ހޯމަ 16 ޑިސެންބަރު 2019
07 މުލަ
1441 ރަބީޢުލްއާޚިރު 19
ފަތިސް 04:46
އިރުއަރާ 06:03
މެންދުރު 12:05
އަސްރު 15:26
މަޣްރިބް 18:00
އިޝާ 19:17

ވާހަކަ - ތޭރިތަކުން

އަލީ ޔޫސުފް
AliYooosuf

21 ފެބުރުއަރީ 2019 | ބުރާސްފަތި 12:09 3,195

ނޯޓް: (މިއީ މީގެ އަހަރުތަކެއް ކުރިން މާލޭގައި ހިނގި ހާދިސާތަކެއްގެ މަައްޗަށް ބިނާކޮށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. މި ވާހަކައިގައި ބޭނުންކޮށްފައިވާ ނަންތަކާއި ތަންތަނާއި ވަގުތުތަކަކީ ވެސް ހިޔާލެކެވެ.)

 

އެހެން ދުވަސްތަކަކޭ އެއްގޮތަށް މިއަދު ވެސް އާތިފް ހުއްޓެވެ. އަހަރެމެންގެ އިންތިޒާރުގައެވެ.

"ދެ ކުދިން މިއަދު ހާދަ ލަސްވީ. ގަޑި ޖެހެނީނުން،" އަހަރެމެން އަރާ ހަމަވުމާ އެކު އާތިފް ބުންޏެވެ.

އާ! މި ރީމާގެ ކަންތައް. މަ ދިޔަ އިރު ވެސް ހުރީ ތައްޔާރުނުވެ،" ތުން ތެޅުވުމުގެ ބަދަލުގައި މިއަދު ޖަވާބު ދިނެވެ.

ޒުއްބަ ވާހަކަ ދެއްކި ނަމަވެސް އަހަރެން ހުރީ އިސް ޖަހައިގެންނެވެ. ހަމަ ހިމޭނުންނެވެ. ބޭރުކުރަން ބޭނުން އެތައް ވާހަކަތަކެއް ހިތުގައި ފުނިޖެހިފައި ހުއްޓެވެ. ބާރުބާރަށް އަޑުން އަޑު ނަގައި ރޮއިގަނެ އެ ވާހަކަތައް އެ ދެ މީހުންނާ ހިއްސާކުރުމަށް ހިތް އެދުނެވެ. ހިތަށް ހަމަޖެހުމެއް ލިބޭނީ ވެސް ކޮންމެ ވެސް މީހަކަށް އެ ވާހަކަތައް ކިޔައިދީގެންނެވެ. ނަމަވެސް އެ ހިތްވަރެއް އަހަންނަކަށް ނުލިބުނެވެ."ބަލީތަ؟" އާތިފް ސުވާލު ކުރި އެވެ.

"އާ! ކުޑަކޮށް ބަލިވެ އުޅެނީ. ދެން ނާހާތި އަނެއްކާ ޑޮކްޓަރަށް ދައްކައިފިންހޭ،" އަހަރެން އެއްޗެއް ބުނުމުގެ ކުރިން މި ފަހަރު ޒުއްބަ ޖަވާބުދިނެވެ. އިތުރަށް މަޑުކުރުމެއް ނެތި އަހަރެމެން ހިނގައިގަތީމެވެ.

" މަޑުކޮށްބަލަ! ދެން ކޮން އިރަކުން ދިމާވާނީ!" އާތިފް އަހަރެމެންގެ ފިޔަވަޅު ހުއްޓުވިއެވެ. "ނޭނގެ! ރީމާއަށް ވަގުތެއް ވާނީ އުނދަގުލުން. ދެން ވަގުތެއް ވީމާ ބުނާނަން،" އެ ސުވާލަށް ވެސް ޖަވާބު ދިނީ ޒުއްބައެވެ. އަހަރެން ހަމަ އެކައްޗެއް ވެސް ނުބުނަމެވެ. ނަމަވެސް ހިތުން ވަރަށް ގިނަ ވާހަކަ ދެއްކީމެވެ.

