ވިޔަފާރިވެރިޔަކު އެއްދުވަހަކު ހޮޓަލަކަށް ވަދެ ރޯސް ކުރި ކުކުޅަކަށާއި ދެބިހުގެ ބިސްގަނޑަކަށް އޯޑަރު ކޮށްފިއެވެ.
ކޮންމެ އަކަސް ކައި ނިމިގެން، ވިޔަފާރިވެރިޔާ އެދުނީ، ބިލް ބާއްވައި ދިނުމަށެވެ. އޭނާ ބުނީ ދެން އަންނަ ފަހަރަކުން ބިލް ދައްކާ ނިންމާލާނެ ކަމަށެވެ.
ވިޔަފާރިކަމު އެތައް މިތާނގައި އުޅުމަށް ފަހު އެ ވިޔަފާރިވެރިޔާ އަށް އަނބުރާ އެ ހޮޓަލަށް އާދެވުނީ އޭގެ 3 މަސް ފަހުންނެވެ.
ހޮޓަލަށް ގޮސް ހޮޓަލުގެ ވެރިމީހާ ގާތުގައި އެއްކަލަ ބިލް ގެނެސްދިނުމަށް ބުނެފިއެވެ.
"ތިޔަ ބިލް ކުޑައެއް ނޫން، އެކަމަކު ދެން 200 ދިރުހަމް ދީ ނިންމާލާ." ހޮޓަލުގެ ވެރިމީހާ ބުންޏެވެ.
"200 ދިރުހަމް! ކުކުޅަކަށާއި 2 ބިހަށް! އެއީ ކޮން ގޮތަކުން؟ ކިހިނެއް؟ 2 ކުކުޅާއި 4 ބިހަށް ވެސް ތިވަރު ކިހިނެއް އަރާނީ؟" ހައިރާންވެ ހުރެ ވިޔަފާރިވެރިޔާ ފުލުފުލުގައި ސުވާލު ކުރަމުން ދިޔައެވެ.
"ވާގޮތަކީ މިއީ." ބިލް ހެދި ގޮތް ސާފު ކޮށްދެމުން ހޮޓަލުގެ ވެރިޔާ ކިޔައިދިނެވެ. "ކަލޭ ކެއި ކުކުޅު މި ފާއިތުވެ ދިޔަ 3 މަސް ދުވަހުގެ ތެރޭގައި ދުނިޔޭގައި ހުރި ނަމަ، އަދި ދުވާލަކު އެންމެ މަދުވެގެން ބިހެއް އެޅި ނަމަވެސް ވިސްނާލާ، ކިހާ ބިހަކާ ކިހާ ކުކުޅެއް ލިބޭނެ، އެ ހުރިހާ ކުކުޅަކާ ބިހެއް ވިއްކައިގެން ކިހާ ލާރިއެއް އަހަންނަށް ލިބޭނެ؟" ހޮޓަލުގެ ވެރިމީހާ ބުންޏެވެ.
ދެމީހުންގެ މެދުގައި ޒުވާބު ހޫނުވެ އެންމެ ފަހުން ހޮޓަލުގެ ވެރިޔާ ބޭނުންވީ ކޯޓުން މައްސަލަ ހައްލު ކުރާށެވެ.
ޖެހިގެން އައި ދުވަހު ފަނޑިޔާރު ގެއަށް ދެމީހުން ހާޒިރުވެއްޖެއެވެ.
ގޮސް ފަނޑިޔާރު މަނިކުފާނަށް މައްސަލަ ސާފުކޮށްދީފިއެވެ.
"މީގެ 3 މަސް ކުރިން އެ ކުކުޅުގެ އަގަށް ކަލޭ އެއްބަސްވިންތަ؟" ފަނޑިޔާރު ވިޔަފާރިވެރިޔާ ގާތު އެއްސެވިއެވެ.
"ނޫން، އަގަށް އޭރު އެއް ބަހެއް ނުވަން." ވިޔަފާރިވެރިޔާ ޖަވާބު ދިނެވެ.
"އެ 3 މަސް ދުވަހުގެ ތެރޭގައި ކުކުޅު އެތައް ސަތޭކަ ބިހެއް އަޅާފާނެ ކަމަށް ގަބޫލު ކުރެވޭތަ؟" ވިޔަފާރިވެރިޔާ ގާތު ފަނޑިޔާރު އެއްސެވިއެވެ.
"ޔަގީން ނޫންތޯ، އެކަމަކު އެއީ ކުކުޅު ދުނިޔޭގައި ހުރި ނަމަ." ވިޔަފާރިވެރިޔާ ޖަވާބު ދިނެވެ. "އެކަމަކު އިއްޒަތްތެރި ފަނޑިޔާރު، އަޅުގަނޑަށް ގެނެސްދިން ކުކުޅަކީ ރޯސްކޮށްފައި އޮތް ކުކުޅެއް، ދެ ބިހުން އޮތީ ބިސްގަނޑު އަޅާފައި."
ކިތަންމެ ރަނގަޅަށް ދިފާއުގައި ވިޔަފާރިވެރިޔާ ވާހަކަ ދެއްކި ނަމަވެސް ފަނޑިޔާރުގެ ބަސްމަގު ހުރި ގޮތުން ހުކުމް ކުރާނީ މަހުޖަނާ ދެކޮޅަށް ކަމަށް މަހުޖަނަށް ވިސްނިއްޖެއެވެ.
"އަޅުގަނޑަށް އިތުރު ހެކި ހުށަހެޅުމަށް އަދި އެއް ދުވަހުގެ ފުރުސަތު ލިބިދާނެތޯ؟" ފަނޑިޔާރަށް ވިޔަފާރިވެރިޔާ ދެންނެވިއެވެ.
ފަނޑިޔާރު އެގޮތަށް ގަބޫލު ކުރައްވާ ޖެހިގެން އަންނަ ދުވަހަށް މައްސަލަ ތާވަލް ކޮށް އެދުވަހަށް އަޑުއެހުން ނިންމާލައިފިއެވެ.
ޖެހިގެން އައި ދުވަހު ހާޒިރުވެ ވިޔަފާރިވެރިޔާ ފަނޑިޔާރަށް ދެންނެވި އެވެ. "އަޅުގަނޑުގެ ފަރާތުން އިތުރު ހެކި ހުށަހަޅާނީ ޖުހާ."
އެކަމަކު ޖުހާއެއް އެތާކު ނެތެވެ.
އެތައް އިރެއް ވީ އިރުވެސް ޖުހާއެއް ނާދެއެވެ.
އިންތިޒާރު ކުރަމުން ދަނިކޮށް އެތައް އިރެއް ފަހުން ޖުހާ ފަނޑިޔާރު ގެއަށް ހާޒިރު ވެއްޖެއެވެ.
އެހާލަހުން ޝަރީއަތައް ހާޒިރު ވުމުން ފަނޑިޔާރު ވަރަށް ކޯފާ އިސްކުރައްވާ ޖުހާ ކުރެން އައްސަވައިފިއެވެ. "މިއީ ޝަރީއަތުގެ މަޖިލީހެއް، ކަލޭ އަހަރެމެން ތިޔަ ޖެއްސީ އިންތިޒާރު ކުރުވަން، އަހަރެމެން މިހެން ނުބޭތިއްބޭނޭ، އެކަން އެނގޭތަ؟"
"އިއްޒަތްތެރި މަނިކުފާނު ކޯފާ މަޑު ކުރައްވާ، އަޑު އައްސަވާ" ވަރަށް މަޑުމޮޅި ކަމާއެކު ޖުހާ ފަނޑިޔާރަށް ދެންނެވިއެވެ.
"އަޅުގަނޑު މި ތަނަށް އަންނަން ނުކުންނަން ތައްޔާރުވި ތަނުން އަޅުގަނޑުގެ ރަހުމަތްތެރި އަކު އައީ އަޅުގަނޑުގެ ގެޔަށް ގޮވާން ކުރަން ބަހައްޓާފައި ހުރި 2 ބަސްތާ ގޮދަން ބަލައި، ވިއްސާރަ މޫސުން އަންނަންވާއިރަށް އެ ގޮދަންތައް ދަނޑާ ހަމަ އަށް ނުގެންދެވިއްޖެ ނަމަ ވަރަށް ގެއްލުންވާނެ، އެހެން ވީމާ އަޅުގަނޑަށް ޖެހުނީ އެ ދެ ބަސްތާގައި ހުރި ގޮދަން އޭނާ އާ ހަވާލު ކުރުމަށް އަވަހަށް ފެނު ކައްކަން، ފެނުކައްކާފަ ދިނީމަ އޭރުން އޭނާއަށް ގޮވާން ލެވިދާނެ." ޖުހާ ލަސްވި ސަބަބު ކިޔައި ދެމުން ފަނޑިޔާރަށް ދެންނެވިއެވެ.
"ކަލޭ ތީ މޮޔަ ވާހަކަ ދައްކާ މީހެއް، ތިއީ ކޮންހަލަ ބަހަނާއެއް؟ ކާކު ގަބޫލު ކުރާނީ ދަނޑަށް ގޮވާން ލާއިރު ގޮދަން ކުރިން ފެނު ކައްކާ ވާހަކަ ބުނީމަ؟" ފަނޑިޔާރު ކޯފާ އިސްކުރައްވާ ވިދާޅުވިއެވެ.
ފަނޑިޔާރު އެހެން ވިދާޅުވުމާއެކު ޖުހާ އޭގެ ރައްދުގައި ދެންނެވިއެވެ. "އެކަމަކު މިތާ އެކިޔަނީ ނޫންތޯ ރޯސް ކޮށްފަ އޮތް ކުކުޅުއް ބިސްއަޅާ، ވިހާ، އެތައް ކުކުޅެއް އުފެދި އެހެން ގޮސް ކުކުޅުގެ އަގު އުފުލިގެން 200 ދީނާރަށް އަގު އަރާވާހަކަ."
ޖުހާގެ މި ވާހަކައާ ގުޅިގެން ފަނޑިޔާރު މަނިކުފާނު މި މައްސަލައާ މެދު ދެކެވަޑައިގަންނަވަމުން ގެންދެވި ގޮތް މުޅިން ބަދަލު ކުރައްވާ ވިޔަފާރިވެރިޔާ އާ އެއްކޮޅަށް މައްސަލަ ނިންމަވާ ހުކުމް ކުރައްވައިފިއެވެ.