ޒީނިޔާ އައްޑުއަށް ނުދާތާ މިހާރު ފަންސަވީސް އަހަރު ވެއްޖެ އެވެ. އައްޑުއަކީ އެ އަތޮޅަކަށްޓަކައި ޒީނިއާ ވެސް ފަޚްރުވެރިވާ އަތޮޅެވެ. އެ އަތޮޅު ހިތަދޫ އަކީ ޒީނިއާ ގެ ގަތްވަޅެވެ. ނުވަތަ އުފަން ރަށެވެ. ޒީނިޔާ މާލެއަށް ކިޔަވަން ދިޔައީ މީގެ ފަންސަވީސް އަހަރުކުރިންނެވެ. އޭނާގެ ބޮޑުބޭބެގެ ކައިރިއަށެވެ. ޢާއިލާގައި ހުރި ހަމައެކަނި މީހާގެ ކައިރިއަށް ދެވުނަސް ޒީނިޔާ އަށް ދެވުނީ 'ނަރަކަ އެއް' ފަދަ ތަނަކަށެވެ. ނަމެއްގައި ބޮޑުބޭބެ އެވެ. ޙަޤީޤަތުގައި އެއީ 'އަރައި ކައިއުޅޭ ފުރޭތަ' އަކަށްވުރެންވެސް ނުލަފާ މީހެކެވެ. އިހުގައި އަރާ އުޅުނުކަމަށް ބުނާ 'ރަންނަމާރި' ފަދަ ނުލަފާ ހައިވާނެކޭ ބުންޏަސް ފާފަވެރިއެއް ނުވާނެއެވެ.
މިއަދު ޒީނިޔާ އިނީ ހިތްހަމަ ޖެހިފައެވެ. ދިގު ފަންސަވީސް އަހަރު ފަހުން 'އުމުރު ދުވަހުގެ ޖަލު ބަންދެއްގައި' އިނދެފައި ސަލާމަތްވުމުން މީހަކަށް ކުރެވޭނެ އުފާވެރި އިޙްސާސަށް ވުރެންވެސް ބޮޑަށް އުފާވެފަ އެވެ. އައްޑޫ އަތޮޅަށް ނިސްބަތްވާ، މާލެއަށް މަޝްހޫރު ބާގިރު ސޭޓް ގެ ނުލަފާ ވަކިތަކުން ސަލާމަތްވެވުމުން ނެވެ. ބާގިރު ސޭޓްގެ ކިބައިން ސަލާމަތްވެވޭތޯ ޒީނިޔާ ލައްކަ މަސައްކަތްކުރި އެވެ. ނަމަވެސް އެކަން މިންވަރު ފުޅުގައި ނެތުމުން ކާމިޔާބު ނުވެ 'އެތައް ހާސް އަހަރެއްހައި' ދިގު ފަންސަވީސް އަހަރު ހޭދަވެ ދިޔައީ އެވެ. ނަމަވެސް ތަޤްދީރުގައި އެކަމެއް ވާން އޮންނަ ވަގުތަކު ވާނެ އެވެ. މާތް ﷲ ގެ ވަޙީ ބަސްފުޅާއި އެއްގޮތަށް، އެކަލާނގެ ކަމަކަށް ވާށޭ ވަޙީ ކުރައްވައިފިނަމަ، ލަސްތަކެއް ނުވެ އެކަމެއް ވާނެ އެވެ. އެ ވަގުތު ޖެހިގެން ދިޔައީ މީގެ ދެ ހަފުތާ ކުރިން ނެވެ. ބާގިރު ކުއްޔަށް ނަގައިގެން އުޅޭ ފަޅުރަށުގެ މޫދުގައި އުޅެނިކޮށް ކުއްލި ގޮތަކަށް ގެނބިގެން މަރުވުމާއި ގުޅިގެން ނެވެ.
