ވާހަކަ
ސިލްސިލާ ވާހަކަ
17 ފެބްރުއަރީ 2019 | އާދީއްތަ 14:58
4 ވަނަ ބައި

ނޯޓް: (މިއީ މީގެ އަހަރުތަކެއް ކުރިން މާލޭގައި ހިނގި ހާދިސާތަކެއްގެ މަައްޗަށް ބިނާކޮށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. މި ވާހަކައިގައި ބޭނުންކޮށްފައިވާ ނަންތަކާއި ތަންތަނާއި ވަގުތުތަކަކީ ވެސް ހިޔާލެކެވެ.)

 

އެހެން އޮވެވުނީ ކިހާ އިރަކު ކަމެއް ވެސް ނޭނގުނެވެ. އަހަންނަށް ހޭވެރިކަންވީ ކުއްލިއަކަށް މީހަކު ދޮރު ހުޅުވައިލި އަޑަށެވެ.. " ކޮއްކޯ ރޮނީތަ؟" ބޭބެ އައިސް އަހަރެން އޮތް އެނދުގައި އިށީންނަމުން ބުންޏެވެ. " ބިރުވެރި ހުވަފެނެއް ފެނުނީތަ" ބޭބެ ބޮލުގައި ފިރުމާލި އެވެ. މީގެ ކުރިން ވެސް އަހަރެންގެ ހާލު ކިރިޔާ ވެސް އަހާލާ މީހަކަށް އުޅެނީ ބޭބެއެވެ. މަދު ފަހަރަކު ނަމަވެސް ހިތް ހެޔޮކަމާ އެކު ދެ ބަހެއް ނަމަވެސް ބުނެލާތީ ހިތްހަމަ ޖެހުމެއް ލިބެއެވެ. ނަމަވެސް މީގެ ކުރިން ދުވަހަކު ވެސް ބޭބެ އަހަރެން ގަޔަކު އަތެއް ނުލައެވެ. އަހަރެން އަވަސް އަވަހަށް ހެދުން ތިރިކޮށްލައި، ފެންނަ އޮތް ބަނޑު ފޮރުވީމެވެ. ނަމަވެސް ތެދުވުމުގެ އެއްވެސް ހިތްވަރެއް އަހަރެންގެ ނެތެވެ.

" ކޮއްކޯ ކިހިނެއްވީ؟" ބޭބެ އަނެއްކާ ވެސް އަހަރެންގެ ހަށިގަނޑުގައި ފިރުމާލިއެވެ. އެ ފިރުމުމުގައި އޯގާތެރިކަންވެއެވެ.

އަހަރެން އޮތީ ބަންޑުން ކަހަލަ ގޮތަކަށެވެ. ބޮލަށް ބަރުވެފައި ހުރުމުން ތެދުވާނެ ހިތްވަރެއް އަހަރެންގެ ނެތެވެ.

"ބޭބެ އަށް ވީ ގޮތެއް ކިޔައިދީބަލަ" ބޭބެގެ އޯގާތެރި ފިރުމުން މި ފަހަރު އަމާޒުވީ އަހަރެންގެ އުނަގަނޑަށެވެ.

އަހަރެން ކުޑަކޮށް އެނބުރެލީމެވެ. ވީގޮތް ކިޔައިދިނުމަށް މަސައްކަތްކުރީމެވެ. އަނގަ ހުޅުވާލުމާ އެކު އަނެއްކާ ވެސް އަހަރެންގެ ބަޑި ފަޅައިގެން ދިޔައެވެ. ބޭއިހްތިޔާރުގައި އަހަރެން ބޭބެގެ އުނގަށް ވެއްޓުނެވެ. އެ އުނގު ތެރޭގައި މޫނު ފޮރުވައިގެން އޮވެ ބާރުބާރަށް ރޯން ފެށީމެވެ. އަހަރުތަކެއް ވަންދެން އެފަދަ އޯގާތެރިކަމެއް އެހާ ގާތުން އަހަންނަށް ލިބިފައި ނެތުމުން ކަމަށް ވެދާނެއެވެ. އަހަންނަށް ހޭވެރިކަންވީ އިރުކޮޅެއް ފަހުންނެވެ. އޭރު އަހަރެން އޮތީ ހަމަ ރަނގަޅަށް ވެސް ބޭބެގެ އުނގު ތެރޭގައި ބުޅާގަނޑެއް ހެންނެވެ. ބޭބެ މަޑުމަޑުން އަހަރެންގެ ހަށިގަނޑުގައި ފިރުމަމުން ދިޔައެވެ.

