މުޑަހަނދި ހަކުރާ
އަހުމަދު ޝަފީގު
9 މެއި 2021 | އާދީއްތަ 11:39

ބުނެވޭގޮތުން މީނާ އަކީ މުޢީނުއްދީން ރަދުން (ދޭއް)ގެ ރަސްކަމުގެ ފަހުކޮޅުގައި އުޅުއްވި ބޭކަލެކެވެ. ވަރަށް ވަޙުޝީ ބޭކަލެކެވެ. އޭނާއަށް އަރުތަ ލިބިފައި އޮތް ހަކުރާކަން އޭނާގެ އުޅުމަކާ ނުވިއެވެ. އެކަމަކު ގަނޑުވަރުތެރޭގެ ގިނަ އަންހެންބޭފުޅުން ވަރަށް ފިކުރާވެވަޑައިގަންނަވާ ބޭކަލަކަށްވިއެވެ. އެހެންކަމުން ގަނޑުވަރުތެރެ އޮތީ މިބަނިޔާދަން ކާޅުގެ ހިތްހިތަކަށެވެ. އެއީ އެއް އިރެއްގައި މީނާގެ ދައްތަ އަކާ ގަނޑުވަރާ އޮތް ގާތްގުޅުމެއްގެ ސަބަބުންނެވެ. މީނާގެ ހަޔާތްކުޑަކަން ބޮޑުކަމާއެކު ގަނޑުވަރުތެރޭ އަންހެން ކިބައިގެބޭފުޅުން މީނާގެ މައްޗަށް އޮތް ލޭފައިގެ ބޮޑުކަމާހުރެ އެންމެ ކުޑަމިނުން އިންޒާރެއްވެސް ކުރެވޭގޮތެއްނުވިއެވެ. ރަށުތެރޭގެ ރީތި އަންހެންކުދިންނާ އިނދެގެން އުޅޭ ފިރީން މީނާ ދެކެ އަލިފާން ކަހަލަ ރުޅި އާދެއެވެ. އެމީހުންގެ އަނބިންނާވެސް ތަތްވާލެއް ބޮޑުކަމުންނެވެ. މިކަންތައް ބޮޑުވެގެން ރަދުންނާ ހަމައަށް މައްސަލަ ހިނގައްޖެއެވެ. އަދި ބަންޑާރައިންގެ ހިރިޔާ ފަތުރާގެ ދަށުން މައްސަލަ ބައްލަވާ އިންޒާރުކޮށް، ލެއްވި ކޮލިނެންގެވިއެވެ. މިއީ ވަރަށްވެސް ނާދިރުކަމެކެވެ. އިންޒާރުގެ ވަނަވަރު ކިޔާގޮސް ނިމެނީ މީހުންގެ އަނބީން ގާތަށް ނުމަށާއި، ރޭގަނޑު ދަންވަރު ބޮލާފޮށާ އަޅައިގެން ގޭގެއަށް ނުވަނުމަށާއި ގަނޑުވަރަށް ވަންނަނަމަ ފުރަމާނަ ފާރަވެރިޔާގެ ހުއްދަނެތި ކޯރުތެރެއަށް ވަދެގެން ނުވާނެ ކަމަށާއި އަދިވެސް ބައެއް ފާހަގަބޮޑު އެންގުމެވެ.

މީނާއާމެދު އިންޒާރުގެ ސަންގުފުމެލެވުމާއެކު ކުރިން ދެންނެވިހެން ހަކުރާ ކަމުގެ މަޤާމުން ވަކިކުރެވިއްޖެއެވެ. ދެންވެސް މީނާގެ ބަލާވެރިކަން ކުޑަވީއަކީ ނޫނެވެ. އެޒަމާނުގައި މާލޭގެ އުތުރު ފަރާތު އަތިރިމަތީގައި އެއްވެސް ފާހަގަކުރެވޭ ޚާއްސަ ޢިމާރާތެއް ނުހުންނާނެއެވެ. އޮޑިހަރުގެއާއި ގެރިބަރިކޮށިތަކާއި އެކިމީހުން އަޅާ، ކާ ރުއްތަކާއި ކޮންމެވެސް ވަރަކަށް ހެދި ވައުވެފައި އޮންނަ ގަސްތައް ފުރިބާރުވެފައިވެއެވެ. އަޚްލާޤު ނުބައި މީސްމީހުން އެޖަންގައްޔަށް ނުވަތަ ގަސްކަރައަށް ވަދެ އެކިކަހަލަ ފާޙިޝްކަންތައްތައް ކޮށްއުޅުނެވެ. މީންކަމެއް ވެރިފަރާތަށް އުފުލިއްޖެއްޔާ ޝަރީޢަތަށް ހުށަހެޅި ބައެއްފަހަރު ސަލާމަތްވެ، އަނެއްބައިފަހަރު ކުރި ކުށަށް އަދަބުދެވެއެވެ.

