ވާހަކަ
ސިލްސިލާ ވާހަކަ
3 މާރޗް 2019 | އާދީއްތަ 12:23
8 ވަނަ ބައި

ނޯޓް: (މިއީ މީގެ އަހަރުތަކެއް ކުރިން މާލޭގައި ހިނގި ހާދިސާތަކެއްގެ މަައްޗަށް ބިނާކޮށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. މި ވާހަކައިގައި ބޭނުންކޮށްފައިވާ ނަންތަކާއި ތަންތަނާއި ވަގުތުތަކަކީ ވެސް ހިޔާލެކެވެ.)

 

ކާކު...." ކުއްލިއަކަށް މީހަކު ފަހަތުން އަހަރެންގެ ދެ ލޮލުގައި އަތް އެޅުމާ އެކު ދިޔައީ ސިއްސައިގެންނެވެ.
ހިތަށް ބިރުވެރިކަމެއް ވެރިވީ ގޭގައި އެކަކު ވެސް ނެތުމުންނެވެ. ނީލާ ވީ ޑިއުޓީގައެވެ. އޭނާ ދެން އަންނާނީ ރޭގަނޑު 8 ގެ ފަހުންނެވެ. އާތިފް ވެސް ވީ ބޭރުގައެވެ.

"ދެން ދޫކޮށްލަންވީ އިނގޭ... ކާކުހޭ؟ އަހަރެން ރުޅި ވެސް އައެވެ.

ނަމަވެސް އެ މީހަކު ދޫކޮށްލާކަށް ހިޔާލެއް ނުކުރިއެވެ. އެއީ ފިރިހެން ވަންތަ އަތެކެވެ. ދިގު އިނގިލިތަކެކެވެ. ވާތުގައި އަނގޮޓިއެކެވެ. ނިޔަފަތިތައް ހުރި ކަނޑާފައެވެ. ލިބުނު ކުޑަކުޑަ ސިކުންތުކޮޅުގެ ތެރޭގައި ވެސް އެ އަތް އަހަރެން ހިތުދަސްކޮށްލީމެވެ. ޔަގީނުން ވެސް އެއީ ކާކުކަން އެނގިއްޖެ ނަމަ ދެ ވަނަ ފަހަރަށް އެ މީހެއްގެ މޫނު ނުފެނުނަސް އެ އަތުގެ ވެރިޔާ ދެނެގަންނަން އެއްވެސް ދައްޗެއް ކުރިމަތިނުވާނެ ވަރަށް އަހަރެން އެ އަތުގެ ނާރުތައް ދެނެގަތީމެވެ.
ނަމަވެސް ހިފަހައްޓާފައި ހުރިލެއް ބާރުކަމުން އެ އަތު ތެރެއިން ދެމިގަންނަށް އަހަންނަށް ފަސޭހައެއް ނުވާނެކަން އެނގެއެވެ. ނަމަވެސް ކުރެވެން ހުރި ކަމެއް އަހަރެން ވެސް ކުރީމެވެ.

އަހަރެން އިނނީ ސޯފާގައި ޓީވީއަށް ގެއްލިފައެވެ. ގޭގައި މީހަކު ނެތުމުންނާއި ކުރާނެ އިތުރު ކަމެއް ވެސް ނެތުމުންނެވެ. އަދި ޓީވީއަކީ މީގެ ކުރިން އަހަރެންގެ ނަސީބުގައި ހުރި އެއްޗެއް ނޫނެވެ. އެހެން ކަމުން ފާއިތުވި ހުރިހާ ދުވަހަކަށް ވާވަރަށް ޓީވީ ބަލަން އަހަރެން ބޭނުމެވެ.