އެ ފިރުމުމުގައި ކަސިޔާރުކަމެއް ހުރިހެން އަހަންނަށް އިހުސާސްވުމުން ކުޑަކޮށް ފުރޮޅެލީމެވެ. ލަދު ވެސް ގަތެވެ. ނަމަވެސް އުއްޑުން ޖެހުމާ އެކު ކުރިއަށް ވުރެ ބާރަށް އަހަރެންގެ އުނަގަނޑުގައި ބޭބެ ހިފިއެވެ. މި ފަހަރު ދެ އަތުންނެވެ. އަހަރެން ރޫރޫ އަޅައިގެން ދިޔަ އެވެ. ބޭބެގެ އަތް މަޑުމަޑުން އުނަގަނޑުން މައްޗަށް ޖައްސަން ފެށި އެވެ. ބޮލަށް ބަރުވެފައި ހުރުމުން އިތުރު ހަރަކާތެއް ކުރަން އަހަންނަށް ވީ ވަރަށް ބޮޑު ވޭނަކަށެވެ.

"ބޭބޭ!" އަހަރެން މެރިފައިވާ ދެލޯ ހުޅުވޭތޯ މަސައްކަތްކުރަމުން ބޭބެއަށް އިންޒާރުދޭ ފަދަ ގޮތަކަށް ގޮވާލީމެވެ.

ނަމަވެސް ބޭބެ އެ އަޑެއް ނާހައެވެ. އިތުރު އެއްޗެއް ބުނަންވާއިރަށް ބޭބެގެ ދެ އަތް އަހަރެންގެ މޭމައްޗަށް އަރާހަމަވެއްޖެ އެވެ. ނަމަވެސް ވަރުގަދަ އެ ދެ އަތް ހުއްޓުވޭހާ ބާރެއް އަހަރެންގެ ނެތެވެ. އެ އަށް ވުރެ ބޮލުގައި ރިހޭ ރިހުން ބޮޑެވެ. އަހަރެން އޮތީ ހޭދެބައިގައެވެ. އަހަރެންގެ ބަލިކަށިކަމުގެ ފައިދާ މަޑު މަޑުން ބޭބެ ނަގަމުން ދިޔަ އެވެ. އަހަރެން ހިތާ ހިތުން ގިސްލަން ފެށީމެވެ. ނަމަވެސް ގަނެފައި ހުރި ބިރެއްގެ ސަބަބުން އަޑެއް ބޭރެއް ނުވިއެވެ. ބޭބެގެ އަތާ އެކު އަހެރެންގެ ހަށިގަނޑު މައްޗަށް ބޭބެގެ މޫނު ވެސް ވެރިވެގަތެވެ. އަހަރެންގެ ވަނާތަކުން ބޭބެ މަޑު މަޑުން އުފާތައް ހޯދަން ފެށިއެވެ. ބާރެއް ނެތް އަހަރެންގެ ހަށިގަނޑު ބޭބެގެ އަތުތެރޭގައި މޮޑެވެނީއެވެ. ހަށިގަނޑުގައި ބާރެއް ނެތަސް އަހަރެންގެ ސިކުނޑި ބަރާބަރަށް ހިނގައެވެ. ވާނުވާ އަހަންނަށް ހަމަ ރަނގަޅަށް އިހްސާސްވެއެވެ.

އޭ ﷲ! މި ނުބައި ނުލަފާ މީހާގެ ކިބައިން މި އަޅާ ސަލާމަތް ކުރަންވާންދޭން. މި އަޅާ އަށް އެހީތެރިވާނީ ފަހެ ކާކު؟" އަހަރެން ހިތާ ހިތުން ސަލާމަތަށް އެދި ގޮވީމެވެ.