އެޒަމާނުގައި އަންހެނުންގެ އަތިރި އޮންނަނީ އިދިކޮޅު ޖިންސަށް އެކަނބަލުންގެ އައިބު ނުފެންނަ ވަރަށް ދުރުގައެވެ. ކޮންމެ އަކަސް ކުރީން ދެންނެވި އަމުރު ނެރުއްވުމަކުން ވެސް ކުޑަހަނދި ހަކުރާ ނޭއްގާނީކަން ހެޔޮމަގަށް މިސްރާބު ހިފާގޮތެއްނުވިއެވެ. ރޭގަނޑު ހިތުހުރިގޮތަކަށް ތެޅިބާލާފައި ކޮންމެ ރެއަކު ފަޖުރުލާ ފަތިސްވެ އިރަށްދޮންކޮށްލާއިރު މުޑަހަނދި ހަކުރާ އަންހެނުންގެ އަތިރިއަށް އެރި ބޮލުގައި ގޮނެއްއަޅުވައިގެން އަންހެނުން ތިއްބާ މަގަތަށް އޮޔާ އަންނަގޮތަށް ގޮނާއެކު މީނާ އެއްގަންވެގެންއަންނައިރު އަންހެނުންގެ ޢައިބު ގުނަވަންތަކަށް މީނާ ކަޅިއުކައެވެ.

މުޑަހަނދި ހަކުރާއިއެކު މުށިމަސްގަނޑު ފަޅަށްވަދެގެން އަންނައިރު ފަނިހަނދިތަކާއި، މުޑަހަނދުތައްވަދެ އެސޮރުމެން ކަވައިގަނެއެވެ. ހަކުރާ ކަލޭގެ އޭރު އޮންނަނީ ގެނބުރު ފަރާތުގައި މުޅިގަނޑު އަޅައިގެން ކިރިޔާ ބޯހިއްލައިގެންނެވެ. ދެން މުށިމަސްގަނޑު މީނާއާ ހަމައަށް އައިމާ ފަނިހަންޖާއި މުޑަހަނދިތައް ފަހަތުން އަޅުވާ ހެނދުނުގެ ނާސްތާ ލިބިގަތުމަށް ހޭވައްޓާލާނެއެވެ. މިގޮތުން އެއްފަހަރަކު މުށިމަސްތައް ފަހަމުން ގޮތެއްގޮތެއް ނުބަލާ އަޅުވާ ދުއްވައިގަނެގެން ދުންނަގާފައި މުޑަހަނދިތައް އައުމުގައި ހަޑިހުތުރު ކަމުގައި ގެނބިފައިވާ މުޑަހަނދި ހަކުރާގެ ގައިގައި ޖެހިގަތުމުން ވީތަދާއެކު ސިއްސައިގެން ގޮސް މަނައެތި ކޮޅަށް ޖެހިއްޖެއެވެ. އުނަގަނޑު ތާފެނުގައި ހުރި ފުރޭތަ ފެނުމާއެކު އަންހެން ވެރިން ތޫލި ޒީލަ އަޑުތަކުން ހަޅޭއްލަވަމުން ނިވާމަގު ފޮރުވަމުން ކޮޅަށް ތެދުވިއެވެ.

އެތައްއިރަކަށް ދެމިގެންދިޔަ މިހަޅޭކުގެ އަޑަށް ޒުވާނުންތައް އައިސް މޫދަށް އެރިގަނެގެން ގޮނު ފުރޭތައް ހިފާ ބައްދާ އެއްގަމަށް އަރުވާ އެމީހަކަށް ހެދުނު ގޮތެއްހަދާ އެންމެ ފަހުން ބިންމައްޗަށް ވެއްޓުނީމާ އެއްވި މީސްގަނޑު ދުވެ ފިލީއެވެ. އޭގެފަހުން އަތިރިއަށް އެރޭ އަންހެނުންނާއި ފިރިހެނުންނަށް ވެސް އެއްވެސް ކަހަލަ ގޯނާއެއް ނުހިނގައެވެ. މިހާރު މަދު މީހަކަށްނޫނީ އެނގުމެއްނުވާ މުޑަހަނދި ހަކުރާގެ ނަން އުފެދުނުގޮތް މިކިޔައިދިނީއެވެ.

 (ނިމުނީ)

0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
100%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
އަހުމަދު ޝަފީގު
އަލްމަރުހޫމް އަހުމަދު ޝަފީގު ( ޝަފީގުގޭ ޝަފީގު) ގެ ގަލަންކޮޅަކީ ދިވެހީންގެ ކިއްސަރު ވަޑާމާއި ދަނޑުވެރިކަމާއި ތާރީޚާއި ސަގާފަތާއި ނޫސްވެރިކަން ފަދަ އެތައް ރޮނގަކުން އަގުހުރި ލިޔުންތަކެއް ހަދިޔާކުރެއްވި މުސައްނިފެކެއެވެ. ޚާއްސަކޮށް ރީތި ވާހަކަތަކުން ހިތްތައް އާރޯކުރުވި ގަލަންކޮޅެއްގެ ވެރިއެކެއެވެ.
raajjemv logo

All rights reserved