޭގައި ހިނގި ހާދިސާ އަށް ފަހު އަހަރެން މޮޔަވަނީ ކަމަށް ވެއްޖެ ނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ މި ތަނުގައި އާތިފް އާއި ނީލާ ނޫނީ އަހަންނަށް އެހީތެރިވާނެ މީހަކު ނެތެވެ. ނަމަވެސް މޮޔަވެއްޖެ ނަމަ އެ މީހުން ވެސް އަހަރެން ބަލާނީ ކިހިނެއް ހެއްޔެވެ؟ ދެން ހުރީ ޒުއްބައެވެ. އެފަދަ ހާލަތެއްގައި އޭނާ އަށް ފޯރުކޮށްދެވޭނެ އެހީތެރިކަމެއް ނޯންނާނެއެވެ.

ބަންދު ދުވަހެއްކަން ނަސީބެވެ. ނީލާ ވެސް ޑިއުޓީން އައި ގޮތަށް ކޮޓަރިން ނުކުތީ ހަވީރު ވީ ފަހުންނެވެ. ސައި ބޮއިގެން އިރުކޮޅަކު އުޅުމަށް ފަހު އަނެއްކާ ވެސް ވީ ކޮޓަރީގައެވެ. އާތިފް ވެސް އޮފީހުން އައި ގޮތަށް އަދި ނުނިކުމެއެވެ. ނީޝް ގޮވައިގެން ބަދިގޭގެ ކަންކަން އެކަނި ކުރަން ޖެހުމުން އަހަރެން ހުރީ ލޮޑުވެފައެވެ. މީގެ ކުރިން ނީލާ ގޭގައި ހުންނަ އިރު ބަދިގެ ކަންކަމުގައި، ނޫނީ ނީޝްގެ ކަންކަމުގައި އޭނާ އެހީތެރިވެދެއެވެ. އެހާ ދުވަސްކޮށްފައި ނައިޓް ޑިއުޓީ ހަދަން ފެށުމުން މާ ބޮޑަށް ވަރުބަލިވީ ކަމަށް ވެދާނެއެވެ. އުނަގަނޑަށް ކިރިޔާ ވެސް އަރާމެއް ލިބުނީ އިރުއޮއްސުމުން ނީޝް އަށް ކާންދިނުމުންނެވެ. އޭރު ނީލާ ވެސް ނުކުމެއްޖެއެވެ. އާތިފް ވެސް ބޭރަށް ހިނގައްޖެއެވެ. ހަވީރު އޭނާގެ މޫޑް ރަނގަޅުހެނެއް ހިޔެއް ނުވެއެވެ. ތެދުވި ގޮތަށް ގޭގައި މަޑު ވެސް ކޮށް ނުލައެވެ. ދިޔައީ ބޭރަށެވެ.

***

ގޭތެރެ އަމާން ވެއްޖެއެވެ. ނީޝް ނިދައިފިއެވެ. ނީލާ އާއި އާތިފް ވެސް ކޮޓަރިއަށް ވަދެއްޖެއެވެ. އަހަރެން އެކަނިވެރިވީއެވެ. ފެން ވަރައިގެން ނިދަން ތައްޔާރުވީމެވެ. ނަމަވެސް ނިދުމުގެ އެއްވެސް ނިޔަތެއް އަހަރެންގެ ނެތެވެ. އިރުކޮޅަކަށް ވެސް އެސްފިޔަ ޖަހާލަން ވެސް އަހަރެން ބޭނުމެއް ނޫނެވެ. ނިދިއްޖެ ނަމަ އަހަރެންގެ ދުވަސް ދާނެއެވެ. "ބޭބެ" އަންނާނެއެވެ.

ތައްޔާރުވެގެން އައިސް އަހަރެން ނެގީ ފޮތެވެ. ކޮންމެހެން ކިޔަވާ ހިތްވެގެންނެއް ނޫނެވެ. ނިދަން ބޭނުން ނުވާތީއެވެ. ފޮތް ކިޔަން އިން ނަމަވެސް އަހަރެންގެ ނަޒަރު ހުރީ އެއް ފަހަރު ފޮތަށް އަނެއް ފަހަރު ދޮރަށެވެ. ހީވަނީ ދެންމެ ދެންމެދެންމެ މީހަކު ދޮރުން ވަދެދާނެހެންނެވެ. ނީޝް އޮންނާތީ ނިދާ އިރު ދޮރު ތަޅުނުލަން ނީލާ އޮންނާނީ ބުނެފައެވެ. ހެދުން ބަދަލުކުރުން ފަދަ މުހިންމު ބޭނުމަކު ނޫނީ އަހަރެން ދޮރު ތަޅެއް ނުލަމެވެ. ނަމަވެސް މިހާރު ކަންވީ ގޮތުން ތަޅު ނުލައި ނިދާނީ ކިހިނެއް ހެއްޔެވެ؟ އެކަމަކު ތަޅުލާކަން އެނގިއްޖެ ނަމަ ނީލާ ފަހަރުގައި ރުޅި އަތުވެދާނެއެވެ. އަހަރެންގެ ހާލު ނީލާ އަށް ކިޔައިދޭނީ ކިހިނެއް ހެއްޔެވެ؟ އޭނާ ހިތަށް އަރާނީ ކީކޭބާއެވެ؟ އާތިފްއާ ވެސް މިވާހަކަތައް ހިއްސާކުރާނީ ކިހިނެއް ހެއްޔެވެ؟ ލަދުގަނެއެވެ. ނުކެރޭނެއެވެ.