ބާގިރު މަރުވުމުގެ އަށެއްކަ ގަޑިއިރު ކުރިންވެސް ޒީނިޔާއަށް ލައްކަ ގިނަ އަނިޔާ ކުރި އެވެ. ޖިންސީ އަނިޔާ އެވެ. ނަފުސާނީ އަނިޔާ އެވެ. ޖިސްމާނީ އަނިޔާ އެވެ. ކުރުކޮށް ބުނާނަމަ، ދެވެން އޮތް ހުރިހައި ގޮތަކަށް އަނިޔާ ދިނެވެ. ޒީނިޔާ ޕީރިއަޑް ރަނގަޅު ނުވެގެން އުޅޭތާ ދިހަ ބާރަ ދުވަސް ވެފައި ވާކަން އެނގި ހުރެވެސް ބާގިރު ބޭނުންވީ 'ކަން' ކުރާށެވެ. ޒީނިޔާ އަށް އެއީކީ އާކަމެއް ނޫނެވެ. ޕީރިއަޑް ދުވަސްކޮޅެއް ނޫނަސް، ކޮންމެ ފަހަރަކުވެސް ޒީނިޔާ ތަހައްމަލު ކުރަމުން ގެންދިޔައީ 'ރޭޕް' ގެ ޝިކާރައަކަށް ވުމެވެ. ޒީނިޔާ ގެ ނުރުހުމުގައި ވިޔަސް ބާގިރު ދުވާލަކު އެތައް ފަހަރަކު ގަދަކަމުން ޒިނޭ ކޮށް އުޅުނީ އޭނާ އަކީ ނިމުމެއް ނާންނާނެ އިންސާނެއްކަމަށް ވިސްނައިގެން ނެވެ. މަޙްޝަރު ބިމުގައި، މާތް ﷲ ގެ ޙަޟްރަތުގައި ޖަވާބުދާރީ ވާންޖެހޭނެކަން ކުޑަކޮށްވެސް ހިތަށް ނާރައެވެ.
'ސަމާލުކަމަށްޓަކައި ދަންނަވާލަން. އެޓޯލް އެއަރ ދޭއް-ހައެއް-ސުމަކުން ގަމަށް ދަތުރުކުރައްވާ ބޭފުޅުން ހަ ނަންބަރު ދޮރާށިން ވަޑައިގަތުމަށް ދަންނަވަން!'
ސިއްސައިގެން ގޮސް ޒީނިޔާ އަށް ހޭވެރިކަންވީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯޓްގެ ފުރާގިމަތައިގެ ސައުންޑް ސިސްޓަމް އިން ކިޔަންފެށި އެނައުންސްމެންޓާއި އެކުގަ އެވެ. އޭރު ތާނިޔާ ހުރީ ދަބަސް އަޅުވައިގެން ތެދުވެ ތައްޔާރަށެވެ. ތާނިޔާ އަކީ ޒީނިޔާ ގެ ދަރިއެކެވެ. ބާގިރު ގެ މުޑުދާރު ޢަމަލުގެ ނަތީޖާ އެކެވެ. ބާގިރު ދެކެ ޒީނިޔާ ކިތަންމެ ރުޅި އަޔަސް ތާނިޔާ ދެކެ އޭނާ އިންތިހާއަށް ލޯބިވެ އެވެ. ކޮންމެ ގޮތެއްވިޔަސް ތާނިޔާ އަކީ އޭނާ ބަނޑު އަޅައި ވިހޭ ދަރިއެކެވެ. ދިހަ އަހަރު ވާންދެން މިހާތަނަށްވެސް ތާނިޔާ ގެންގުޅެމުން އެގެންދަނީ ޒީނިޔާ ގެ ދެލޮލުގެ ނޫރު ފަދައިންނެވެ. 'އިބްތިހާލު' ގެ މަންމައަށް ވާކަށް ޒީނިޔާ ބޭނުމެއް ނުވެ އެވެ.