ސްކޫލު ނިންމާފައި ގެއަށް ދާން އަހަރެން ބޭނުމެއް ނުވެއެވެ. ނަމަވެސް އެ ނޫން ގޮތެއް ވެސް ނެތެވެ. ކިރިޔާ ވެސް ގޮތެއް އޮތް ނަމަ އެ ގޭ އޮޅިގަނޑު ވެސް ދެން ގިރާކުރަން އަހަރެން ބޭނުމެއް ނޫނެވެ. ރޭގަނޑު އަނދިރިވުމުން ކަންތައް ވާނެ ގޮތް އަހަންނަށް ވިސްނޭތީއެވެ. އެ ނުލަފާ މީހާގެ ހަޑިމުޑުދާރު އަމަލުގެ ޝިކާރައަކަށް ވާން އަހަރެން ބޭނުމެއް ނޫނެވެ. ނަމަވެސް އެ ނޫން ގޮތެއް ވެސް ނެތެވެ. ޒުއްބަ ނޫނީ ހިތްވަރުގެ ބަހެއް ބުނާނެ މީހަކު ވެސް އަހަރެންގެ ނެތެވެ. ނަމަވެސް ގެއިން ނެރެލައިފި ނަމަ ޒުއްބައަށް ވެސް ބޯހިޔާވަހިކަމެއް ނުދެވޭނެކަން އަހަންނަށް ވެސް އެނގެއެވެ.

މަޖުބޫރު ހާލަތުގައި އަހަރެން ގެއަށް ދިއައީމެވެ. އެހެން ދުވަސްތަކަކޭ ވެސް އެފަދައިން ދައްތަގެ ނަފްރަތުގެ ބަސްތައް އަހަންނަށް އިއްވިއެވެ. ރޭގަނޑު ކުރިމަތިވި ހާދިސާ އިން ލިބުނު ހިތާމަ އާއި ވޭނުގެ ސަބަބުން ދައްތަގެ އެ ބަސްތަކުން އަހަންނަށް މާ ބޮޑު އަސަރެއް ނުކުރި އެވެ. އެ ވާހަކަތަކަށް ވުރެ އަހަރެންގެ ހިތް ވަނީ މާ ބޮޑު ބަރުހެލި ކަމެއްގެ ތެރޭގައެވެ. މާ ބޮޑަށް ޒަހަމްވެފައެވެ. މާ ބޮޑަށް ބިރުގެންފައެވެ.

*********

ގޭތެރޭގައި ކުރަން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ފަހު މުޅި ދުވަސް އަހަރެން ހޭދަކުރީ ކޮޓަރީގައެވެ. އެ މީހާއަށް ނުފެންނަ ހިސާބުގައެވެ. އޭނާއާ ހަތަރު ކަޅި ހަމަކުރަން ވެސް އަހަރެން ބޭނުމެއް ނޫނެވެ. ފެނިދާނެތީ ވެސް އަހަރެން ބިރުގަނެވެއެވެ.

ދަންވެއްޖެ އެވެ. ކޮޓަރި ދޮރު ތަޅުލީމެވެ. ނަމަވެސް އެ މީހާ ހުޅުވާން ބޭނުން ނަމަ ހުޅުވޭނެކަން އަހަންނަށް އެނގެއެވެ. ގޭގެ ތަޅުދަނޑިތައް ބަދިގެ ފްރިޖް ކައިރީގައި ހުންނާނެއެވެ. މިހާ ދުވަސްވީ އިރު ވެސް ކޮޓަރީގެ ވަކި ތަޅުދަނޑިއެއް ދައްތަ އަހަރެން އަތަކަށް ނުދެއެވެ. ވަކި ކޮޓަރިއެއްގައި އުޅުނަސް އަހަންނަކީ ގޭގައި ގެންގުޅޭ ކުއްޖެކެވެ. ކޮޓަރީ ބާރެއް އަހަންނަކަށް ނެތެވެ. އެހެންވެ އެއްޗެހި ބަދަލުކުރުން ފަދަ ކަންކަން ވެސް އަހަރެން ކުރަނީ ފާހަނާގައި ތަންޑު އަޅުވައިގެންނެވެ.