ކުޑަހިތްވަރަކާ އެކު އަހަރެން އެ މީހާގެ އެއް އަތް ނައްޓުވާލީމެވެ. މަޑުމަޑުން އެ އަތް ލޯމަތިން ނައްޓުވާލައި އަނގަޔާ ހަމައަށް ގެނައިމެވެ. އޭރު ވެސް އެނބުރެލާނެ ފުރުސަތެއް އަހަންނަކަށް ނުލިބުނެވެ. އެ މީހަކު ހުރީ ވަރަށް ހިނި އައިއްސަކަން އަހަންނަށް ޔަގީނެވެ. ހިފަހައްޓައިގެން ހުރި ހިނިގަނޑުގެ ކުކުރުން ކުޑަކޮށް ބޭރުވުމުން އެކަން އަހަންނަށް އެނގުނެވެ. އަނގަޔާ ހަމައަށް އަތުގެ ކުޑަވާ އިނގިލި އައުމާ އެކު އެޅުނު އެންމެ ބާރަކަށް އަހަރެން ދަތް އެޅީމެވެ. އޭރު ހަމަ ރަނގަޅަށް ވެސް އަހަރެން ހުރީ ރޮވިފައެވެ.

"އައްދޯއި!" އެ އަޑާ އެކު އެ މީހާގެ އަނެއް އަތް ވެސް އަހަރެންގެ ލޯމަތިން ނެއްޓުނެވެ. ހަމަ އެއާ އެކު ބޮލުގެ ފުއްކިބައިގައި އެއްޗަކުން މީހަކު ޖެހިހެން ހީވިއެވެ. ވަރަށް ބާރަށެވެ. އަހަރެން ދަތް އަޅައިގެން އޮތް އިނގިލި އަނގައިން ނެޓުނެވެ. އަހަރެން ދިޔައީ ގޮނޑިން އެއްލިގެންނެވެ. އަނގަވަތަށް ވެއްޓެއް ދިޔައިރު ކުރިމަތީގައި ހުރި ކޮފީ ޓޭބަލްގައި އަހަންނަށް ހިފެހެއްޓުނީ ހަމަ ނަސީބަކުންނެވެ. ނޫން ނަމަ ބޯޖެހޭނީ އެ ބިއްލޫރި މޭޒުގައެވެ. އަހަންނަށް ބޮޑު އަނިޔެއް ނުވީ ހަމަ ކިރިޔާއެވެ.

"އާހް... ހާދަ ތަދުވެއްޖެއޭ!" އެއީ އާތިފްގެ އަޑެވެ.

ފަހަތަށް އެނބުރި ބަލައިލި އިރު އާތިފްގެ ދެލޯ ހުރީ ރަތްވެ ފެންކަޅިވެފައެވެ. އަހަރެން ދަތް އެޅުމުން ތަދުވެގެން ނުވަތަ އައިސްފައި ހުރި ރުޅިންނެވެ. އޭނާ އަތް ހޫރަމުން ފްރިޖާ ދިމާއަށް ދިޔައެވެ. " އަޅެ.. ސޮރީ! އާތިފް ކަމެއް ނޭނގޭ...،" އާތިފްގެ އަތުން އަހަރެންގެ ފުއްކިބައިގާ ޖެހި ނަމަވެސް ވީ ތަދަށް ވުރެ އާތިފްގެ އަތުގައި ބާރަށް ދަތް އެޅުނީތީ އަހަރެން މާ ދެރަވިއެވެ. އާތިފް އެހާ ރުޅި އައިސްފައި ހުރީތީ އަދި އިހުނަށް ވުރެ ވެސް އަހަރެން ބިރުގަތެވެ. ރަހުމަތްތެރިކަން އުފެދިފައިވީ ނަމަވެސް މީގެ ކުރިން އަހަރެމެން އެކަހަލަ ސަމާސާއެއް ނުކުރަމެވެ. ހަމަ އެކަނި ދެއްކީ ވާހަކައެވެ. އެފަދަ ގޮތަކަށް އާތިފް އަހަރެންގެ ހަށިގަނޑުގައި ބީހުނު މިއީ ފުރަތަމަ ފަހަރެވެ. މީގެ ދުވަސްކޮޅެއް ކުރިން ފިހާރަ ތެރެއަށް އަހަރެން ވެއްޓުނު އިރު އާތިފް އަހަރެން ހިފެހެއްޓުން އެއީ ބީހުމެއް ކަމުގައި އަހަރެން ނުބަލަމެވެ.

