ބުރާސްފަތި 24 އޮކްޓޯބަރ 2019
07 ހެއި
1441 ސަފަރު 25
ފަތިސް 04:36
އިރުއަރާ 05:49
މެންދުރު 11:54
އަސްރު 15:11
މަޣްރިބް 17:52
އިޝާ 19:05

ވާހަކަ - ތޭރިތަކުން

އަލީ ޔޫސުފް
AliYooosuf

13 ފެބުރުއަރީ 2019 | ބުދަ 18:32 3,710

ނޯޓް: (މިއީ މީގެ އަހަރުތަކެއް ކުރިން މާލޭގައި ހިނގި ހާދިސާތަކެއްގެ މަައްޗަށް ބިނާކޮށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. މި ވާހަކައިގައި ބޭނުންކޮށްފައިވާ ނަންތަކާއި ތަންތަނާއި ވަގުތުތަކަކީ ވެސް ހިޔާލެކެވެ.)

ޒުއްބަގެ ރޭވުމާ އެއްގޮތަށް އަހަރެމެން ދެ މީހުން ޖެހިގެން އައި ރޭ ބޭރަށް ނުކުތީމެވެ. އާތިފްގެ ދައުވަތު ޤަބޫލުކޮށްގެންނެވެ. ދައްތައަށް ނުވަތަ ގޭ އެހެން މީހަކަށް ވެސް ނުފެންނާނެ ފަދަ ގޮތަކަށް އާތިފްއާ ބައްދަލުކުރޭވޭނެ މާހައުލެއް ޒުއްބަ ވަނީ ކަނޑައަޅާފައެވެ. ވުޑްއެޕަލް ރެސްޓޯރެންޓް ތެރެއިން ދަންނަ މީހަކު ފެނުނަސް އެ މީހަކު ފާހަގަކުރަން ފަސޭހައެއް ނުވާނެ ކަމަށް ޒުއްބަ ބުންޏެވެ. އަހަންނަކަށް ނޭނގެއެވެ. މަދު ފަހަރަކު ޒުއްބައާ އެކު ސްކޫޕަށް ދިއުން ފިޔަވައި ދުވަހަކު ވެސް އެކަހަލަ ތަނަކަށް ދިއުމުގެ ނަސީބެއް އަހަންނަށް ލިބިފައެއް ނެތެވެ.

"މީ ޒުއްބަ. މީ އާތިފް. ދެން ނުބުންޏަސް އެނގެއެއްނުން ދޯ!" ވުޑްއެޕަލް ދޮރުމަތީގައި އަހަރެމެންގެ އިންތިޒާރުގައި ހުރި އާތިފްއާ އަރާ ހަމަވުމާ އެކު އަހަރެން އެ ދެ މީހުން ތައާރަފްކޮށްދިނީމެވެ.

މީގެ ކުރިން އާތިފް ފެނުމުން ޒުއްބަ ތަޅުވާ ތުންގަނޑު މި ފަހަރު ކޮބައިބާއޭ އަހަރެން ހިތަށް އެރިއެވެ. އޭނާ ހުރީ އެއަށް ވުރެ މާބޮޑަށް އިސްޖަހައިގެންނެވެ. ޒުއްބަ މި ހުރިހާ ދުވަހަކު އާތިފަށް ކީ އެއްޗެއްހި އޭނާގެ މޫނުމަތިން ފެންނަ ކަހަލައެވެ. . އަހަރެމެން އެތެރެއަށް ވަނީމެވެ. ނަސީބު ކަންނޭނގެއެވެ. ވުޑް އެޕަލްގެ ފަނޑު އަލިކަމުގެ ތެރޭގައި މަދު މީހަކު ނޫނީ ނެތެވެ. އާތިފްގެ ފަސް ފަހަތުން އަވަސް ގޮތެއްގައި އަހަރެމެން ދެ މީހުން ގޮސް ސިޑިން މައްޗަށް އެރީމެވެ. އާތިފްވަނީ އެ ތަނުން މޭޒެއް މާ ކުރިން ބުކްކޮށްފަ އެވެ. މަތީ ކަނުގައި ހުރި މޭޒު އަހަރެމެންނަށްޓަކައި ވަނީ ހާއްޞަކޮށްފައެވެ. ޖެހިގެން ހުރި މޭޒުގައި ދެ ކުއްޖަކު، އެކަކު އަނެކަކުގެ ނޭވާގެ އިހުސާސްވާހާ ގާތުގައި ތިއްބެވެ. ދުނިޔޭގެ ހިލަމެއް ވެސް އެ މީހުންނަށް ނުވާ ކަހަލައެވެ. އެ ފަނޑު އަލީގައި އެ މީހުންގެ ހަރަކާތްތައް ދެނެގަންނަށް ޖެހިގެން ހުރި މީހާއަށް އުނދަގޫވާނެއެވެ. ފެންނަނީ ހިޔަންޏެއްގެ ގޮތުގައެވެ.

