29 އޭޕްރިލް 2021 | ބުރާސްފަތި 10:46

ރާސްޓަސް! މިބަސް އުފެދި ޢާއްމުންގެ ތެރެއަށް ނިކުމެގަތީ ފަނިފަކުސާއާއި ގަސްގަހާގެއްސާއި މަސްމަހާމެއްސަށް ނިސްބަތްވާ ފުރަމާލޭގެ ހަތަރު އަވަށުގެ ސަރުދާރުންގެ ތެރެއިން ހިމެނޭ ސަރުދާރަކަށް ރައްދުވާ ގޮތެއްގައެވެ. މިކަލޭގެފާނަކީ ވަކީލުކަމުގެ އިމްތިޙާނުގައި ބައިވެރިވެލައްވާ، ފާސްވެގެން، އަލްއުސްތާޛު ކަމުގެ ނަން އަރުތަ ލިބިލެއްވި ބޭކަލެކެވެ. މުޅިމާލޭގެ ބޮޑުންނާއި ޢާއްމުންގެ މެދުގައި ބަސްހިނގާ، ނަން ހިނގާ ބޭކަލެކެވެ. ދިވެހިންގެ ތެރެއިން ނުހަނު އިސްކޮޅުން ދިގު ހެދިހުރި ހަށިގަނޑުން ވަރުހެސަ ބޭކަލެކެވެ.

ރާސްޓަސް! އުފެދެން ދިމާވިގޮތް މިދަންނަވަނީއެވެ. ކޮންމެ އަހަރަކު ރަޖަބު މަހުން ހަވަނަދުވަހު ”ނައިބުކަމާ ހިނގުން“ މި ނަމުގައި ބޭއްވި ރަސްމިއްޔާތެއް އިހުގައި ފުރިހަމަ ވެގެން ގޮސްފައިވެއެވެ. (ހެއުކަންތަކަށް އަމުރުކޮށް ނުބައިކަންކަން ނަހީކުރުމަށް ގޮވައިލެވޭ ގުރަންދައެކެވެ. ޒަމާނަށް އައި ބަދަލުގައި މިގޮވެލިފަތީގެ (ބަސްމަގު ބަދަލުވަމުން ތަރުތީބުވަމުން އައިސްފައިވެއެވެ.) ހަތަރު އަވަށުގައި އެޒަމާނުގެ މައިޒާންގެ ކިޔާތަނެއް ހުރެއެވެ. އެއީ ރަސްމީކަންކަން އެންގުމުގެ ބޭނުންތެރިކަމާ ހުރެ އެކިއަވަށުން މީހުން އެއްކުރާ މަރުކަޒެކެވެ. ބޮޑު ފެންޑާއެއްފަދަ ތަނެކެވެ. ދިގުމިނުގައި ވިއްސަކަށް ފޫޓް ފުޅަލަށް ފަނަރަ ފޫޓްވަރު، އުސްމިން އަސްކަނިން ބިމަށް ދިހަފޫޓްވަރު ވާނެއެވެ. ފޫޓެއްވަރުގެ ތަޅުމެއް އޮންނާނެއެވެ. ރަސްމީކަންކަމުގައި މައިޒާންގެ އަށް ވަދެތިއްބަވާނީ ރަސްމީ ހެދުންކޮޅުގައެވެ. އެބޭކަލުން ހަތްދޮށު ކިލެގެބޭކަލުންގެ ޔުނީފޯމުގައެވެ. ބޮޑުބޭކަލުން ފަނޑިޔާރުންނާއި ނައިބު ޖުއްބާ ހެދުމުގައި، ފަގުޑި އަޅުއްވާފައެވެ. ފަނޑިޔާރަކު މިޖަމާޢަތަކަށް ނުނިކުންނަވާނެއެވެ. މިރަސްމިއްޔާތު ނިމެންދެން އެބޭކަލުން ތިއްބަވާނީ އޮފީހުގައެވެ. އިސްނައިބު (ބޮޑުނައިބު) އެއީ ވަފްދުގެ ވެރިޔާއެވެ. ފަންސަފުރަދާނައިން، ބޭނުންފުޅުނަމަ ވަޑައިގަންނަވަންވީއެވެ. ކިލެގެބޭކަލުން މިރަސްމިއްޔާތުގައި ފަހަރުގައި ބައިވެރިވެލައްވަފާނެއެވެ.