އާތިފް އިތުރު ބަހެއް ނުބުނެއެވެ. އޭނާ ހުރީ ރުޅި އައިސްފައިކަން އަހަންނަށް ޔަގީންވީ އެހެންވެއެވެ. އަހަރެންގެ ބޮލުގައި އޭނާ ޖެހީ ވަރަށް ތަދުވީމަކަން ޔަގީނެވެ. އެހެން ނަމަ އޭނާއަކީ އަންހެނަކަށް އަނިޔާކުރާނެ މީހެއް ނޫނެވެ. އޭނާގެ ވާހަކަތައް އެއަށް ވުރެ މާ އޯގާތެރިއެވެ. ބަސްތަކުގައި މަޑުމައިތިރިކަން ހުރެއެވެ. ގޭތެރޭގައި ނީލާއާ އެކު ވެސް އޭނާ ފެންނަނީ ވަރަށް ލޯބިން އުޅޭ މަންޒަރެވެ. ވާހަކަ ދައްކަނީ ވެސް އޯގާތެރިކަމާއެކުއެވެ. ސަކަ މިޒާޖެއްގެ ވެރިއެކެވެ. އެހެން މީހުންނަށް ހިނިތުންވުން ގެނެސްދިނުމަކީ އޭނާގެ ހުނަރެކެވެ. ފްރިޖުން އައިސްކިއުބެއް ނަގައި އޭނަ ކުޑަވާއިނގިލީގައި ޖައްސާ ބާރަށް ހިފަހައްޓައިގެން ކާމޭޒުކައިރީގައި ހުރި ގޮނޑީގައި ހަމަޖެހިލިއެވެ. އަދިވެސް އޭނާ އިނނީ އިސް ދަށަށް ޖަހައިގެންނެވެ. ބަހެއް ނުބުނެއެވެ.

"ސޮރީ...." އަހަރެން އަނެއްކާ ވެސް އާތިފްގެ ކިބައިން މައާފަށް އެދުނީމެވެ.

އާތިފްގެ އަތް ޒަހަމްވެފައިވޭތޯ ބަލަން އަހަރެން ބޭނުންވިއެވެ. ނަމަވެސް ކައިރިއަށް ދިއުމުގެ ބަދަލުގައި އަހަރެން އަނެއްކާ ވެސް ސޯފާގައި އިށީނނީމެވެ. ނަމަވެސް މި ފަހަރު އިށީނނީ އާތިފް ފެންނަ ގޮތަށެވެ. އިތުރު ވާހަކައެއް ދައްކާކަށް އަހަންނަކަށް ނުކެރުނެވެ. އާތިފް އިން ގޮތުންނެވެ.

އެހެން އިރުކޮޅަކު އިނނުމަށް ފަހު އާތިފް ތެދުވިއެވެ. އަދި ދިޔަ ގޮތަށް ގޮސް ކޮޓަރިއަށް ވަދެ ވަރަށް ބާރަށް ދޮރު ޖެހިއެވެ. އަހަރެން ވަރަށް ދެރަވިއެވެ. އާތިފްގެ ފަހަތުން ކޮޓަރިއަށް ވެދެ އަތަށް ވީގޮތް ބަލަން އަހަރެން ބޭނުންވިއެވެ. ރަހުމަތްތެރިއަކު ރުޅި އައިސްފިނަމަ އަހަރެން ވަރަށް ދެރަވާނެއެވެ. ޒުއްބަ ވެސް ބައެއް ފަހަރު އެކި ކަންކަމުގައި ރުޅި މޫނު ދައްކާނެއެވެ. ހާއްސަކޮށް އަހަރެން ލައްވާ ކަމެއް ކުރުވަން ބޭނުން ނަމަ އޭނާ ގެންގުޅޭ އުކުޅަކީ އެއީއެވެ. ރުޅި އަންނަ ކަމަށް ހެދުމުން އެ ކަމެއް އަހަރެން ކުރާނެކަން އޭނާ އަށް ޔަގީން ވަނީއެވެ. މީހަކު އަހަރެން ދެކެ ރުޅިއައުމަކީ އަހަރެން އެއްވެސް އިރެއްގައި ބޭނުން ގޮތެއް ނޫނެވެ. ދައްތަ ގޭގައި ވެސް އުޅުނީ އެންމެންގެ ވެސް ހިތް ރުއްސައިގެންނެވެ. ދައްތަ ރުޅި އަންނަ ފަދަ އެއްވެސް ކަމެއް އަހަރެން ނުކުރަމެވެ. ގައިމު ވެސް ނުކޮށް ވޭތޯ ވަރަށް މަސައްކަތްކުރަމެވެ. ނަމަވެސް އެއްވެސް ސަބަބެއް ނެތި ވެސް ދައްތަ ހުންނާނީ ރުޅި އައިސްފައެވެ.

