އެއް ދުވަހު ޖުހާ ގާތައް މީހަކު އައިސް ބުނެފިއެވެ.
"މި އައީ ވަރަށް ބޮޑު ކަމަކު، އަޅުގަނޑަކީ ލިޔަން ކިޔަން ދަންނަ މީހަކީމެއް ނޫން، މި ސިޓީގައި އޮތް އެއްޗެއް ކިޔާލަ ދެއްވަފާނަންތޯ؟"
"ގެނޭ..ތިކަން ކޮށްދީފާނަން..." ޖުހާ ބުންޏެވެ.
ޖުހާ އަކީ އެ ޝަހަރުގެ މަޝްހޫރު މުދައްރިސެކެވެ. އެހެން ކަމުން ސިޓީ ހިފައިގެން އައި މީހާ ވިސްނައިގެން ހުރީވެސް އެހެން އިތުރު މީހެއްގެ ގާތައް ސިޓީގައި އޮތް އެއްޗެއް ސާފުކުރަން ދެން ދާކަށް ނުޖެހޭނެ ކަމުގައެވެ.
ކޮންމެ އަކަސް އަތައް ސިޓީ ދިނުމުން އެތައް އިރަކު ސިޓީއަށް ބަލަހައްޓައިގެން ޖުހާ އިނީއެވެ.
އެއްޗެއް ނުބުންޏެވެ.
"ކީކޭތޯ ސިޓީގައި އޮތީ؟" އެ މީހާ ޖުހާ އާ ސުވާލު ކުރިއެވެ.
"ވަރަށް ދެރަ މި ސިޓީ އަހަންނަކަށް ކިޔާކަށް ނޭނގުނު، މީތި ލިޔެފައި މި އޮތީ އެހެން ބަހަކުން، އަހަރެން ދަންނަ ބަހެއް ނޫން އެއީ.." ޖުހާ ބުންޏެވެ.
ޖުހާ މިހެން ބުނުމުން ސިޓީ ހިފައިގެން އައި މީހާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހި ރުޅި ވެސް އަތުވެއްޖެއެވެ.
"ތިޔައީ މުދައްރިސެކޯ، ބޮލުގައި ތި އޮތް ފަގުޑިއަށް ވެސް ހުތުރު، ކީއްކުރާ ފަގުޑިއެއް؟ ސިޓީއެއް ވެސް ކިޔާކަށް ނޭނގުނު." އެ މީހާ ބުންޏެވެ.
މި ވާހަކަ މި މިގޮތައް ބުނުމުން ޖުހާ މަޑުމަޑުން ގޮސް އޭނާގެ ގާތުގައި ހުއްޓިފައި، ޖުހާގެ ބޮލުގައި އޮތް ފަގުޑި ނަގާ އެމީހާގެ ބޮލުގައި އަޅުވައިފިއެވެ. އެއާ އެކު ޖުހާ ބުންޏެވެ:
"ތިހިރީ މިހާރު ފަގުޑި އެޅިފައި...އަޅެ ދެން ބަލާބަލާ އަމިއްލަ އަށް ސިޓީ ކިޔަން އެނގޭތޯ!"