2 ދުވަސް ފަސް
އައިޝާއަށް ހޭލެވުނީ ގަޑީގެ އެލާމް ނިވުނުތާ ގަޑި ދެގަޑިއިރު ފަހުންނެވެ. މުޅި ހަފުތާ ބަންދު އެއްކޮށް އޭނާ ވަގުތު ހޭދަކުރީ އެނދުމަތީގައެވެ. ގުޅައަކަށް ވެށިގެން އޮވެ ނިދުމުގައެވެ. ހޭލެވުނަސް އެނދުން ތެދުވާކަށް ހިތަށްވެސް ނާރުވައެވެ. ހަމަ އެހެން ގުޅަވެށިލައިގެން އޮތީއެވެ. ކޮޓަރިން ނިކުމެ މީހަކާއި އަނގައިން ބުނާކަށް އޭނާ ބޭނުމެއް ނުވެއެވެ. ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް އެ ފިކުރުތަކަކާއި ދުރަކަށް ނުދެވުނެވެ. އީތަން ކިޑްނެޕް ކޮށްފިކަމަށް ފުލުހުން ބުނި ވާހަކަ ތާ އަދުހަމް ބުނި އަޑު އަދިވެސް އޭނާގެ ސިކުނޑިތެރޭގައި ގުގުމަމުން ދަނީއެވެ. އަބަދު އެކަން ހަނދާން ވަނީ އެވެ. އެ ފިކުރުތަކުން ދުރަށްދެވޭއިރަށް އަނެއްކާވެސް އީތަން މަތިން ހަނދާން ވަނީ އެވެ.
އައިޝާގެ ކޮޓަރީގެ ބޭރުގައި ދިހަވަރަކަށް މިނެޓް ވަންދެން އަދުހަމް ހުއްޓެވެ. އައިޝާ ހަމަޖެއްސުމަށް ދައްކާނެ ވާހަކައަކާއި މެދު ވިސްނުމުގައެވެ. އެއްމެފަހުން ކޮޓަރިތެރެއަށް ބޯ ދިއްކޮށްލިއެވެ. އޭރު އައިޝާ ހުރީ ކުޑަދޮރުން ބޭރު ބަލާށެވެ. ރޭގައި ކޮޓަރިއަށް ވެއްދި ކާ އެއްޗެހީގައި އިނގިލިކުރިވެސް ޖައްސައިލާފައެއް ނެތެވެ. ހިތްވަރުކޮށްފައި ކޮޓަރީގެ ދޮރުފަތުގައި މަޑުމަޑުން ޓަކި ޖަހައިލިއެވެ.
"ބަލާބަލަ ހެނދުނު ސަޔަށް ގެނެސްފަ މިހިރަ އެއްޗެހި. ސަބްމެރިން އަކާއި ޓޫނާ ޓޯސްޓާ ހުދުކުލައިގަ ހުރި މީރު ބުއިމެއް މިހިރީ."
"ތި ބުނީ މިލްކު ތަށްޓެއްގެ ވާހަކަ ދޯ." އަދުހަމް ގެނައި އެއްޗެއްސަށް ބަލައިލާފައި އަނެއްކާވެސް އައިޝާ އިސްދަށަށް ޖެހިއެވެ. މާގިނައިރު ނިދުމުގެ ސަބަބުން އޭނާގެ ދެލޯވަނީ ދުޅަވެފައެވެ. ރަތްވެސް ވެފައެވެ.
އައިޝާ ގޮސް އެނދުގައި އިށީންނިއެވެ. އަދުހަމް ވެސް އައިޝާ ކައިރީގައި އިށީންދެއްޖެއެވެ.
"އަހަންނަށް އެނގޭ އައިޝްގެ ފީލިންގްސް މިހާރު ހުންނާނެގޮތް. އެކަމަކު އެއްޗެއް ނުކައި ނުބޮއެ އަބަދު ތިހެން ރޯން އޮތަކަސް އީތަން އެއް އެނބުރި ނާންނާނެ ދޯ!!"
