ވާހަކަ
ސިލްސިލާ ވާހަކަ
10 މާރޗް 2019 | އާދީއްތަ 18:00
10 ވަނަ ބައި

ނޯޓް: (މިއީ މީގެ އަހަރުތަކެއް ކުރިން މާލޭގައި ހިނގި ހާދިސާތަކެއްގެ މަައްޗަށް ބިނާކޮށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. މި ވާހަކައިގައި ބޭނުންކޮށްފައިވާ ނަންތަކާއި ތަންތަނާއި ވަގުތުތަކަކީ ވެސް ހިޔާލެކެވެ.)

 

ނީޝް އަށް ކާންދިނުމަށް ނީލާ ވަނީ އޭނާ ގޮވައިގެން ކޮޓަރިއަށެވެ.

"ނީޝް ރީތިކޮށްލައިގެން މި ގެންނަނީ. އޭނާ ނިދީމާ އާދޭ ބަލާ. އަހަރަން ވެސް ޑިއުޓީއަށް ދިއުމުގެ ކުރިން ނިދާލަން ބޭނުން. ނީޝް ނުނިދާ މާ ގިނައިރު ވަންޏާ ނިންދަވަން ގޮވާލާނަން. މިރޭ ދެން އަހަރެން ވެސް ނުކާނަން. ޑިއުޓީއަށް ދިއުމުގެ ކުރިން ސައިބޮއިގެން ދާނީ. އާތިފް ވެސް ހިޔެއް ނުވޭ ދެން ކާނެހެނެއް،" ކޮޓަރިއަށް ވަނުމުގެ ކުރިން ނީލާ ތާވަލް އޭނާ އަހަންނަށް އޮޅުން ފިލުވަދިނެވެ.

އާތިފްމެންގެއަށް އަހަރެން ބަދަލުވި ފަހުން ނީލާ ދަންވަރު ޑިއުޓީ ހަދާ މިއީ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އޭނާ މުޅިން ވެސް ހަދަނީ ހެނދުނު ނުވަތަ މެދުރު ފަހު ޑިއުޓީއެވެ.

***

އަހަރެން އޮތީ ދެބަނިދީގައެވެ. ކަންފަތްދޮށުން ކަނދުރާ ކައިރީގައި އިސްތަށިތައް ޖެހޭކަހަލަ އިހުސާސެއް ކުރެވެން ފެށުމުން އަތުން ފޮޅާލީމެވެ. ލޮލެއް ނުހުޅުވަމެވެ. އަނެއް ފަރާތަށް އެނބުރުމަށް ފަހު އަނެއްކާ ވެސް ހަމަޖެހިލީމެވެ. ކަންފަތްދޮށުން ކަނދުރާ ކައިރީގައި އިސްތަށިތައް ޖެހޭކަހަލަ އިހުސާސެއް ކުރެވެން ފެށުމުން އަތުން ފޮޅާލީމެވެ. ލޮލެއް ނުހުޅުވަމެވެ. އަނެއް ފަރާތަށް އެނބުރުމަށް ފަހު އަނެއްކާ ވެސް ހަމަޖެހިލީމެވެ. މިފަހަރު މީހެއްގެ ނޭވާގެ އިހުސާސްކުރެވުނެވެ. ކުއްލިއަކަށް އަހަރެން ތެދުވީމެވެ.  ކޮޓަރީގައި އެއްވެސް އަލިކަމެއް ނެތެވެ. މިތަނަށް ވެސް ބޭބެ އައީއެވެ. މިފަހަރު އެ ނުލަފާ މީހާގަނޑު އަހަރެންގެ ދުވަސް ދުއްވާލާނެއެވެ. ގެ ދޫކޮށްފައި އައުމުން ވެސް ސަލާމަތެއް ނެތެވެ. އަހަރެންގެ ފަހަތުން މި ތަނަށް ވެސް އެ މީހާގަނޑު އައީއެވެ.

"ބޭ...!" އަޑުގެ ނެތްތަނަށް ހަޅޭލަވައިގަތުމަށް އަހަރެން އަނގަ ހުޅުވީމެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ. ކައިރީގައި ޖެހިފިތިގެން އިން މީހާ އަހަރެންގެ އަނގަމަތީގައި އަތް އެޅިއެވެ. އަދި ގޮދަޑި މައްޗަށް ވައްޓާލުމަށް ފަހު އަހަރެންގެ ހަށިގަނޑުގެ މައްޗަށް ވެރިވެގަތެވެ. އޭނާގެ ހަރަކާތްތައް އަވަހެވެ. ދެފައި ދެފަރާތަށް ލުމަށް ފަހު އަހަރެންގެ ބަނޑުމަތީގައި އިށީދެއްޖެއެވެ. ކަނާތުން އަހަރެންގެ އަނގަމަތީގައި އަތް އަޅާފައިވާ އިރު އަނެއް އަތުން އަހަރެންގެ ދެ އަތް ބޯމަތިން ހިފަހައްޓައިގެންނެވެ. އަހަންނަށް ނޭވާލެވެނީ ކިރިޔާއެވެ. އެ ހުތުރުމީހާ އަށް އަހަރެން ބަލާކަށް ވެސް ބޭނުމެއް ނޫނެވެ. އެހެންވެ ދެ ލޯ މެރުނު އެއްމެ ބާރަކަށް މަރައިގެން އަހަރެން އޮތީމެވެ. ބަނޑުމައްޗަށް އެރުމާ އެކު އޭނާ ދެން މަސައްކަތްކުރީ އަހަރެންގެ މޫނުމަތިން އުފާ ހޯދުމަށެވެ. ލޯމަރާލައިގެން އޮތަސް އޭނާގެ ހޫނު ނޭވާއިން އެކަން އަހަންނަށް އިހުސާސްކުރެވުނެވެ. އޭނާގެ ފުރަތަމަ ޝިކާރައަކަށްވީ އަހަރެންގެ ތުންފަތެވެ. އަހަރެން ވީ އެންމެ ބާރަކަށް ތުންފަތް ބާރުކޮށްލީމެވެ. ނަމަވެސް އޭނާ ކައިރީގައި އަހަރެން ބަލިކަށިކަން އިހުސާސްކުރެވުނެވެ. ސިކުންތުކޮޅެއްގެ ތެރާގައި އެ ނުބައި "ޖައްބާރު" ކަލޭގެ އަހަރެންގެ ތުންފަތް އޭނާގެ ބާރުގެ ދަށަށް ގެންދިޔައެވެ. އަހަރެން ހަށިގަނޑު ގުޑުވާ ވެސް ނުލެވޭ ވަރަށް އޭނާ ވަނީ ތަޅުއަޅުވާފައެވެ. ތުންފަތުން އޭނާ އަރާމު ހޯދަމުން ދިޔައެވެ. އަހަރެން ލޮލެއް ނުހުޅުވަމެވެ. ތުންފަތް ބާރުކޮށްލާ ކޮންމެ ފަހަރަކު އޭނާގެ ދަތްތަކުގެ ޝިކާރައަކަށް އަހަރެންގެ ތުންފަތް ހަދައެވެ. އަހަންނަށް ލިބެނީ އަނިޔާއެވެ. އަޑުން އަޑުނަގާ ހަޅޭލަވައިގަނެވޭތޯ އެތައް ފަހަރަކު އަހަރެން މަސައްކަތްކުރީމެވެ. ނަމަވެސް އެ ފުރުސަތެއް އަހަންނަކަށް ނުލިބުނެވެ. ލިބެމުން ދިޔަ ހިތްދަތިކަމަށް ވުރެ އަހަރެން ގަނެފައިވާ ބިރު މާ ބޮޑެވެ. އައިސްފައިވާ ރުޅި ގަދައެވެ. ވާނުވާ ނޭނގޭ ވަރަށެވެ.
ފުރަތަމަ އަހަރެން މަސައްކަތްކުރީ އޭނާގެ ކިބައިން ސަލާމަތްވުމަށެވެ. ނަމަވެސް އެ ގޮތުގައި ގިނައިރުވި ވަރަކަށް އަހަރެން ވަރުބަލިވަމުން ދިޔައެވެ. އޭނާ އެ ގޮތުގައި އިރުގަނޑަކު އަހަރެން ހިފެހެއްޓިއެވެ. އަހަރެންގެ ހިތް އަވަސްވެ ބިރުން ދާހިތްލާ ފޯވެއްޖެއެވެ. މަޑުމަޑުން ގައިން ވާގިދޫވާން ފެށިއެވެ. ބޯއަނބުރަން ފެށިއެވެ. އިސާހިތަކު އަހަންނަށް ވީނުވީއެއް ނޭނގޭ ވަރަށް ބޮލުގެ ރިހުން ގަދަވިއެވެ. އޭރު އޭނާ ދިޔައީ އަހަރެންގެ ކަނދުރާ ނޮޅާ ކަމުންނެވެ. ދެން ވީ ގޮތެއް ނޭނގުނެވެ.....