ކިތަންމެ ބޭނުންވި ނަމަވެސް އަހަރެން ކޮޓަރިއަކަށް ނުދަމެވެ. އެކަމާ ވިސްނަން އެތައް އިރަކު އަހަރެން އިނނީމެވެ.

"ކޮބާ ނީޝް ނިދީތަ؟" އެ ފިކުރަށް ގެއްލިފައި އިންދާ ނީލާ އައިސް ގެއަށް ވަން އިރު ވެސް އަހަންނަކަށް ނޭނގެއެވެ. ނީލާ އަށް ޖަވާބު ދިނުމަށް ފަހު އަހަރެން އަވަސްވެގަތީ ކާން ހެދުމަށެވެ. ނީލާ ގޮސް ވަނީ ކޮޓަރިއަށެވެ.

"އާތިފަށް ކިހިނެއްވެފަ އެ އޮތީ. ދެންމެތަ ގެއަށް އައީ. ގޮވާ، ގޮވާ ވެސް އަނގަޔަކުން ނުބުނި،" ކުޑަ އިރުކޮޅެއް ފަހުން ފްރެޝް ވެލައިގެން ނީލާ ކޮޓަރިން ނުކުތުމާ އެކު ސުވާލުތައް އޮއްސާލިއެވެ.

އެ ސުވާލުތަކަށް އަހަރެން ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ އާތިފް އެ އޮތީ އޭނާގެ އަތުގައި އަހަރެން ދަތް އެޅުމުން އެކަމާ ރުޅި މޫނު ހަދައިގެންނޭ ނީލާ ކައިރީގައި އަހަރެން ބުނާނީ ކިހިނެއް ހެއްޔެވެ؟ އެހެން ބުނެފި ނަމަ ދެން ކުރިމަތިވާނެ ސުވާލުތައް މާގިނަ ވާނެއެވެ. އާތިފް އަތުގައި އަހަރެން ދަތް އަޅަންޖެހޭ ސަބަބެއް ނީލާއަކަށް ނުވިސްނޭނެއެވެ. ގޭގެ ވެރިމީހާ އާއި ގޭގައި ގެންގުޅެން ގެނެސްފައި ހުރި ކުއްޖަކާ އެފަދަ ސަމާސާއެއް ކުރަންޖެހޭނެ އެއްވެސް ސަބަބެއް ނޯންނާނެއެވެ. އާތިފް އާއި އަހަރެން މިއީ ދެ އެކުވެރިންކަން ނީލާއަކަށް ނޭނގޭނެ ނޫން ހެއްޔެވެ؟ އެނގޭ ނަމަ ޔަގީނުން ވެސް އެ ގޭގައި އަހަރެން ނުބަހައްޓާނެއެވެ.

"އާތިފް ދުރުވީ ކޮން އިރަކު ކަމެއް ނޭނގޭ. އަޅުގަނޑު ނީޝް ގޮވައިގެން ކޮޓަރީގައި އުޅެނިކޮށް ކަމަށް ވެދާނެ ދުރުވީ،" ކިތަންމެ ބޭނުން ނުވިޔަސް އަދި ކުރާ ހިތްނުވާ ކަމަކަށް ވިޔަސް މި ފަހަރު ދޮގެއް ހަދަން އަހަންނަށް މަޖުބޫރުވިއެވެ.

ނީލާ އައުމުގެ ކުރިން އަހަރެން ގާތްގަނޑަކަށް ކާން ހަދާ ނިންމާލައިފީމެވެ. ނަމަވެސް ސިޓިން ރޫމާ ހަމައަށް އައުމަށް ފަހު ކާމޭޒު ދޮށުގައި އިށީނނުމުގެ ބަދަލުގައި ނީލާ އަނެއްކާ ވެސް އެނބުރި މިސްރާބު ޖެހީ ކޮޓަރިއަށެވެ. އިންތިޒާރުގައި އަހަރެން އިނނީމެވެ. ފަނަރަވަރަކަށް މިނިޓު ވެއްޖެއެވެ. ނީލާގެ ޚަބަރެއް ނުވެއެވެ. ފަހަރުގައި ފެންވަރަނީ ކަންނޭނގެއެވެ. ނޫނެކެވެ. އޭނާ ނުކުތީ މޫނު ދޮވެ ރީތިވެގެންނެވެ. ދެން އަލުން އެނބުރި ފެންވަރަންވީ ކީއްވެހެއްޔެވެ؟ ފެންވަރާ ނަމަ އޭނަ ފެންވަރާނީ ކައިގެންކަން ޔަގީނެވެ. ހުންނާނީ ވަރަށް ބަނޑުހައިވެފައެވެ.

