އެއް ދުވަހަކު ޖުހާ ބާޒާރަށް ގޮސް ހިމާރެއް ގަނެފިއެވެ.
ހިމާރު ގަނެގެން ގެއަށް އައީ އެސޮރުގެ ކަރުގައި ވާގަނޑެއް ޖަހާ ވާގަނޑުގައި ޖުހާ ހިފައިގެން މަޑުމަޑުން ހިނގާފައެވެ.
ޖުހާ ހުރީ ކުރީގައެވެ. ހިމާރު މަޑުމަޑުން ފަހަތުން އަންނަމުން ދެއެވެ.
މިހެން ދަނިކޮށް އެ ޝަހަރުގެ އެންމެން ދަންނަ ދެ ވަގުންނަށް މި މަންޒަރު ފެނިއްޖެއެވެ.
މި ދެމީހުން ސައްލާ ކޮށް ނިންމީ މަޑުމަޑުން ގޮސް ޖުހާ އަށް ނޭނގޭ ގޮތައް ހިމާރުގެ ކަރުގައި ޖަހާފައި އޮތް ވާގަނޑު މޮހާލުމަށްފަހު ހިމާރު ވަގައް ނަގާށެވެ.
މި ރޭވުން ރޭވުމަށް ފަހު ޖުހާ އަށް ވާނުވާ ނޭނގޭ ގޮތައް ވަރަށް ހުޝިޔާރު ކަމާއެކު ވާގަނޑު މޮހާލައިފިއެވެ. ވާގަނޑު މޮހާލުމަށްފަހު އެމީހުން ނިންމީ އެތަނުން އެކަކުގެ ކަރުގައި ވާގަނޑު ހަރުކުރުމަށް ފަހު އަނެއް މީހާ ހިމާރު ގޮވައިގެން ފިލުމަށެވެ.
ކޮންމެ އަކަސް މި ގޮތައް ކަންތައް ކޮށް ދަތުރު ކުރިއަށް ދަނިކޮށް، ޖުހާ އަށް އެނބުރި ފަހަތް ބަލާލެވިއްޖެއެވެ.
ޖުހާއަށް ލިބުނީ ބޮޑު ޝޮކެކެވެ. ހިމާރުގެ ބަދަލުގައި ވާގަނޑު ގައި އައްސާފައި މި އޮތީ އިންސާނެކެވެ.
"ހިމާރު ކޮބާ؟" ހައިރާންވެ ހުރެ ޖުހާ އަހާލިއެވެ.
"މިއީ ހިމާރު." ވަގުކަލޭގެ ޖަވާބު ދިނެވެ.
"އެއީ ކިހިނެއް ވާނެ ކަމެއް؟" ޖުހާ އޭގެ ރައްދުގައި ބުންޏެވެ.
"އަހަންނަކީ އަހަރެންގެ މަންމަ އަށް ވަރަށް ގޯސް ކޮށް ކަންތައް ކުރި މީހެއް،" ވަގުކަލޭގެ ބުންޏެވެ. "ދެން އެހެން ކަންތައް ކުރަމުން ދާތީ މަންމަ ކުރި ބަދު ދުއާއެއް އަހަންނަށް ޖެހުނީ، މަންމަ ދުއާ ކުރީ އަހަރެން ހިމާރަކަށް ވާނެ ނަމައޭ، ދެން އަހަރެން އެއް ދުވަހު ހެނދުނު ހޭލި އިރު އޮތީ ހިމާރަކަށް ބަދަލުވެފައި، ދެން މަންމަ ހެދި ގޮތަކީ އަހަރެން ބާޒާރަށް ގެން ގޮސް ވިއްކާލީ، އެމީހާ އަތުން ކަލޭ ދެންމެ އަހަރެން ތިޔަ ގަތީ، އެކަމަކު ﷲ ގެ ރަހުމަތުން ދެންމެ އަނެއްކާވެސް އަހަރެން އަހަރެންގެ އަސްލު ސިފައަށް ބަދަލުވީ."
"އަސްތާ! އިންސާނަކު ކިހިނެއް އަހަރެން ހިމާރެއްގެ ގޮތުގައި ބޭނުން ކުރާނީ! އަވަހަށް ދޭ، ކަލޭތީ މިނިވަނެއް." ޖުހާ މިހެން ބުނުމަށްފަހު ވަގުކަލޭގެ ކަރުގައި އައްސާފައި އޮތް ވާގަނޑު މޮހާލާ އޭނާ ވަގުތުން ދޫކޮށްލައިފިއެވެ.
"އެކަމަކު ބުނަން ދެންވެސް މަންމަ ދެރަވާ ކަމެއް ނުކުރާތި! ދުވަހަކުވެސް ނުކުރާތި!، އަހަންނަށް ވީ ގެއްލުމުގެ ބަދަލު ﷲ އަހަންނަށް މިންވަރު ކުރައްވާނެ." ޖުހާ ވަގުކަލޭގެ ދޫކޮށްލަމުން ބުންޏެވެ.
އޭގެ ހަފްތާއެއްހާ ދުވަސް ފަހެވެ. އަނެއްކާވެސް ރަނގަޅު ހިމާރެއް ރަނގަޅު އަގެއްގައި ލިބޭތޯ ޖުހާ ބާޒާރަށް ހިނގައްޖެއެވެ.
ގޮސް ކޮޅުކޮޅަށް ލޯ ހިންގާލި އިރު ކަމަކުދާކަށް ނެތެވެ. ޖުހާގެ ލޮލުގައި އަޅައިގަތީ ކުރީ ދުވަހު ޖުހާ ގަތް ހިމާރު އަނެއްކާވެސް ވިއްކަން ގެނެސްފައި އޮއްވައެވެ.
އަވަސް އަވަހަށް ޖުހާ ހިމާރުގެ ގާތައް ހިނގައްޖެއެވެ.
ގޮސް ހިމާރުގެ ކަންފަތް ކައިރިއަށް ގުދުވުމަށްފަހު ބުނެފިއެވެ. "ކަލޭ އަނެއްކާ މަންމަ އަށް އިހާނެތި ކޮށް ކަންތައް ކުރީތަ؟ ކަލޭ ގާތުގައި އަހަރެން ނުބުނަންތަ ދެން ދުވަހަކުވެސް މަންމަ އަށް ދެރަ ގޮތެއް ނުހަދަން؟، ދެރަވާ އެއްޗެއް ނުބުނަން؟ އަދި މިވީ ހަފްތާއެއް، އަނެއްކާ ތިޔަ އޮތީ މިތަނަށް ވިއްކަން ގެނެސްފައި، ކަލެއަށް ހަމަ ތިޔަ ދިމާވަނީ ރަނގަޅަށް، ތިޔަ ވީ ހަމަ ވާންވީ ގޮތް."