އަހަރެން ކުޑަ ވަގުތުކޮޅަކަށް ވެސް ނުނިދަމެވެ. ދޮރަށް ނޫން އެހެން ތަނަކަށް ނުވެސް ބަލަމެވެ. އެއްޗެހި ވެސް ބަދަލެއް ނުކުރަމެވެ. ލައިގެން އޮތީ ވެސް ހަށިގަނޑު އެންމެ ބޮޑަށް ނިވާކުރެވޭނެ އަދި އުނދަގުލުން ބޭލޭނެހެން ހީވާ އެއްޗެއް ލައިގެންނެވެ. ހަރުވާޅުގެ ވާގަނޑުގައި ފަސް ހަތަރު ގޮށް ޖަހައި ފަސޭހައިން ނުމޮހެވޭނެހެން ބަނދެލީމެވެ.

މީހަކު މަޑުމަޑުން ތަޅުގައި ހިފިހެން ހީވިއެވެ. އަދި މަޑުމަޑުން ޓަކި ޖަހާލިއެވެ. އަހަރެން ޖަވާބެއް ނުދެމެވެ. ދެ ފަހަރަކު ޓަކި ޖަހާލުމަށް ފަހު އެ އަޑު ކެނޑުނެވެ. މާ ގިނައިރެއް ނުވެއެވެ. ތަޅުދަނޑި ފަތީގެ އަޑު އިވުނެވެ. އަހަރެންގެ ހިތުގެ ވިންދު އަވަސްވިއެވެ. އަވަސް އަވަހަށް ނޭވާ ލެވެން ފެށިއެވެ. ނިތްކުރި ދާހިތްލާ، މުޅި މީހާ ތުރުތުރު އަޅަން ފެށިއެވެ. ކައިރީގައި އޮތް ބާލީސް ނަގައި ހިފުނު އެންމެ ބާރަކަށް ހިފައި ބައްދާލީމެވެ. ހަށިގަނޑު ފޮރުވޭ އެންމެ ބޮޑަކަށް ފޮރުވީމެވެ. އެނދުގައި އަޅާގައި އޮތް ފޮތިގަނޑު ނަގައި ގައިގައި ވަށާލީމެވެ.

ކުއްލިއަކަށް ދޮރު ހުޅުވުނެވެ. ނަމަވެސް އަހަނަށް އެ މަންޒަރު ވެސް ފެނުނީ ސްލޯ މޯޝަނުގައެވެ. ދޮރު ހުޅުވެން ދިޔަ އިރު ބޭރުގެ އަލި ވެސް މަޑުމަޑުން ކޮޓަރި ތެރެއަށް އެޅުނުތައް އަހަންނަށް ފެނުނެވެ. ދޮރު އެތެރެ އަށް އަލިގުޅައާ އެކު ވަނީ ބޭބެކަން އަހަންނަށް ކަށަވަރުވިއެވެ. އަހަރެންގެ ދެލޯ ހުރީ ބޮޑުވެފައެވެ. އެތެރެއަށް ލީ ނޭވާ ވެސް އިރުކޮޅަކަށް ހިފަހައްޓާލައިގެންނެވެ.

"ހޭލާތަ؟ ނިދާފަ އޮތީމަ ބަލިވެ އުޅޭތީ އުނދަގޫ ނުކުރަން ވެގެން މަ ނުގޮވައި ތަޅުދަނޑިން މި ހުޅުވީ. ކީއްވެ ތަޅުލައިގެން ތި އުޅެނީ،" ދޮރުން ވަނީ ނުލަފާ މީހާގަނޑެއް ނޫނެވެ. ފާތުންނެވެ. އަހަރެން އިން ގޮތުން ފާތުން ސުވާލުކުރިއެވެ. ދުވަހަކު ވެސް ތަޅުނުލާތީ އޭނާ ކަންބޮޑުވީއެވެ.

