25 އޭޕްރިލް 2022 | ހޯމަ 12:15

އަލް-ފަވާއިދު އައް-ދަރާރީގައި، އަލް-އަޖްލޫނީ ރިވާ ކުރައްވާފައިވެއެވެ. އެއް ފަހަރަކު، އިމާމް ބުޚާރީ رحمه الله ،ޢިލްމު ހޯއްދެއްވުމަށްޓަކާ ބޯޓެއްގައި ދަތުރުފުޅަކަށް ފެއްޓެވިއެވެ. އަތްޕުޅުގައި 1000 ދީނާރު ގެންދެވިއެވެ. ދަތުރުގެ ބައިވެރިން ކުރެ މީހަކު އަމިއްލައަށް އިސްވެ، އިމާމް ބުޚާރީއާއި ގާތްވިއެވެ. ބޭރު ފުށުން ލޯތްބާއި ތަޢުރީފުގެ ސިފަ ދައްކައިގެންނެވެ. ދަތުރު މަތީގައި އިމާމް ބުޚާރީއާއި އެއްތަނެއްގައި އިނުމަށް އެމީހާ ސަމާލުކަން ދިނެވެ. ދިގު ދަތުރުތަކަކީ އާންމު އުސޫލާ ޚިލާފު ހަލުވި ދުވެލީގައި ރަޙުމަތްތެރިކަން ބަދަހިވާ މައިދާނެކެވެ. މިފަދައިން އެކުގައި ވީ ވަގުތެއްގައި، އިމާމް ބުޚާރީގެ އަތްޕުޅުގައި 1000 ދީނާރު ހުރި ވާހަކަ އެމީހާ ގާތު ވިދާޅުވިއެވެ.

އިމާމް ބުޚާރީ، އެމީހާއާ ފައިސާގެ ވާހަކަދެއްކެވުމަށްފަހު އެންމެ ފުރަތަމަ އައި ދުވަހުގެ ހެނދުނުގެ ވަގުތެކެވެ. އެމީހާ ހޭލައިގެން ރޯން ފެށިއެވެ. ހަޅޭއްލަވާ، ލައިގެން ހުރި އަންނައުނު ވީދަން ފެށިއެވެ. އަމިއްލަ ގައިގައިވެސް ތަޅަން ފެށިއެވެ. ދިރިއުޅުމަށް ބޮޑު އުނިކަމެއް ލިބުނު މީހަކު އުޅޭނެ ފަދައިންނެވެ. އޭނާގެ މައްސަލައަކީ ކޮބައިތޯ ދަތުރުގެ ބައިވެރިން އޭނާ ކުރެ އެއްސެވެ. ނަމަވެސް ޖަވާބެއް ދިނުމަށް އެންމެ ފުރަތަމަ، އޭނާ ކުރީ އިންކާރެވެ. އޭނާއަށް ވެގެން އުޅޭ ގޮތެއް އެމީހުން ގާތު ބުނެދިނުމަށް ތަކުރާރު ކޮށް އެދުމުން، އެންމެ ފަހުން އެމީހާ ބުންޏެވެ، "އަހަރެންގެ އަތުގައި، އެއްހާސް ދީނާރު ހުރި ދަބަހެއް އޮތެވެ. އެކަމަކު މިހާރު އެ ގެއްލިއްޖެއެވެ."

ބޯޓުގެ ކަންކަމާ ހަވާލުވެ ތިބި ފަޅުވެރިން އެ ހޯދުމުގެ ގޮތުން، ފަސެންޖަރުން ބަލާ ފާސް ކުރަން ފަށައިފިއެވެ. ފަހަރަކު މީހަކު ވަކި ވަކީން ބަލާސް ފާސް ކުރަމުން ދިޔައިރު، ވެގެން އުޅޭ ގޮތެއް އިމާމް ބުޚާރީއަށް ފަހުމްވެވަޑައިގަތެވެ. އަދި އެއްވެސް މީހަކު ނުބަލާކަން ކަށަވަރު ކުރެއްވުމަށްފަހު، އިމާމް ބުޚާރީ އިންނެވި ފަޅިން، އެ ދީނާރު ދަބަސް ކަނޑަށް އެއްލަވާލެއްވިއެވެ. ބަލާ ފާސް ކުރުމުގެ ކަންކަމުގެ ތެރެއިން އިމާމް ބުޚާރީއާ ޖެހިއްޖެއެވެ. އެކައްޗެއްވެސް ނުފެނުނެވެ. މުޅި ބޯޓާއި ހުރިހާ ފަސެންޖަރުން ބަލާ ފާސްކޮށް ނިންމި އިރުވެސް ދީނާރު ދަބަހެއް ނުފެނުނެވެ. އަދި ބޯޓުގެ މީހުން، ވާހަކަ ހެދި މީހާގެ ގާތަށް ގޮސް ވަރުގަދަ އަދަބެއް ދިނެވެ. އަސްލެއް ނެތް ކަމަކަށް ދައުވާ ކުރުމާއި އެމީހުން އުފުލަންޖެހުނު ތަކުލީފައްޓަކައެވެ. ހިކިފަސްތަނަކާ ހިސާބަށް ދެވުމާއެކު، ބޯޓުން ފަސެންޖަރުން ފައިބަމުން ދިޔައެވެ. އިމާމް ބުޚާރީގެ ރަޙުމަތްތެރިޔާ އިމާމް ބުޚާރީގެ ގާތަށް ގޮސް، ދީނާރު ދަބަހަށް ހެއްދެވި ގޮތަކާ މެދު ސުވާލު ކުރިއެވެ.

"އަހަރެން، އެ ކަނޑަށް އެއްލައިލީ" އިމާމް ބުޚާރީ، ސާބިތު ކަމާއެކު ޖަވާބުދެއްވިއެވެ.

"ދެން، އެހާ ގިނަ އަދަދެއްގެ ފައިސާ ގެއްލުނީމާވެސް ކެތްތެރިކަމާއެކު އެކަން ތި ޤަބޫލުކޮށްލީ؟" ހައިރާން ކަމާއެކު އެމީހާ ސުވާލު ކުރިއެވެ.

"އޭ މިހިރަ ޖާހިލު ފިރިހެނާއެވެ" އިމާމް ބުޚާރީ ވިދާޅުވިއެވެ. "ރަސޫލާ صلى الله عليه وسلمގެ ޙަދީޘްފުޅުތައް އެއްކުރުމުގައި އަހަރެންގެ މުޅި ޙަޔާތް ހޭދަ ކުރިކަން ކަލެއަކަށް ނޭނގޭ ހެއްޔެވެ؟ އަދި މިއަދު މި ދުނިޔެ، އަހަރެންގެ އިޚުލާޞްތެރިކަން ބަލައިގަންނަ ކަންވެސްމެއެވެ. ވީއިރު އެފަދަ ވައްކަމެއްގެ އިލްޒާމަކަށް އަހަރެން ހުށަހެޅިގެން ހުންނަން ވީ ހެއްޔެވެ؟ އަދި އަހަރެންގެ މުޅި އުމުރުގެ މަސައްކަތުން ލިބުނު އަގު ހުރި މުތް (މާނައީ އަހަރެންނަށް ލިބިފައިވާ ޢިލްމާއި، ޢިލްމުވެރިއެއްގެ ގޮތުގައި އަހަރެންނަށް ލިބިފައިވާ ކާމިޔާބީތައް)، ހައްދެއް އޮތް 1000 ދީނާރަށްޓަކާ ގެއްލުވާލަން ވީ ހެއްޔެވެ؟

(ނިމުނީ)