ވާހަކަ
ސިލްސިލާ ވާހަކަ
4 ސެޕްޓެންބަރ 2017 | ހޯމަ 08:07
3 ވަނަ ބައި

މެންދަމުގެ ހަމަހިމޭން ވަގުތެވެ. އައިޝާ އާއި ޝިފާ ހިނގަމުން ދިޔައީ ނުވެސް ދަންނަ ހިސާބަކުންނެވެ. އެމީހުން ކުރިއަށް ހިނގަމުން ދިޔަވަރަކަށް، ކޮންމެވެސް އެއްޗެއް ނުވަތަ ކޮންމެވެސް މީހަކު އެމީހުންގެ ފަހަތުން އަންނަ އަޑު އިވެމުން ދެއެވެ.

އައިޝާ ހުއްޓުނެވެ. ލޮލުގެ ހިމަކޮޅުން އޭނާގެ ފަހަތަށް ބަލައިލިއެވެ. އެއްވެސް އެއްޗެއް ނުފެނެއެވެ. ކަޅު އަނދިރިކަމުގެ ތެރެއިން ފެންނަނީ ގަސްތަކުގެ ތެރޭގައިވާ ދުންފިންޏެވެ. އަނެއްކާވެސް އައިޝާ ހިނގައިގަތެވެ. ކައިރީގައި ހުރި ބެންޗެއް މަތީގައި ފިޔާތޮށިކުލައިގެ މަލެއްގެ ފިޔަތަކެއް ހުރިތަން ޝިފާއަށް ފެނުނެވެ.

'ބަލާލަބަލަ އައިޝް." ޝިފާ މިހެން ބުނަމުން ކުރިއަށް ފިޔަވަޅެއް އެޅިއެވެ. ބެންޗު ކައިރީގައި ކަކޫ މައްޗަށް އިށީންނުމާއި އެކު މަލުގެ ފިޔަތައް ނަގަން ފެށިއެވެ. ފަހަރު ފިޔައެކެވެ.

"އޭތް ޝިފާ، ތީގަ އަތްނުލާތި!، އާދޭ މިކޮޅަށް!" އައިޝާ ގޮވަންފެށި އެވެ.

"އައިޝް، މީ ދެން ބިރުގަންނަވަރު ކަމެއްތަ؟ ހާސްކަނޑާލަބަލަ!" އައިޝާއަށް ބަލައިލަމުން ޝިފާ ބުންޏެވެ.

އައިޝާ ހަޅޭއްލަވައިގަންނަން އަނގަ ހުޅުވައިލި ވަގުތު ޝިފާގެ ފުރަގަހުން އެއްޗެއް ހަރަކާތްކުރާތަން ފެނިއްޖެ އެވެ. ހިކިފަތްތައް މުގުރެމުންދާ އަޑު އިވެމުންދިޔަ އެވެ.

"ޝިފް." ޝިފާ އަށް ގޮވުމަށް އައިޝާ މަސައްކަތް ކުރި އެވެ. ނަމަވެސް ގޮވޭގޮތެއް ނުވިއެވެ. އޭނާގެ ތަލި އެއްކޮށް ހިކުނެވެ. އަރު ތެރެ ބެދިއްޖެއެވެ. މުޅި ހަށިގަނޑު އެއްކޮށް ގަނޑުވެއްޖެ އެވެ.

"ޝިފާ، ބަލާބަލަ ތީނަގެ ފުރަގަހުން..." ވަރަށް އުނދަގުލުން އައިޝާއަށް ބުނެވުނީ މިހިސާބަށެވެ.

ކިސަޑު ހޭކިފައިވާ ދެ އަތެއް ބިމުން މައްޗަށް އެރިއެވެ. ޝިފާގެ ފަޔާއި ނުހަނު ކައިރިންނެވެ. އެ ދެއަތުން ހިފީ ޝިފާގެ ފައިގައެވެ. ކުއްލި ލަތްކެއް ޖެހުމާއިއެކު ބިންގަނޑު ތެރެއަށް ޝިފާ ދަމައިގަތެވެ.

"ޝިފާާ!!!" އަޑަށް ލެވުނުހައި ބާރެއް ލާފައި އައިޝާ ހަޅޭއްލަވައިގަތެވެ. ހަމަ އެއާއެކު އޭނާއަށް ނިދިން ހޭލެވިއްޖެ އެވެ.