ފާތުންމެންގެ ކޮޓަރި އަށް ވުރެ އަހަރެން ނިދާ ކޮޓަރި އެތައް ތަނެއް ކުޑަ ނަމަވެސް ފާހަނާ ހުންނަނީ އަހަރެންގެ ކޮޓަރީގައެވެ. ދައްތަ ކޮޓަރިއަށް ނުވަދެ އެ މީހުން ވެސް ބޭނުންކުރަނީ މި ފާހަނާ އެވެ. މިއީ އެންމެންގެ ކޮޓަރިއެވެ. ކޮޓަރި ފަދައިން އެންމެ ފަހުން އަހަރެންގެ ހަށިގަނޑު ވެސް އެންމެންގެ އެއްޗަކަށްވެ ނިމެނީއެވެ. ދައްތަ ބޭނުންވީމާ ކިޔާނެ އެއްޗެއް ކިޔަނީއެވެ. އެންމެ ފަހުން އަނިޔާ ވެސް ކުރަން ފެށީއެވެ. ނުލަފާ ބޭބެގަނޑު ކަރު ހިއްކައިގަތުމުން އަހަރެންގެ ވަނާތަކުން ކަރުހިއްކުން ފިލުވަނީއެވެ. އަހަރެންނެކޭ ބަދިގެ ތުން ފުއްސެކޭ އެއް ގޮތެވެ. ބޭނުން މީހަކު އައިސް ތުން ފުހެލަންވީއެވެ.

"ނޭނގެ. ތަޅުލެވިފަ އެ ހުރީ" އަހަރެން އިތުރު އެއްޗެއް ބުނުމުގެ ކުރިން ފާތުން ގޮސް ފާހަނާ އަށް ވަދެއްޖެއެވެ.

ފާތުން ނުކުން އިރު ވެސް އަހަރެން އިނނީ އެނދުމަތީގަ ކައްޓަކަށް ޖެހިފައެވެ. އަހަންނަށް ވެގެންވާ ނަމަ މިރޭ ހަތަރު ދަމު އިންނާނީ އެ ގޮތަށެވެ. ފާތުން ނުކުމެގެން ދިއުމުން ތަޅުލަން އަހަރެން ވިސްނީމެވެ. ނަމަވެސް ދެން ތަޅުލައިފި ނަމަ އެއީ ގަސްތުގައި ކުރި ކަމެއްކަން ފާތުންނަށް އެނގޭނެއެވެ. އަދި އަހަރެން ދޮގުހަދަނީ ކަމަށް ހީކޮށް މައްސަލަ ގޯސްވެދާނެއެވެ. ސުވާލުތައް އިތުވާނެއެވެ. ދައްތައާ ހަމައަށް އެ ވާހަކަ ގޮސްފި ނަމަ ބޮޑު ތަހުގީގަކަށް އެކަން ވާނެއެވެ. އެންމެ ފަހުން އަހަރެން މިގެއިން ނެރެލާނެއެވެ. ދާނީ ވެސް ފަހެ ކޮންތާކަށް ހެއްޔެވެ؟ އާއިލާއާ އަހަންނާ ގުޅުމެއް ނެތެވެ. އެ މީހުންނަށް ވެސް އަހަރެން ވަނީ ގިނަ ވެފައެވެ. ކިޔެވުމަށޭ ކިޔައި ބަހަނާ ހަދައިގެން ގެއެއްގައި ގުދާރު ބިންދައިގެން މަސައްކަތްކުރާ ނޯކަރަކަށް އަހަރެން ހެދީ ވެސް އެ މީހުން އަހަރެން ބޭނުން ނެތީމައެވެ. ރަށަށް ގޮސް އުޅެންޖެހޭނީ މިއަށް ވުރެ ވެސް ހާލުގައި ކަން އަހަންނަށް ޔަގީނެވެ.