ތިރީހަކަށް މިނިޓުވެއްޖެއެވެ. އަނެއްކާ ނީލާ ގޮސް ނިދީބާއެވެ؟ ބްރޭކް ގަޑި ހަމަވަނީއެވެ. ނީލާ ޑިއުޓީއަށް ދާންޖެހޭނެއެވެ. ނީލާއަށް ގޮވަންވީ ހެއްޔެވެ؟ ދެ ހިޔާލެއްގައި އިނދެ އަހަރެން ތެދުވީމެވެ. ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލުމުގެ ނިޔަތުގައެވެ. ނަމަވެސް ދެމަފިރިން އުޅެނިކޮށް އަހަރެން ގޮސް ޓަކި ޖެހުމުން ވާނީ ކިހިނެއް ހެއްޔެވެ؟ ކޮންމެ ގޮތެއް ވިޔަސް ހެޔޮކަމަށް އަހަރެން ކޮޓަރިއާ ދިމާއަށް ހިނގައިގަތީމެވެ. އަހަރެމެންގެ ކޮޓަރި އާއި ނީލާގެ ކޮޓަރީގެ ދޮރު ހުންނަނީ ޖެހިގެންނެވެ. އެހެން ކަމުން ނީލާގެ ޚަބަރެއް ވޭތޯ ބެލުމަށް ކުޑަކޮށް ދޮރާ ކައިރިއަށް ޖެހިލީމެވެ. އަޑު އިވޭ ނަމަ ޓަކިޖަހާނީއެވެ. އަޑެއް ނީވޭ ނަމަ އަދި އިހަށް މަޑުކޮށްލާނީއެވެ.
ޓަކިޖެހުމުގެ ބަދަލުގައި އަހަރެން ކުޑަކޮށް ކަންފަތް ދޮރާ ކައިރިކޮށްލީމެވެ. ޔަގީނުން ވެސް ނީލާ ނުނިދައެވެ. މެދުކެނޑުމެން ނެތި އަޑެއް އިވެމުން ދިޔައެވެ. ނަމަވެސް ޔަގީނުން ވެސް އެއީ ވާހަކަ ދައްކާ އަޑެއް ނޫނެވެ. އެއީ މީހެއްގެ "އާހް"ގެ އަޑެވެ. މީހެއްގެ ގިސްލުމުގެ އަޑުހެން ވެސް ހީވެއެވެ.

"ޕްލީޒް...ބާ...." އިވުނު އަޑަކުން އަހަރެން ދިޔައީ ފަހަތަށް އެއްލިގެންނެވެ.

އަވަސް އަވަހަށް ޖެހިގެން ހުރި ކޮޓަރިއަށް އަހަރެން ވަނީމެވެ. ހިނިވެސް އައެވެ. ލަދުވެސް ގަތެވެ. އިރުކޮޅަކު ކޮޓަރީގައި އެހެން ހުރުމަށް ފަހު އަހަރެން ފާހަނައަށް ވަނީމެވެ. ފާހަނާ ތަށިމަތީގައި އިންއިރު ވެސް އަހަންނަށް ނީލާގެ "އާހް"ގެ އަޑު އިވޭ ކަހަލައެވެ. ހަށިގަނޑުގައި ހީބިހި ނަގައިގަތެވެ. ދެ މީހެއްގެ އެހާ "ޕްރައިވެޓް" ވަގުތުކޮޅެއް އަހަންނަށް އަޑުއިވުމުން ހިތަށް ފާޑުފާޑުގެ އެއްޗެއްހި އެރިއެވެ.

"އެކަން ކުރަން ވެސް ވަކި ގަޑިއެއް ނޯވޭތަ؟ އަހަރެން ހިތާ ހިތާ ދުވާލުކޮށްލީމެވެ. އަހަރެން އެކަމާ ވިސްނަނީ ކީއްކުރަން ހެއްޔެވެ؟

ފާހަނައިން ނުކުމެ ވެސް އަހަރެން އިރުކޮޅަކު ކޮޓަރީގައި މަޑުކުރީމެވެ. ދެން ނުކުންނާނީ ނީލާ ވެސް ނުކުންނަހާ އިރު ކޮށްފައެވެ. އެ މީހުންގެ އެ ވަގުތުކޮޅު ނީމޭނީ ކޮން އިރަކުންބާއެވެ؟ ނުވައެއް ޖަހަން ކައިރިވެފައި ވަނިކޮށް ތަށިތައް ތަޅުވާ އަޑުއިވިއްޖެއެވެ. ނީލާ ނުކުތީއެވެ. އަހަރެން ވެސް އިސްދަށަށް ޖަހައިގެން ބޭރަށް ނުކުތީމެވެ. ނީލާއާ ހަތަރު ކަޅި ހަމަކުރަން ލަދުން ހުރެއެވެ.

"މާލަސްވެއްޖެއެއްނު. އާތިފްއަށް ގޮވަން ދިޔަގޮތަށް މަށަށް ވެސް ނިދުނީ. ދެންމެ ކުއްލިއަކަށް ހޭލެވުނީ. ކީއްވެ ގޮވާނުލީ،" ނީލާ އެހެން ބުނުމުން އަހަރެން އިސް އުފުލާ ބަލައިލީމެވެ.
ނޫނެކެވެ. ނީލާ ކަނޑައެޅިގެން ހެދީ ދޮގެކެވެ. އޭނާ ހުރީ ދެންމެ ހޭލި މީހަކަށް ވުރެ މާ ތާޒާކޮށެވެ. ހީވާ ގޮތުން ފެން ވަރައިގެންނެވެ. ލޮލުގައި ނިދީގެ އަސަރު ނެތަސް ޔަގީނުން ވެސް ލެވުނު މާނޭވާތަކުގެ ވަރުބަލިކަމުގެ އަސަރު ފެންނަން ހުއްޓެވެ. ވީ ކިހިނެއްކަން އަހަންނަށް ޔަގީނާ ގާތަށް އެނގެއެވެ. އާތިފްގެ ޚަބަރެއް ނުވެއެވެ.
"މާލަސްވަންޏާ އާތިފަށް ގޮވައްޗޭ. އައި ގޮތަށް ނުކައި އެ އޮތީ. އާތިފަށް ކާންދީފަ ރީމާ ވެސް ކައްޗޭ. އަހަރެން އަންނަންދެން ހޭލާ އިންނާނެ ކަމެއް ނެތް. ނިދިއަންނަންޏާ ނިނދާ އިނގޭ،" އަވަސް އަވަހަށް ކައިގެން ނީލާ ނައްޓާލިއެވެ.

އާތިފެއް ނުނިކުމެވެ. ނީލާ ޑިއުޓީ އަށް ދިޔައީ އެކަންޏެވެ. ހީވާ ގޮތުން ކާރުގައެވެ.

ނީލާ ދިއުމުން ކާމޭޒު ހަމައަކަށް އަޅުވާލުމަށް ފަހު އަހަރެން އަނެއްކާ ވެސް ގޮސް ޓީވީގެ ރިމޯޓާ ހަވާލުވީމެވެ. ޗެނަލްތައް އަނބުރައަނބުރާ އެތައް އިރަކު އިނނީމެވެ. އާތިފްގެ ޚަބަރެއް ނުވިއެވެ. އޭނާ ލަސްވާ ނަމަ ގޮވަން ނީލާ ދިޔައީ ބުނެފައެވެ. ދިހައެއް ޖަހާ ބޮޑުވުމުން އަހަރެން ތެދުވީމެވެ. މަޑުމަޑުން ގޮސް އާތިފްގެ ކޮޓަރީގައި ޓަކިޖެހީމެވެ. ޚަބަރެއް ނުވިއެވެ. ތަންކޮޅެއް ބާރަށެވެ. ޖަވާބެއް ނުލިބުމުން އަނެއްކާ ވެސް އެނބުރި ސިޓީން ރޫމަށް އަހަރެން އައީމެވެ.
އާތިފްގެ ޚަބަރެއް ނުވެއްޖެއްޔާ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ތަށިތައް ނަގާފައި ނިދަންވީ ހެއްޔެވެ؟ ނޫނީ އާތިފް ތެދުވާނެ އިރަކަށް އިންތިޒާރުގައި އިންނާނީ ހެއްޔެވެ؟ ނުވަތަ ނީލާ އަންނަންދެން މަޑުކުރަންވީ ހެއްޔެވެ؟ ނަމަވެސް އެހާއިރުވަންދެން ނުހުރެވޭނެއެވެ؟ މިހާރު ވެސް ނިދި އެބައާދެއެވެ. އެހިޔާލުގައި އިންދާ މާގިނައިރެއް ނުވެ އާތިފް ކޮޓަރިން ނުކުމެއްޖެއެވެ. ހުރީ ވަރަށް ތާޒާކޮށެވެ. ހީވާ ގޮތުން ފެންވަރައިގެންނެވެ. ބޭރަށް ދިއުމަށް ތައްޔާރުވާ ކަހަލަ ގޮތަކަށެވެ.

އާތިފް ކާން....." އަހަރެން ރަނގަޅަށް ޖުމްލަ ފުރިހަމަ ނުކުރަނީސް ކާމޭޒު ދޮށުގައި އޭނާ އިށީނދެއްޖެއެވެ. ހީވާ ގޮތުން އަދިވެސް އޭނާ ހުރީ ރުޅި އައިސްފައެވެ.

"އަދިވެސް ރުޅިއައިއްސަތަ،" ތަށިތައް ތަރުތީބުކުރަމުން އަހަރެން އެހީމެވެ. އާތިފަކީ ގޭގެ ވެރިމީހާއަށް ވުމުގެ ކުރިން އެއީ އަހަރެންގެ ގާތް ރަހުމަތްތެރިއެކެވެ. ލަދުވެތިކަމެއް ނެތި ވާހަކަ ދައްކަން ކެރެނީ އެހެން ވެގެންނެވެ.
"ނޫން...!" އާތިފް ދިނީ ރުންކުރު ޖަވާބެކެވެ. ނޫނެކޭ ބުނި ނަމަވެސް އޭނާގެ ރާގު ހުރި ގޮތުން ހިތްހަމަނުޖެހިފައި ހުރިކަން އަހަންނަށް އެނގުނެވެ.

" ސޮރީ..." އަހަރެން އަނެއްކާ ވެސް މައާފަށް އެދުނީމެވެ.

"އިޓްސް އޯކޯ.." އާތިފް އިތުރު ވާހަކައެއް ނުދައްކައެވެ. އަހަރެން ވެސް އިތުރު އެއްޗެއް ނުބުނަމެވެ.

"އަދިވެސް ރުޅި އައިސްފަ ދޯ... ހަމައަސްލަށް ވެސް ކާކުކަން ނޭނގުނީމަ ދަތް އެޅީ. ވަރަށް ބިރުން ހުރީ..." އަހަރެން ތަފްސީލެއް ދިނީމެވެ.

"އެކަން ދެން އެ ނިމުނީ... ދެން ފަހަރަކުން އަހަރެން ވެސް އެވަރު ވިސްނާނަން،" އަހަންނަށް ޖަވާބު ދިނަސް އާތިފް އިނނީ ބަތްތައްޓަށް ބަލަހައްޓައިގެންނެވެ. ވާހަކަ ދެއްކި ގޮތުން އިތުރު އެއްޗެއް ބުނާކަށް އަހަންނަކަށް ނުކެރުނެވެ.

އާތިފަށް ކާން ހެދުމަށް ފަހު އަހަރެން އަނެއްކާ ވެސް ގޮސް އިށީނނީ ސޯފާގައެވެ. އާތިފަށް ވެފަ އިން ގޮތެއް އޮޅުން ފިލުވަން ކިތަންމެ ބޭނުންވި ނަމަވެސް އޭނާގެ މޫޑް ހުރި ގޮތުން އިތުރަށް ވާހަކަ ދައްކަން އަހަންނަކަށް ނުކުރެވުނެވެ.

- ނުނިމޭ -