***

ހޭލެވުނީ ބަންގީގެ އަޑަށެވެ. ވައި ހުރި ގޮތުން މިސްކިތުގެ ބަންގީގެ އަޑު ވަރަށް ގަދައަށް ކޮޓަރިއަށް އިވެއެވެ. ހޭލެވުނު އިރު ވެސް ބޮލުގައި ރިހެއެވެ. ބޮލަށް ހުރީ ބަރުވެފައެވެ. އޭރު ވެސް އަހަންނަށް ގިސްލެވެއެވެ. ތެދުވެވޭތޯ މަސައްކަތް ފެށީމެވެ. ކުއްލިއަކަށް އިހުސާސްވީ ހަށިގަނޑުގައި އެއްވެސް އެއްޗެއް ނެތްކަމެވެ. އަހަރެން އޮތީ ހެއްދެވި ހާލުގައެވެ. ބަނޑުމަތީގައި ތެރަސްތަކެއް ފަދަ އެއްޗެއް ހަރުވެ ހިކިފައި ހުއްޓެވެ. ކުއްލިއަކަށް ހަނދާންވީ ރޭގެ ހާދިސާ މަތިންނެވެ. އެ ނުލަފާ ބޭބެގަނޑު ރޭ މި ގެއަށް ވަނީ ކިހިނެއް ހެއްޔެވެ؟ މި ކޮޓަރިއަށް ވަނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ހަށިގަނޑު އުފާ ހޯދުމަށް ފަހު އޭނާ ބޭނުން ހުރިހާ ކަމެއް ކޮށްފައި ދިޔައިރު އެއްވެސް މީހަކަށް އެކަން ހަމަހިލާ ރޭކާ ވެސް ނުލިއެވެ. ނީލާވީ ޑިއުޓީގައެވެ. އާތިފް ކޮބައިހެއްޔެވެ؟ އޭނާ ވެސް ގޭގައި ނޫޅެނީހެއްޔެވެ؟ ކުޑަކުޑަ ނީޝް އޭރު ވެސް އޮތީ ގަދަ ނިދީގައެވެ. ނޫނެކެވެ. މިއީ ހުވަފެނެކެވެ. އެވަރުގެ ކަމެއް މިގޭގައި އެ މީހާ ކުރާނީ ކިހިނެއް ހެއްޔެވެ؟ މި ގެއަށް އޭނާއަކަށް ނުވަދެވޭނެއެވެ. އެހެންވީ އިރު މީހަކު އަހަރެންގެ ހަށިގަނޑުގެ ބޭނުން ހިފިކަމުގެ ނިޝާންތައް މިހުރީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ހަށިގަނޑުގައި އެއްވެސް އަންނައުނެއް ނެތީ ކީއްވެ ހެއްޔެވެ؟ ބަނޑުމަތީގައި މިހުރީ ކޮން "ތެރަސްތަކެއް" ހެއްޔެވެ؟ އެ ގޮތުގައި އެ ވިސްނުމުގައި އިރުގަނޑަކު ހޭދަކުރި އިރު ވެސް ވީކިހިނެއް ކަމެއް އަހަންނަށް ހަމަ އެއްގޮތަކަށް ވެސް ނުވިސްނުނެވެ.