'ބަނޑު އަޅައި ވިހެއުމުން ތިމާގެ އަމިއްލަ ދަރިއަކަށް ނޫން އެހެން އެއްޗަކަށް ނުވާނެއެވެ. އަނެއްކޮޅުން އެ ދަރިފުޅުގެ އެއްވެސް ކުށެއް އެކަމުގައި ނެތެވެ. އެއީ މައުސޫމު ކުއްޖެކެވެ.' ތާނިޔާ ލިބުމާއިއެކު އެއްމެ ފުރަތަމަވެސް ޒީނިޔާގެ ހިތަށް އެރީ މިހެން ނެވެ.
"މަންމާ މިހާރު ބޯޓް ފުރަނީކަންނޭނގެ. ކޮއްކޮމެން ނުލައި ގޮސްފިއްޔާޔޯ!" ކުޑަކުޑަ ތާނިޔާ ޝަކުވާކުރަން ފެށިއެވެ. ޒީނިޔާގެ ލޮލަށް ޖަމާވެފައިވާ ކަރުނަފޮދު ފޮހެލަމުން ތެދުވެ ހިނގައިގަތެވެ.
"އެކްސް ކިއުޒްމީ ދައްތާ. އަޅުގަނޑަށް ކުޑަ ކަމެއް ކޮށްދެއްވަފާނަންތޯ؟ އަޅުގަނޑު ފާޚާނައިގަ ހޭންޑް ބޭގް ބަހައްޓާފަ މި ނިކުމެވުނީ. މި ކޮތަޅު ހިފައިގެން ދެވިދާނެތޯ. ފްލައިޓަށް އަރާފަ އަޅުގަނޑު ކޮތަޅު ނަގާނަން."
ޒީނިޔާ ފަސްއެނބުރި ބަލައިލިއިރު ކައިރީގައި ހުރީ ޒުވާން ފުރާގެ ފިރިހެން ކުއްޖެކެވެ. ކޮންމެވެސް ވަރެއްގެ ތުނބުޅިކޮޅެއްލައިފައި ހުރި ޒުވާނެކެވެ. ބަލާބެލުމަށް އެއީ އަޅުވެރި ކުއްޖެއްކަން އެކުއްޖާގެ ނިތްކުރީގައި ލާން ފަށާފައިވާ ކުރަގަނޑުން އެނގުނެވެ. ޒީނިޔާ އިތުރު އެއްޗެކޭ ނުބުނެ އެވެ. ކޮތަޅުގައި ހިފި އެވެ. ހުރިހައި ޗެކިންއެއް ނިމިފައިވާއިރު، ނުދަންނަ މީހަކު ދޭ އެއްޗެއްގައި ހިފުން އެއީ އެހާވަރުގެ ކަމެއްކަމަށް ނުދެކޭތީ އެވެ.
ބޯޓަށް އަރައި ތާނިޔާގެ ގޮނޑީގެ ކަމަރު އަޅުވަން އުޅެނިކޮށް އެ ޒުވާނާ އައިސް ޒީނިޔާމެން ތިބި ހިސާބުގައި މަޑުކޮށްލި އެވެ. ޒީނިޔާ އަވަސްވެގަތީ އޭނާގެ އުނގުގައި ބަހައްޓާފައި ހުރި ކޮތަޅު ދިއްކޮށްލުމަށެވެ.
"ކޮއްކޮގެ ބެލްޓް އަޅުވައިދޭނީ ބޭބެ. އޯކޭތޯ؟" އެ ޒުވާނާ އެދުނެވެ. ޒީނިޔާ އެކަމަށް އިންކާރެއް ނުކުރެ އެވެ. ޒުވާނާ ބެލްޓް އަޅުވައި ނިމިގެން ކޮތަޅު ނެގިއެވެ. އޭނާ އިށީންނީ ޒީނިޔާމެން ތިބި ބަރީގެ އަނެއް ފަރާތުގައި ހުރި ގޮނޑީގަ އެވެ. 'ސިކްސް-ސީ' ގައެވެ. ގޮނޑީގައި އިށީނދެ ބެލްޓް އަޅުވައި ނިމިގެން ކޮތަޅު ހާވަން ފެށި އެވެ.