ނައިބުކަމާ ހިނގާ ދުވަހު ވަރަށް ހެނދުނާ އެކަމަށް ކޮލިނަގާނެއެވެ. ކޮލިކަލޭގެ ހުންނަވާނީ ރަސްމީހެދުމުގައި ކޮލިލޯގަނޑާއި މުގުރު ހިއްޕަވައިގެންނެވެ. ކޮލިކަލޭގެފާނުގެ ޢިއްޒަތުގެ ހެދުމުގައި ފޭލި އަންނަވާފައި، ލިބާސްލައްވާފައި ލިބާސްމަތިން އުނަގަނޑުމަތީގައި ނިހާލި ބަންނަވައި، ބޮލުފޭލިއަޅުއްވައި، ވާތުމުލައްދަނޑީގައި އޮގަރުފޭއްޔޭ ކިޔާ ކުޑަ ފޮއްޔެއް އޮޅުއްވައިގެންނެވެ. މާލޭގެ ކޮންމެ ހަތަރު އަގޮޅި ބެދޭތަނެއްގައި ކިލެގެގުރަންދު ކިއުއްވައި، މުގުރުން ލޯގަނޑުގައި ވަރަށް ބާރަށް ތިންފަހަރު ޖައްސަވާނެއެވެ. ކޮރިލޯގަނޑު އޮންނާނީ އޭނާގެ މެއާ ހަމައިގައެވެ. މުގުރު އޮންނާނީ ކަނާތުގައެވެ. ވާތްތެރިންނަށް ވާތްތެރިވެވޭނެއެވެ.

ކުރިންވެސް ރާސްޓަސް! އުފެދުނުގޮތް މިދަންނަވަނީއޭ ކިޔާ، ފަށައިގަނެވިއްޖެއެވެ. ދެން ދިޔައީ ދާނެ ގޮތަކަށެވެ. މިފަދަ ކަންކަން ދެނެދެނެ ތިބީން ދާދި މަދުވެފައިވާއިރު، އަދި ޒަމާންތަކަކަށް މިކަހަލަ ތާރީޚީ ވަނަވަރު، ކަންފަތާ ހަމައަށް ނުފޯރާތާނގައި، ގަލަމު ތުނޑުންވެސް ބޭރުނުވެ، ވަޅުޖެހި ފަސްލެވެމުން ދަނިކޮށް، ވެރިކަމުގައި އެފަދަ ކަންކަން ދިރުވައި އާލާކުރުމުގެ ނަމުގައި މަރުކަޒު އުފައްދައި، ބޮޑު ބަޖެޓްތައް އަހަރުން އަހަރަށް އެކަށައެޅިއަސް، ދިވެހި ދަރީންނަށް މިކަންކަންފަނާ ޢަރާނެ ބީދައަކުން މޭރުންކޮށްދެވިފައިނުވާތީ ކޮށްދޭންޖެހޭތީ ދިގުލާގޮތްވަނީއެވެ. ނައިބުކަމާ ހިނގާ ދުވަހު އިރުއަރާތަނުން އެރަށުގެ މައިޒާންގޭ ކުރިމަތީގައި އެއަވަށެއްގެ ކުދިބޮޑު ފިރިހެނުންގެ އެންމެތަކުންނަށް ޖަމާވެވޭވަރުގެ މަތީގައި ރިޔާދަމައިގެން ތައްޔާރުކުރާނެއެވެ. ގާތްގަނޑަކަށް 15 ވަރަކަށް ފޫޓު މިނުގައެވެ. އެއްފަހަރަކު މިސަނދުވާ ދަމާނެ މޮޅުގޮތަކާމެދު، އަވަށެއްގެ ސަރުދާރު ލުކުރައްވާ އެގޮތަކީ ދެފަރާތުން ފަލައޮނު ބިމުގައި ވިއްދާ، އެ ލޮނުތަކަށް ފަނަރަފޫޓު މަތިން ރިޔާބަނުންކަމަށް އެއްބަސްވެވުނެވެ. މިގޮތަށް ބަނދެފައި އުތުރުފަރާތުން ސަތަރީގެ އުތުރުގައި ދެ ވައުބަނދެ، އެދެވާލުގެ ކޮޅު، މައިޒާންގޭ ޢިމާރާތުގެ މަތީން