11 އޭޕްރިލް 2022 | ހޯމަ 15:37

ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وسلم ޙަދީޘް ކުރައްވާތީ އަޑުއެއްސެވި ކަމަށް، ޢަބްދުﷲ ބިން ޢުމަރު ބިން އަލް-ޚައްޠާބު رضي الله عنه ރިވާ ކުރެއްވިއެވެ:

"ތިބާގެ ކުރިން އުޅުނު މީސްތަކުން ކުރެ 3 މީހަކު، ރޭގަނޑު ވެއްޖައުމަށް ދާންދޭން ދަތުރަކަށް ފެއްޓިއެވެ. އެމީހުންނަށް ހޮހަޅައަކާ ހިސާބަށް ދެވުމުން، އެ ހޮހަޅައަށް ވަނެވެ. ފަރުބަދައިން ހިލަގަނޑެއް ވެއްޓި، ހޮހަޅައަށް ވަދެވެން އޮންނަ ދޮރު ބަންދުވިއެވެ. އެމީހުން ބުންޏެވެ. "ތިބާ ކުޅަ ހެޔޮ ޢަމަލަކުން ﷲ އަށް ދުޢާ ކުރުމުން މެނުވީ އެތަނުން ސަލާމަތްވުން ނެތެވެ".

އެހާ ހިސާބުން އެތަނުން އެކަކު ބުންޏެވެ: "ޔާ ﷲ! އަޅުގެ މުސްކުޅިވެފައިވާ މައިންބަފައިން ތިއްބެވެ. އަދި އަޅުގެ ދަރިންނާއި އަޅުގެ އަޅުންނަށް ދިނުމުގެ ކުރިން އެ ދެ މީހުންނަށް ކިރު ދެމެވެ. އެއް ދުވަހަކު ހުއިހައްޕާނެ ރަނގަޅު ތަނެއް ހޯދުމަށް ވަރަށް ދުރަށް ދިޔައީމެވެ. އަދި މައިންބަފައިން ނިދުމުގެ ކުރިން ގެއަކަށް ނާދެވުނެވެ. އެހެންޏާވެސް ކިރުފެލާހެން ކިރުފެލާ، އެ ހިފައިގެން އާދެވުނުއިރު އެ ދެމީހުންނަށް އޮތީ ނިދިފައެވެ. އެ ދެމީހުން ނިދިން ހޭލައްވާން ހިތް ނުރުހުނެވެ. އަދި އެމީހުންނަށް ވުރެ ކުރިން، އަޅުގެ ދަރިންނަށް ކިރު ދިނުމަށްވެސްމެއެވެ. ބަނޑުހައިވެފައި ތިބި ދަރިން، ފައިބުޑުގައި ރޮމުން ދިޔައިރުވެސް ބޯތަށި ހިފައިގެން ހުރީ މައިންބަފައިން ހޭލާތޯއެވެ. އެ ދެމީހުން ފަތިހު ހޭލުމަށްފަހު ކިރު ބުޔެވެ. ޔާ ﷲ! އަޅު އެކަން ކުރީ އިބަ ﷲގެ ވަޖުހަފުޅު އަދައިގެން ކަމުގައި ވަނީނަމަ، މި ހިލަގަނޑުގެ ސަބަބުން އަޅަމެންނަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމުން އަޅަމެންނަށް ލުޔެއް ދެއްވާންދޭވެއެވެ".

ހިލަނގަނޑު ކުޑަކޮށް ގުޑާލައިފިއެވެ. އެކަމަކު، އެމީހުންނަށް ސަލާމަތް ވެވޭ ވަރެއް ނުވިއެވެ.

ދެން ހުރި މީހާ ބުންޏެވެ: "ޔާ ﷲ! އެހެން އެކަކު ދެކެވެސް ލޯބި ނުވާ މިންވަރަށް އަޅު ލޯބިވި ދެބެންގެ ދެދަރި މީހަކު ހުއްޓެވެ. (އެހެން ރަޢުޔެއްގައި، ފިރެހަނަކު އަންހެނަކު ދެކެ ލޯބިވާފަދައިން އޭނާ ބުނި ކަމަށްވެއެވެ). (ޖިންސީ) އެދުންވެރިކަން އޭނާއާއެކުގައި ފުއްދުމަށް ބޭނުންވިއެވެ. އެކަމަކު އޭނާ އިންކާރު ކުރިއެވެ. ބަނޑުހައިހޫނު ކަމުގެ ތަކުލީފު ޖެހިފައި އޮތް އަހަރެއްގައި އޭނާ އަޅުގެ ގާތަށް އައެވެ. އޭނާގެ ހަށިގަނޑު ހުށަހެޅުމަށް ޝަރުތުކޮށް، އޭނާއަށް 120 ދީނާރު ދިނީމެވެ. އޭނާ އެއްބަސްވެ، (ޖިންސީ) އެދުންވެރިކަން ފުއްދުމަށް އެއްތަންވީމެވެ. އޭނާ ބުންޏެވެ. ﷲ އަށް ބިރުވެތިވާށެވެ. އަދި ހުއްދަ ނޫން ގޮތުގައި (އެކަން) ނުކުރާށެވެ. އޭނާގެ ދެކެ ވަމުން ދިޔަ ލޯތްބާ އެކުގައިވެސް އޭނާއާ ދުރަށް ޖެހުނީމެވެ. އަދި އޭނާއަށް ދިން ފައިސާ، އޭނާގެ އަތުގައި ބެހެއްޓީމެވެ. ޔާ ﷲ! އަޅު އެކަން ކުރީ އިބަ ﷲގެ ވަޖުހަފުޅު އަދައިގެން ކަމުގައި ވަނީނަމަ، އަޅަމެންނަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމުން އަޅަމެންނަށް ލުޔެއް ދެއްވާންދޭވެއެވެ". ހިލަގަނޑު ތަންކޮޅެއް ދުރަށް ޖެހިލިއެވެ. އެކަމަކު އަދިވެސް އެމީހުންނަށް ސަލާމަތްވެވޭ ވަރެއް ނުވެއެވެ.

ތިން ވަނަ މީހާ ބުންޏެވެ. "ޔާ ﷲ ! މަސައްކަތް ކުރާނެ ބަޔަކު ހޯދީމެވެ. އަދި އެމީހުންނަށް އުޖޫރަ ދިނީމެވެ. ނަމަވެސް އެތަނުން އެކަކު، އުޖޫރަ ނުލާ ހިނގައްޖެއެވެ. އަޅު، އޭނާގެ ފައިސާ ބޭނުން ކުރީ ވިޔަފާރިއަކަށެވެ. އެ ވިޔަފާރި ތަނަވެސްވެ ފުޅާވެގެން ދިޔައެވެ. ގިނަ ދުވަސްތަކަކަށް ފަހު އެމީހާ އަޅުގެ ގާތަށް އައެވެ. އަދި ބުންޏެވެ: އޭ ﷲ ގެ އަޅާއެވެ. އަހަރެންގެ އުޖޫރަ ދޭށެވެ. އަހަރެން ބުނީމެވެ: ކަލެއަށް ތި ފެންނަ ހުރިހާ އެއްޗަކީ ކަލޭގެ ތަކެއްޗެވެ – ޖަމަލު، ނާމްސޫފީގެ ޖަނަވާރާއި ގެރިއާއި އަޅުންނެވެ. އެމީހާ ބުންޏެވެ: އޭ ﷲގެ އަޅާއެވެ! އަހަރެންނާ ދިމާ ނުކުރާށެވެ. އަހަރެން ސަމާސާ ކުރަނީ ނޫންކަން އޭނާއަށް ޔަޤީން ކޮށްދިނީމެވެ. އެ ހުރިހާ އެއްޗެއް ހިފައިގެން އޭނާ ހިނގައްޖެއެވެ. އެންމެ އެއްޗެސް ދުލެއް ނުކުރެއެވެ. ޔާ ﷲ! އަޅު އެކަން ކުރީ އިބަ ﷲގެ ވަޖުހަފުޅު އަދައިގެން ކަމުގައި ވަނީނަމަ، އަޅަމެންނަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމުން އަޅަމެންނަށް ލުޔެއް ދެއްވާންދޭވެއެވެ". ހިލަގަނޑު އެއްފަރާތަކަށް ކަހާލިއެވެ. އަދި އެމީހުން އެތަނުން މިނިވަންކަމާއެކު ހިނގާފައި ނިކުމެގެން ދިޔައެވެ".

{އަލް-ބުޚާރީއާއި މުސްލިމް}

(ނިމުނީ)