އެހެން އިނދެވުނީ ކިހާ އިރަކު ކަމެއް ވެސް ނޭނގެއެވެ. ކުއްލިއަކަށް އަހަންނަށް ހޭލެވުނީ ފަތިހު ބަންގީގެ އަޑަށެވެ. ހޭލެވުމާ އެކު ދިޔައީ ސިއްސައިގެންނެވެ. ވަށައިގެން ހޯދާ ބަލައިލީމެވެ. ކިޔަން ގެންގުޅުނު ފޮތް އޮތީ މޭމަތީގައެވެ. ކުރީ ރެޔާ ހިލާފަށް އަހަރެންގެ ހެދުން ވެސް ހަށިގަނޑުގައި އޮތެވެ. އިތުރު އެހެން ކަމެއް ފާހަގައެއް ނުކުރެވުނެވެ. ނަސީބެކެވެ. ރޭ ބޭބެ ނާދެއެވެ.

****

ހަފުތާއެއް ފާއިތުވެގެން ދިޔައީއެވެ. ކޮންމެ ރެއެއް ވެސް އަހަރެން ހޭދަކުރަނީ އެގޮތުގައެވެ. ކޮންމެ ރެޔަކު ވެސް ނުނިދަން މަސައްކަތްކުރަމެވެ. ފޮތް ކިޔުމުގައި މަސްއޫލުވަމެވެ. ނިދަން އަރަނީ ފަތިސް ވަންދެން ހޭލައި ހުރުމަށް ނިޔަތް ކަނޑައަޅައިގެންނެވެ. އަދި ދުވާލު ނީލާ ޑިއުޓީއަށް ދިއުމުން ގޭގެ ކަންކަން ހަމައަކަށް އަޅުވާލުމަށް ފަހު ނީޝްއާ އެކު އަހަރެން ވެސް ނިދަން ހިތު އަޅަމެވެ. ނަމަވެސް ރެއަކަށް ވުރެ ރެއެއް އަހަންނަށް ނިދޭލެއް އަވަހެވެ. ކޮންމެ ރެޔަކު ވެސް ހޭލެވެނީ ބަންގީގެ އަޑަށެވެ. ހޭލެވޭއިރު ފޮތް އޮންނަނީ މޭމަތީގައެވެ. އަހަންނަށް ގޯނާކުރަން "ބޭބެ"އެއް ވެސް ނާދެވެ.

***

އާދައިގެ މަތިން ކޮންމެ ދުވަހަކު ވެސް އާތިފް އަހަންނާ ކޮންމެ ވެސް ސަމާސާއެއް ކޮށްލައެވެ. އެއީ މިހާރު މާ ބޮޑު ކަމަކަށް ނުވަތަ އާކަމަކަށް ވެސް އަހަރެން ނުހަދަމެވެ. އޭނާގެ ސަމާސާގެ ރައްދު ބައެއް ފަހަރު ދިން ކަމުގައި ވިޔަސް އެކަމާ މެދު މާ ބޮޑަކަށް އަހަރެން ސަމާލުކަމެއް ވެސް ނުދެމެވެ.  ފާއިތުވި ރޭތަކުގައި ބޭބެގެ އުދަނގުލެއް ނުފޯރައެވެ. އެންމެ އެކަށީގެންވާ ގޮތުގައި ނޫނަސް ކޮންމެވެސް ވަރަކަށް އަހަންނަށް ރޭގަނޑު ނިދެއެވެ.

***

"މިރޭ ޑިއުޓީއަށް ދާންޖެހޭނެ. ތަންކޮޅެއް ކުރިން ކައިގެން ނިދާލަން ބޭނުން. ހަނދާންކޮށް ގޮވައްޗޭ،" ޓީވީ އަށް ގެއްލިފައި އިންދާ ފަހަތުން ވާހަކަ ދެއްކީ ނީލާއެވެ.