އަނެއްފަރާތަށް ގެންގޮސް ދެވަލުގައި ދެވައު ބަނދެ، އެދެވާލުގެ ކޮޅު، (މައިޒާންގޭ މަތިން ގެންދިޔަ ކޮޅުގައި) ކޮންމެ ވަލެއްގައި ދެމީހަކު ހިފަހައްޓައިގެން ތިބޭނީއެވެ. ދެން ނައިބުކަމާ ހިނގާ ޖަމާޢަތް ހެންވޭރު މައިޒާން ދޮށުން ވައުޒުބުނެ ނިމިގެން އެއްކަލަ ތައްޔާރަށް ތިބި މީހުން މައިޒާންގެ އާ ހަމަތަނަށް އައިމާ މައިޒާންގޭ މަތިން ގެންދިޔަ ދެވަލުގައި ހިފަހައްޓައިގެން ތިބި މީހުން ކުއްލިއަކަށް ދެވަލަށް ދަމައިގަންނަންވީއެވެ. އެއީ ބޮޑު ސަރުދާރު ރާސްޓަސް! މިހެން ގޮވައިލެއްވުމާ އެކީގައެވެ. ކޮންމެއަކަސް މައިޒާންގެ އާއި ހަމައަށް ވައުޒުބުނާ ވަފްދު އައިސް ހަމަވިތަނާ، ސަރުދާރު "ރާސްޓަސް، ގޮވައިލެއްވިއެވެ. އަދި ހަމައެއާއެކު މައިޒާންގެ ގަހުގައި ތިބި މީހުން، އާނކިޔާފައި ހެސްކިޔާފައި ދަމައިގަތީއެވެ. ކަންދިމާވި ގޮތަކީ ނައިބުކަމާ ހިނގާ ވަފްދު ރިޔާދަށްވެފައެވެ. .. ދަމާގަތްގަތީނުން ރިޔާސަތަރި އެންމެ ބޭކަލުންގެ ބޯމައްޗަށް ވެއްޓުނީއެވެ. އެބޭކަލުންވެސް މިދިމާވިކަންތަކާއިމެދު ޙައިރާން ވެގެން.... ބަޔަކު މީހުން ގަސްތުގައި މިވަރުކަމެއްނުކުރާނެކަމަށް ވާހަކަ ދެއްކެވިއެވެ. ދަށުން އެންމެ ބޭކަލުން ނިކުންނަވާ، އެކަކު އަނެކަކާއި ކަންފަތްދޮށުގައި ސިއްރުން ޔޯލަ ކިޔުއްވައި އެބޭކަލަކު އައިކޮޅަށް އެބޭކަލަކު ދުރުވެއްޖެއެވެ. މިކަމަކީ ނުހިނގާ ކަމަކަށް ހަދައިގެން ތިބޭފާޑުގެ ކަމަކަށްވާތީ، ރިޔާދަށުވި ބޮޑުންނާއި މޭސްތިރިން އެއްބަސްވެލެއްވީ އެގޮތަށެވެ. މާވެވަށްވެއްޓުނު ގެރި ނަގާން ސައްލާކުޅަ އަވަށު ކޮމިޓީފަދައިންނެވެ. އެކަމަކު ރޯމާ ދުވާލު ކުޑަމެންދުރެއްހާއިރު، އަވަށު ހުރިހާ ފިރިހެންވެރިންގެ ކުރިމަތީގައި އެޅުނު ޅަ އެއްޗަކަށްވާތީ، ހަމައެދުވަހު މިވާހަކަ މުޅި ރަށަށް ފެތުރި، އަދި ސަރުދާރުގެ ”ރާސްޓަސް“ ސަމާސާ މިސާލުބަހެއްގެ ގޮތުގައި ތައްގަނޑަށް އެޅިގެން ހިނގައްޖެއެވެ. މިކަން މިމަގަށް އޮތްކަމުގައި ވިޔަސް، އާ ތަޖްރިބާ އަކީ ނުހަނު ބޭނުންތެރިކަމެކެވެ. ފުރަތަމަ ކުރެވޭ ތަޖްރިބާއަކުން އެދެވޭ ނަތީޖާ ނުލިބި ހިނގައިދާނެއެވެ.

