ވާހަކަ
ސިލްސިލާ ވާހަކަ
20 އޮކްޓޯބަރ 2017 | ހުކުރު 06:34
8 ވަނަ ބައި

 

"ހާދަ ސަޅިއޭ!" މަލީޝާ ފަރިހިނގުމެއްގައި އަދްހަމް އާއި ދިމާއަށް އަންނަތަން ފެނިފައި ބުންޏެވެ. މަލީޝާ ލައިގެން ހުރީ ވިލު ނޫކުލައިގެ ހެދުމެކެވެ.

 

މަލީޝާގެ ބޮލުގެ އިސްތަށިގަނޑު ވަނީ ސްކާފަކުން ފޮރުވާލާފައެވެ. އަދްހަމް އަށް ބަލަން ހުރެވުނީ މަލީޝާގެ މަޑު މުށިކުލައިގެ ރީތި ލޮލަށެވެ. މަލީޝާގެ ހިތްގައިމު ދެލޮލުގެ ނަޒަރުވެސް ހުއްޓިފައިވަނީ ހަމަ ސީދާ އަދްހަމްގެ ދެ ލޮލަށެވެ.

 

މަލީޝާ ހުއްޓިލައިގެން ހުރީ އަދްހަމްގެ ކުރިމަތީގަ އެވެ. އޭރު މަލީޝާގެ ހިތުގެ ހިނގުންވަނީ އަވަސްވެފައެވެ. ނޭވާ ވަނީ ކުރުވެފައެވެ. އެހެންޏާ ނުވާކަހަލަ ހާސްކަމެއް ވެރިވެފައެވެ. މީގެ ކުރިންވެސް ފިރިހެން ކުދިންނާއެކު މަލީޝާ ޑީޖޭ ޕާޓީ ތަކަށް ދެއެވެ. އެކަމަކު މިފަހަރު މުޅިން ތަފާތު އިޙްސާސް އެއް ކުރެވެމުންދަނީ ކީއްވެގެންކަމެއްވެސް ނޭނގެ އެވެ.

 

"ކޮބާ ތައްޔާރުތަ ޑީ.ޕީ. އަށްދާން؟" މަސްތީ އަޑަކުން އަދްހަމް އަހައިލިއެވެ.

 

މަލީޝާ އޭނާގެ އަތް، އަދްހަމް އާއި ދިމާއަށް ދިއްކޮށްލިއެވެ. އަދްހަމް އެ މަޑުމަޑު އަތްތިލައިގައި ހިފިއެވެ.

 

"ދާންވީ ދޯ!" ހިނިތުންވަމުން އަދުހަމް ބުންޏެވެ.

 

މަލީޝާ ހިފީ އަދުހަމްގެ ކަނާތުގައެވެ. އެއާއެކު މަލީޝާ ކުރިއަށް ހިނގައިގަތެވެ. އަދުހަމްގެ އަތުގައި ހިފައި ދަމަމުން ކަހަަލަ ގޮތަކަށް މަލީޝާ ހިނގަން ފެށީ ފުދޭވަރަކަށް ބާރަށެވެ. އެ ހިސާބުގައި އޮންނަ ޤަބުރުސްތާނާއި ދިމާއަށެވެ. އަދުހަމް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

 

"މަލީ. މޭބީ އައިއޭމް ކިއުރިއަސް، އެކަމަކު އެ ދިމާ ބީޗަށް ދާން މިހެން ޤަބުރުސްތާނެއް ތެރެއިން ޝޯޓްކަޓެއް ނަގަން ތިއުޅެނީ ކީއްވެގެންތޯ އަހާލަން ބޭނުންވޭ.!" އެ ހިސާބުގައި މަރުވެ، ހިކިފައި ހުރި ބޮޑު ގަހަކާއި އަރާ ހަމަވެފައި އަދުހަމް އެހިއެވެ.

 

މަލީޝާ ޖަވާާބެއް ނުދެއެވެ. އޭނާގެ ހިނގުން އިހުނަށްވުރެން ބާރުކޮށްލިއެވެ. ގާތްގަނޑަކަށް ދުވަމުން ކަހަލަ ގޮތަކަށް އަދުހަމްގެ އަތުގައި ހިފައި ދަމަމުން ހިނގަމުންދިޔަ އެވެ.

 

"އޭތް! ތަންކޮޅެއް މަޑުކޮށްލަބަލަ." އަދުހަމް ހުރީ މާނޭވާ ލެވިލެވި އެވެ.

 

ކުއްލިއަކަށް އަދުހަމްގެ އަތުން މަލީޝާ ދޫކޮށްލުމަށްފަހު، އެތާ ހުރި ބޮޑު ގަހެއްގެ ފުރަގަހަށް ވަދެއްޖެ އެވެ.

 

"ކޮންތާކަށްތަ ތި ދަނީ؟ އަހަރުން ޕާޓީއަށް ދާ ގަޑި ކަޓަނީނު އެއޮއްގެން. ތި ސަކަރާތްޖެހުން ހުއްޓާލަބަލަ؟" އަދުހަމް މަޑުމަޑުން ބުންޏެވެ. އަދުހަމް ހީކުރީ މަލީޝާ ސަކަރާާތްޖަހަނީ ކަމަށެވެ.

 

"މަލީ. ތި ގަހުގެ ފުރަގަހަށް ވަދެގެން ކީއްތަ ތިކުރަނީ؟ ހިނގާބަލަ މިތަނުން ދާން އުޅެމާ." ގަހުގެ ބިތްދޮށަށް ބަލައިލަން އަދުހަމް އުޅުނެވެ.

 

ކޮންމެވެސް އެއްޗެއް ގަށަމުންދާާ އަޑުކަހަލަ އަޑެއް، ކޮންމެވެސް ހިސާބަކުން އިވެންފެށުމުން އަދުހަމް އިތުރަށް ބިރުގަންނަގޮތް ވިއެވެ. އެ އަޑު އިވުނީ މަޑެއްކޮށެއްވެސް ނޫނެވެ. މަލީޝާ ކޮބައިތޯ ބަލައިލުމަށް ގަހާއި ދިމާއަށް އަދުހަމް ހިނގައިގަތެވެ.

 

ދެމީހެއްގެ އަތްގުޅި ނުކާހާ ބިޔަ އެ ގަހުގެ އަނެއްފަރާތަށް އަދުހަމް ދިޔައެވެ. އޭރު އެތާ ކައިރީ ހުރި މަހާނައެއްގެ ކައިރީގައި މަލީޝާ ހުއްޓެވެ.

 

"މަލީ. ތީނަ އަނެއްކާ އޯކޭތަ؟" ފުރަގަހުންގޮސް މަލީޝާގެ ކޮނޑުގައި ހިފައި ތަޅުވާލަމުން އަދުހަމް ސުވާލުކުރިއެވެ.

 

މަލީޝާގެ ދެފައި އޭރު ހުރީ ބިންމަތީގައި ނުޖެހިކަމެއް އަދުހަމް އަކަށް ފާހަގައެއް ނުކުރެވެ އެވެ. މަލީޝާގެ ކޮނޑުގައި ހިފައި ތަޅުވާލިވަގުތު، އޭނާގެ ދެފައި ބިންމަތީގައި ޖައްސައި ހަމަޖެހިލަމުން އަދުހަމް އާއި ދިމާއަށް އެނބުރުނެވެ. މަޑުމަޑުން، އޭނާގެ ބޮލުގައި އަޅާފައިވާ ސްކާފް ނެގިއެވެ. އެވަގުތު އޭނާގެ މޫނު އެއްކޮށް ހާމަވި އެވެ. މިހާރު އަދުހަމް އަށް ފެންނަން ހުރީ މަލީޝާ އެއް ނޫނެވެ. އެއީ ޝިފާ އެވެ. އޭނާ ހުރީ ރީނދޫކުލައިގެ މަލެއް ހިފައިގެންނެވެ.

 

އަދުހަމް އަށް ބިރުން ތެޅިގަނެވުނެވެ. ފަހަތަށް ޖެހިލެވުނެވެ. "ޝި-ޝި-ޝިފާ! މިތާ- މިތަނުގަ ކީއްތިކުރަނީ؟ ތީނަ ވަނީ ވީނުވީތަނެއް ނޭނގި ގެއްލިފައެއްނު؟ ކޮ-ކޮބާ- ކޮބާ މަލީޝާ؟"

 

"ކަންބޮޑު ނުވޭ. އޭނާ ސަލާމަތުން އެބަހުރި." ނުލަފާ ޒާތަކަށް އޭނާ ހިނިތުންވި އެވެ.

 

"ކޮބާ އޭނަ؟ ކަލޭ އޭނައަށް ކީއްތިކުރީ؟ ކަލޭ ތިހުރީ ހަމައިގައެއް ނޫން ދޯ!"

 

"ތީނަ ބީޗްގަ އޮތް ޑީޖޭ އަށް ދާން ތިޔައުޅެނީ މެންދަމު 2 ޖަހާ ދިޔަފަހުން. އަދި މިހާރު ތިހުރީ ޤަބުރުސްތާނެއް ތެރޭގަ. އެވަރުންވެސް ތީނަ ތިއަހަނީ އަހަރެން މިހުރީ ހަމަހޭގަހޭ ދޯ؟" އަތުގައި އޮތް މާ ހޫރާލަމުން ޝިފާ ބުންޏެވެ.

 

"ކޮބާހޭ މަލީޝާ؟" އަދުހަމް ގަތްފައިހުރި ބިރަށްވުރެން ބޮޑަށް ރުޅިވެރިކަން އިތުރުވެ ހަޅޭއްލަވައިގަތެވެ.

 

"އަހަރެން ގެއްލުނުތާ މިހާރު މަސްދުވަސްވީ. އެކަމަކުވެސް ތީނަ އަހަރެން ކައިރީ ތިޔަ އަހަނީ އޭނަ ކޮބާހޭ؟ އެހެންވީމަ ޔޫ ޑިޑްންޓް މިސް މީ ދޯ؟" އާފުރިލަމުން ޝިފާ އެހިއެވެ. "އެއްމެ ރަނގަޅު. ތީނައަށް ދައްކަންވީ ދޯ."

 

"ކޮން އެއްޗެއް ދައްކަންވީދޯ އޭތަ ތި ކިޔަނީ؟" ރުޅިވެރިކަމާއެކު އަދުހަމް ސުވާލުކުރި އެވެ.

 

"މަލީޝާ އެއްނު!!" ފަރުވާކުޑަ ގޮތަކަށް ޝިފާ ބުންޏެވެ.

 

ޤަބުރުސްތާނުގެ އެއްމެ ބިތްދޮށާއި ހަމައަށް އަދުހަމް ގޮވައިގެން ޝިފާ ވަދެގެން ދިޔައެވެ. އެތަނުގައި ހުރި މަހާނައެއްގެ ކައިރީގައި ރީނދޫކުލައިގެ މާގަސްތަކެއް ހެދިފައި ހުއްޓެވެ.

 

"ކޮބާހޭ މަލީޝާ؟" އަދުހަމްގެ އަތުގައި ހިފަހައްޓައިގެން ހުރި ޝިފާގެ އަތް ފޮޅުވައިލަމުން އެހިއެވެ.

 

"ތީނައަކަށް ނުފެނޭތަ؟" އަދުހަމް އާއި ދުރަށް މޫނު އަނބުރާލަމުން ޝިފާވެސް ކުރީ ސުވާލެކެވެ.

 

"ބުނަން ވާހަކައެއް. ޑޯންޓް މެސް ވިތު މީ އޯކޭ!!"

 

ޝިފާގެ ޝަހާދަތް އިނގިލިން ބިމަށް އިޝާރާތްކޮށްލި އެވެ. "އަދިވެސް އޭނާގެ ހަށިގަނޑުގަ ހޫނުކަންވެސް ހުންނާާނެ."

 

ޝިފާ އިނގިލި ދިއްކޮށްލި ދިމާއަށް ގުދުވަމުން އަދުހަމް ބަލައިލި އެވެ. ކުއްލިއަކަށް ލޮލުގައި އަޅައިގަތީ ބިމުން މައްޗަށް އުފުލިފައިހުރި އަތްތިލައެކެވެ. އަންހެން ކުއްޖެއްގެ އަތްތިލައެކެވެ.

 

"ނޫން. ނޫން. އޯހް ނޯ." އަދުހަމް ބާރަށް ހަޅޭއްލަވަން ފެށިއެވެ.

 

އަދުހަމް އަށް ލޯ ހުޅުވައިލެވިއްޖެ އެވެ. އެނދުގައި އޮވެވުނުކަން އެނގުނީ އެހިސާބުންނެވެ. މުޅި ކޮޓަރިއަށް ވަށައިގެން ބަލައިލަމުން ހަމަޖެހިލެވޭތޯ މަސައްކަތްކުރި އެވެ.

 

"އަނެއްކާވެސް ހަމަ އެކަހަލަ ބިރުވެރި ހުވަފެނެއް." މަޑުމަޑުން އަމިއްލަ ނަފުސަށް ބުންޏެވެ.

ނުނިމޭ