18 އޭޕްރިލް 2022 | ހޯމަ 11:55

ނަޞާރާ ދީނަށް އުޅުމަށްފަހު އިސްލާމް ދީން ޤަބޫލު ކުރި މީހެކެވެ. އޭނާ، ބަޤަރާ ސޫރަތާއި އާލް-އިމްރާން ސޫރަތް ކިޔަވާ އުޅުނެވެ. އަދި މުޙައްމަދު رسول الله صلى الله عليه وسلم  އަށް ބާއްވާލެއްވުނު އާޔަތްތައް ލިޔެ އުޅުނެވެ. އެއަށްފަހު އޭނާ އަނެއްކާވެސް ކާފިރުވެ، ނަޞާރާ ދީނަށް އެނބުރިއްޖެއެވެ. އަދި ބުނަމުން ދިޔައެވެ: "އަހަރެން އޭނާއަށް ލިޔެދިން އެއްޗެއް މެނުވީ މުޙައްމަދަށް އެނގޭ އެއްވެސް އެއްޗެއް ނެތެވެ."

ދެން މާތް ﷲ އޭނާ މަރުގަންނަވައިފިއެވެ. މީސްތަކުން އޭނާ ވަޅުލިއެވެ. ނަމަވެސް ހެނދުނު ވީއިރު އެބައި މީހުންނަށް ފެނުނީ، ބިންގަނޑުން ބޭރަށް އޭނާގެ ހަށިގަނޑު އެއްލާލެވިފައިވާ މަންޒަރެވެ. އެމީހުން ބުންޏެވެ. "މިއީ މުޙައްމަދާއި އޭނާގެ ޞަޙާބީންގެ ކަންތަކެވެ. ކަށްވަޅު ކޮނެ، އަހަރެމެންގެ އެކުވެރިޔާގެ ހަށިގަނޑު ނަގާފައި އެ ވަނީ، އޭނާ އެބައި މީހުންގެ ކިބައިން ދުރަށް ދިޔައީމައެވެ." އެބައި މީހުން އަނެއްކާވެސް ފުންކޮށް ވަޅުކޮނެ، އޭނާ ވަޅުލިއެވެ. ނަމަވެސް ހެނދުނު ވީ އިރު އަނެއްކާވެސް ފެނުނީ އޭނާގެ ހަށިގަނޑު، ބިންގަނޑުން ބޭރަށް އެއްލާލެވިފައި ވަނިކޮށެވެ. އެމީހުން ބުންޏެވެ. "މިއީ މުޙައްމަދާއި އޭނާގެ ޞަޙާބީންގެ ކަންތަކެވެ. ކަށްވަޅު ކޮނެ، އަހަރެމެންގެ އެކުވެރިޔާގެ ހަށިގަނޑު ނަގާފައި އެ ވަނީ، އޭނާ އެބައި މީހުންގެ ކިބައިން ދުރަށް ދިޔައީމައެވެ." ދެންވެސް އޭނާ ވަޅުލުމަށްޓަކާ އެމީހުން ވަޅެއް ކޮނުނެވެ. ކޮނެވުނު ހާ ފުނެއް ކޮށެވެ. ނަމަވެސް ހެނދުނު ވީއިރު ފެނުނީ، ބިންގަނޑުން ބޭރަށް ހަށިގަނޑު އެއްލާލެވިފައިވާ މަންޒަރެވެ. އޭނާއަށް ކުރިމަތިވި ކަންތަކަކީ އިންސާނުންގެ ފުށުން ކުރިމަތިވި ކަމެއް ނޫންކަން އެބައި މީހުން ގަބޫލު ކުރީ ދެނެވެ. އަދި ބިންގަނޑުން ބޭރަށް އެ ހަށިގަނޑު އެއްލާލެވިފައި (ބިންމަތީގައި) އޮންނަން/ބާއްވަން ދޫކޮށްލަން ޖެހުނެވެ.

(ނިމުނީ)