އަހަރެން މިގެއަށް ބަދަލުވިތާ ފުރަތަމަކޮޅުގައި ބަދިގޭގެ ކަންކަމުގައި ނީލާ މަސްއޫލުވި ނަމަވެސް މިހާރު ހުކުރު ދުވަސް ފިޔަވައި އެހެން ދުވަހެއްގައި އޭނާ ބަދިގެއަށް ވަންނަނީ މަދު ފަހަރަކުއެވެ. ކުރިން ނީޝްއަށް ކާންދެނީ ވެސް ނީލާއެވެ. ނަމަވެސް މިހާރު ގިނަ ފަހަރަށް ނީޝްއަށް ކާންދޭތަނުގައި ވެސް އޭނާ މަޑެއް ނުކުރެއެވެ. އަދި ނީޝްއާ އެކު ހޭދަކުރާ ވަގުތު ވެސް ވަރަށް މަދުވެއްޖެއެވެ. އެހެން ކަމުން ނީޝް އަހަންނާ މާ ބޮޑަށް ކައިރި ވެސް ވެއްޖެއެވެ. ހޭލެވިއްޖެ ނަމަ ހުންނާނީ އަބަދު ވެސް ފޫބުޑުގައި ވިއްދާފައެވެ. ނީޝްއާ އެކު އަހަރެން އުޅޭއިރު އާތިފް ވެސް ބައެއް ފަހަރު މަޖަލުގައި ބައިވެރިވެއެވެ. ނަމަވެސް ނީޝްއަށް ވުރެ ބޮޑަށް އޭނާގެ ކަމަކީ އަހަންނަށް ޖެއްސުންކުރުމެވެ. ވަރަށް އާދަޔާ ހިލާފު ރަހުމަތްތެރިއެކެވެ.

***

ނީލާ ޑިއުޓީ އަށް ދިއުމުން ނިދާ ހެނދުން އަޅައިގެން އަހަރެން އައިސް އިށީނީ ސިޓިން ރޫމްގައެވެ. ނީލާ އާއި އާތިފް ވެސް ގޭގައި ނެތުމުން އޭގެ ރަނގަޅު ފައިދާ ނެގުމަށެވެ. ހިތް ފުރެންދެން އެއްވެސް އުދަނގުލެއް ނެތި ޓީވީ ބަލާލެވޭނީ މިކަހަލަ ރެއެއްގައެވެ.

"އަހަރެން ވެސް ބައިވެރިވަންތަ؟" ޓީވީ އަށް ގެއްލިފައި އިންވަރުން އާތިފް ގެއަށް އައިކަން ވެސް އަހަންނަކަށް ނޭނގުނެވެ.

އަހަރެންގެ ޖަވާބަކަށް އިންތިޒާރުކުރުމެއް ވެސް ނެތި އާތިފް އައިސް ސޯފާގައި ޖެހި ފިތިގެން ކަހަލަ ގޮތަކަށް ހަމަޖެހިލިއެވެ. ކުޑަކޮށް އުނދަގޫ ވެސްވިއެވެ. ނަމަވެސް ފަހަކަށް އައިސް އެފަދަ ލާނެތް ކަންތައްތައް ކުރުން އެއީ އޭނާގެ އާދައެކެވެ. ގޮނޑީގެ ކޮޅުގައި އިނުމުން ދުރަށް ޖެހިލުމުގެ ފުރުސަތެއް ވެސް އަހަންނަކަށް ނެތެވެ. ތެދުވެގެން އެހެން ގޮނޑިއަކަށް ބަދަލުވެއްޖެ ނަމަ އާތިފް ހީކުރާނީ ކީކޭހެއްޔެވެ. ކުޑަކޮށް ވިއްސާރަ ރެއަކަށް ވުމުން ޑިޝް ގުޑާތީ، ދައްކަމުން ދިޔަ ފިލްމްގެ ވެސް ތަންތަންކޮޅު ދިޔައީ ކެނޑެމުންނެވެ. ތުރުތުރު އަޅާގޮތެއް ހުރި ނަމަވެސް އެ ފިލްމް ދޫކޮށްލާފައި ނިދަން ނުދަން އަޒުމް ކަނޑައަޅައިގެން އަހަރެން އިނނީމެވެ. ބައެއް ފަހަރު އެސްފިޔަތައް ގަދަކަމުން ހިފަހައްޓަންޖެހޭ ފަހަރު އާދެއެވެ.

" އޫހް! އެންމެ މުހިންމު ތަންކޮޅު އެ ކެނޑުނީ،" ޓީވީ އަށް ރޫބޮނޑިއެއް އެރުމާ އެކު އާތިފް ބުންޏެވެ.