ތެދުވަން އެތައް ފަހަރު ހިތަށް އެރި ނަމަވެސް އަހަރެން އެ ގޮތުގައި އިނނީއެވެ. ފަތިސް ވަންދެންނެވެ. ބޭބެއެއް ނައެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ފަތިސްވެގެން ދިޔައިރު އަހަރެން އިނނީ ހުން އައިސް ރަތްވެފައެވެ. މިއަދު ވެސް އަހަރެން ހުން ހުއްޓެވެ. ނަމަވެސް މިރޭ އިތުރަށް ބޮޑުވީއެވެ. ފަތިހުގެ ބަންގިއާ އެކު ރުއްބުޑެއް ވެއްޓޭހެން އަހަރެން އެނދުމައްޗަށް ވެއްޓުނެވެ. އެ ވޭނަށް ކެތްކުރާނެ ހިތްވަރެއް އަހަރެންގެ ހަށިގަނޑުގައި ނެތީއެވެ. ދެން ވީ ގޮތެއް ނޭނގެއެވެ.

ހަށިގަނޑުގައި އަޅާ ވޭން އިތުރަށް ބޮޑުވާހެން ހީވިއެވެ. މަޑުމަޑުން އެސްފިޔަތައް ދުރަށް ޖައްސާލެވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. ހޭދެބައިގައި ހުޅުވެމުން ދިޔަ އެސްފިޔަތަކުގެ ތެރެއިން ކަޅު ހިޔަންޏެއް އަހަންނަށް ފެނެއެވެ. ހޫނު ނޭވާއެއްގެ އިހްސާސް އަހަންނަށް ދިޔައީ ކުރެވެމުންނެވެ. ވާނުވާ އެނގޭ ވަރަށް ވުރެ އަހަތެންގެ ހާލު ބޮޑެވެ. ނިދީގައި ބިރުވެރި ހުވަފެނެއް ފެނިގެން ތެދުވެ އަތެއް ފައެއް ގުޑުވާނުލެވި އޮންނަ އިންސާނެކޭ އަހަންނެކޭ ތަފާތެއް ނެތެވެ. އަތް ހިއްލާލައި ވަށައިގެން ވަނީ ކިހިނެއްތޯ ބަލަން އަހަރެން ކިތަންމެ ބޭނުންވިޔަސް ހަށިގަނޑުގައި ވަރެއް ނެތެވެ. ހިތްވަރުކޮށްފައި ލޯ ހުޅުވައިލީމެވެ. މޭގަނޑު އައީ އަތަށެވެ. ކައިރީގައި އިނނީ އެއްކަލަ މީހާގަނޑެވެ. އަހަރެން ތަންކޮޅެއް ބޮޑަށް ލޯހުޅުވާލީމެވެ. މަޑު އަލީގައި ވެސް އަހަންނަށް އޭނާ ފާހަގަކުރަން އެނގުނެވެ. ހަރަކާތެއް ކުރާނެ ހިތްވަރު ހަށިގަނޑު ނެތަސް ލޯ ހުޅުވާލެވުނެވެ. އެ މީހާ ފެނުމުން ލެވުނުހާ ބާރެއް ލާފައި އަހަރެން ހަޅޭލަވައިގަތީމެވެ. ނަމަވެސް އަހަރެންގެ އަޑެއް ބޭރެއް ނުވިއެވެ. އަޑު ވަނީ ކަރުތެރޭގައި ތާށިވެފައެވެ.

މާތްކަލާކޯއެވެ. އޭނާގެ ހަށިގަނޑުގައި އެއްވެއް އެއްޗެއް ނެތެވެ. އަހަރެން ކައިރީގައި އެމީހާގަނޑު އިނނީ ހެއްދެވި ގޮތަށެވެ. ސަލާމަތްތެރިކަން ހޯދުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރެވޭތޯ އަހަރެން ބެލީމެވެ. ކޮޓަރި ތެރެއަށް ވަށައިގެން ނަޒަރު ހިންގާލީމެވެ. އެމީހާގަނޑުގެ ގަމީސް އެނދުގެ އަރިމަތީގައި ގުޅައަކަށް އޮތެވެ. އަހަރެން އަނެއް ފަޅި ބަލާލީމެވެ. ހަރަކާތެއް ކުރެވޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް ހަށިގަނޑު ހަމަހިލާ ގުޑައެއް ނުލިއެވެ.