"އެއްފައްރޯނުގެ ވަރު“ އެނގޭމީހުން ވަލަށް ދަމައިގަންނަނަމަކަ، އެހެނަކުންނުވީހެވެ. (އޮނުމުޑީގައި ރިޔާ ހަރުލައްވާފައިވާ ވައުފަށް ތަކަށް ކެނޑޭވަރަށް ދަމައިގަންނާށެކޭ ސަރުދާރު އެންގެވީއަކީވެސް ނޫނިއްޔާއެވެ.) އެކަމަކު މާލޭގެ މަގު ހަދާން ”ޓޯކީ ސަރުދާރު، އެކުރިފަދަ އެތައް ފޫޓަކަށް ކޮނެ ކޮންކްރީޓް އަޅާ އެއްވަރު ކުރިހެން މިޒަމާނުގައި ތަޖްރިބާ ކުރަން ހެޔޮނުވާނެއެވެ!

ޒަމާންތަކަކަށްފަހު ބަސްބަހުގެ މާނައިން ކުރިފަޅާ ގޮފިފަޅާގޮތްވެއެވެ. އިހުގައި ބޭނުންކުރި ސަޅި، ރީތި މޮޅު، ފުރިހަމަފަދަ މާނަތަކަށް ފުރޮޅިފައިވެއެވެ. މިމޭރުމުން މީހަކު ކަށަވަރުންވެސް ކަމެއްކުރާނެ - ކުރުވާނެ- ކޮށްފާނެކަން އަނެކުންނާ ތިމާ، އެހެންމީހުންނަށް ގައިމުކޮށް ދިނުމުގެ ގޮތުން ރާސްޓަސް! މިހާރު ބޭނުންކުރެވެއެވެ. އެއްވެސް މީހަކީ ޤާނޫނީ އިމުން ބޭރުގައި ހުރެވޭނެ- ހުރެގެންވާނެ މީހެއްނޫނޭ، މަތީފަޑީން ގަދަ އަޑުން ގޮވާ އިއްވާފައިމެ، ކަމެއް ނަހަމައިން ފުރޮޅާލަން ވީމަކާ ގޮތެއް ފޮތެއް ނޯވެއެވެ. ރާސްޓަސް! ހިތުހުރިގޮތަކަށް ޙުކުމް އިއްވަން ވެސް މަޖުބޫރުކުރުވާފައެވެ. މިއީ އެއްމިސާލެވެ. ނިކަން ބަސްކިއުމާ އަހަރެން މަތިކޮށްބަލަ! ރާސްޓަސް! އޭރުން އެއްކަމެއްވެސް ވަތަކުތޯޖެހި ފަނުފުލަކުން ހަމަހިލާނުދާނެ! މިއީ ހެޔޮނިޔަތުގެ އިތުރުން، ސަޅިބައިސާ ކަމަށްވެސް ބެލިދާނެ ބުނުމެކެވެ. އަދި ކަމެއް ކުރާނެ- ކޮށްފާނެ އަވަސް ދުވެލީގެ މާނަ، މިއަދު، ރާސްޓަސް! ކިޔާ ދެއްކިދާނެއެވެ. މި ބީދައިންވެސް މެއެވެ. ނިކަން މިވެނި މީހަކާ ޙަވާލުކޮށްބަލަ! އޭރުން.... ހަމަ ރާސްޓަސް! އެކަން އޮންނާނީ ނިމިފައޭ! މިބީދައިންވެސް މެއެވެ. އިސްލާމްދީނޭ ކިޔާ އަހަރުމެން ވައުވައްދާ ލޭބޮއެ ހުސްކޮށްފި! އެނގިދާނެތާ އަހަރުމެން މިތިބީ ބަލަން، މަތީގަޑިންޖެހީމަކާ ފާޑު ފާޑެއް ނުކުރެވޭނެ! ރާސްޓަސް! އެހިނދަކުން ”އިބިލީސް އުޑުން ވައްޓާލެއްވި ބީދައިން“ ހިންމަވާކައް ލަހެއް ފަހެއް ނޯންނާނެ. އަނެއް މިސާލެވެ. ދެން.. ރާސްޓަސް! ކިޔާ ނިންމާލަމާތޯއެވެ؟