އަހަރެން ވަރަށް މަސައްކަތުން ތެދުވީމެވެ. ހަށިގަނޑުގައި ވޭންއަޅައެވެ. ރޮމުން ކަރުނަ އަޅަމުން އަހަރެން ގޮސް ފާހަނާއަށް ވަނީމެވެ. ހައެއްކަ ފޫޓު ދުރުގައި ހުރި ފާހާނާ ވެސް އަހަންނަށް ވީ އެތައް މޭލެއްގެ ރާސްތާއަކަށެވެ. ބަރުހެލިކަމާ އެކު އެތައް މަސައްކަތަކުން ފާހާނާއަށް ވަނުމަށް ފަހު ތަށިމަތީގައި އިށީނނީމެވެ. އަދި މާގަނޑު ބޮލާދިމާ އަށް އަނބުރާލުމަށް ފަހު އިސްކުރު ދޫކޮށްލީމެވެ. އަހަރެން ބަނޑުގައި އަތްލީމެވެ. ފެންޖެހުމާ އެކު ބަނޑުމަތީގައި ހުރި ތަތްކަން ލޮނދިތަކަކަށް ބަދަލުވިއެވެ. ބޮލަށް އެޅެމުންދިޔަ ފެނާއެކު، އަހަރެންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ވެސް ފާހާނާ ތެރެއަށް ބެހިގެން ދިޔައެވެ. އަމިއްލަ ނަފްސަށް ހިތާމަކުރީމެވެ. އަޑުން އަޑުނަގާ ރޯން ބޭނުންވި ނަމަވެސް އަޑެއް ބޭރެއް ނުކުރަމެވެ. އަހަރެންގެ ވާހަކަ ގަބޫލުކުރާނީ ކާކު ހެއްޔެވެ؟ ހެއްކަކަށް ދައްކާނީ ކޮން އެއްޗެއް ހެއްޔެވެ؟ އާރެއް ބާރެއް ނެތް ހަށިގަނޑު ދެކެ އަހަރެން ފޫހިވެއްޖެއެވެ. ހިތްފުރެންދެން ރޯލުމަށް ފަހު ފެންވަރައިގެން އަހަރެން ނުކުތީމެވެ. ފެންވެރުމުން ބޮލަށް ލުއި ކަމެއް ލިބުނެވެ. ފާހާނާއިން އައިސް އެއްޗެހި ލައިގެން ނަމާދުކުރީމެވެ. ﷲގެ ހަޒުރަތުގައި ދުޢާކުރީމެވެ.

"މިއީ ކޮންފަދަ އަނިޔާއެއް ހެއްޔެވެ؟ މި އަނިޔާއިން މިއަޅާ ސަލާމަތްވާނީ ކޮން އިރަކުންހެއްޔެވެ؟ ޔާﷲ! މިއަޅާއަށް ކުރެވުނީ ކޮން ފާފައެއް ހެއްޔެވެ؟" އަލިވިލެންދެން އެ ގޮތަގައި އިނނީމެވެ.

އެއަށް ފަހު ތެދުވެގެން ބޭރަށް ނުކުމެ ފުރަތަމަ ވެސް ދިޔައީ ބޭރު ދޮރަށް ގެއްލުމެއް ލިބިފައި ހުރިތޯ ބެލުމަށެވެ. ޔަގީނުން ވެސް ބޭބެ ގެއަށް ވަންނާނީ ދޮރު ހަލާކުކޮށްލައިގެންނެވެ. އެ ނުލަފާ ކަލޭގެ މިގެ ހޯދީ ކިހިނެއް ހެއްޔެވެ؟ އެފަދަ ހިޔާލުތަކެއްގައި ހުރެ އަހަރެން ގޮސް ބޭރު ދޮރުގެ ތަޅު ބެލީމެވެ. އެއްވެސް ކަމެއް ވެފައެއް ނެތެވެ. އެއީ އާދައިގެ ތަޅެއް ނޫނެވެ. ތަޅުދަނޑިއެއް ނެތި އެފަދަ ތަޅެއް ޔަގީނުން ވެސް ހަލާލުކޮށްނުލައި ނުހުޅުވޭނެއެވެ. ހައިރާންވާންޖެހޭ ކަމަކީ އެ ތަޅުގައި ކޫރުމެއް ވެސް ނެތް ކަމެވެ. ވަގަކު ވަދެފައިވާ ނަމަ ޔަގީނުން ވެސް ކޮންމެވެސް ނިޝާނެއް ހުންނާނެވެ. ބޮޑު ދޮރު ބެލުމަށް ފަހު ކުޑަދޮރުތައް ވެސް ޗެކްކުރީމެވެ. އަދި ވައި ވަންނަ ގޮތަށް ކަނޑާފައި ހުރި އެހެން ކުދި ދޮރުތައް ވެސް ވަރަށް ރަނގަޅަށް ބެލީމެވެ. އެއީ މީހުންނަށް ނުވަދެވޭ ގޮތަށް އެލްމެނިއަމް ޖާލިގަނޑު ޖަހާފައި ހުރި ދޮރުތަކެކެވެ. ޔަގީނުން ވެސް އެ ތަކެތި ހަލާކު ނުކޮށްލައި މީހަކަށް ނުވަދެވޭނެއެވެ. ނަމަވެސް އެއްވެސް އާދަޔާ ހިލާފު ކަމެއް ފާހަގައެއް ނުކުރެވުނެވެ.

ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. ދޮރު ހަލާކު ނުކޮށް ބޭބެ މިގެއަށް ވަނީ ކިހިނެއް ހެއްޔެވެ؟ ސިފައިން އުޅޭ ކޮއްޓަކުން ވައްކަންކުރަން ނުވަތަ ބޭބެކުރި ފަދަ އަމަލެއް ހިންގަން މީހަކު ހިތަށް ވެސް ނާރާނެ ނޫންހެއްޔެވެ؟ ހާއްސަކޮށް އާތިފް ފަދަ ސިފައިންގެ އިސް މީހަކު އުޅޭ ތަނަކަށް ވަންނަ ވަރަށް ވުރެ ބޭބެ މާފިނޑިވާނެއެވެ. ނަމަވެސް އެއްވެސް ޖެހިލުމެއް ނެތި ބޭބެ އެ ދިޔައީ އަހަރެންގެ ހަށިގަނޑުން ހޯދޭނެ އެންމެ ބޮޑު އުފާ ހޯދައިގެންނެވެ. އަނެއްކާ އެއީ އަހަންނަށް ފެނުނު ހުވަފެނެއް ހެއްޔެވެ؟ ނޫނެކެވެ. އަހަރެންގެ ހަށިގަނޑުގައި އަދިވެސް އެ ނިޝާންތައް އެހުރީ ފެންނާށެވެ. އެ ނުލަފާ ނުބައި މީހާގެ ވަކިތަކުގެ ނިޝާންތައް މިހުރީ ނޫންޔެވެ؟ ހަށިގަނޑުގެ އެތައް މިތަން ނޮޅާފައި ހުރިކަމުގެ ނިޝާންތައް ފިލަން ދުވަސްތަކެއް ނަގާނެއެވެ. ރަތްވެފައިވާ ތަންތަނުން، ރޭގެ ހާދިސާއަކީ ހުވަފެނެއް ނޫންކަން އަހަންނަށް ކަށަވަރެވެ. ދެން ވިސްނެން ފެށި އެއްޗަކުން ގަތީ މާ ބޮޑު ބިރެކެވެ. އަނެއްކާ ރޫހާނީ ކަމެއް ނޫންބާއެވެ؟ ބޭބެއަކީ ހަގީގަތެއް ހައްޔެވެ؟ ނުވަތަ އެއީ ހަމައެކަނި އަހަރެންނަށް ހީވާ ހީވުމެއް ހެއްޔެވެ؟ ވަހުމެއް ހެއްޔެވެ؟ ހޭލާ ހުންނައިރާއި ނިދާފައި އޮންނަ އިރު ފެންނަ ބިރުވެރި ހުވަފެނެއް ހެއްޔެވެ؟ ނުވަތަ އެއީ ވާހަކަތަކާއި ފިލްމްތަކުގައި އުޅޭ ފަދަ ޖިންނިއެއް ނުވަތަ ރޫހާނީ ބާރެއް ހެއްޔެވެ؟ ބޭބެއަކީ އަހަރެންގެ ސިކުނޑީގައި އެނބުރޭ ހިޔާލެއް ހެއްޔެވެ؟ ނުވަތަ ދައްތަގެ އަނިޔާތަކުން ސަލާމަތްވުމަށް އަހަރެން އަމިއްލަ ސިކުނޑީގައި ކުރަހައިގެން އުޅޭ ހިޔާލީ އިފްރީތެއް ހެއްޔެވެ؟ ނޫނެކެވެ! ނޫނެކެވެ! އެފަދަ ކަމެއް ނަމަ އަހަރެންގެ ހަށިގަނޑުގައި މި ލަކުނުތައް ނުހުންނާނެއެވެ. އެއީ ހިޔާލެއް ނޫނެވެ. އެއީ ރޫހާނީ ކަމެއް ވެސް ނޫނެވެ. އެއީ ހަމަ ހަގީގަތެވެ. އެއީ ހަމަ ހަގީގަތެވެ.