އައިޝާ އަށް އޮވެވުނީ މާނޭޭވާ ލެވިލެވި އެވެ. މުޅި މީހާވަނީ ދާހިއްލާ ފޯވެފައެވެ. ކައިރީގައި އޮތް ބާލީހުގައި ބާރަށް ބައްދައިގަތެވެ. ގައިމަތީގައި އޮތް ބެޑްޝީޓް ނަގައި ހޫރާލިއެވެ. އޭރު ބެޑްޝީޓްވެސް އޮތީ ދަލުން ތެމި ފޯވެފައެވެ.

'އެއީ ހުވަފެނެއް. ހުވަފެނެއް.' އަމިއްލަ ނަފުސަށް އައިޝާ ބުނެދޭން ފެށިއެވެ.

'އައިޝް، އަދިވެސް ތައްޔާރުވާކަށް ނޫޅެންތަ؟" ގްރައުންޑް ފްލޯއިން އަދުހަމްގެ އަޑު އިވުނެވެ.

އައިޝާ އެނދުން ތެދުވިއެވެ. އަވަސްއަވަހަށް ފާޚާނާއަށް ވަނެވެ. މޫނަށް ފެންފޮދެއް ޖަހައި ދޮވެލަމުން ފުން ނޭވާއެއް ލިއެވެ. 'އެއީ އެހާވަރު ކަމެއްނޫން. އެއީ ހަމަ އާދައިގެ ހުވަފެނެއް.' އައިޝާ އަދިވެސް މަސައްކަތްކުރަމުން ދިޔައީ އޭނާގެ އަމިއްލަ ނަފުސަށް ވިސްނައިދެވޭތޯ އެވެ.

ޝަވަރު ދަށުގައި ހުއްޓިފައި ގަޔަށް ފެންއަޅަން ފެށިއެވެ. އެވަގުތު އައިޝާއަށް ނޭނގުނަސް އޭނާގެ ކަނާާތު ފައިގެ ތަނބިކަށީގައި ކިލައިން ކުރެހިފައިހުރި އަތްތިލައިގެ ނިޝާން ދޮވެވިގެން ދިޔައެވެ.

އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް ސްކޫލް

މަލީޝާ ސްކޫލަށް ދާން ނިންމީ ފައިމަގުގައެވެ. އޭނާ ގެއިން ނިކުތީ ތަންކޮޅެއް ކުރިންނެވެ. މަލީޝާ ހާޒިރުވާން ޖެހޭ ފުރަތަމަ ކުލާސް ފެށުމުގެ ވިއްސަކަށް މިނެޓް ހުއްޓާ ސްކޫލާއި ހަމައަށް ދެވިއްޖެ އެވެ.

މަލީޝާގެ ލޮކަރު ހުޅުވައިލި އެވެ. ކިޔެވުމަށް ބޭނުންވާ ފޮތާއި ގަލަން ނެގިއެވެ. ލޮކަރުގެ ދޮރު ލައްޕައިލަމުން ލޮކަރ ރޫމަށް ވަންނަ ދޮރާއި ދިމާއަށް ބަލައިލިއެވެ. އޭރު ސްކޫލްގެ ޕްރިންސިޕަލާއި އެކު ދެ ޕޮލިސް އޮފިސަރުން ކޮންމެވެސް ވާހަކައެއް ދައްކަމުން އާދެއެވެ. ޕްރިންސިޕަލްގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމެވެ.

"ޕްރިންސިޕަލް އަށް ކިހިނެތްވީތަ؟" މަލީޝާގެ ލޮކަރު ކައިރީގައި ހުރި ފިރިހެން ކުއްޖެއްކުރެން ސުވާލުކުރި އެވެ.

"ތީނައަކަށް ނޭނގޭތަ؟ އޮންލައިންވެސް ނުވަންދޯ؟ ނޫނީ ނޫހެއްވެސް ބަލައިނުލަންތަ؟" އެ ކުއްޖާ ފުލުފުލުގައި ތިން ސުވާލު ކޮށްލިއެވެ. ޖަވާބުގައި މަލީޝާ ބޯ ހޫރާލިއެވެ.

"އެއީ އުޅެއެއްނު އިސްތަށިގަނޑު މެރޫން ޑައި ކޮށްގެން އުޅޭ ކުރުކުރު އަންހެން ކުއްޖެއް؟ އޭނާ ގެއްލިގެންނޯ އެ އުޅެނީ. ރޭގަ އޭނަ ގެއަަށްވެސް ނުދެޔޯ!" ފިރިހެން ކުއްޖާ ކިޔައިދިނެވެ.

"ތިބުނީ ޝިފާ ގެ ވާހަކަ ދޯ!؟" ފުން ނޭޭވައެއް ބޭރުކޮށްލަމުން މަލީޝާއަށް އަހައިލެވުނެވެ.

ނުނިމޭ