އޭރު ދައްކަމުން ދިޔައީ ފިލްމްގެ ދެތަރިން ވަރަށް ގައިގޯޅި ވަމުން ދިޔަ މަންޒަރެކެވެ. ކުރިން ފިލްމް ބަލާ މީހަކަށް ނުވާތީ ނުވަތަ އެ ފުރުސަތު ލިބިފައި ނެތް މީހަކަށް ވާތީ އެއީ ކޮން ތަރިންނެއް ކަމެއް އަދި ފިލްމްގެ ނަމެއް ވެސް އަހަންނަކަށް ނޭނގެއެވެ. އަދި ހިންދީ ބަހުން އެ އަމުނާ ފަތިވަރެއް ވެސް ނޭނގެއެވެ. ނަމަވެސް މަންޒަރު ރީއްޗެއެވެ. ފިލްމްގައި ވާގޮތް ފަހުމްވާ ވަރުވާތީ ބަލަނީއެވެ. މަންޒަރު ކެނޑުނީ ފިލްމްގެ ދެތަރިން އެކަކު އަނެކެއްގެ ތުންފަތާ ސަމާސާކުރަމުން ދިޔަ ހިސާބުންނެވެ. މޫނާއި ކަނދުރާގެ ވަސް ބަލަމުން ދިޔަ މަންޒަރެވެ. ކުޑަ ސުކޫތުކޮޅަކަށް މަންޒަރު ސެންސަރުވި ނަމަވެސް މާ ބޮޑު ބައެއް ނުގެއްލެއެވެ. އަސަރުގަދަ މަންޒަރާ އެކު އާތިފްގެ ހަރަކާތްތައް ވެސް އިތުރުވިއެވެ. އަހަރެންގެ ހަށިގަނޑާ ފިތި ބާރުވަމުން ދިޔަކަމުގެ އިހުސާސްކުރެވުނެވެ.

އަހަރެންގެ ހިތް ވެސް އަވަސްވިއެވެ. އާތިފް އިން ގޮތުން އޭނާގެ އުޅަނބޮށި ގާތްގަނޑަކަށް އޮތީ އަހަރެންގެ މޭމަތީގައެވެ. ޔަގީނުން ވެސް އަރިމަތިން އޭނާގެ ބީހުން އަހަންނަށް އިހުސާސްކުރެވެމުން ދިޔައެވެ. ފަހަކަށް އައިސް ނޭނގުމުގެ ތެރޭގައި އެ ގޮތަށް އޭނާ އަހަރެންގެ ހަށިގަނޑުގައި ބީހުން ވަނީ އިތުރުވެފައެވެ. ކޮންމެ ކަމެއް ވެސް އަބަދު ތަކުރާރުވާ ނަމަ އެއީ އުދަނގޫ އަދި ނުބައި ކަމަކަށް ވިޔަސް އެ ކަމަކަށް އާދަވެޔޭ ބުނޭ ނޫން ހެއްޔެވެ. ހަމައެގޮތަށް އާތިފްގެ އެ ހަރަކާތްތަކަށް ވެސް އަހަރެން މިހާރު އާދަވެއްޖެއެވެ. ނަމަވެސް މިރޭ ކުރިއަށް ވުރެ އޭނާ ލާނަތެވެ. އަހަންނަށް ކުރެވެމުން ދިޔަ އިހްސާސްތައް ވެސް މުޅިން ތަފާތެވެ. ފިނި ރެޔަކަށް ވުމާ ވެސް އެކުގައެވެ. ދައްކަމުން ދިޔަ ފިލްމްގައި އިޝްގުގެ ބައި ވެސް ބޮޑުވީމައެވެ

ފިރިހެނަކާއި އަންހެނަކު އެހާ ގައިގޯޅިކޮށް ޖެހި ފިތިގެން ގިނައިރުތަކެއް ވަންދެން ތިބެން ޖެހިއްޖެ ނަމަ ގޯހެއް ހެދުމުގެ ފުރުސަތު ބޮޑުވާނެއެވެ. އަނެއްކޮޅުން ޓީވީން ދައްކަމުން ދިޔައީ ވެސް ހަށިގަނޑުގެ ލޯލިތައް ކޮޅަށްޖެހޭ ފަދަ މަންޒަރުތަކެކެވެ. އާތިފް ބީހުންތަކާ އެކު އަހަރެންގެ ލޯމެރެމުން ދިޔައެވެ. އަތާއެކު އޭނާގެ ފައިން ވެސް އަހަންނަށް ގޯނާކުރަމުން ދިޔައެވެ. އިސާހިތަކު އެ އިހުސާސްގެ އެންމެ ފުންމިނަށް އަހަރެން ގެނބިގެން ދިޔައެވެ. ނަމަވެސް އެ ގޮތުގައި ވީ ހިނދުކޮޅެކެވެ.

- ނުނިމޭ -