މުޅި ގޭތެރެ ޗެކް ކޮށްފީމެވެ. ނަމަވެސް ގެއަށް މީހަކު ވަދެފައިވާ ކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. ދޮރުތައް ހުރީ ރަނގަޅަށެވެ. އެއްވެސް ތަޅަކަށް ވެސް ގެއްލުމެއް ލިބިފައެއް ނެތެވެ. މޮޔައެއް ހެން އަހަރެން ކޮޅުކޮޅު މައްޗަށް ދުވެ ހުރިހާ ތަނެއް ބަލައި ނިމުނު ހުރީ ދާހިތްލާ ފޯވެފައެވެ. ހުރީ ގުނބުވެފައެވެ. ފްރިޖުން ފިނި ފެން ތައްޓެއް ބޯލައިގެން ސޯފާގައި ޖައްސާލީމެވެ. ކޮންމެ ތަނެއް އެތައް ފަހަރަކު ޗެކްކުރި އިރު ވެސް އެއްވެސް ކަމެއް ފާހަގަ ނުކުރެވުމުން އަހަރެން ހައިރާންވިއެވެ. ރޭގަނޑު ލިބުނު އަނިޔާ އަށް ވުރެ ހާސްކަން ބޮޑުވިއެވެ. ބިރުގަތެވެ. އަނެއްކާ އަހަރެން މޮޔަވަނީކީ ނޫންބާއޭ ހިތަށް އެރިއެވެ. ތަފާތު ތިއަރީތަކާ މެދު ވިސްނަން އެހެން އިނދެވުނީ ކިހާ އިރަކު ކަމެއް ވެސް ނޭނގެއެވެ.
އޭރު 7 ޖަހަން ކައިރިވަނީއެވެ. ނީލާ އައުމުގެ ކުރިން ސައި ހަދަންޖެހޭކަން ހަނދާންވުމާ އެކު އަހަރެން ދެން އަވަސްވެގަތީ ބަދިގޭގައި ހުރި ކަންކަން ނިންމުމަށެވެ. ނީޝް އަދިވެސް ނުހޭލައެވެ. އޭނާ ހޭލުމުގެ ކުރިން ކަންކަން ކޮށްލެވިއްޖެ ނަމަ ފަސޭހަ ވާނެއެވެ.

***

ރޮށި ފިހަން ހުއްޓާ ކުއްލިއަކަށް މީހަކު އައިސް އަހަރެންގެ އުނަގަނޑުލުގައި ކޮއްޓާލުމާ އެކު ދިއްޔައީ ސިއްސައިގެންނެވެ. ވެއްޓެން ދިޔަ ތަވާގައި ބޭއިހުތިޔާރުގައި އަހަންނަށް ހިފެހެއްޓުނެވެ. " އައްދޯއި..،" ދޮން ވެފައި ހުރި ތަވާގައި ކަނާތުން ހިފުމާއެކު އަހަރެންގެ އަތް ފިހުނެވެ. ނަމަވެސް ތަވާ ނުވެއްޓި ސަލާމަތްވި އެވެ.

"ސޮރީ.. ސޮރީ. ސޮރީ،" ފަހަތަށް އެނބުރި ބަލައިލި އިރު ވަސް ޖެހޭ ހިސާބުގައި އާތިފް ހުއްޓެވެ.