"އެއްމެ ކުރިން ޝިފާ، ދެން އީތަން. އެމީހުންނަށް އެވަނީ ކިހިނެތްކަމެއްވެސް ނޭނގޭއެއްނު." އައިޝާ އެ ވާހަކަތައް ދައްކަން ކިތަންމެ ބޭނުން ނުވިޔަސް ބުންޏެވެ. "އަހަރެން އަބަދުވެސް ހީކޮށްގެން މިހުންނަނީ އަހަންނަށް އީތަން މަތިން ހަނދާން ނައްތައި ލެވިއްޖެ ކަމަށް. އެކަން އެ ނިމުނީކަމަށް. އޭނަގެ ފޯނު ފެނުނީ ޕާކުގެ ބޭރުންދޯ އަދޫ. އޭނަ އެތަނަށް ދިޔައީ އަހަންނާ މީޓް ކުރަން. ދެން ނޭނގެ. ކިހިނެތްތަ މިވަނީ؟"
"ވާނުވާ ނޭނގޭ ކިތަންމެ ކަމެއް ހުންނާނެ. ދެން އެކަމާ އެހާވަރަށް ވިސްނާ އެއްޗެއް ނޫން، އޯކޭ." އަދުހަމް ބުންޏެވެ. "ހިނގާބަލަ މަށާއެކު ސްކޫލަށް ދަމާ. އޭރުންވެސް ތަންކޮޅެއް ހަމައަކަށް އެޅިދާނެ."
އައިޝާގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ.
އައިޝާގެ ކޯތާފަތް މައްޗަށް އޮހޮރެމުންދިޔަ ކަރުނަތައް އަދުހަމް ފޮހެލަައިދެމުން ބުންޏެވެ. "އަހަރެން ތިރީގަ މަޑުކޮށްލާނަން. އަންނާނަން ދޯ!"
އައިޝާ ތެދުވެގެން ގޮސް ވަނީ ފާޚާނާ އަށެވެ. މޫނަށް ފެންފޮދެއް ޖަހައިލަމުން ލޯގަނޑުން މޫނު ބަލައިލިއެވެ. އެއީ ވޭތިވެދިޔަ ދެދުވަހުގެ ތެރޭގައި އޭނާ މޫނު ބަލައިލި ފުރަތަމަ ފަހަރެވެ. އޭނާގެ ލޮލުން ފެންނަނީ ވަރުބަލިކަމެވެ. އޭނާ ރޯން ބޭނުންވެ އެވެ. އަޅައިލާނެ އެއްވެސް މީހަކު ނެތްކަމުގެ އިޙްސާސް ކުރެވޭތީ އެވެ. އޭނާ އެއްވެސް ތާކަށް ދާން ބޭނުމެއް ނޫނެވެ. ބޭނުންވަނީ ކޮޓަރީގައި، އަނދިރީގައި އެކަނި އިންނާށެވެ. ނަމަވެސް އަދުހަމް އެގޮތަށް އޭނާ ދޫކޮށްލާފައި ނުދާނެކަންވެސް އައިޝާ އަށް އެނގެއެވެ. ހިތުގައި އަޅަމުންދިޔަ ވޭން، ގަދަކަމުން އޮއްބައިލެވޭތޯ މަސައްކަތްކުރަން މަޖޫބޫރެވެ. ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލަމުން، ލޮލުކައިރި ރީތިކޮށްލިއެވެ. ދަތް އުނގުޅުމަށްފަހު ސްކޫލަށް ދާން ތައްޔާރުވި އެވެ.
އަދުހަމް އާއި އައިޝާ ދުއްވަމުން ދިޔައިރު، އެކަކުވެސް ވާހަކައެއް ނުދައްކަ އެވެ. އައިޝާގެ ވިސްނުން އަނބުރާލުމަށް އެފްއެމް ރޭޑިއޯ ހުޅުވާލިއެވެ. އެވަރުންވެސް ނުވެގެން މަޖާ ޖޯކްތަކެއް ކިޔަން ފެށިއެވެ. ނަމަވެސް އައިޝާ އަށް ކަހާތަން ހިރުވައިވެސް ނުލި ފަދައެވެ. ކުޑަދޮރުން ބޭރަށް ބަލަން އިނީ ވިސްނުމުގެ ކަނޑެއްގެ ތެރެއަށް ޣަރަޤްވެގެންނެވެ.
އައިޝާ ވެހިކަލް އިން ފައިބައިގެން ސްކޫލްތެރެއަށް ވަންނަން ހިނގައިގަތީ އިސްދަށަށް ޖަހައިގެން ހުރެއެވެ. ކުލާހާއި ހަމައަށް ދިޔައީވެސް ހަމަ އެހެންނެވެ. ކުލާހަށް ގޮސް އިށީންނީ އެއްމެ ފަހަތު ގޮނޑިބަރީގައެވެ. އެހެންކުދިންގެ ދުއްޕާން ބެލުންތަކުން ސަލާމަތް ވުމަށެވެ.
އެވަރުންވެސް އޭނާއާއި ދިމާއަށް އެހެންކުދިން ބަލަމުން ދިޔަކަން ފާހަގަ ކުރެވުނެވެ. އައިޝާގެ ހަށިގަނޑު ހޫނުވާންފެށި ކަމުގެ އިޙްސާސް ކުރެވެން ފެށިއެވެ.
"އައިޝާ... ޔޫ ލުކް ޓެރިބަލް. އާރ ޔޫ އޯކޭ؟" އަހާލަން އެހައި ފަސޭހަ ނޫން އަޑެއް އައިޝާގެ ކަންފަތުގައި ޖެހުނެވެ. އެއީ ކޮން ކުއްޖެއްގެ އަޑުކަން އައިޝާއަށް އެނގެއެވެ. 'ޝައިލާ' ދަތްކުނޑި ވިކައިލަމުން އައިޝާ އަށް މަޑުމަޑުން ބުނެލެވުނެވެ.
"ހުރިހައި ކަމެއް އަނެއްކާ ރަނގަޅުތަ؟" ޖެއްސުމުގެ ރާގެއްގައި ޝައިލާ ސުވާލުކުރި އެވެ.
"ކަލެޔާހެދި ކިހާ ބޮޑު ދުއްޕާނެއް ޝައިލާ ގަނޑާ. މިތަނުން ދާން އުޅޭ. ކަލެޔާ ޒުވާބުކުރާކަހަލަ މޫޑެއްގައެއް ނޫން މަ މިނދީކީ އެނގިއްޖެތަ؟"
"ކީކޭ؟ ތީނަ ތި ހީކުރީ އަހަރެން މިއުޅެނީ ޒުވާބުކުރާހިތުން ކަމަށްތަ؟ ލުކް އައިޝް. އައި ކެއަރ ފޯރ ޔޫ އޭކޯ." ޝައިލާ ހިނިތުންވަމުން ބުންޏެވެ. "އަހަރެން އޭރުވެސް ބުނީމެއްނު އީތަން އަށް ސަމާލުވެ އުޅެއްޗޭ. ކޯޒް ހީ އިޒް އަ ރިއަލް ނޯޓީ ބޯއީ."
ޝައިލާއަށް ރައްދު ދޭކަށް އައިޝާ ބޭނުމެއް ނުވިއެވެ. ދުރަށް ބަލައިލަމުން ޑެސްކު މަތީގައި ގަލަމުގެ ކޮޅުން މަޑުމަޑުން ތަޅަން ފެށިއެވެ.
"އަބަދަކު ތިހެން ރެކިގެންނެއް ނޫޅެވޭނެ އިނގޭ އައިޝާ.އެންޑް އެނީވޭޒް އައި ބެޓް ޝިފާ އިޒް ހެޕީ ނައު." ޝައިލާ ވިހަ ގޮތަކަށް ބުންޏެވެ.
"ވަޓް ޑޫ ޔޫ މީން؟" ޑެސްކްގައި ގަލަމުން ތެޅުން ހުއްޓާލަމުން އައިޝާ ސުވާލުކުރި އެވެ.
"ކަލޭ ގެ ބެސްޓް ފްރެންޑް ޝިފާ އަކީ ބޯއީ ފްރެންޑުން ފޭރޭ މީހެއްކަން ނޭނގޭތަ ހަމަ؟ ގައިމު އަހަރުމެން އެއްމެންނަށް އެކަން އެނގޭ. ކަލޭ ގެ ބޯއީ ފްރެންޑްވެސް އެ ޖިއްސައިގަތީ. އެއީ އޭނަގެ ގޮތަކީ. ކަލޭ އަތުން އީތަންވެސް އެ ފޭރިގަތީ ހަމަ އޭނަ."
"ދައްކާ ކޫސަނި ވާހަކަ ދޯ!" އައިޝާ ގާތަށް ރުޅި އަންނަގޮތް ވެއްޖެ އެވެ. ތެދުވެ ޝައިލާ އާއި ދިމާއަށް ބާރަށް ހަޅޭއް ލަވައިގަތެވެ.
"މިއީ މި ދުވަސްކޮޅު މި ސްކޫލްގެ ބްރޭކިންގ ނިއުސް. ޔޫ ނޯ އިޓްސް ދަ ހޮޓް ޓޮޕިކް އައިޝާ. ޝިފާ އާއި އީތަން އާއި ދެމީހުން ފިލާ ރައްކާވީ. އެއްމެ ކުރިން ޝިފާއަށް ވީ ނުވީއެއް ނޭނގި ދިޔައީ. ދުވަސްކޮޅެއް ފަހުން އީތަން ކިޑްނެޕް ވިއްޔޯ. ކަލޭ ގަބޫލުކުރަންތަ އެ ހާސަރުތައް؟"
"ކޮބާތަ މައްސަލައަކީ ޝައިލާ؟" ޝައިލާގެ ފުރަގަހުން އިވުނީ މަލީޝާގެ އަޑެވެ.
ޝައިލާގެ ދެ އަތުން ދަތްދޮޅީގައި އަތްވިދެލި އެވެ. "އޯހް ކަލޭ ދޯ. އަހަރުން މި ވާހަކަދައްކަނީ އައިޝާގެ ބޯއީ ފްރެންޑާ ބެހޭގޮތުން ދޯ؟" ޝައިލާގެ ރައްޓެހިންނަށް ދޯ އަޅައިލިއެވެ.
"އެހެންތަ؟ އަހަރެން ހީކުރީ ތި ދައްކަނީ ކަލޭގެ ބޯއީ ފްރެންޑް ދާރިމްގެ ވާހަކަ ކަމަށް. ތިއެއް ނޫނޭ. އަހަރެން ދެންމެވެސް ދެކުނިން އޭނަ ބޯއީ އަކާ އެކު.... ޔޫނޯ ޑްއިން ވަޓް ދޯ!!؟" މަލީޝާ ހިނިގަނޑެއް ޖަހައިލިއެވެ. "ނޫނޭ. އެއީ ބޯއީ އެއް ނޫންދޯ. އެއްކަލަ އަންހެން ފިރިހެން ރީޝާ ދޯ!!"
ޝައިލާ ދަތްކުނޑި ވިކައިގަންނަމުން ކުލާހުން ނިކުމެއްޖެއެވެ.
"ޑޯންޓް ޑެއަރ ޓު ތިންކް އަބައުޓް ވަޓް ދެޑް ބިޗް ސެޑް ޓު ޔޫ އޯކޭ!!" މަލީޝާގެ ދަބަސް ބަހައްޓަމުން ބުންޏެވެ.
އައިޝާ އާއި ޖެހިގެން ހުރި ގޮނޑީގައި މަލީޝާ އިށީންނި އެވެ. "ޝައިލާ އެ ބުނީ ތެދަކަށް ވެއްޖެއްޔާ ޔޯ؟" އައިޝާގެ ހިތަށް އެރިއެވެ.
ނުނިމޭ