"މިތަން ހާދަ އަނދިރިއޭ،" ފުރަތަމަ ފަހަރަށް ކުރަންޖެހުނު ތަޖުރިބާ އަހަރެން ޒުއްބައާ ހިއްސާކޮށްލީމެވެ.

ލާނެއް ގޮތަކަށް ހީލުން ފިޔަވައި ޒުއްބަ އިތުރު އެއްޗެއް ނުބުނެއެވެ. މޭޒު އެއްފަޅީގައި އާތިފް ހަމަޖެހިލިއެވެ. އަހަރެމެން ދެ މީހުން އަނެއް ފަޅީގައެވެ. އަހަރެން އިނނީ އާތިފް ކުރިމަތީގައެވެ. އެއީ ހަނި މޭޒަކަށް ވުމުން ދެ މީހުން އެކަކު އަނެކަކަށް ނަޒަރު ސީދާ ވެއްޖެ ނަމަ ހުރިހާ ސިއްރެއް ބޭޒާރުވާހާ ވެސް ކައިރީގައެވެ. ވަށައިގެން ބެދިފައިވާ ކަހަލަ ގޮތަކަށް ހުރި އެ ކުޑަ ތަންކޮޅުގެ ތެރޭގައި އުނދަގޫ ގޮތެއް ހުރި ނަމަވެސް އެހެން ބަޔަކަށް އަހަރެމެން ނުފެންނާނެތީ އެ ހިތްހަމަޖެހުން އޮތެވެ. ވުޑް އެޕަލް އަށް ވަންނަން ދިޔައިރު ވެސް ދައްތަގެ ރައްޓެއްސަކަށް ފެނިދާނެތީ އަހަރެންގެ ހިތް ބިރުން ތުރުތުރުއެޅިއެވެ.އިތުރު އެއްޗެއް ނުބުނެ އުޅެނިކޮށް ވޭޓަރު އައިސް މެނޫ ދިއްކޮށްލިއެވެ.

"ކޮން އެއްޗެއް ކާނީ. އޯޕަން ބަޖެޓެއް. ކޮންމެ އެއްޗެއް ވެސް ހަމަ އޯޑަރުކުރަންވީ،" މެނޫ ދެތިން ފަހަރު އެއްކޮޅުން އަނެއް ކޮޅަށް ސްކޭންކޮށްލުމުން އާތިފް އިސްނެގި އެވެ.

ޒުއްބަ އާއި އަހަރެން އެކަކު އަނެކަކަށް ބަލާލީމެވެ. ކާނީ ކޮންއެއްޗެއްތޯ އަހާލާ ގޮތަކަށެވެ. ޒުއްބަ އަނެއްކާ ވެސް އަވަސް އަވަހަށް މެނޫގެ ގަނޑުތައް އުކަން ފެށިއެވެ. އެ ކަހަލަ ތަނަކަށް އައި ފުރަތަމަ ފަހަރަށް ވުމުން އަހަންނަށް ވެސް ކާނީ ކޮން އެއްޗެއްކަން ނިންމަން އުނދަގޫވިއެވެ. ރެސްޓޯރެންޓްތަކަށް ފަރިތަ ޒުއްބަ ވެސް އިނނީ އާތިފްގެ ކުރިމަތީގައި އާވެފައެވެ.