"އަން!" ޒުވާނާ ގެންގުޅުނު ކޮތަޅުން ނެގީ ސޮފްޓް ޓޯއީ އެކެވެ. ޓެޑީ ބެއަރ އެކެވެ. އެ ބެއަރ ދިއްކޮށްލުމުން ޒީނިޔާ ކުޑަކޮށް ހައިރާންވެސް ވިއެވެ. 'އެކަހަލަ' އަޅުވެރި ޒުވާނުން މިފަދަ ކުޅޭ އެއްޗެހީގައި އަތްލާ ބާއޭ ހިތަށް އަރާފަ އެވެ.
"މީ ބޭބެގެ ކޮތަޅުގަ ހިފައިދިނީމަ ތި ކޮއްކޮއަށް ދޭ ކުޑަ ހަދިޔާއެއް. އަސްލު މީ މަގޭ ދަރިފުޅަށް ސޮފްޓް ޓޯއީއެއް ގަންނަން ވަތްތަނުން ފްރީކޮށް ލިބުނު ޓޯއީއެއް. 'ބައިވަން-ގެޓްވަން ފްރީ' ޕްރޮމޯޝަން ހުރެއެއްނު!" ޒުވާނާ އަނގަ ތަޅަންފެށީ ދަންނަ ބައެއް ކައިރީގައި އަނގަތަޅާހާވެސް ހަލުވިކޮށެވެ.
"ކޮއްކޮ އަށް ކިޔަނީ ކޮންނަމެއްތަ؟ އައްޑޫ ކޮންރަށަކަށް ތި ދަނީ؟" ޓޯއީ ދިއްކޮށްލުމުން ޒީނިޔާ އޭގައި ހިފަމުން ސުވާލުކުރި އެވެ.
"މަށަކީ އައިމަން. އަހަރެން މީ ފޭދޫ މީހެއް. ދައްތަމެން ކޮން ރަށެއްތޯ؟" ކިތަންމެ އަނގަ ގަދަޔަސް އެ ޒުވާނާ ވާހަކަދައްކަމުން ދިޔައީ ރީތި ބަހުންނެވެ.
"ދައްތަ މިއީ އަސްލު ހިތަދޫ މީހެއް. ދައްތައަށް ކިޔަނީ-"
"ދައްތަ އަށް ކިޔަނީ ދައްތަ. ކޮންމެހެން ނަމެއް ބޭނުމެއް ނުވާނެ." ޒީނިޔާ ނަންބުނަން އުޅެނިކޮށް އައިމަން ބުންޏެވެ. "ދެން ތީނދަ ލޯބިލޯބި ކޮއްކޮއަށް ކިޔަނީ ކޮންނަމެއް؟"
"އަޅުގަނޑަކީ ތާނީ ދޯ މަންމާ." އައިމަން އަށް ބަލަހައްޓައިގެން އިނދެފައި ޖަވާބުދިނީ ތާނިޔާ އެވެ.
"އެހެންތަ؟ ތާނީ ތީ ވަރަށް ބަސްއަހާ ކުއްޖެއް ދޯ. މި ބޭބެގެވެސް ހުންނާނެ ހަމަ ތިވަރުގެ ގަރލް ކުއްޖެއް. ފޭދޫއަށް ދެވިއްޖެއްޔާ ވާނެ މި ބޭބެގެ ގަރލް ކުއްޖާއާ މީޓްކުރަންދޯ!" އައިމަން ވާހަކަދެއްކީ ތުއްތުކުދިންނާ ލޯބިން މީހުން ވާހަކަދައްކާގޮތަށް އަޑު ބަދަލުކޮށްލައިގެންނެވެ. ތުއްތުކުދިން ވާހަކަދައްކާ ރާގުގަ އެވެ.
(ނުނިމޭ)