ނޯޓް: (މިއީ މީގެ އަހަރުތަކެއް ކުރިން މާލޭގައި ހިނގި ހާދިސާތަކެއްގެ މަައްޗަށް ބިނާކޮށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. މި ވާހަކައިގައި ބޭނުންކޮށްފައިވާ ނަންތަކާއި ތަންތަނާއި ވަގުތުތަކަކީ ވެސް ހިޔާލެކެވެ.)
މިއީ ވެސް ހިލޭ ތަނެއް. އެއީ ވެސް ހިލޭ ތަނެއް. ހިލޭ ބައެއް. އެ ތަނުގައި މަރުވުމެކޭ މި ތަނުގައި އޮވެ ކޮންމެ ދުވަހަކު މަރުވުމެކޭ ވާނީ އެއްވަރު،" އަމިއްލަ ނަފްސަށް ވިސްނައިދިނީމެވެ. އެތަށް ގޮތަކަށް ވިސްނުމަށް ފަހު އާތިފްގެ ހުށަހެޅުން ގަބޫލުރަން އަހަރެން ނިންމީމެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް އަނިޔާވެރިކަމުން ސަލާމަތްވާން އަހަރެން ބޭނުމެވެ. ގޮތެއް އޮތް ނަމަ މި ވަގުތު ވެސް އަހަތެން މި ޖަންގަލިން ނުކުތީހެވެ. ނަމަވެސް ދާނީ ވެސް ފަހެ ކޮންތާކަށް ހެއްޔެވެ؟
***
ޖެހިގެން އައި ދުވަހު އަހަރެން ޒުއްބައާ ވާހަކަ ދެއްކީމެވެ. އަދި އާތިފްގެ ހުށަހެޅުން ގަބޫލުކުރަން ބޭނުންވާ ކަމަށް ބުނީމެވެ. ޒުއްބަ އުފާވި އެވެ. އަހަރެންގެ ހިތަށާއި ހަށިގަނޑަށް ލިބެމުންދާ ޒަހަމްތަކަށް ކުޑަ ނަމަވެސް ސިފާއެއް ލިބެން މި ވަގުތު އޮތް އެންމެ ރަނގަޅު މަގަކީ އެއީކަން އޭނާ ވެސް ގަބޫލުކުރެ އެވެ. ސްކޫލަށް ދިއުމަށް ގެއިން ނުކުތީ އެކަމާ ބެހޭ ގޮތުން އާތިފްއާ ވާހަކަ ދެއްކުމަށް ނިންމައިގެންނެވެ.
"އާތިފް ކައިރީގައި ވާހަކައެއް ބުނަން ރީމާ ބޭނުމޯ،" އާތިފް އިން ސައިކަލުގެ ފަހަތުގައި އިށީންނަން އުޅޭ ކަހަލަ ގޮތަކަށް ހުރެ ޒުއްބަ ބުންޏެވެ. އަދި ލޮލުން އަހަންނަށް އިޝާރާތް ކޮށްލިއެވެ.
"ގޭގައި ހުންނާނެ ކުއްޖަކު ނެތް ހޭ އެހީމެއްނު. ކުއްޖަކު އެބަހުރި. އެކަމަކު ކިޔަވާ ކުއްޖެއް، އުނދަގުލެއް ނުވާނެތަ؟" ކޮށި ގޮތަކަށް ލަދުން ހުރެ އަހަރެން ބުނީމެވެ.
" އެހެންތަ؟ އަނެއްކާ އެއީ ކޮން ކުއްޖެއް؟ ކިޔަވަން ދެވޭ ގޮތަށް ކަންތައްތައް ރޭވީމާ އޯކޭ ވާނެ،" ލާނެތް ހިނިތުންވުމަކާ އެކު އާތިފް ބުންޏެވެ. އޭނާއަށް އެއީ ކާކުކަން މާކުރިން ވެސް އެނގިފައިވާ ކަހަލަ އެވެ.