"މިތަނުގެ ސީފުޑް ވަރަށް މީރުވާނެ! އަދި ޕިއްޒާ ވެސް މަޝްހޫރުވާނެ! ބޭނުމިއްޔާ ހަމަ އޯޑަރު ދޭންވީ" އަހަރެމެންނަށް ކާންވީ ކޮންއެއްޗެއްކަން ނިންމަން ދަތިވެގެން އުޅޭކަން އާތިފަށް ވެސް ފާހަގަކުރެވުނެވެ.

"އަހަންނަށް މިތަނަށް އާދެވިއްޖެއްޔާ އަބަދުވެސް ކެވެނީ ސީފުޑް ރައިސް. ދެން ޗޮކްލެޓް މިލްކްޝޭކެއް. މި ދުވަސްކޮޅު އަނބު ނުލިބޭތީ މައްސަލަޔަކީ. މިތަނުގައި މެންގޯ މިލްކްޝޭކް ވެސް ވަރަށް ފައްކާވާނެ،" އާތިފް ގައިޑްކޮށްދިން ކަހަލަ ގޮތަކަށް ބުންޏެވެ.

"އަހަންނަށް ވެސް ސީފުޑް ރައިސްއެއް. ދެން އޮރެންޖް ޖޫހެއް." އާތިފްގެ ކިބައިން ހިތްވަރު ލިބިގަނެގެން ފުރަތަމަ ފަހަރަށް ޒުއްބަ އަނގަ ހުޅުވިއެވެ.

"މަށަށް ވެސް ޒުއްބައަށް ގެންނަ އެއްޗެއް އޯކޭވާނެ" އަހަރެން އަވަހަށް ބޯ ދަމައިގަތީމެވެ.

އިރުކޮޅެއް ފަހުން ވޭޓަރު އައުމުން އާތިފް އޯޑަރު ދިނެވެ. ހިނިތުންވުމަކާ އެކު އަހަރެމެންނަށް ވަގުތު ހިތަކަށް ދިނުމަށް ފަހު ވޭޓަރު ދިޔައެވެ.

"ދެން ކޮންމެވެސް ވާހަކައެއް ދައްކަބަލަ. މިހާރު ދެން މީ ރައްޓެހިން ދޯ،" ވޭޓަރު ދިއުމުން ކުރިމަތިވި މިނެޓެއްހާ އިރުގެ ހިމޭންކަން ކަނޑުވާލަމުން އާތިފް ވާހަކަ ފެށިއެވެ.

މާ ގިނައިރެއް ނުވެ ޒުއްބަ ހަމަޖެހިލިއެވެ. އޭނާގެ އިހުގެ އަނގަ ފެޅިއެވެ. އެ ފަނޑުއަލީގައި ޒުއްބަގެ ލަދުރަކިކަން ވެސް ކެނޑިގެން ދިޔަކަހަލަ އެވެ. ތަނުގެ މާހައުލު އޮތްގޮތުން އެކަނި ތިބިކަމުގެ އިހުސާސްކުރެވުމާ އެކު އަހަންނަށް ވެސް ހިތްވަރު ލިބުނެވެ. އެރޭގެ އެ ބައްދަލުވުން ނިމުނު އިރު އަހަރެމެން ތިން މީހުން ވަަރަށް ގާތް ރަހުމަތްތެރިންނަށް ވެއްޖެއެވެ. ހަޔާތުގެ މަދު ޞަފްހާތަކެއް ނަމަވެސް އެކަކު އަނެކަކަށް ހުޅުވާލަ ދިނެވެ. ދިރިއުޅުމުގެ ތަފާތު ކަންކަމާ ބެހޭ ގޮތުން މަޝްވަރާކޮށް އެ މީހަކަށް ފެންނަ ގޮތް ކިޔައިދިނެވެ. އާދައިގެ މަތިން ދިރިއުޅުމުގެ ވާހަކަތައް ފަސޭހަކަމާ އެކު ޒުއްބަ ފައްޗަކަށް އަމުނާލިއެވެ. ނަމަވެސް އެ ހިތްވަރު އަހަންނަކަށް ނުލިބުނެވެ. އެ މީހުންގެ ވާހަކަތަކުގައި ބައިވެރިވެލުން ފިޔަވައި މާ ގިނަ ވާހަކައެއް ނުދައްކަމެވެ. ދިރިއުޅުމުގެ ސިއްރުތައް އަހަރެން އަމިއްލަ ހިތުގައި އޮބަހެއްޓީމެވެ. އާތިފަކީ ހަރު މީހަކަށް ވުުމުން އަހަރެމެން ދެ މީހުންގެ ސަމާލުކަން ހޯދަން އޭނާއަށް މާއުނދަގުލެއް ނުވިއެވެ.

މުރުގެ ތަފާތު ބޮޑަސް އާތިފްގެ ވާހަކަތައް ވެސް އަހަރެމެންނަށް ކަމުދިޔައެވެ. މަގުމަތިން އަހަރެމެންނާ ދިމާކުރަން ހުންނަ ސިފައިންގެ ހަރުކަށި މީހާ އެ ރޭ ފެނުނީ މުޅިން އެހެން މީހެއްގެ ގޮތުގައެވެ. އަހަރެމެން އެ ރޭ ގެއަށް ދިޔައީ ދެ ގަޑިއެއްހާ އިރު އެ ތަނުގައި ހޭދަކުރުމަށް ފަހުއެވެ. ވުޑް އެޕަލުން ނުކުމެގެން ޒުއްބައާ އެކު އަހަރެން ދިޔައީ އެގެއަށެވެ. ގެއިން ހިފައިގެން އައި ފޮތްތައް ބަލައެވެ. އެނބުރި ގެއަށް ދިޔައީ ކޮންމެވެސް ވަރަކަށް ފޮތް ވެސް ކިޔުމަށް ފަހު އޭގެ ދެގަޑިއެއްހާއިރު ފަހުންނެވެ.

****

"ތަނަކަށް ގޮއްސިއްޔާ އަވަހަށް އަންނާކަށް ނޭނގޭ ދޯ. މިހާރު އަބަދު ތިޔަ އުޅެނީ ބޭރުގަ. ތިގޮތަށް އުޅެންޏާ މިގޭގައި ކޮންމެހެން ހުންނާނެ ކަމެއް ނެތް. ކަމެއް ކުރަނީކީ ނޫން. ކިޔަވާށޭ ކިޔައިގެން އައިސް ނާޗަރަންގީ ކުޅެން، ކޮންމެހެން އަހަންނަށް ހުތުރު ނަމެއް ދޭން ހުންނާނެ ކަމެއް ނެތް. ތަނެއް ހޯދައިގެން އަވަހަށް މިގެއިން ދާން އުޅޭ،" ދައްތަ ހުރީ އަހަރެން އައުން ލަސްވެފަ އެވެ.

އަހަރެން ބޭރަށް ދިޔައީ ރޭގަނޑު ކުރަން ހުރި ހުރިހާ ކަމެއް ކޮށްފައެވެ. ދައްތައަށް އުނދަގޫވާނެ އެއްވެސް ކަމެއް ނުބަހައްޓަމެވެ. ނަމަވެސް ދައްތަ ހުރީ އާންމުކޮށް އަންނަ ރުޅިއަށްވުރެ ގަދައަށް ރުޅި އައިސްފައެވެ. ހީވާ ގޮތުން ދަރިންގެ ކޮންމެވެސް ކަމަކާ ހިތްހަމަ ނުޖެހުނީއެވެ. ނޫނީ ކޮންމެ ވެސް މީހަކާ ޒުވާބެއް ކުރީއެވެ. އޭގެ ރުޅިގަނޑު އަހަންނަށް ބާލަނީއެވެ.

"ދައްތާ ކިހިނެއްވީ؟ އަހަރެން ދިޔައީ.." އަހަރެންގެ ޖުމްލަ ފުރިހަމަނުވެ އުޅެނިކޮށް ދައްތަގެ ހޫނު ބޮނޑިއެއް އަހަރެންގެ ކަންކަށިމައްޗަށް އެރިއެވެ. ޖެހިލެއް ބާރުކަމުން އަހަރެން ދިޔައީ އެއްލިގެންނެވެ. މޫނުމައްޗަށް ކޮކާ ބުރައިގެން ދިޔައެވެ. ހަމައެއާ އެކު އަހަރެންގެ ބަޑި ފަޅައިގެން ދިޔައެވެ.

"ރޯނެ ކަމެއް ނެތް. ގޭގައި ބަހައްޓަނީ ދޮންކޮށްފައި، މޫނުގައި ފުއްޖަހައިގެން ބޭރަށް ފޮނުވާކަށް ނޫން. އުޅޭނެހާ ތާކު އުޅެފައި ބޭނުންހާ އިރަކު ގެއަށް އައިމަ ނިމުނީދޯ. މީހުން އެއްޗެހި ކިޔާނީ މަށާ ދިމާއަށް،" ހުއްޓައިލުމުގެ އެއްވެސް ނިޔަތެއް ދައްތަގެ ނެތެވެ. 

ހާލަކުން ފަހަރަކު ނޫނީ އަހަރެން ގެއިން ބޭރަށް ނުދަމެވެ. ޒުއްބައާ އެކު އެގެއަށް ދަނީ ޓެސްޓް ކައިރިވާތީ ފިލާވަޅު ދަސްކުރުމަށެވެ. އަހަރެން ގިސްލަމުން ދިޔައީމެވެ. ދައްތަ ފަތިވަރު ގޮވަމުން ކޮޓަރިއަށް ވަނެވެ.

އަހަރެންގެ ކަރުނަ ފުހެދޭނެ އެއްވެސް މީހަކު އެގެއަކު ނެތެވެ. ކިރިޔާވެސް ރުހުމުގެ ޖުމްލައެއް ބުނެލާ އުޅެނީ ބޭބެ އާއި ދައްތަގެ ދަރި ފާތުންނެވެ. ނަމަވެސް ކަންދިމާކުރި ގޮތުން އެ ގަޑީގައި ދައްތަގެ ފިރިހެން ދަރިފުޅު ފިޔަވައި އެހެން މީހަކު ގެއަކުނެތެވެ. އޭނާއަކީ ދުވަހަކުވެސް އަހަންނާ އަނގައިން ބުނާ މީހެއް ނޫނެވެ..އަހަރެން ރޮމުން ރޮމުން ގޮސް ކޮޓަރިއަށް ވަނުމަށް ފަހު އެނދުގައި ބަންޑުން އޮށޯތީމެވެ. ހިތްފުރެންދެން ރޯލުމަށެވެ. ބާލީހުން ބޯ ފޮރުވައިގެން އޮވެ އަހަރެން އަޑުން އަޑުނަގާ ރުއިމެވެ. ނަމަވެސް އަހަރެން ރުއީ ދައްތަ ޖެހީމައި ވީ ތަދަކުން ނޫނެވެ. ގޭގައި ހުރިހާ ކަމެއް ކޮށްގެން އުޅޭ އިރު ވެސް ކަންނެތް މީހަކަށް އަހަރެން ހެދީމައެވެ. ސްކޫލުން އަންނަ ގޮތަށް މަދުފަހަރަކު ނޫނީ ގެއިން ބޭރަށް ނުނިކުމެ އުޅުނީމާ ވެސް ދައްތަ އަށް މާލޭ މަގުމައްޗަށް އަހަރެން ގިނަވީމައެވެ. ފިރިހެނަކާ މަދުން ނޫނީ ވާހަކަ ނުދައްކާ އިރު ވެސް ނުބައި ގޮތަކަށް އުޅެ، ނުބައި ނަމެއް ދައްތައަށް ލިބިދާނެ ކަމަށް ދައްތަ ބުނީމައެވެ. ނުސީދާ ގޮތަކަށް ނަމަވެސް ގެއިން ނުކުންނަން ދައްތަ އިންޒާރު ދިނީމައެވެ. ނުކުމެގެން ދާނެ ތަނެއް މާލޭގައި އަހަރެންގެ ނެތީމައެވެ. އަހަރެން އެ ގޮތުގައި އޮވެ ރޮއިރޮއި ކިތަންމެ އިރެއް ވިޔަސް ރުހުމުގެ ފިރުމުމެއް އަހަންނަށް ލިބެން ނެތީމައެވެ.

***

-ނުނިމޭ-

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް