ވާހަކަ
ސިލްސިލާ ވާހަކަ
13 ފެބްރުއަރީ 2019 | ބުދަ 18:18
2 ވަނަ ބައި

ނޯޓް: (މިއީ މީގެ އަހަރުތަކެއް ކުރިން މާލޭގައި ހިނގި ހާދިސާތަކެއްގެ މަައްޗަށް ބިނާކޮށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. މި ވާހަކައިގައި ބޭނުންކޮށްފައިވާ ނަންތަކާއި ތަންތަނާއި ވަގުތުތަކަކީ ވެސް ހިޔާލެކެވެ.)

އާދެބަލަ! ސްކޫލުން އަންނަ ގޮތަށް ނިދާނީކީ ނޫން." ކޮޓަރި އަށް ވަދެ ރަނގަޅަށް ޔުނީފޯމު ވެސް ނުބޭލި އުޅެނިކޮށް ދައްތަގެ އަމުރުއައެވެ. އެތެރެއިން ލައިގެން ހުރި އެއްޗެހި ވެސް ބަދަލުނުކޮށް އަވަސް އަވަހަށް ޓީޝާޓެއް ބޮލަށް މަހާލައިގެން ކަހަލަ ގޮތަކަށް އަހަރެން ނުކުތީމެވެ. ދައްތަގެ މޫޑު ރަނގަޅަށް ހުރުމަށް ހިތާހިތާ ދުއާކުރަމުންނެވެ.
"މިއަދު ސްކޫލަށް ދިއައީ އެއްވެސް ކަމެއް ނުކޮށް ދޯ! ހަވީރު ސަޔަށް އެއްޗެއް ނުހަދާތާ ފެން ވެސް ކައްކާފައެއް ނެތް،" ރުޅިވެރި އަޑުން ދައްތަ ހަޅޭލަވައިގަތެވެ."

ދައްތަ ގޭގައި ނެތުމުން ސްކޫލަށް ދިއުމުގެ ކުރިން ގަންނަންޖެހޭ ބައެއް އެއްޗެހި ހުރީ ނުގަނެވިއެވެ. ހަވީރު ސައިހަދާނެ ލާރިއެއް ދައްތަ ދީފައެއް ނެތެވެ." ހިތާ ހިތުން އަހަރެން ބަހަނާތައް ފައްޗަކަށް އަމުނާލީމެވެ. ނަމަވެސް ދުލުން ޗުއްޕު ވެސް ބޭރެއްނުވިއެވެ. ދައްތަގެ ޖަވާބު އަންނާނެ ގޮތް އަހަންނަށް އެނގޭތީއެވެ.

"ދެން ވެސް އެއްޗެއް ނުބުނެ ހުންނާނީކީ ނޫން. އަވަހަށް ގޮސް ފުށާއި އެއްޗެހި ގަނެގެން އައިސް ރޮށި ފިހަން އުޅޭ" ދައްތަ އަމުރުކުރިއެވެ.

ލޭގައި ދިރިއުޅުމަކީ ފަސޭހަ ކަމެއް ނޫނެވެ. ހާއްސަކޮށް ލޭގެ އެއްވެސް ގުޅުމެއް ނެތް ހިލޭ ބަޔަކަށް ދައްތަ ބޭބެ ކިޔައިގެން އުޅެންޖެހުމަކީ ވޭނެކެވެ. ބޭބެ އާއި ދައްތަގެ އިތުރުން އެ މީހުންގެ ކުދިންގެ ކަންތައްތައް ކޮށްފައި ކިޔެވުމަށް ވަގުތު ހޯދުމަކީ ކުޑަވަރެއްގެ ހަނގުރާމައެކެވެ. ދައްތަ ދިއްކޮލި 100ރ. ގެ ނޫޓު ހިފައިގެން އަހަރެން އަވަސް އަވަހަށް ދުވެފައި ކަހަލަ ގޮތަކަށް ގެއިން ބޭރަށް ނުކުތީމެވެ. ކުރިމަތީގައި ހުރި ފިހާރައަށް ވަނުމާ އެކު ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ އެއްކަލަ ސިފައިންގެ މީހާގަނޑެވެ. އޭނާ ހުރީ ތަންކޮޅެއް އަޑީގައެވެ. ފިހާރައިން ނުކުމެގެންދާން ވެސް ހިތަށް އެރިއެވެ. ނަމަވެސް ދައްތަ މަތިން ހަނދާންވެފައި އަވަސް އަވަހަށް ހަރުގަނޑާ ނިވާވެލީމެވެ.

"ވަރަށް ފޫހި. އަދި މި ގަޑީގަތަ މީނަ ފެންނަންޖެހެނީ. ނުލާހިކު ހަޑިކޮށް މަ މިހުރީ ވެސް،" އަހަރެން ހިތާހިތާ ކުދި ކިޔައިލީމެވެ.

އެ މީހާގަނޑަށް ނުފެންނަން ފަހަތަށް ޖެހިލުމާ އެކު އަޑުފަށްގަޑެއް އިވުނެވެ. ކަމަކުދާކަށް ނެތެވެ. ފަހަތުގައި ހުރި ބިއްލޫރި ތަށިތަކެއް ވެއްޓުނު އަޑާ އެކު އެންމެން ދިޔައީ ސިއްސައިގެންނެވެ. ހަރުގަނޑުގެ ކޮޅުގައި ހުރި އެ މީހާގަނޑު ވެސް ބަލާލިއެވެ. އަހަރެން ހާސްވާ ގޮތްވިއެވެ. އޭނާ އަށް ފެނުނީމައެއް ނޫނެވެ. ތަޅައިގެން ދިޔަ ތަށީގެ އަގު އަހަންނަށް ދައްކަންޖެހޭނެތީއެވެ. ދައްތައަށް ދޭނެ ޖަވާބަކާ މެދު ވިސްނާލީމެވެ. އަވަސް އަވަހަށް ތެޅުނު ތަށީގެ އެތިކޮޅުތައް ނެގުމަށް އަހަރެން މަސައްކަތް ފެށީމެވެ.

"އައްދޯއި!" ތަށީގެ ތޫނު އެތިކޮޅަކުން އަހަރެންގެ އިނގިލި ޒަހަމްވުމާއެކު ބޭއިޚުތިޔާރުގައި ހަޅޭލަވައިގަނެވުނެވެ. ކުއްލިއަކަށް ކައިރީގައި ހުރި މީހާ އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ. އަދި ޒަޚަމްވި ތަނުގައި ބާރަށް އަތް އަޅާ އޮބާލިއެވެ. ކުރި އަށް ވުރެ ވެސް އަހަންނަށް ތަދުވިއެވެ. އަތުގައި ހިފީ ކާކުތޯ ބަލައިލެވުނީ ދެނެވެ. ކަމަކުދާކަށް ނެތެވެ. އެއްކަލަ މީހާގަނޑެވެ.

"ބަލައިގެން ނޫޅޭތިވާ ގޮތް ތީ! ދެންވެސް މިތަނުން އަވަހަށް ދުރަށް ހިނގާ" އޭނާ ބުންޏެވެ. އެހެން ބުނުމަށް ފަހު މަލަންކޮޅެއް ދިނުމަށް ސޭޓަށް އިޝާރާތްކޮށްލިއެވެ.

އަތް ދަމައިގަންނަން ބޭނުންވި ނަމަވެސް އޭނާ ހިފަހައްޓައިގެން ހުރީ ފަސޭހައިން އެކަން ކާމިޔާބު ނުވާހާ ބާރަށެވެ. އަހަރެން ތުރުތުރު އަޅައިގަތެވެ. ކުޑަކޮށް ބޮލަށް އެނބުރުން އަރައި އަރިއަޅާލަން އުޅޭހެން ހީވިއެވެ. ކުއްލިއަކަށް އަހަރެންގެ އުނަގަނޑުގައި މީހަކު ހިފެހެއްޓިހެން ހީވިއެވެ. ވެއްޓުމުގެ ކުރިން އޭނާގެ ބާރުގެ ދަށަށް އަހަރެން ގެންދިޔައެވެ.

"ސޭޓާ ތި ގޮނޑި ދިއްކޮއްލަބަލަ. މީނާ ހީވަނީ ވެއްޓެނީހެން،" ބެލެންސް ކަޓާފައި ހުރި އަހަރެންގެ ހަށިގަނޑު އޮތީ ގާތްގަނޑަކަށް އޭނާގެ އަތުތެރޭގައެވެ.

މަޑުމަޑުން އަހަރެން ގޮނޑީގައި އިށީނުމުން، ސޭޓު ދިން މަލަންކޮޅު އަހަރެންގެ އިނގިލީގައި އޭނާ އޮޅާލިއެވެ". އެނބުރުން އަރަނީތަ؟ ފެންފޮދު ބޯލާ،" ސޭޓު ބުނެލިއެވެ. އަހަރެން ލަސްނުކޮށް ފެންފުޅީގައި ހިފީމެވެ. އަދި އެއް ނޭވައިން ކަހަލަ ގޮތަކަށް ފެންފުޅީގެ ބޮޑުބައެއް ހުސްކޮށްލީމެވެ. ހަމައަކަށް އެޅުނީ ދެނެވެ. ވާނުވާ އެނގޭވަރުވުމުން އަހަރެން އަނެއްކާ ވެސް ކުއްލިއަކަށް ތެދުވީމެވެ. އަދި ތެޅުނު ތަށީގެ ބިއްލޫރިތަކާ ދިމާއަށް ބަލައިލީމެވެ.

ފިހާރައިގެ މަސައްކަތު މީހާ ފިހިގަނޑަކުން ބިއްލޫރިތައް ނަގަނީއެވެ. އޭރު ވެސް އެއްކަލަ މީހާގަނޑު ކައިރީގައި ޖެހި ފިތިގެން ކަހަލަ ގޮތަކަށް ހުއްޓެވެ. އަހަރެން ތަންކޮޅެއް ދުރަށް ޖެހިލީމެވެ. އަދި ސުވާލުގެ ރާގަކުން ސޭޓާ ދިމާއަށް ބަލައިލީމެވެ.

"އެކަމާ ދެން އަޅާނުލާ! ކޮއްކޮ ކޮން އެއްޗެއް ގަންނަން ތިޔަ އައީ،" ދެބައި އުމުރުން މައްޗަށް ގޮސްފައި ހުރި ސޭޓު ބުންޏެވެ.

އަބަދު އަންނާތީ ސޭޓު ވެސް އަހަންނަށް ވަރަށް ފަރިތައެވެ. އަވަށްޓެރިއެއް ވީމާ އަހަރެންގެ ހާލު އޭނާއަށް އެނގެނީ ކަންނޭނގެއެވެ.

"ތިން ކިލޯ ހަނޑޫ، ދެ ކިލޯ ފުށް، މެދު ސައިޒް ތެޔޮ ފުޅިއެއް،" އަހަރެން ލިސްޓް އަމުނާލީމެވެ.ލިސްޓް ކިޔައި ނުނިމި އުޅެނިކޮށް ބިދޭސީ މީހާ ކިރަން ފަށައިފިއެވެ.

"އިނގިލި ކެނޑިފަ އޮތް އިރު ތި ހުރިހާ އެއްޗެއް ގެންދާނީ ކިހިނެއް؟ ދީ މަގޭ އަތަށް،" ސޭޓު ކޮތަޅުތައް ތައްޔާރުކުރުމާ އެކު އެއްކަލަ މީހާގަނޑު ބުންޏެވެ. "އުހުން. ގެންދެވޭނެ،" އޭނާގެ ޖުމްލަ ރަނގަޅަށް ފުރިހަމަ ވެސް ނުވެ އުޅެނިކޮށް އަހަރެން ބޯ ހޫރައިލީމެވެ.

އަހަރެން ކޮތަޅުތަކުގައި ހިފާ ހިއްލާލީމެވެ. ވީ ތަދާ އެކު ފުށް ކޮތަޅު ކުއްލިއަކަށް އަތުން ދޫވިއެވެ. މުޅި ފިހާރަ ތެރެއަށް ކޮތަޅު ބަންޑުންވިއެވެ. ކައިރީގައި ހުރި އެއްކަލަ މީހާގަނޑުގެ ކަޅު ބޫޓާއި ފަޓުލޫނު ވެސް ހުދަށް ބަދަލުވިއެވެ. އަނެއް ހަ ކަންތަކެވެ. ހީވީ އިމާރާތެއް ބޮލަށް ވެއްޓުންހެނެވެ.

"އަނެއްކާ އަނެއް ކަންތައް! މި ފަހަރު ދައްތަ މަ މަރާނެ" ހިތާހިތުން އަހަރެން ބުނެލީމެވެ.

"އޭރު ވެސް ބުނިން ދޯ އަހަރެން ހެލްޕް ވެދާނަމޭ،" އޭނާ ރުޅިއެއް ނާދެއެވެ. ރަކި ހިނިތުންވުމަކާ އެކު އޭނާ ބުންޏެވެ.

"ކޮއްކޯ! އަނެއްކާ ވެސް ދެ ކިލޯ ކިރަންވީތަ؟" ސޭޓު ސުވާލު ކޮށްލިއެވެ. އެހެން ބަޔަކު ފިހާރަ ތެރޭގައި ނެތްކަން ވެސް ނަސީބެވެ.

ކައިރީގައި ހުރި މީހާގަނޑުގެ އެހީތެރިކަން ނުހޯދައި ވީ އެންމެ އަވަހަށް ގެއަށް ދާން އަހަރެން ބޭނުންވި ނަމަވެސް އެ ނޫން ގޮތެއް ނެތްކަން އަހަންނަށް އެނގުނެވެ. ސޭޓު ކޮތަޅު ދިއްކޮށްލުމާ އެކު މި ފަހަރު ކޮތަޅުގައި ހިފީ އެއްކަލަ މީހާގަނޑެވެ. އަދި ހަނޑޫ ކޮތަޅަށް ވެސް އޭނާ އިޝާރާތް ކޮށްލިއެވެ. ލަދުވެތި ގޮތަކަށް އިސްދަށަށް ޖަހާލުމަށް ފަހު އަހަރެން ކޮތަޅު އޭނާ އަތަށް ދިނީމެވެ. އަދި އޭނާގެ ފަސްފަހަތުން ފިހާރައިން ނުކުންނަން ހިނގައިގަތީމެވެ. އޭރުވެސް އަހަރެން ހުރީ ފެންކަޅިވެފައެވެ.

"އާތިފް! އަހަންނަށް ކިޔަނީ އާތިފް" ފިހާރަ ދޮރުން ނުކުތުމާ އެކު އޭނާ ތަޢާރަފްވެލިއެވެ.

"ލާރި މަދުވީމާ ދައްތަ ވަރަށް ރުޅި އަންނާނެ! އަހަރެން ދައްކާ ވާހަކަ ޤަބޫލެއް ވެސް ނުކުރާނެ،" އޭނާގެ ވާހަކައަށް ވިސްނާލުމެއް ނެތި އަހަރެން އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ބުނެލީމެވެ.

"މަޑުކޮށްލާ!" ޖީބުގައި އޮތް ވޮލެޓް ނަގަމުން އޭނާ ބުންޏެވެ. އަދި 100ރ. ގެ ނޫޓެއް އޭނާ އަހަންނަށް ދިއްކޮށްލިއެވެ. އަހަރެން ބޯ ހޫރާލީމެވެ. ނުދަންނަ މީހެއްގެ އަތުން ފައިސާ އަތުލަން އަހަރެން ބޭނުން ނުވަނީއެވެ. ނަމަވެސް އެހާލަތުގައި އެ ނޫން ގޮތެއް ނެތްކަން އަހަންނަށް ވެސް އެނގެއެވެ.

"ޝުކުރިއްޔާ!" ނުކެރިފައި ހުރެ އަހެރެން ނޫޓުގައި ހިފީމެވެ. އަދި އަވަސް އަވަހަށް ގޭތެރެ އަށް ވަނީމެއެވެ. އޭނާ އަށް ރަނގަޅަށް ބަލާ ވެސް ނުލަމެވެ.

***

"އޭ! ދީބަ މަށަށް 100ރ. މަ ދޭނަން ލިބުނުހާ އަވަހަށް،" ޒުއްބަ ފެނުމާ އެކު އަހަރެން އާދޭހުގެ ރާގަކަށް ބުނީމެވެ.

"އަނެއްކާ ކިހިނެއްވީ؟ ކޮން ކަމެއް ލައިގަނެގެން އުޅޭ ދުވަހެއް؟" ޒުއްބަ ސުވާލު ކޮށްލިއެވެ.

މީގެ ކުރިން ވެސް އަހަރެން ޒުއްބަ އަތުން ދަރަންޏަށް ފައިސާ ނަގަމެވެ. ނަމަވެސް މިހާ ބޮޑު އަދަދެއް އަހަރެން ދުވަހަކު ވެސް ނުނަގަމެވެ. އަހަންނަށް އެ އަނބުރާ ނުދެވޭނެތީއެވެ. ޒުއްބަ އަތުން ކުރިން ނެގި ލާރީގެ ތެރެއިން ބައެއް ވެސް އަދިވެސް ނުދައްކައި އެބަ އޮތެވެ. އަހަންނާ ޚިލާފަށް ޒުއްބަގެ އާއިލާއަކީ ފުދިގެން އުޅޭ ބައެކެވެ. ޒުއްބަ މާލޭގައި ހުންނަނީ އޭނާގެ ދައްތައެއްގެ ގޭގައެވެ. އެއީ އޭނާގެ ދައްތަގެ ފިރިމީހާގެ އަމިއްލަ ގެއެވެ. އޭނާގެ ބައްޕައަކީ ރަށުގައި ވިޔަފާރިކުރާ މީހެކެވެ.

"އަހަރެން ފަހުން ކިޔައިދޭނަން،" އަވަސްއަވަހަށް ދަބަސް ހިފައިގެން އަހަރެމެން ދެ މީހުން ގެއިން ނުކުތީމެވެ.

"އަޅެ ތެންކިޔޫ. މަ ވަރަށް އަވަހަށް ދޭނަން،" ގެއިން ނުނިކުމެވިގެން އުޅެނިކޮށް ޒުއްބަ އަހަރެންގެ އަތަށް 100ރ. ދިނުމުން ޝުކުރުގެ ނަޒަރަކުން އޭނާ އަށް ބަލާލީމެވެ.

އީޕީއެސް ސްކޫލު ކަންމައްޗަށް އެރުމާ އެކު އެއްކަލަ މީހާގަނޑު ފެނުނެވެ. މީހާގަނޑެއް ނޫނެވެ. އާތިފެވެ. އިއްޔެއާ ޚިލާފަށް އޭނާ މިއަދު ހުރީ ޔުނީފޯމުގައެވެ. ޔުނީފޯމުގައި ހުންނަ ދުވަހެއް ނަމަ އޭނާ އަހަރެމެންނާ "ނުފޮށޭނެ"އެވެ.

އާތިފްއާ އަރާ ހަމަވުމާއެކު އަހަރެން މަޑުކޮށްލީމެވެ. އޭނާ ހުރީ ބުޅާ މަސްގަނޑަށް ބަލާ ގޮތަށް އަހަރެމެން ދެ މީހުންނާ ދިމާ އަށް ބަލާށެވެ. އޭނާ ބަލާ ގޮތުން އޭނާގެ ނަޒަރު ހުއްޓިފައި ހުރީ އަހަރެމެން ދެ މީހުން ކުރެ ކާކަށްކަން ބުނަން އުނދަގޫ ވެއެވެ.

"ތެންކިޔޫ! އަހަންނަށް ކިޔަނީ ރީމާ" ޒުއްބަ ދިން 100ރ. ގެ ނޫޓު އާތިފަށް ދެމުން އަހަރެން ތަޢާރަފްވީމެވެ.

"އިޓްސް އޯކޭ! ކޮންމެހެން ނުދިނަސް... އެއީ ފަހުން ދޭ ގޮތަށް ދިން އެއްޗެއް ނޫން." އެ ނޫޓުގައި ހިފުމުގެ ބަދަލުގައި އާތިފް ބުންޏެވެ. އޭރުވެސް

ޒުއްބަ ހުރީ ވާނުވާ ނޭނގިފައެވެ. އެހާ ފޫހިވާ ކަމަށް ބުނާ މީހަކާ އަހަރެން ލަދުރަކިކޮށް ވާހަކަ ދައްކާތީ އޭނާ ހުރީ ތަންމިނަށް އަނގަ ހުޅުވިފައެވެ. އަދި ރޭގެ ވާހަކަ ދެކެވޭތީ އޭނާއަށް ނޭނގި ރޭގެ ވީ ކިހިނެއްތޯ އަހާ ގޮތަށް އޭނާ ނިތްކުރި އަރުވާލިއެވެ.

"ނޫން. ދަރަންޏެއް ވެއްޖެއްޔާ ދޭންޖެހޭނެ ދޯ. އަހަރެން ރޭ ލާރީގައި ހިފީ ވެސް މިއަދު ދޭން ވެގެން،" އަހަރެން ބުނީމެވެ. އޭގައި ނުހިފާނެކަން އާތިފްގެ މޫނަށް ބަލާލުމުން ވެސް އަހަންނަށް އެނގުނެވެ.

"ދަރަންޏެއް ވިއްޔާ އެބަ އޮތް ގޮތެއް. މަށާއެކީ މިރޭ ކާން ހިނގާ. އޭރުން ދަރަނި އަދާކުރެވުނީ،" ރަހުމަތްތެރިކަމުގެ ފެށުމަކަށް އާތިފް ދަޢުވަތު ދިނެވެ.