ކުއްލިއަކަށް ދޮރުގެ ތަޅުގައި މީހަކު ހިފިއަޑު އިވުނުހެން ހީވިއެވެ. ބޭބެ ކުލިއަކަށް ސިއްސައިގެން ގޮސް ތެޅިގަތެވެ. ދޮރު ހުޅުވާލާފައި ދައްތަގެ ދޮށީ އަންހެން ދަރިފުޅު، ފާތުން ކޮޓަރި އަށް ވަނެވެ” .ޔާ ﷲ!" އަހަރެންގެ ދުއާ އިޖާބަކުރެއްވީއެވެ. ބޭބެގެ އެ ނުބައި އަމަލު މުޅިން ކާމިޔާބު ނުވަނީސް އަހަރެން ސަލާމަތްވި ކަމަށްޓަކައި އަހަރެން ﷲ ހިތާ ހިތުން ޝުކުރުކުރީމެވެ.
"މީރާ އަށް މި އޮތީ ކިހިނެއް ވެފަ. މީނާ ވަރަށް ބާރަށް ރޯ އަޑަށް ބައްޕަ މި ވަނީ. ނިކަން އަވަހަށް ފެންތައްޓެއް ގެނެސްދީބަލަ،" ނުބައި އަމަލު ސިއްރުކުރުމަށް ރަނގަޅު ބަހަނާއެއް ބޭބެހޯދިއެވެ .ބޮލަށާއި ހަށިގަނޑަށް ބަރުހެލިކަން ވެރިވެފައިވީ ނަމަވެސް ވަށައިގެން ހިނގާ އަދި ދައްކާ ވާހަކަ ސާފުކޮށް އަހަންނަށް އެނގޭވަރު ވެއެވެ.

"މި ވާހަކަ މީހެއް ކައިރީ ބުނެފިއްޔާ ދުވަސް ދުއްވާލާނަން،" ފާތުން ނުކުތުމާ އެކު އަހަރެންގެ ކަންފަތް ދޮށުގައި ވައި އަޑުން ބޭބެ ބުނެލި އެވެ. އަދި އަވަސް އަވަހަށް އެނދުން ތެދުވި އެވެ.

"ރީމާ! ރީމާ! ކިހިނެއްވީ؟" ފާތުން ގެނައި ފެންތަށިން ފެން އުނގުޅަމުން ބުންޏެވެ.

އަހަރެން މަޑުމަޑުން ދެލޯ ހުޅުވައިލީމެވެ. އޭރު ވެސް އަހަންނަށް ގިސްލެވެއެވެ. " ކަމެއް ނުވޭ....ބޮލުގަ ރިއްސާތީ... ބިރުވެރި ހުވަފެނެއް ފެނުނީ. ހުވަފެނުގައި ރޮވުނީ ކަންނޭނގެ،" އަހަރެން ވާހަކަ ދެއްކޭތޯ މަސައްކަތްކުރީމެވެ. ވައި އަޑުން، ހުއްޓަމުން ހުއްޓަމުން ބުނީމެވެ. އޭރު ވެސް އަހަރެން ތުރުތުރު އަޅަ އެވެ. އެ މަންޒަރު ބަލަން ބޭބެ ދެލޯ އަޅައިގެން ހުއްޓެވެ.ފާތުން ގެނައި ފެންތަށިން ފެންފޮދަކާ ޕެނަޑޯލް ގުޅައެއް އަހަންނަށް ދިނެވެ.

"ދަރިފުޅާ! ދެން އޭނާ ބާއްވާ އަރާމުކޮށްލަން. އޭރުން ރަނގަޅުވެދާނެ،" ފާތުން އެ ތަނުގައި މަޑުކުރަން ބޭބެ ބޭނުން ނުވީއެވެ. އަހަރެންގެ އަނގައިން ވާހަކައެއް ބޭރު ވެދާނެތީ ކަމަށް ވެދާނެއެވެ. ބޭބެ އެހެން ބުނުމުން ކޮޓަރިން ހިނގައިގަންނަށް ފާތުން އެނދުން ތެދުވިއެވެ. އޭނާގެ އަތުގައި ހިފައި މަޑުކުރުވަން އަހަރެން ކިތަންމެހާ ވެސް ބޭނުންވިއެވެ. ނަމަވެސް އަތް ހިއްލާލެވޭ ވަރު ވެސް އަހަރެންގެ ހަށިގަނޑުގައި ނެތެވެ. ކުކުރަމުން ކަހަލަ ގޮތަކަށް ފާތުން މަޑުކުރުމަށް އަހަރެން އެދުނީމެވެ. ނަމަވެސް އޭރު އޭނާ ކޮޓަރިން ނުކުމެއްޖެއެވެ.

އަހަރެން އަނެއްކާ ވެސް އެކަނިވީ އެވެ. ފާތުން ނުކުތުމާ އެކު ބޭބެ އަހަރެންގެ އެނދާ ކައިރިއަށް އަނެއްކާ ވެސް ޖެހިލިއެވެ. ކުޑަވެ މެރެމުންދިޔަ ދެލޮލުގެ އެސްފިތަކުގެ ތެރެއިން އަންނަށް ބޭބެ ފެންނަނީ ތިން މީހުންގެ ގޮތުގައެވެ. ތުރުތުރު އަޅާ މަންޒަރެއް ފަދައިންނެވެ. ވަސްޖެހޭހާ ކައިރި އަށް އައިސް ބޭބެ ކޮންމެ ވެސް އެއްޗެއް ބުނިހެން ހީވިއެވެ. ނަމަވެސް އަހަންނަށް އެ އަޑު ވެސް އިވެނީ ބިރުވެރި ފިލްމްތަކުން ފެންނަ ރޫހާނީ ބާރެއް ހަށިގަނޑަށް ވަދެފައި ހުންނަ އިންސާނެއްގެ އަޑުހެންނެވެ. އެ ބުނި އެއްޗެއް ބުނެފައި ބޭބެ ކުލިއަކަށް އަވަސް އަވަހަށް ދޮރު ލައްޕާފައި ދިޔައެވެ.

ބޭބެ ދިޔަތާ އިރުގަނޑެއް ވެއްޖެއެވެ. ނަމަވެސް ހީވަނީ ދެންމެ ދެންމެ އައިސްދާނެ ހެނެވެ. ފަހަރުގައި ބޭބެ ބުނީ ވެސް އެހެންނެވެ. "މިރޭ އަހަރެން އަންނާނަމެވެ!"

އަހަރެން ކުޑަ ހިނދުކޮޅަކަށް ވެސް ދޮރު ނޫން އެހެން ތަނަކަށް ނުބަލަމެއެވެ. މުޅި ރޭ އަހަރެން ހޭދަކުރި އެ ގޮތުގައެވެ. ބައެއް ފަހަރު ލޯ މެރުނަސް އިރުއިރުކޮޅަ ސިއްސައިގެން ތެދުވެވެއެވެ. ހައްތަހާ ވެސް ހީވަނީ ބޭބެ އައިސް އަހަންނާ ބެހެން އުޅެނީހެނެވެ. އެހެން އޮއްވައި ފަތިސް ނަމާދަށް ބަންގި ގޮވާ އަޑު އިވުމުން މަޑުމަޑުން ތެދުވެވޭތޯ އަހަރެން ބެލީމެވެ. އަހަންނަށް ފާހާނާއާ ހަމައަށް ދެވުނީ އެތައް ފަހަރެއްގެ މަތިން މަސައްކަތް ކޮށްގެންނެވެ. ފާހާނާ އަށް ވަނުމާ އެކު އިސްކުރު ދޫކޮށްލީމެވެ. މާގަނޑުން ފޭބި ކޮންމެ ތިއްކެއް ވެސް އަހަންނަށް ސިފަވީ ކަށި ހަންޖަރުތަކެއް ފަދައިންނެވެ. ލައިގެން ހުރި ހެދުމާ އެކު އަހަރެން ތެމި ފޯވިއެވެ. އެއާ އެކު ލޮލުގައި ހަރުވެފައި ހުރި ކަރުނަތައް އަނެއްކާ ވެސް ބެހިގަތެވެ. އޮހެމުންދިޔަ ފެނާ އެކު އެ ކަރުނަތައް ލާމެހިގެންދިޔައެވެ. އެ ގޮތުގައި އިރުގަނޑަކު ހުރުމުން ކޮންމެވެސް ވަރެއްގެ ފިނިކަމެއް ހިތަށް ލިބުނެވެ. ދެންވާނެ ގޮތަކާ މެދު ވިސްނަމުން އަހަންރެން ފެންވަރައިގެން ނުކުތީމެވެ.

"ޔާ ﷲ! މި އަޅާ އަށް މި ދެއްވަނީ ކޮން ކަމެއްގެ ސަޒާބާ؟ ކުރެވުނީ ކޮން ކުށެއްބާ؟ ޔާ ﷲ! މި ނުބައިކަމުން މި އަޅާ ސަލާމަތްކޮށްދެއްވާށި. އާމީން." ފަތިސް ނަމާދުގައި އަހަރެން ދުއާކުރީމެވެ.

ނަމާދަށް ފަހު ލިބުނު ކުޑަ ހިތްވަރާ އެކު އަހަރެން ނުކުމެ ބަދިގެއަށް ވަނީމެވެ. އަދި ގޭގައި ކުރަން ހުރި ހުރިހާ ކަމެއް ނިންމާލުމަށް ފަހު، ގޭ މީހުން ތެދުވުމުގެ ކުރިން ކޮޓަރިއަށް ވަދެ އޮށޯވެލީމެވެ.

"އަނެއްކާ ވެސް ނިދީ ދޯ. ދޮންނަ ހުރި އެއްޗެހިތައް އެހުރީ ހުރި ގޮތަށް. ދެން މާ ބަލިކަމަށް ހެދިގެން އޮންނާނެ ކަމެއް ނެތް،" އަހަންނަށް ހޭލެވުނީ ދައްތަގެ ބަރު އަޑަށެވެ.

އޭރު ގަޑިން ނުވައް ޖަހާ ބޮޑުވެއްޖެއެވެ. އަވަސް އަވަހަށް އަހަރެން ތެދުވީމެވެ. ދައްތަ އިތުރަށް ރުޅި ނާންނަނީސް ގޭތެރޭގެ ކަންކަމުގައި މަސްއޫލުވީމެވެ. ރޭގަނޑު ހިނގި ބިރުވެރި ހާދިސާ މަތިން ހަނދާންވާ ކޮންމެ ފަހަރަކު އަހަރެން ރޫރޫ އަޅައެވެ. އަހަރެން ހޭލުމުގެ ކުރިން ނުބައި ސުންޕާ މީހާ އޮފީހަށް ދިޔަކަން ނަސީބެވެ. ނޫން ނަމަ އޭނާ ފެންނަ ހިސާބަށް ދާން ވެސް އަހަރެން ބިރު ގަންނާނެ އެވެ.

"ކޮބާ މިއަދު ސްކޫލަށް ނުދާ ދުވަހެއްތަ؟" ޒުއްބަ އައިސް ގެއަށް ވަން އިރު އަހަރެން އަދި ހުރީ ޔުނީފޯމް ނުލަ އެވެ.

އެހެން ދުވަސް ދުވަހަށް ވުރެ ތަންކޮޅެއް ކުރިން ޒުއްބަ އައެވެ.

" ނޫން. މި ތައްޔާރުވަނީ،" ދެބަ ނިދީގައި ހުރި މީހަކު ވާހަކަ ދައްކާ ގޮތަށް އަހަރެން ބުނީމެވެ.

އަހަރެންގެ ރާގު ހުރި ގޮތުން ވެސް ބޮޑު ކަމެއް ވެއްޖެކަން ޒުއްބައަށް އިހުސާސްވި ކަހަލައެވެ. ހަތަރު ކަޅި ހަމަވުމާ އެކު އޭނާގެ ސުވާލުތައް އަހަންނަށް ފެނުނެއެވެ. އަވަސް އަވަހަށް އަހަރެން މޫނު އަނބުރާލީމެވެ. އަދި ކޮޓަރިއަށް ވަދެ ޔުނީފޯމް ލައިގެން ބޭރަށް ނުކުތީމެވެ. ޒުއްބަ އައި ވަގުތު ދައްތަ ނެތްކަން ނަސީބެވެ. ނޫން ނަމަ ކޮންމެވެސް އެއްޗެކޭ ކިޔާނެއެވެ. ދައްތަ ވީ ކޮޓަރީގަ އެވެ.

"ހަނދުއޮއްސިފަ ތިހުރީ ކިހިނެއްވީ އަނެއްކާ؟ އާތިފް މަތިން މާ ބޮޑަށް ހަނދާންވީތަ؟ ނޫނީ ކެއި އެއްޗަކުން ބަނޑު ސަކަރާތްވީތަ؟" ވާހަކަ ދައްކާނެ ފުރުސަތެއް ވެސް ނުދީ ޒުއްބަ ފަތިވަރަކަށް އަމުނާލިއެވެ.

ޒުއްބަގެ އެ ސުވާލުތަކާ އެކު އަހަރެން ފެންކަޅިވިއެވެ . އޭ! އޭ! ރޮނީތަ؟ އަނެއްކާ ވެސް ދައްތަ އެއްޗެހި ކީތަ؟" ޒުއްބަ ސުވާލެއް އިތުރު ކޮށްލި އެވެ.ޒުއްބަ ކައިރީ އެ ވާހަކަ ދައްކަންވީ ހެއްޔެވެ؟ އެކަމަކު އޭނާ ގަބޫލުކުރާނެ ހެއްޔެވެ؟ އަހަންނާ މެދު އޭރުން އޭނާ ދެކޭނީ ކިހިނެއް ހެއްޔެވެ؟ އެތައް ސުވާލެއް އަހަރެންގެ ހިތަށް އެރިއެވެ. ބޯ ޖަހާލުމަށް ފަހު ޒުއްބަގެ ސުވާލަކަށް އަހަރެން ޖަވާބު ދިނީމެވެ.

"ދައްތަ އަބަދު ވެސް އެއްޗެހި ކިޔައެއްނު. ދެން އެ ކަމާ ކޮންމެހެން ދެރަވާނެ ކަމެއް ނެތް. އެއީ އޭނާގެ ގޮތެއްނު،" ޒުއްބަ ހިތްވަރު ދިނެވެ.

ދައްތަގެ ވާހަކަތައް ކިޔައިދިން ނަމަވެސް ނުބައި ނުލަފާ މީހާގެ ވާހަކަ ކިޔައިދޭހާ ހިތްވަރެއް އަހަންނަކަށް ނުލިބުނެވެ. އެ ސުންޕާ މީހާގެ ނުބައި އަމަލުތައް ހިތުގައި ނުފޮރުވައި ޒުއްބައާ ހިއްސާކުރަން އަހަރެން ކިތަންމެ ފަހަރު އަނގަ ހުޅުވީމެވެ. ކިތަންމެ ފަހަރަކު އެ ވާހަކަ ފެށީމެވެ. ނަމަވެސް އެ ހިތްވަރު އަހަންނަކަށް ނުލިބުނެވެ. ކިތަންމެ ނުރޯން ހުއްޓަސް އަޑިއަޑިން އަހަރެން ގިސްލަމުން ދިޔައީމެވެ. ރޭގެ ބިރުވެރިކަން އަދިވެސް ހިތުން ނުފިލަ އެވެ. ކުރިއަށް އޮތް ދުވަސްތަކާ މެދު ވިސްނެނީއެވެ. ހިތަށް އަރާ ކޮންމެ ފަހަރަކު ތޫނު ހަންޖަރަކުން އަހަރެންގެ ހަށިގަނޑު ޒަހަމްކުރާ ފަދަ އިހްސާސްތަކެއް ކުރެވެއެވެ. ހަށިގަނޑު ތުރުތުރު އަޅައިގެން ދެއެވެ. މި ގޭގައި ހޭދަވާ ކޮންމެ ރެއެއް ވެސް ދެން އެ ބިރުވެރިކަމާ އަހަރެން ކުރިމަތިލާންޖެހޭނެއެވެ. އެ މީހާގެ ނުލަފާ ނުބައި ވަހުސީ އަމަލުގެ ޝިކާރައަކަށް އަހަރެން ހަދާނެއެވެ. ހަވަސްގެ ކަރުހިއްކުން ފިލުވާލާފައި ނޫނީ އޭނާ އެކަން ހުއްޓައެއް ނުލާނެއެވެ.

***

-ނުނިމޭ-