14 އޭޕްރިލް 2022 | ބުރާސްފަތި 11:31

މިއީ ޙަޤީޤީ ވާހަކައެއްގެ ގޮތުގައި ޑރ ޞާލިޙް އައް-ޞާލިޙް ވިދާޅުވެދެއްވާފައި ވާ ވާހަކައެކެވެ. މިއީ އިބްނު ޖަދުޢާން އޭ ކިއުނު މީހެއްގެ ވާހަކައެވެ.

ބަހާރު މޫސުމުގެ ދުވަސްވަރު (އިބްނު ޖަދުޢާން) ބޭރަށް ނިކުމެ އުޅުނެވެ. އެ އުޅުނު އުޅުމުގެ ތެރޭގައި ޞިއްޙަތު ރަނގަޅު، ފަލަ ޖަމަލުތަކެއް އޭނާއަށް ފެނުނެވެ. ކިރުއަރާ، ފަޅައިގެން ދެއޭ ބުނާ މިންވަރަށް ފުރި ބަރާވެފައިވާ ޖަމަލުތަކެކެވެ. ކުދި ޖަމަލުތައް އޭތީގެ މައިންގެ ގާތަށް ދާ ވަރަކަށް ކިރުތައް ބަންޑުންވެއެވެ. ރަޙުމަތުގެ ބޮޑުކަމުންނެވެ.

އިބްނު ޖަދުޢާން، އޭނާގެ އަންހެން ޖަމަލުތަކާއި އެ ޖަމަލުތަކުގެ ދަރިންނަށް ބަލާލި ވަގުތު، އޭނާގެ ފަޤީރު އަވަށްޓެރިޔާ މަތިން ހަނދާން ވިއެވެ. އެ އަވަށްޓެރިޔާގެ، ޅަފުރައިގެ 7 އަންހެން ދަރިން ތިބެއެވެ. އެހާ ހިސާބުން އޭނާގެ އަމިއްލަ ނަފުސަށް އިބްނު ޖަދުޢާން ބުންޏެވެ: ﷲ ގަންދީ ބުނަން، މި ޖަމަލާއި އޭގެ ދަރި، އަހަރެންގެ އަވަށްޓެރިޔާއަށް ޞަދާޤާތެއްގެ ގޮތުގައި ދޭނަމެވެ. އަދި މާތް ﷲގެ ކަލާމްފުޅު ކަމުގައިވާ ކީރިތި ޤުރުއާންގައި ހިމެނޭ އަންނަނިވި އާޔަތް ކިއެވެ. އާލް-އިމްރާން ސޫރަތުގެ 92 ވަނަ އާޔަތުގެ މާނާގައި ވެއެވެ.

"ތިޔަބައިމީހުން، ލޯބިވާ އެއްޗަކުން ތިޔަބައިމީހުން ހޭދަކޮށްފުމަށްދާންދެން، ތިޔަބައިމީހުންނަކަށް ހެވެއް ނުލިބޭނެތެވެ. އަދި ތިޔަބައިމީހުން ހޭދަކުރާ ކޮންމެ އެއްޗެއް، ފަހެ، ހަމަކަށަވަރުން، ﷲ އެ އެއްޗެއް މޮޅަށް ދެނެވޮޑިގެންވެތެވެ."

އިބްނު ޖަދުޢާން ގެންގުޅުނު ނާމްސޫފީގެ ތެރެއިން އޭނާ އެންމެ ލޯބިވި އެއްޗަކީ އެ އަންހެން ޖަމަލެވެ. އެހެން ކަމުން އެ އަންހެން ޖަމަލާއި އޭތީގެ ދަރި ގެންގޮސް، އަވަށްޓެރިޔާގެ ދޮރުގައި ޓަކިދިނެވެ. އަދި އޭނާގެ ފަރާތުން ދިން ހަދިޔާއެއްގެ ގޮތުގައި އެ ބަލައިގަތުމަށް ބުންޏެވެ.

ލިބުނު އުފާވެރި ކަމާއެކު އަވަށްޓެރިޔާގެ މޫނުމަތި އަލިވެގެން ދިޔަ މަންޒަރު، އިބްނު ޖަދުޢާންއަށް ފެނުނެވެ. ޖަވާބުގައި އެއްޗެއް ބުނަންވެސް އެ އަވަށްޓެރިޔާ ހުރީ ނުކުޅެދިފައެވެ.

އެ ޖަމަލުން ލިބުނު ކިރުން އަވަށްޓެރިޔާއަށް ފައިދާވަމުން ދިޔައެވެ. އަދި އެ ޖަމަލުގެ ބުރަކަށި މަތީގައި ދަރު އުފުލާ ހެދިއެވެ. އިންތިޒާރު ކުރަމުން ދިޔައީ ދަރި ޖަމަލު ބޮޑުވެ، އެ ޖަމަލުތައް ވިއްކާލެވޭނެ ދުވަހަކަށެވެ. އެކަމެއް ވުމަށް ފަހު އޭނާ އެ ޖަމަލުން އިންތިހާ ފައިދާވިއެވެ.

ބަހާރު މޫސުން ނިމި، ހަނަފަސް ކަމާއެކު ހޫނު މޫސުމުގެ ދުވަސްތައް އަތުވެއްޖެއެވެ. ވިނައާއި ފެން ހޯދުމަށް ބަދަވީން ދަތުރު ފެށިއެވެ. މުދާކޮޅު ހިފައިގެން ދުހޫލް ހޯދުމަށް ފަށައިގަތެވެ. ދުހޫލްއަކީ ބިމު އަޑީގައި ތާށިވެފައިވާ ފެންގަނޑުތަކާ ހިސާބަށް ދެވެން އޮންނަ މަގަށް ވަދެވޭ ގޮތަށް ބިމުގައި ކަނޑާފައިވާ ލޯވަޅެކެވެ. ނުވަތަ އާނގައެކެވެ.

ބަދަވީންނަށް ފަހުމްވެފައި ވާލެއް ބޮޑުކަމާއެކު، އެ އާނގަތައް ހުންނަނީ ބިންމަތީގައެވެ.

ބޯފެން ގެނައުމުގެ ނިޔަތުގައި، އެފަދަ އާނގައަކަށް، އިބްނު ޖަދުޢާން ފޭބިއެވެ.

ޑރ ޞާލިޙް އޭނާގެ ވާހަކަ ކުރިއަށް ގެންދެވިއެވެ. "އިބްނު ޖަދުޢާންގެ ދަރިން، ބައްޕަގެ އިންތިޒާރުގައި މަޑުކޮށްގެން ތިބީ އާނގައިގެ ބޭރުގައެވެ. ނަމަވެސް އޭނާއެއް އެނބުރި ނައެވެ. އެއް ދުވަސް، 2 ދުވަސް އަދި 3 ދުވަސް ވަންދެން ބައްޕައަށް އިންތިޒާރު ކޮށް، އުއްމީދު ފަނޑުވިއެވެ.

ބައްޕަ ގަޔަށް ހަރުފައެއް ކަށި ޖަހައިގެން މަރުވީ ކަމަށް ނުވަތަ ބިމުގެ އަޑީގައި ގެއްލި، ނެތި ފަނާވެގެން ދިޔައީ ކަމަށް ނިންމިއެވެ. އެ ދަރިން ونعوذ بالله من هذا، މަޑުކޮށްގެން ތިބީ ބައްޕަގެ ނެތިދިއުމަށެވެ. ކީއްވެހެއްޔެވެ؟ އެ ބައްޕަގެ ފަރާތުން ވާރުތަވާން އޮތް މުދަލުގެ ދަހިވެތިކަމުގައެވެ.

އެއަށްފަހު އެ ދަރިން އެނބުރި ގެއަށް ގޮސް، ބައްޕަ ދޫކޮށްފައި ދިޔަ އެއްޗެއް، އެމީހުންގެ މެދުގައި ބަހާލައިފިއެވެ. ދެން އެމީހުންގެ ހަނދާނަށް އައީ އިބްނު ޖަދުޢާން، އޭނާގެ އަވަށްޓެރިޔާއަށް އަންހެން ޖަމަލެއް ދިން ކަމެވެ. އެ ދަރިން، އަވަށްޓެރިޔާގެ ގާތަށް ދިޔައެވެ. އަދި އެންމެ ރަނގަޅު ވާނީ ބައްޕަ ދިން ޖަމަލު އަނބުރާ ދިނުމަށް ފަހު، އޭގެ ބަދަލުގައި އެހެން ޖަމަލެއް ޚިޔާރު ކުރުން ކަމަށާ، ނޫންނަމަ ގަދަ ބާރުން އެ އަތުލާނެ ކަމަށް އިންޒާރު ކުރިއެވެ. އަދި އޭރުން އޭނާގެ އަތުގައި އެއްވެސް އެއްޗެއް ނޯންނާނެކަމަށްވެސް އެ ދަރިން ބުންޏެވެ.

އެ ދަރިންގެ ޝަކުވާ، ބައްޕަ ގާތު އުފުލާނެ ކަމަށް އަވަށްޓެރިޔާ ބުންޏެވެ. އެ ހިނދު، ބައްޕަ މަރުވެއްޖެ ކަމަށް އެ ދަރިން، އަވަށްޓެރިޔާ ގާތު ބުންޏެވެ. އިބްނު ޖަދުޢާން މަރުވި ގޮތެއް، ދަރިންގެ ކިބައިން އަވަށްޓެރިޔާ އޮޅުން ފިލުވިއެވެ. އަދި އޭނާ ގާތު އެ ވާހަކަ ނުބުނީ ކީއްވެތޯ އެއްސެވެ. އިބްނު ޖަދުޢާން، ފެން ނެގުމަށް، ސަހަރާގެ ބިންގަރާހުގެ ވަޅަށް ފޭބި ގޮތުގެ ވާހަކައާއި، އެތަނުން އެނބުރި ނައި ގޮތުގެ ވާހަކަ ދަރިން ކިޔައިދިނެވެ.

އަވަށްޓެރިޔާ ބުންޏެވެ: "ﷲ ގަންދީ ބުނަން، އެތަނަށް އަހަރެން ގެންގޮސްދީ. އަދި ކަލޭމެންގެ އަންހެން ޖަމަލު ގެންދޭ. ކަލޭމެން ބޭނުން ކަމެއް ކުރޭ. އަދި ބަދަލުގައި ކަލޭމެންގެ ފަރާތުން ޖަމަލެއް ބޭނުމެއް ނޫން!"

އިބްނު ޖަދުޢާން ފެން ނަގަން ފޭބި ވަޅު ހުރި ސަރަހައްދަށް އަވަށްޓެރިޔާ ގެންދިއުމުން އޭނާ ގޮސް، ވަލެއް ހިފައިގެން އައެވެ. އުއްބައްތިއެއް ގެނެސް، ވަޅުގެ ބޭރުގައި އެއްސުމަށްފަހު ވަޅު ތެރެއަށް ފައިބެގެން ދިޔައެވެ. ފިރުކެމުން، ފުރޮޅެމުން، ކޫއްތެމުން ކަހަލަ ގޮތަކަށެވެ. އެންމެފަހުން ތެތްކަމެއްގެ ވަސް، އޭނާގެ ނޯށާ ގާތްވަމުން ދިޔައެވެ. ދެން ކުއްލިއަކަށް ފެންގަނޑު ކައިރިން އިވުނީ ފިރިހެނެއްގެ ވޭނީ ރިއުމުގެ އަޑެވެ.

އަޑު އަންނަ ދިމާއަށް އަވަށްޓެރިޔާ ކުރިއަށް ދިޔައެވެ. އަނދިރިގަނޑުގެ ތެރޭގައި ދެ އަތް ކުރިއަށް ދިއްވާ ގޮތަށް ހުރެ ކުރިއަށް ދިޔަ އަވަށްޓެރިޔާގެ އަތުގައި ދެވަނަ އިންސާނަކު، މާނައީ، އިބްނު ޖަދުޢާން ޖެހުނެވެ. އޭނާގެ ނޭވާ ހިނގާތޯ ބެލިއެވެ. އާނއެކެވެ. ހަފުތާއެއް ވީ އިރުވެސް އިބްނު ޖަދުޢާން ނޭވާލައެވެ! ބިންގަރާސް ފެންވަޅުގެ ތެރެއިން އަވަށްޓެރިޔާ، އިބްނު ޖަދުޢާން ބޭރަށް ނެރުނެވެ. ކުއްލި ގޮތަކަށް އިރުގެ އަލިން ސަލާމަތް ކުރުމަށްޓަކާ، އިބްނު ޖަދުޢާންގެ ދެލޯ ފޮރުވައިދީގެންނެވެ. އަވަށްޓެރިޔާ ދިޔައީ ކަދުރާއި ފެންވެސް ހިފައިގެންނެވެ. އެ ކަދުރުތައް ފެނުން ފޯކޮށްލުމަށްފަހު،އެ ބުއިމަށް އިބްނު ޖަދުޢާންއަށް ދިނެވެ.

އެއަށްފަހު އަވަށްޓެރިޔާގެ ބުރަކަށި މަތީގައި އިބްނު ޖަދުޢާން އުފުލައިގެން، އެ އަވަށްޓެރިޔާގެ ގެއަށް ގެންދިޔައެވެ. އިބްނު ޖަދުޢާންގެ ހަށިގަނޑުގައި ވަރުޖެހި ދިރުން ލިބެމުން ދިޔައެވެ. ނަމަވެސް އޭނާގެ ދަރިންނަކަށް ހިލަމެއް ނުވެއެވެ. އަވަށްޓެރިޔާ، އިބްނު ޖަދުޢާން ގާތު އެއްސެވެ. "ﷲ ގަންދީ އަހަރެންނަށް ބުނެދޭށެވެ. ބިމު އަޑީގައި ހަފުތާއެއް ވީ އިރުވެސް ކަލޭ މަރުނުވެ އޮތީ ކިހިނެއް ހެއްޔެވެ؟"

"އަހަރެން، ކަލެއަށް ވަރަށް އާދަޔާ ޚިލާފު ވާހަކައެއް ކިޔައިދޭނަމެވެ." އިބްނު ޖަދުޢާން ތަފްސީލު ކޮށްދެމުން ދިޔައެވެ. "ފެންވަޅުގެ ތެރެއަށް ފައިބައިގެން ގޮސް އަހަރެން ގެއްލުނެވެ. ހުރިހާ ކޮޅަކުން އަހަރެންނާ ދިމާއަށް ރާޅުގަނޑު އަރައިގެން އައެވެ. އަދި އަމިއްލަ ނަފުސަށް ބުނީމެވެ. އަހަރެން ފޯރާފައިވާ ފެންގަނޑާ ދުރަށް ނުދިއުން މާ ރަނގަޅެވެ. އަހަރެން އެ ފެންގަނޑުން ފެން ބޯން ފެށީމެވެ. އެކަމަކު ބަނޑުހައިކަމަކީ ރަޙުމެއް ހުރި ކަމެއް ނޫނެވެ. ފެނަކުން ތަސައްލީއެއް ނުލިބެއެވެ. 3 ދުވަސް ފަހުން ބަނޑުހައިހޫނުކަން އިންތިހާއަށް ގަދަވިއެވެ. އެތަނުގައި އޮވެ، އަހަރެންގެ ނަފުސު، ﷲ އާ ހަވާލު ކުރީމެވެ. ހުރިހާ ކަމެއް އެކަލާންގެއާ ވަކީލު ކުރީމެވެ. ކުއްލިއަކަށް އަހަރެންނަށް އިހުސާސް ކުރެވެން ފެށީ، އަހަރެންގެ އަނގައަށް، ތާފަނާ ކިރު އެޅެމުން ދިޔަ ކަމުގެ އިހްސާސެވެ. އަހަރެން ފުދޭ މިންވަރަށް ކިރު ބުއިމުން، އެ އެއްޗެއް އަނބުރާ ދެއެވެ. ދުވާލަކު 3 ފަހަރު އެކަމެއް ހިނގައެވެ. އެކަމަކު އެންމެ ފަހު 2 ދުވަހު އެކަމެއް ނުހިނގައެވެ. ވީ ގޮތެއް އަހަރެންނަކަށް ނޭނގެއެވެ."

އިބްނު ޖަދުޢާންއަށް އަވަށްޓެރިޔާ ކިޔައިދިނެވެ:

"ސަބަބު އެނގޭނަމަ ކަލޭ އަޝޯޚް ވެދާނެއެވެ. ކަލޭ މަރުވެއްޖެ ކަމަށް، ކަލޭގެ ދަރިން ގަބޫލު ކުރިއެވެ. އަދި އަހަރެންގެ ގާތަށް އައިސް، މާތް ﷲ سُبْحَانَهُ وَتَعَالَى‎، އެ ޖަމަލަކުން ކަލެއަށް ކިރުފޮދު މިންވަރު ކޮށްދެއްވި އަންހެން ޖަމަލު، އަހަރެންގެ އަތުން ގެންދިޔައެވެ!"

އެ މުސްލިމު އަޚާ ހުރީ ޞަދަޤާތުގެ ހިޔަލުގައެވެ. އައް-ޠަލާޤު ސޫރަތުގެ 2 ވަނަ އާޔަތާއި 3 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައި ވާ ބަސްފުޅުގެ މާނާގައިވެއެވެ: "... އަދި ﷲ އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާއަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ." އަދި "...އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާއަށް رزق ދެއްވާނެތެވެ. އަދި ﷲ އަށް ވަކީލު ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާއަށް އެކަލާނގެ ފުދެއެވެ.

(ނިމުނީ)