މާތްކަލާކޯއެވެ! ކަރީގައި ގުޅައަކަށް ޖަހާފައި އޮތީ ފަސް ހަތަރު ގޮށް ޖަހައި އަހަރެން އައްސާފައި އޮތް ހަރުވާޅުގަނޑާއި ޓީޝާޓެވެ. ގިނަ ދުވަސްވެ ބާވެފައި ލޯވަޅު އެޅިފައި އޮތް އަހަރެންގެ ކަޅު ޖަންގިޔާ ވެސް އެ ތަނުގައި އޮތެވެ.

މާތްކަލާކޯއެވެ! އަހަރެންގެ ލޯހުޅުވުނުކަން އެމީހާގަނޑަށް އެނގުމާ އެކު ބަނޑުހައިވެފައިވާ ސިންގާއެއް ޖެހިގަންނަހެން އަހަރެންގެ ހަށިގަނޑުގެ މައްޗަށް އޭނާ ޖެހިގަތެވެ.

"މިވާހަކަ މީހެއް ކައިރީގައި ބުނެފި ނަމަ ފެންނާނީ ކަލޭގެ ފުރާނަ ނެތް މަސްގަނޑު. އެހެން ނޫނަސް ކަލޭ ދައްކާ ވާހަކަ ގަބޫލުކުރާނެ މީހަކު މިގޭގައި ނޫޅޭނެ،" ކަންފަތްދޮށަށް ޖެހިލުމަށް ފަހު އެ މީހާގަނޑު އިންޒާރު ދިނެވެ.

ވީއެންމެ ބާރަކަށް ހަޅޭލަވައިގަންނަން އަހަރެން ބޭނުންވިއެވެ. ނަމަވެސް އަޑެއް ބޭރެއް ނުވިއެވެ. ބަދަލުގައި ކަރުނައިގެ ތިކިތައް އަހަރެންގެ ލޮލުން ފޭދިގެން ދެ ފަރާތަށް އޮހިގަތެވެ. ހަށިގަނޑުގައި ހުރި ބާރެއް ލާފައި އަތް ހިއްލޭތޯ އަހަރެން މަސައްކަތްކުރީމެވެ. މަޑުމަޑުން އަތް ނަގައި އަހަރެންގެ މޭމަތީގައި އަޅައި، ރޮލާ އޮތް އަހަރެންގެ ވަނާތައް ފޮރުވޭތޯ މަސައްކަތްކުރީމެވެ. ހަށިގަނޑު ކޮންމެ ގުނަވަނެއްގައި ވޭން އަޅައެވެ. އޭނާގެ ވަކިތަކުން އަހަރެންގެ މުޅި ހަށިގަނޑު ވަނީ ލޭކޮށާލާފައެވެ. އޭނާގެ ހަވާނަފަސުގެ ކަރުހިއްކުން ފިލުވުމަށް ފަހު ތެދުވެ އެއްޗެހި ލައިގެން ދިޔައިރު ވެސް އަހަންނަށް އަރިއަކަށް ވެސް ޖެހިނުލެވުނެވެ.

"އޭ މިހިރަ ނުބައި އިންސާނާއެވެ. އަހަރެންގެ އޮތީ ކޮން ކުށެއް ހެއްޔެވެ؟ އަހަރެންގެ މުޅި ހަޔާތް ބަރުބާދު ތިކޮށްލީ ކީއްވެ ހެއްޔެވެ؟ މުޅި ދުނިޔެ އަށް އަހަރެން ގިނަ ކޮށްލީ ކީއްވެ ހެއްޔެވެ؟

ހިތާ ހިތުން އަހަރެން އެ މީހާއާ ދިމާ އަށް ފަތިވަރު ގޮވައިލީމެވެ. ނަމަވެސް އެ އަޑުތައް ބޭރުކުރުމުގެ ހިތްވަރެއް އަހަރެންގެ ނެތެވެ. އެއަށް ވުރެ އަހަރެންގެ ހަށިގަނޑުގެ ވަރުބަލިކަން ބޮޑެވެ. އައިސްފައި ހުރި ގަދަ ހުމުގެ ސަބަބުން ނުވަތަ އެ އަނިޔާވެރިޔާގެ ނުބައި އަމަލުތަކުން ކަމެއް ނޭނގެއެވެ. އޭނާ ކޮށްފައި ދިޔައީ ކީއްކަން އަހަންނަށް މަޑުމަޑުން އިހްސާސްވާން ފެށިއެވެ. ގިސްލަގިސްލާފައި އަހަރެން ރޯން ފެށީމެވެ.

"މާތްކަލާކޯއެވެ. މިއަޅާގެ އޮތީ ކޮން ކުށެއް ހެއްޔެވެ؟ މިހާ ބޮޑު އަނިޔާއެއް މިއަޅާ އަށް ހައްގު ހެއްޔެވެ؟ އެންމެ ވަގުތެއް ވެސް ވައްޓާނުލައި ކުރާ ނަމާދުތަކުގެ ބަދަލަކީ މިއީ ހެއްޔެވެ؟ އަހަރެން ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ދުނިޔެއަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ"

އެގޮތުގައި އިރުކޮޅަކު އޮތުމަށް ފަހު ނިވާކަން ނެތް އަހަރެންގެ ހަށިގަނޑު ފޮރުވޭތޯ މަސައްކަތްކުރީމެވެ. ކޮންމެވެސް ވަރަކަށް ހަރަކާތް ކުރެވޭ ވަރުވުމުން މޭމަތީގައި އޮތް  އަތް މަޑުމަޑުން ތިރިކުރެވޭތޯ މަސައްކަތްކުރީމެވެ. ފޫޅާ ހަމައިން އޮލަ އެއްޗެހިތަކެއްގައި އަތް ޖެހުނެވެ. އޭގެ ފިނިކަން އިހްސާސްވީ ދެނެވެ. އަހަރެން ކުޑަކޮށް ބޯ ހިއްލާލީމެވެ.

"މާތްކަލާކޯއެވެ. މިއީ ކޮންފަދަ ދުނިޔެއެއް ހެއްޔެވެ؟" އެ މުޑުދާރު މީހާގަނޑުގެ ވަހުސީ އަމަލުގެ ނިޝާންތައް އަހަރެންގެ ބަނޑުމަތީގައި ލޮނދިދެމެމުން ދިޔައެވެ. އަހަރެން އޯކަށް ދެމެން ފެށިއެވެ. ހިތްވަރުކޮށްފައި ތެދުވީމެވެ. އަރިއަޅަމުން ކަހަލަ ގޮތަކަށް ތަންތަނުގައި ހިފަހައްޓަމުން ގޮސް ފާހަނާއަށް ވަނީމެވެ. ނަމަވެސް އެ ކުޑަކުޑަ ހިނދުކޮޅު ވެސް އަހަންނަށް ހީވީ ގަރުނެއް ހެންނެވެ. ފާހަނާއަށް ވަދެވުމާ އެކު އަހަރެން ދޮރުޖަހައި ތަށިމައްޗަށް ވެއްޓިގަތީމެވެ. ކުޑަ ހިނދުކޮޅަކަށް ވެސް އަހަރެންގެ ލޮލުން ކަރުނަ ނުކެނޑެއެވެ. އެ ގޮތުގައި އެތައް އިރަކު ތަށިމަތީގައި އަހަރެން އިނނީމެވެ. ހަދާނެ ގޮތެއް ނޭނގިފައެވެ.

އިރުގަނޑަކު އެގޮތުގައި އިނނުމަށް ފަހު އަހަރެން ތެދުގެ މާގަނޑު ދޫކޮށްލީމެވެ. އެއިން ފޭބި ކޮންމެ ފެންތިއްކެއް ތޫނު ތީރެއް ފަދައެވެ. އެ ނުބައި ނުލަފާ މީހާގެ ނިޝާންތައް އަހަރެންގެ ހަށިގަނޑުގެ އެތައް މިތާ ހުއްޓެވެ. ހޭވެރިކަން ނެތް ހާލު ވެސް އޭނާގެ އެ ނުބައި އަމަލުތަކަށް އަހަރެންގެ ބާރެއް ނެތް ހަށިގަނޑު ވެސް އިޖާބަ ނުދޭ ކަމުގެ ނިޝާންތަކެވެ. އެ އަނިޔާވެރި އަމަލު ހިތަށް އެރުމާ އެކު އަހަންނަށް ތެޅިގަނެވުނެވެ. ވަށައިގެން ހޯދާ ބަލާލީމެވެ. ލޮލުގައި އަޅައިގަތީ ފާހާނާ ތަށި ދޮންނަ ބުރުހެވެ. އަވަސް އަވަހަށް އެ ނަގައި އަހަރެން ހަށިގަނޑުގެ އެތައް މިތަނުގައި އުނގުޅައިގަތީމެވެ. އެ ނުބައި މީހާ ދޫކޮށްފައި ދިޔަ ނިޝާންތަކަށް ވުރެ އެ ބުރުސް ވެސް އަހަންނަ މާ ސާފުތާހިރެވެ. އަހަންނަށް ވެގެންވާ ނަމަ މުޅި ހަށިގަނޑުގެ ހަންތައް ނޮޅާ އެ ތަށި ތެރެއަށް ފްލަޝްކޮށްލީހެވެ. އަޅަމުންދިޔަ ވޭނަށް ބެލުމެއް ނެތި އެ ބުރުސްގަނޑު އަހަރެންގެ ހަށިގަނޑުގެ އެތައް މިތަނުގައި ހާކައިގަތީމެވެ. މޮޔައެއް ފަދައިންނެވެ. އެ ނުބައި މީހާގަނޑުގެ ވަސް ވެސް ހަށިގަނޑުގައި ހުންނަން އަހަރެން ބޭނުމެއް ނޫނެވެ.  

އަހަންނަށް ހަމަޖެހުމެއް ލިބުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. ބޭހްތިޔާރުގައި އަހަންނަށް ރޮއިގަނެވުނެވެ. ހޭވެރިކަން ނެތި އެއް ދުވަސް ވެގެން ދިޔައިރު އަހަރެންގެ ހާލު ވެސް ބަލާލާނެ މީހަކު މިތާކު ނެތެވެ. އޭގެ ބަދަލުގައި ނުބައި ނުލަފާ ޖަނަވާރެއް އަހަރެންގެ ހަށިގަނޑު ނޮޅައި ކެއީއެވެ. މީހަކަށް ހިލަމެއް ވެސް ނުވެއެވެ. މި ދުނިޔޭގައި އަހަރެން ހުރިތޯ ވެސް މީހަކު ބަލައެއް ނުލައެވެ. އަހަންނާ މެދު ވިސްނާނެ އެއްވެސް މީހަކު މިތާކު ނެތެވެ.

ހިތްވަރުކޮށްލައިގެން ހިނައިގަނެ ނުކުމެ ފަތިސް ނަމާދު ކުރީމެވެ. މުޅި ނަމާދުގައި ވެސް އަހަރެން ދުއާކުރީ އެ ނުބައި ޖަހަންނަމައިން އަހަރެން ސަލާމަތްކޮށްދޭތޯއެވެ.

"ޔާ ﷲ! މި އަނިޔާވެރިކަމުން ސަލާމަތްވާނެ މަގު އަހަންނަށް ދައްކަވާންދޭވެ! އެ ނުބައި ނުލަފާ މީހާގެ ކިބައިން ސަލާމަތްކުރައްވާފާންދޭވެ! މި އަޅާނެ ނަސީބުގައި ވަނީ އަނިޔާވެރިޔާގެ އަނިޔާތައް ކޮންމެ ރެއަކު ތަހައްމަލުކުރުން ހެއްޔެވެ؟ އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މި އަނިޔާ އިން މިއަޅާ ސަލާމަތްކުރައްވާފާންދޭވެ!" އެ ގޮތުގައި އެތައް އިރަކު އަހަރެން ދުއާކުރުމުގައި އިނނީމެވެ.

***

- ނުނިމޭ -

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް