ޖުހާ ގެންގުޅޭ ކަންބަޅި އަކީ ވަރަށް ރީތި ކަންބަޅިއެކެވެ. އަނެއްކާ އެ ކަންބަޅި ފަލަވެފައި އެ ވަރަށް އޮންނަނީ މަސް ޖަހާފައެވެ. ގައިގެ ތަންކޮޅެއްގައި ލަފެއްވެސް، އައިބެއްވެސް ނެތެވެ. އެހާވެސް ފުރިހަމަ ކަންބަޅިއެކެވެ.
ކޮންމެ އަކަސް މި ކަންބަޅި އަކީ ވަރަށް ގިނަ މީހުންގެ ލޮލުގައި އަޅައިގަންނަ އެއްޗަކަށް ވެއްޖެއެވެ.
ކަންބަޅިއާ އަޅައިގަނެގެން އުޅޭ ޖުހާގެ ރަހްމަތްތެރިން ތަކެއް އެއްދުވަހު ސައްލާ ކޮށްފިއެވެ.
"އެ ކަންބަޅި ހާދަ މީރުވާނެއެވެ. ޖުހާގެ ބޮލަށް އެރިގެން މި ކަންބަޅި ކަތިލައިގެން އަވަހަށް ކާލަން ހިނގާ. އެކަމަކު ކިހިނެއް މިކަން ކުރަން ޖުހާގެ ބޮލަށް އެރޭނީ..!" އެމީހުން ސައްލާ ކުރަމުން ދިޔައެވެ.
ސައްލާގެ ތެރޭގައި އެންމެ ފަހުން ރޭވުމެއް ރާވާ މި ރޭވުން ހިންގާލަން އެމީހުން ނިންމިއެވެ.
ޖުހާގެ އެކުވެރިން ޖުހާ އާ ބައްދަލުކޮށްފައި ބުނެފިއެވެ. "އޭ ޖުހާ ... އެނގޭތަ ދުނިޔޭގެ ނިމުން ވަރަށް ގާތް ވެއްޖެއެވެ. ހަމަ ކޮންމެ ވަގުތެއްގައި ވެސް މިހާރު ދުނިޔެ ނިމިދާނެ."
"ކާކު ބުނި ވާހަކަ އެއް" ޖުހާ ހައިރާން ވެފައި އެއްސެވެ.
"އެންމެން އެ ދައްކަނީ އެ ވާހަކަ، ދެމީހަކު ދޭއްޗެއް ނުކިޔާ."
"އެކަމަކު ދުނިޔެ ނިމޭނެ ބަރާބަރު ގަޑި ދެނެވޮޑިވެގެން ވަނީ ދުނިޔެ ހެއްދެވި ފަރާތް"
"އެކަމަކު އެންމެވެސް އެ ކިޔަނީ ދުނިޔެ ނިމޭ ވާހަކަ، އެންމެން އެއް ވާހަކަ އެއް ދައްކާނީ އޭގައި ކޮންމެވެސް ހަގީގަތެއް އޮތީމާ."
"އަހަންނަށް ފެންނަނީ ޖުހާ ތިޔަ ގެންގުޅޭ ކަންބަޅިވެސް އަވަހަށް ކަތިލާ، އޭތި ފިހެލައިގެން ކާލަން، ކަންބަޅީގެ މަސްކޮޅެއްގެ ރަހަ ނުފެނި ހުއްޓާ ދުނިޔެ ނިމިއްޖެ ނަމަ ކިހާ ދެރަ، ކިހާ ބޭކާރު؟" ރަހުމަތްތެރިޔާ ޖުހާ އަށް ވިސްނައިދިނެވެ.
މިކަން މިހެން ހިނގާފައި އޮއްވާ ދިމާވި އެހެން ރަހުމަތްތެރިޔަކު ވެސް ހަމަ މިމޭރުމުން ވާހަކަ ދައްކާ، ބާކީ މިއޮތް ވަގުތު ކޮޅުގެ ތެރޭގައި އަވަހަށް ކަންބަޅީގެ މަސްކޮޅެއް ކެވޭތޯ އުޅުން އެއީ އެންމެ ބުއްދިވެރި ގޮތް ކަމުގައި ޖުހާ އަށް ވިސްނައިދީފިއެވެ.
އެންމެ ފަހުން ރަހުމަތްތެރިންގެ ބަސް އަހާ ވަރަށް ގަޔާނުވެ ހުރެ ޖުހާ ކަންބަޅި ކަތިލާން އެއްބަސް ވެއްޖެއެވެ.
ކަންބަޅީ ކަތިލާނެ ދުވަސް ކަނޑައަޅާ ޖުހާގެ ރައްޓެހިން ނިންމީ ވަރަށް އުފާވެރި ކަމަކަށް މިކަން ހެދުމަށް ކޯރެއްގެ އައްސޭރި އަށް ގޮސް ކަންބަޅި ފިހެގެން ކެއުމަށެވެ.
ކޮންމެ އަކަސް ކޯރުގެ އައްސޭރިއަށް ގޮސް ކަންބަޅި ކަތިލާ ސާފު ކުރުމަށްފަހު ޖުހާގެ ރަހްމަތެރިން ޖުހާ ގާތު ބުނެފިއެވެ. "އަހަރެމެންނަކަށް މީރުކޮށް ކަންބަޅި ފިހާކަށް ނޭނގޭ، އެހެން ވީމާ އަހަރެމެންގެ އަތުން ކަންބަޅި އެނދުމަށް ވުރެ ރަނގަޅު ވާނީ ޖުހާ ތިޔަ ފިހެލިއްޔާ.. އަހަރެމެން އަންނާނަން ކޯރަށް އެރިލާ ފެންވަރާލައިގެން، މިއީ ވެދާނެ ކޯރަށް އެރިލަން ލިބޭ އެންމެ ފަހު ދުވަހަށް ވެސް."
މިހެން ބުނެ އެމީހުން ލައިގެން ތިބި ގަމީސްތަކާއި ފައިވާން ތައް ޖުހާ އަށް ހަވާލު ކޮށް އެމީހުން ކޯރަށް އެރެން ހިނގައްޖެއެވެ.
ކޯރަށް އެރެން ދިޔައިރު އެމީހުން ހިތައް އެރިއެވެ. ޖުހާ އެހެރީ ހާދަ ދެރަވެފައެވެ. އޭނާ އެހާ ލޯބިން ގެންގުޅުނު ކަންބަޅި އާ ވަކި ވީމާ ވާނީ ވެސް އެހެންނެވެ.
ކޯރަށް އެރިފައި ރަހުމަތްތެރިން އައި އިރު ކަންބަޅި އޮތީ ރަނގަޅަށް ރޯސް ވެފައެވެ. މުޅި ހިސާބަށް އޮތީ މީރު ވަސް ފެތުރިފައެވެ. ބަނޑުހައިވެފައި ތިބި ޖުހާގެ ރަހްމަތެތެރިން އަވަހަށް އެއިން މަސްކޮޅެއް ކެއުމަށް ތިބީ ކެތް މަދުވެފައެވެ.
ކާން އިށީނުމުގެ ކުރިން ޖުހާ އަތައް ފޮރުވަން ދިން ހެދުންތަކާއި އެމީހުންގެ ފައިވާންތައް ކޮބާތޯ އަހައިފިއެވެ.
ވަގުތުން ޖުހާ ބުނެފިއެވެ. "ކަންބަޅި ފިހެމުން ދިޔަ އިރު ހުރިހާ ހެދުންތައް ވެސް، ފައިވާންތައް ވެސް އަންދާލައިފިން"
އެމީހުންގެ އެކަކު އަތުގައިވެސް ދެން ލާނޭ އެއްޗެއް ނެތެވެ. އެނބުރި ގެއަށް ވެސް ދާންޖެހޭނެތާއެވެ.
ރުޅިއައިސްފައި ތިބެ އެންމެން އެއް އަޑަކުން ބުނެފިއެވެ. "ކީއްވެ އަންދާލީ، އަހަރެމެން ދެން ކިހިނެއް ހަދާނީ؟"
ޖުހާ ވަރަށް ހަމަޖެހިލައިފައި ބުންޏެވެ.
"ލޮބެވެތި ރަހުމަތްތެރިންނޭ، މާދަމާ އަކީ ދުނިޔޭގެ ފަހު ދުވަސް ކަމަށް ވެދާނެ، ދެން މިއަދު މި ގާތްނގަޑަކަށް ނިމުނީ.. އެހެން ވީމާ ދެން ހެދުމެއް ފައިވާނެއް އެއްވެސް މީހަކަށް ބޭނުމެއް ނުވާނެ."