"އަހަރެން ހިނގައިދާނަން. މިހާރު ހުންނަ ގޭގައި ކުޑަ މައްސަލައެއް ޖެހިގެން މި އުޅެނީ،" ކުޑަ އިރުކޮޅަކު މަޑުކޮށްލުމަށް ފަހު އަހަރެން ބުނީމެވެ.
"އެހެންތަ؟ އަހަރެން ހީކޮށްގެން މި ހުންނަނީ ތި މީހުންގެ ރައްޓެއްސެއް ކަމަށް. ތިވީ މާ ރަނގަޅަކަށްނު. ރީމާއަކީ އަހަރެންގެ ވެސް ގާތް ރަހުމަތްތެރިއަކަށްވެފައި އަހަރެންގެ ދަރިއަކު ބަލަން ރީމާ އައުމަކީ ވަރަށް ރަނގަޅަށްވީ ކަމެއް،" އާތިފް ނޭނގޭ ކަމަށް ހެދިއެވެ.
"އެހެންވީމާ ކޮން އިރަކުން މަގޭ ކައިރިއަށް އަންނާނީ. ސޮރީ.. މި ބުނީ އަހަރެމެން ގެއަށް އަންނާނީ.,"
އަހަރެން ބޭނުންވީ އެ ވަގުތު ވެސް އާތިފާ އެކު ދިއުމަށެވެ. އެނބުރި އެ ނަރަކައަށް ދާން އަހަރެން ބޭނުމެއް ނޫނެވެ. ދައްތަގެ ތޫނު ބަސްތައް އަޑުއަހާކަށް އަހަރެން ބޭނުމެއް ނޫނެވެ. ބޭބެގެ ނަމުގައި ހުރި ރަންނަމާރި އިތުރަށް ދެކެން އަހަރެން ބޭނުމެއް ނޫނެވެ. އަހަންނަށް ވާނެ ކަމެއް ނަމަ އެއްޗެހި ބަލާ ވެސް އަހަރެން ނުދިޔައީހެވެ.
"މާދަން ނޫން އަނެއް ދުވަހަކީ ބުރާސްފަތި ދޯ. އެރޭ ބަދަލުވާން އުޅެފިއްޔާ ފަސޭހަ ވާނެ. އޭރުން ހުކުރު ދުވަހު ރެސްޓްކޮށްލެވޭނީ ވެސް،" ޒުއްބަ ހިޔާލު ދިނެވެ.
އަހަންނަށް އެ ވަރު ވެސް ލަހެވެ. އެންމެ ހިނދުކޮޅަކަށް ވެސް ގޭގައި މަޑުކުރަން އަހަރެން ބޭނުމެއް ނޫނެވެ. ނަމަވެސް ޒުއްބަ ވެސް ބުނީ ރަނގަޅު ވާހަކައެކެވެ. އަނެއްކޮޅުން ބޭބެ ވެސް އަންނާނީ އާދީއްތަ ދުވަހުއެވެ. އޭގެ ކުރިން ހަމަޖެހިލައިގެން އަހަންނަށް ގެއިން ނުކުމެވޭނެއެވެ. ބޭބެ އައިސިއްޔާ އަނެއްކާ ގެއިން ނުކުންނަން ދަތިވެދާނެއެވެ. ދެން އޮތީ މަންމަ އާއި ރަށުގައި ތިބި އާއިލާއަށް މިކަން އަންގާނެ ގޮތެކެވެ.
"މަންމަ ކައިރީގައި ކީކޭ ބުނާނީ؟،" ޒުއްބަ ސުވާލުކުރި އެވެ.
އަހަރެން މާލޭގައި ދިރިއުޅެނީ ކިހިނެއްކަން މަންމަމެންނަށް އެނގޭނެއެވެ. ދިރިއުޅުމުގެ ހާލަތު ހުންނަ ގޮތުން އަހަރެންގެ ކަންތައްތަކާ އަޅާލެވޭކަށް މަންމަމެންނަކަށް ނޯވެއެވެ. މާލޭގައި އުޅެންޖެހޭ ދަތި ހާލު އާއިލާއަށް ރަނގަޅަށް ވިސްނެއެވެ. ނުވަތަ އެ މީހުންނަށް ވަރިހަމައެވެ.
"ބައްޕަ އަށް ވެސް އެނގޭނެ ދައްތަގެ ގޮތް. ކޮންމެވެސް އެއްޗެކޭ ބުނާނީ،" އެކަމާ އިތުރަށް ވިސްނާކަށް އަހަރެން ބޭނުމެއް ނޫނެވެ.
އާތިފަށް ޖަވާބެއް ދީފައި އަހަރެމެން އެ ތަނުން ދިޔައީ ބުރާސްފަތި ދުވަހުގެ ރޭ އެގެއަށް ބަދަލުވުމަށް ނިންމައިގެންނެވެ. އަދި އޭގެ ކުރިން އެ ދުވަހު ސްކޫލު ނިންމާފައި އެނބުރި ގެއަށް ދިއުމުގެ ކުރިން އާތިފްމެން ގެއަށް ގޮސް އޭނާގެ އަންހެނުންނާ ވެސް އަހަރެމެން ބައްދަލުކުރީމެއެވެ. އާތިފްގެ ލޯބި ދަރިފުޅާ ވެސް ސަމާސާކުރީމެވެ.
"މިއީ ރީމާ އާއި ޒުއްބަ. ރީމާ އަންނާނެ ބުރާސްފަތި ދުވަހު. މީހަކު ހޯދާކަން ރައްޓެއްސެއްގެ ފަރާތުން އެނގިގެން ރީމާ އައީ،" އަނބިމީހާ ކުރިމަތީގައި އާތިފް ކުޑަވިއެވެ. އަދި އަހަރެމެން މިއީ ނުވެސް ދަންނަ ބައެއް ކަމަށް ހެދިއެވެ. އެއީ އެހާލަތުގައި އެންމެ ރަނގަޅު ގޮތް ކަމަށް އަހަރެން ވެސް ގަބޫލުކުރީމެވެ.
އާތިފްގެ އަންހެނުން ހަށިގަނޑުން ކޮންމެވެސް ވަރަކަށް ފަލަ ނަމަވެސް އެއީ ހުތުރު އަންހެނެކޭ ނުބުނެވޭނެ އެވެ. ޒުވާންކަން މުޅިން ނުގެއްލުނު ނަމަވެސް މޫނުގެ އޮމާންކަން ގެއްލިފައިވާ އުމުރުގެ އަންހެނެކެވެ. ޓީނޭޖްގައި ހަމަޔަގީނުން ވެސް އެއަށް ވުރެ ހިކިވެފައި އެ ހަށިގަނޑުގެ ލޫޅާފަތިކަން ބޮޑުވާނެއެވެ. ކަރުދަށުގައި ހުރި ސްޓެރެޗް މާކްތަކުން ހަނގަނޑު ދެމިފައިވާ މިންވަރު އެނގެ އެވެ. ހަށިގަނޑުގެ ދޮންކަމުން އެ ނިޝާންތައް ވަރަށް ރަނގަޅަށް ހާމަވާން ހުއްޓެވެ. ބަލާބެލުމުން ހިތްހެޔޮ މިޒާޖެއްގެ މީހެއް ވައްތަރު ޖަހައެވެ. އަހަރެންގެ ނަސީބު ކަމެއް ނޭނގެއެވެ. ކަންވީ ވެސް އެހެނެވެ. އޭނާ ވާހަކަ ދެއްކީ ވަރަށް ގާތް ގޮތަކަށެވެ.
***
ގެއިން ނުކުންނަން އުޅޭ ވާހަކަ ދައްތަ ކައިރީގައި ސީދާކޮށް ބުނަން އަހަންނަށް އުނދަގޫވިއެވެ. ފާތުންގެ އެހީތެރިކަމާ އެކު އެ ވާހަކަ ދައްތައާ ހަމައަށް ގެންދިއުމުގެ ނަތީޖާ ވެސް ރަނގަޅެވެ. ރުޅި އައިސްގެން ފަތިވަރު ގޮވި ނަމަވެސް އިތުރު ކަމެއް ދައްތަ ނުކުރެއެވެ. ނަމަވެސް އޭގެ ފަހުން ދައްތަ އަހަންނާ ހަތަރު ކަޅި ވެސް ހަމަ ނުކުރެއެވެ. އަހަރެން ދިއުމުން ކުޑަ ދުވަސްކޮޅަކަށް ނަމަވެސް ދައްތައަށް އުނދަގޫވާނެއެވެ. ހަމައެކަނި ގޭތެރޭގައި މަސައްކަތްކުރާނެ މީހަކު ނެތުމަކުން ނޫނެވެ. ދައްތަގެ ސިނގު ރުޅި ބާލާނެ އިތުރު މީހަކު އެގޭގައި ނެތުމުންނެވެ. އަހަރެން ފަދަ އެހެން އަންހެން ކުއްޖަކު އެ ނަރަކައަށް ގެނެވެންދެނެވެ. އަނެއްކާ ވެސް އެ ރަންނަމާރިއަށް ގުރުބާންކުރުމަށް ވެދުމަށް އެރުވެންދެންނެވެ.
އަހަރެންގެ ހިތަށް އެތައް ފަހަރަކު އެރިއެވެ. އަހަރެން ދިއުމުގެ ކުރިން އެ ނުބައި މީހާއަށް ރަނގަޅު ފިލާވަޅެއް ދޭން ބޭނުމެވެ. އޭނާގެ ޝިކާރަވެރި ވަކިތަކުގައި އަހަރެން ފަދަ އެހެން ނިކަމެތި އަންހެން ކުއްޖެއްގެ އިއްފަތްތެރިކަން ގެއްލެން އަހަރެން ބޭނުމެއް ނޫނެވެ. ނަމަވެސް އެއީ އަހަރެންގެ ހިތުގެ އަޑެވެ. އެހާ ހިތްވަރެއް އަހަރެންގެ ހަށިގަނޑުގައި އަދި ނަފްސުގައި ވެސް ނެތެވެ. އެ ހާދިސާއާ ގުޅިގެން އަހަރެންގެ މުޅި ޖިސްމު ވަނީ ބަލިކަށިވެފައެވެ. އަންނަ ރުޅިއަށް ވުރެ ގަންނަ ބިރު މާ ބޮޑެވެ. ހައްތަހާ ހީވަނީ ދެންމެ ދެންމެ އަހަރެންގެ ހަށިގަނޑުގައި އެ މީހާ ބީހޭހެންނެވެ. ބައެއް ފަހަރު އަބަދު މި ހުރެވެނީ ބަރަހަނާކޮށް ކަމަށް ހީވާ ފަހަރު ވެސް އާދެއެވެ. ސިހެއެވެ.
ދަރިންނަކީ ދައްތަ އަށް ދޮންފުތު ކުދިން ކަމުން އެއިން ކުއްޖަކާ ދިމާ އަށް ހަރުއަޑުން ޗުއްޕު ވެސް ދައްތަ ބުނާ އަޑެއް އަހަންނެއް ނާހަމަވެ. ހާއްސަކޮށް ފާތުން ލައްވާ އޭނާގެ ޖަންގިޔާ ވެސް ދައްތަ ނުދޮއްވާނެއެވެ. ގެއިން ނުކުންނަ ވާހަކަ ފާތުން ލައްވާ ބުނުވަން އަހަރެން ބޭނުންވީ ވެސް އެއީ އެންމެ ފަސޭހައިން އެކަން ކުރެވޭނެ ގޮތް ކަމަށް ވުމުންނެވެ. އަނެއްކޮޅުން އެ ގޭގައި ކިރިޔާ ވެސް އަހަންނާ ރަނގަޅަށް ވާހަކަ ދައްކައި އުޅޭ މީހަކީ ފާތުން ކަމަށް ވުމުންނެވެ. އަހަންނާ އެއް އުމުރެއްގެ އަންހެން ކުއްޖަކަށްވުމުން ކަމަށް ވެސް ވެދާނެއެވެ. އަހަރެމެން ރޭވި ގޮތަށް ބުރާސްފަތި ދުވަހުގެ ރޭ އަހަރެން އާތިފްމެން ގެއަށް ބަދަލުވީމެވެ. ޒުއްބަ އަހަންނަށް އެހީތެރިވިއެވެ. އާއިލާގެ ތަނަވަސް ކަމެއް ނެތުމާއި ދައްތަގެ ރަހުމެއް ނެތުމުން ގެއިން ނުކުމެގެން ދިޔަ އިރު އަހަރެން ގެންދާނެ މާ ގިނަ އެއްޗެއް ނެތެވެ. ހައެއްކަ ހެދުމާއި ކިޔަވަން ގެންގުޅުނު ފޮތްތައް ފިޔަވާ ދެން އަހަރެންގެ އަތުގައި ހުރީ އެކި އަހަރުތަކުގައި އުފަންދުވަހާ ދިމާކޮށް ޒުއްބަ އަހަންނަށް ދީފައި ހުރި ހަދިޔާތަކެވެ. މާ ގިނަ ނޫން ނަމަވެސް އަހަންނަށް އެއީ މިލިއަނެކެވެ.
****
"އެހާ ބޮޑު ނޫނަސް މި ގޭގައި ރީމާއަށް ދަތިވާނެ ކަމެއް އޮންނާނެހެން ހީނުވޭ. ނީޝްއާ އެކު އުޅެން މި ކޮޓަރި ހަމަ ހެޔޮވަރުވާނެ،" އަހަރެން ބެހެއްޓުމަށް ނިންމާފައިވާ ކޮޓަރި ދައްކަމުން އާތިފްގެ އަންހެނުން ނީލާ ބުންޏެވެ.
އެއީ އާދައިގެ ވަރެއްގެ ކޮޓަރިއެކެވެ. މާ ތަނަވަސް ނޫނަސް ކޮޓަރިތެރެ ތަރުތީބުކޮށްފައި ހުރި ގޮތުން ޖާގަ ވަރަށް ބޮޑު ކަމަށް ދައްކަ އެވެ. އަދި ތުއްތު އަންހެން ކުއްޖެއްގެ ކޮޓަރިއަށް ވުމުން އެފަދަ ކޮޓަރިއެއްގައި ހުންނަންޖެހޭނެ ހުރިހާ އެއްޗެއް އެ ތަނުގައި ހުއްޓެވެ. މުޅި ކޮޓަރި ވަނީ މަޑުފިޔައި ތޮށިކުލައިން ޒީނަތްތެރިކޮށްފައެވެ. ޕިންކް ކުލައިގެ "ޕްރިންސަސް" ކުޑަ އެނދެކެވެ. ޕިންކް ކުލައި ކަބަޑެކެވެ. ޕިންކް ކުލައިގެ ބާބީ ސްޓިކާތަކުން ޒީނަތްތެރިކޮށްފައި ވެއެވެ. އެއް ފަރާތެއްގައި ކުޑަކުޑަ މޭޒެއް ހުއްޓެވެ. އޭބީސީޑީގެ އަކުރުތައް ފާޅުވާ ގޮތަށް ހަދާފައި ހުރި އެ އެނދު ކައިރީގައި ފަތްޖަހާފައި ހުރި ކުޑަކުޑަ ގޮނޑިއެއް ހުއްޓެވެ. ފާރު ވެސް ޕިންކެވެ. ތަފާތު ފެއަރީ ކެރެކްޓާތަކުން ފާރު ފަޅުފިލުވައިދީފައި ވެއެވެ. ހާއްސަކޮށް ޕިންކް ބާބީ އެހެން ހުރިހާ އެއްޗަކަށް ވުރެ ވެސް ފާޅުކަން ބޮޑެވެ. އެނދުގައި އޭރު ވެސް ތުއްތު ތުއްތު ނީޝް ނިދާލާފައި އޮތެވެ. ޕިންކް ނިދާހެދުމެއްގަ އެވެ.
އެ ކޮޓަރީގައި ކިރިޔާ ވެސް ނުކިއްސަރު ގޮތެއް ހުރީ އަނެއް ފަރާތުގައި ހުރި ފާހާނާ ކައިރީގައި ބަހައްޓާފައި ހުރި ދެ ދޮރުފަތްލީ އަލަމާރި އާއި ފާރުގައި ލައްގާފައި ހުރި ގޮދަޑީގެ ސަބަބުންނެވެ. ހީވާ ގޮތުން އެއީ ނީޝްގެ ކުރީގެ އާޔާގެ ތަކެއްޗެވެ. ކުރިއަށް އޮތްތަނުގައި އަހަރެންގެ އެއްޗެކެވެ. އެއީ ދެ މީހުންނަށް ހަމަ އެންމެ އެކަށީގެންވާ ކޮޓަރިއެކެވެ.
ނީޝްގެ އުމުރުން ހަތަރު އަހަރެވެ. ދެމަފިރިންގެ ރީތިކަމާއި މަންމަގެ ދޮންކަން އޭނާއަށް ލިބިގެންވެއެވެ. ހަލަނި ނަމަވެސް މީހުންނާ ރައްޓެއްސެވެ. އަހަރެން ފުރަތަމަ ގެއަށް ދިޔަ ދުވަހު ވެސް އެކަން ފާހަގަވިއެވެ.
"އަހަންނަކީ ހޮސްޕިޓަލުގައި އުޅޭ މީހަކަށް ވުމުން ހެނދުނު ޑިއުޓީ މިހާރު މި ހަދަނީ. އެކަމަކު ރީމާ އައިމަ ދެން ދަންވަރު ޑިއުޓީ ވެސް ހެދޭނެ،" އަލަށް ވަޒީފާއަށް ގެންނަ މީހަކަށް މަސައްކަތް ތަފްސީލުކޮށްދޭ ފަދަ ގޮތަކަށް ފަހަރަކު ކަމެއް ނީލާ އަހަންނަށް އޮޅުން ފިލުވައިދިނެވެ.
ނީލާ ބޭނުންވީ ވެސް އަހަރެން ކަހަލަ ކުއްޖެއްހެން ހީވާ ކަހަލައެވެ. ހަވީރު ގަޑީގައި އަހަރެން ސްކޫލަށް ދިއުމަށް އެއްވެސް އުނދަގުލެއް ކުރިމަތިނުވާނެކަން އޭނާގެ ވާހަކައިން ދޭހަވިއެވެ. ކުރީގެ ދައްތައާ ހިލާފަށް ނީލާ "ދައްތަ" އަހަންނާ ވާހަކަ ދެއްކީ އޯގާތެރިކޮށެވެ. ނީލާ ވާހަކަ ދައްކަމުން ދިޔަ އިރު އަހަރެންގެ ސާމާނުތައް އާތިފް ގެނެސް ކޮޓަރިއަށް ވެއްދިއެވެ. އަދި ނުދަންނަ މީހަކު ފަދައިން އަވަސް އަވަހަށް ނުކުމެގެން ދިޔައެވެ. އަންހެނުން ހުންނަ އިރު އާތިފްގެ ބަސް މަދުވެފައި އަހަރެން ނުދަންނަ ކަމަށް ހެދެން އާތިފްކުރާ މަސައްކަތް ފުރަތަމަ ދުވަހު ވެސް އަހަންނަށް ފާހަގަވިއެވެ.
"އުނދަގޫވާ ކަމެއް އުޅުނަސް އަދި އެއްޗެއް ބޭނުން ވިޔަސް ލަދުން ނުހުރެ ބުނައްޗޭ. މިއަދު ދެން ކުޑަކޮށް ރެސްޓްކޮށްލާ. ނީޝް ހޭލީމާ އަހަރެންނަށް ގޮވާލާތި. ފަހެއް ޖަހާކަންހާ އިރު އޭނާ އާންމުކޮށް ތެދުވާނެ. ރީމާ ދެން މިއަދު މާ ބޮޑަށް އޭނާގެ ކަންތައްތަކާ އުޅޭނެ ކަމެއް ނެތް. އެއްޗެހިތައް ހަމަޔަކަށް އަޅުވާލާ،" ވަރަށް އޯގާތެރިކަމާ އެކު ނީލާ ވާހަކަ ދެއްކިއެވެ.
***
- ނުނިމޭ -