އޭނާ އިތުރު ފުރުސަތެއް ވެސް ނުދީ އަހަރެންގެ އިނގިލިތައް ނަގާ އަނގަޔަށް ލިޔެއެވެ. އޭނާގެ ހަރަކާތް އަވަސްވުމުން އަހަރެން ހުރީ ހަދާނެ ގޮތް ނޭނގިފައެވެ. ވީ ތަދު ކިތަންމެ ބޮޑަސް، އާތިފްގެ އަނގައިގެ ތެރެއަށް އަހަރެންގެ އިނގިލިތައް ލުމާއެކު ތަދު މަތިން ހަނދާން ނެތުނެވެ. ބުނާނެ އެއްޗެއް ނޭނގިފައި އިރުކޮޅަކު އަހަރެން ހުރީމެވެ.

"އަޅެ! ވަރަށް ބޮޑަށް ސޮރީ. ހިޔެއް ނުކުރަން މިހެން ވާނެ ކަމަކަށް. ދެން އަވަހަށް ފެން އަޅާ،" ދެތިން ފަހަރު އިނގިލިތައް ބޯލުމަށް ފަހު އާތިފް ބުންޏެވެ. އަހަންނަށް ވީ ތަދަށް ވުރެ ގަތް ލަދު މާބޮޑެވެ. އިތުރު އެއްޗެއް ނުބުނެ އަހަރެން އަނެއް ފަރާތަށް އެނބުރި އިސްކުރު ދޫކޮށްލުމަށް ފަހު އަތަށް ފެން އެޅީމެވެ. ނަސީބަކުން ތަވާގައި ޖެހުނީ އަތް ތިލައިގެ ހުދު ހަންކަމުން މާ ބޮޑު ވަރެއް ނުވެއެވެ. ކޮންމެވެސް ވަރަކަށް ރަތްވެ ފޮޅުލާ ގޮތްވަފައި ހުއްޓެވެ. އާތިފްގެ އެ ސަމާސާއާ އެކު ރޭ ބޭބެ ދިން ބޮޑު އަނިޔާ މަތިން ވެސް އަހަރެން ކުޑަ ހިނދުކޮޅަކަށް ނަމަވެސް ހަނދާން ނެތުނެވެ.

" މިހާރު އޯކޭތަ؟ ބުރަކަމަކަށް ނުވަންޏާ ސައި ތައްޓެއް ދެވިދާނެތަ؟ އާދޭހުގެ ރާގަކަށް އާތިފް ބުންޏެވެ.

އަހަރެން އިސް އުފުލާ ބަލައެއް ނުލަމެވެ. އާތިފްގެ ލާނެތް އެ އަމަލުގެ ސަބަބުން އަހަރެން މާ ބޮޑަށް ވެސް ލަދުގަނެއްޖެއެވެ. ރައްޓެއްސަކަށް ވިޔަސް އެހާ ކައިރިވުމުން ކުރެވުނީ މުޅިން އެހެން ކަހަލަ އިހުސާސެކެވެ. އޭނާއާ ހަތަރު ކަޅި ހަމަކުރަން ވެސް އަހަރެން ހުރީ ލަދުންނެވެ. އުނދުން ނިއްވާލުމަށް ފަހު އަހަރެން އަތްމަތި އަވަސްކޮށްލީމެވެ. އަދި އާތިފަށް މައިލޯ ތައްޓެއް ހެދުމަށް ފަހު ކަބަޑުގައި ހުރި ތަޅުން ބިސްކޯދު ނަގައި ސައި ތައްޔާރުކޮށްލީމެވެ.

"އިރުކޮޅަކުން ރޮށި ފިހެވޭނެ،" އާތިފަށް ފުރަގަސްދީގެން ހުރެ އަހަރެން ބުނީމެވެ.

"މި ގޮތް ވެސް އޯކޭއޭ. ސައި ބޮއިގެން ދާން މާ ލަސްވާނެ. އިރުކޮޅަކުން ނީލާ ބަލާ ދާންޖެހޭނެ. އޭނާ ލާފައި އަހަރެން ދާނީ އޮފީހަށް،" އިއްޔެގެ ސަމާސާއަށް ފަހު އާތިފްގެ ރާގު ހުރީ މުޅިން ބަދަލުވެފައެވެ. އެ ގޮތަށް އޭނާ އަހަންނާ ވާހަކަ ނުދައްކާތާ ދުވަސްތަކެއް ވެއްޖެއެވެ.

"ކަރުދަށުގައި ކިހިނެއް ވެފަ؟ ހާދަ ވަރެއް ކޮށްލާފަ. އަނެއްކާ.....،" ފްރިޖްގެ ތިރީ ބައިގަ ހުރި ތަރުކާރީ ކޮތަޅު ނެގުމަށް ގުދުވެލުމާ އެކު އާތިފް ބުންޏެވެ.

ކުއްލިއަކަށް އަހަރެން ބަލައިލީމެވެ. ދައްތަމެން ގޭގައި އުޅުނު އިރު އަހަރެން މާ ގިނަ ހެދުންތަކެއް ނުގެން ގުޅެމެވެ. ހާއްސަކޮށް ގޭތެރޭގައި ލާން ވަކި ހެދުންތަކެއް ނުގެންގުޅެމެވެ. ނަމަވެސް މިގެއަށް ބަދަލުވުމާ އެކު ނީލާ ވަނީ އަހަންނަށް ގިނަ ހެދުންތަކެއް ހޯދައިދީފައެވެ. އަދި ގޭތެރޭގައި ލައިގެން އުޅޭނެ ޓީޝާޓްތަކެއް ވެސް ދިނެވެ. ރޭގެ ހައިޖާނުގަނޑުގެ ތެރޭގައި އަހަރެން ހަނދާން ނެތިގެން ލައިގެން ނުކުމެވުނީ ވަރަށް ކަރުބޮޑު ޓީޝާޓެކެވެ. ގުދުވެއްޖެ ނަމަ އަހަރެން އެތެރެން ލައިގެން ހުރި އެއްޗެހި ހަމަ ރަނގަޅަށް ވެސް ފެންނާނެއެވެ. އާތިފް އެހެން ބަލައިލުމާ އެކު އަހަރެން ކުއްލިއަކަށް ތެދުވީމެވެ. އަދި ކަރުދޮށް ބަލަން ފެށީމެވެ.

" ހަހަހަހަހަހަހަ،" އިތުރު އެއްޗެއް ނުބުނެ އޭނާ ދިޔައީ ކޮޓަރިއަށެވެ.

ކިތަންމެ ވަރަކަށް ބެލިޔަސް އަމިއްލަ ކަރު ފެންނާނީ ކިހިނެއް ހެއްޔެވެ؟ އަހަރެން މޮޔަ ހެއްޔެވެ؟ ބާރު ބާރަށް އަހަރެން ވެސް ގޮސް ކޮޓަރިއަށް ވަނީމެވެ. އަދި ފާހާނާ އަށް ވަދެ ލޯގަނޑު ކައިރީގައި ހުއްޓުނީމެވެ. ނޫނެކެވެ. ފެންނަ ހިސާބުގައި އެފަދަ އެއްވެސް ނިޝާނެއް ނެތެވެ. ވަގުތުން ޓީޝާޓް ބޭލީމެވެ. އަދިން އެތެރެން ލައިގެން ހުރި އެއްޗެހި ވެސް ބޭލީމެވެ. މޭމަތީގައި ތަންތަންގަނޑު ރަތްވެފައި ހުއްޓެވެ. ނަމަވެސް ޔަގީނުން ވެސް ފެންނަ ހިސާބެއްގައި ނެތެވެ. އަހަރެން ވަރަށް ރަނގަޅަށް ޗެކްކުރީމެވެ. ފުރަގަސް ވެސް ބެލޭނެ އެންމެ ބޮޑަކަށް ބެލީމެވެ. ޔަގީނުން ވެސް އެތެރެން ލައިގެން ހުރި އެއްޗެހި ނުބާލަނީސް ފެންނަ ހިސާބުގައި އެއްވެސް ނިޝާނެއް ނެތެވެ.

- ނުނިމޭ -