އަޅުގަނޑު ރ.އަތޮޅު އަތޮޅުވެރިކަމުގައި ހުރީމެވެ. އެންމެ ގާތްކޮށްގެން އުޅުނު ބޮޑުންގެ ތެރޭގައި އަގޮޅިތީމު މޫސާކޮއި ހިމެނެއެވެ. އޭރުރަށްފުށުގައި ތިބި ކަމުވޮށީންގެ ފެންވަރުން މީނާއަކީ ކުރީ ސަފުގެ މީހެކެވެ. އަޅުގަނޑު އޭނާއަށް ރަށުގެ ނައިބުކަން ހޯދައިދިނީމެވެ. އޭރު އޭނާއަކީ ކަށުކަމާކެމީގެ ކަންތައްތަކާއި އިމާމުވެ ނަމާދުކުރުމުގެ ސަނަދުލިބިފައިވާ މީހެކެވެ. އަޅުގަނޑުމެން އެމީހަކު އެމީހެއްގެ ވަޒީފާގައި އުޅެނިކޮށް ސަރުކާރުގެ އޮފީސްތައް ހިންގާ ޤަވާޢިދު އަޅުގަނޑުމެންނަށް ލިޔުމަކުން ފޮނުއްވިއިރު ނައިބު ކަލޭގެއަށްވެސް އޮފީހެއް ހުންނަންވެއްޖެއެވެ. "ނައިބު އޮފީސް” މިނަމުގައެވެ. ނައިބު އޮފީހުގެ ނަންދެވުނު އޮފީހުގައި މޫސާކޮއި ނައިބުކަމުގެ މަސައްކަތް ފައްޓަވައިފިއެވެ. އޮފީހަކަށް ވުމުން އެއޮފީހެއްގެ ވެރިއެއް އަދި ސެކެއްޓެރީއެއް ނުވަތަ އިސްކާތިބަކާއި ޕިޔޯނަކާއި މަސައްކަތުމީހެއް ހުންނަންވާއިރު، ނައިބު ގޭގައިނަމަ ދޭވާންޏަކު ހުންނަން ޖެހެއެވެ. އޮފީސްހުޅުވާ ލެއްޕުމުގެ ގަޑިއަކީ ނައިބުކަލޭގެއަށް ފެންނަ ވަގުތެކެވެ.
މިހެން މިކަން ހިނގަމުން ދަނިކޮށް، އައި ރޯދަމަހެއްގެ ހާރުދަމުގައި މިދެމަފިރިންގެ އަރާރުމެއް އައެވެ. މީގެކުރީންވެސް ދުވާލާއި ރޭގަނޑު މިއަރާރުމެއް ދޭތެރެ ދޭތެރެއިން އޮވެއެވެ. މިއަރާރުންގަނޑުގެ ތެރޭގައި ދެމަފިރިން ގިފިއްޔަށްވަދެ އިރުގަނޑެއްކޮށްފައި ނުކުންނައިރު މުޅީން ރުޅިމަޑުވެ ކުރަންވީ މަސައްކަތާއި އުޅެން ފަށައެވެ. މިގޮތަށް ހިނގަމުން ދަނިކޮށް، އެއްރެއަކު ހާރުދަމުގައި ދެމަފިރީންގެ "ކޯޅުން“ މާބޮޑުވެއްޖެއެވެ. އަރާރުމުގެ ތެރޭގައި ގަޔަށްވެސް އެރީއެވެ. މިހިސާބަށް ދިޔަތަނާ ވައްތަރު ވައްތަރަކަށް އުޅޭނެކަމެއްނެތި، ވަރި ބޭނުމިއްޔާ ހަމަމިހާރު ނައިބުގެއަށް ދާށޭ މޫސާކޮއި ބުނުއްވިއެވެ. އަނބިކަނބުލޭގެ، އެހެންހެއްޔޭ ތިޔަހީކުރީ މިދަނީ ނައިބުގެއަށް ޖަވާބުދީ ހުޅުފަޅައިގެންދާހާ ރުޅިވެރި ފަތަރާސީ ހިނގުމެއްގައި ނައިބުގެއަށްދާން ހިގައިގަތެވެ. އެއަށްވުރެވެސް ބާރަކާ މޫސާކޮއި އެދިޔަގޮތަށްގޮސް ނައިބުގެ ހުޅުވާ އެލުވާފައި ހުރި ފުޅިބައްތި ދިއްލާ ނައިބުކަމުގެ ގޮނޑީގައި އިށީދެއްޖެއެވެ. އޭރު ކަނބުލޭގެ އައިސް ދޮރުމައްޗަށް ހުއްޓެނީއެވެ. އެވަގުތު ނައިބުގޭގައި ތިބެންވާ މީހުންނަކީ ނައިބުކަލޭގެއާއި ކާތިބާއި މަސައްކަތުމީހަކާއި ދޭވާންޏެވެ. ނައިބުކަލޭގެ އޭނާގެ ގޮނޑީގައި އިންނަވާފައި އޭނާގެ ޕިޔޯނަށް ގޮވާލައްވާ އެހެރީ ކޮންކަމަކު އައި އަރުޒަމާނެއްތޯ އަހަން ބުނުއްވިއެވެ. އަދި ކުއްލިއަކަށް ޕިޔޯނު ހުންނަން ބޭނުންވިތަނަށް ހުއްޓިފައި، އޭ މިހިރަ ކަނބުލޭގެއާ! ތިޔައީ ކީއްކުރަން އައިސް ހުރި މީހެއްހޭ ހަމަބުނާއިރަށް، އަނބިކަނބުލޭގެ ރުޅިވެރިއަޑަކުން މަމިއައީ މޫސާކޮއި ކައިރިން ވަރިވާށޭ ބުނެތްޕެވެ.
މޫސާކޮބޭ: (ނައިބު ގޮނޑީގައި އިށީނދެ) ބަލަ ވަރިވާން ތިޔަ އުޅެނީ، ރޯދަމަހޭ، ސުލްޙަވެރިކަމާއެކު ދެމަފިރީން ރޯދަމަހުގެ ބަރަކާތް ލިބި މިރޭ ދެން ގެއަށްދާނީ ވަރިވެގެން، އެހެންނޫނިއްޔާ ވާނެގޮތަކީ ހަމަގެއަށް ދާއިރަށް މަގޭ ގައިގައި ބައްދައިގަނެގެންގޮސް ވައްދާނީ ގިފިއްޔަން، ދެން އެތާ "މަސައްކަތު ބައްދަލުވުމެއް؟ ބާއްވާފައި ދެން ގިފިލިން ނުކުމެވޭއިރު ދެވެރިން ތިބޭނީ ހީކަރުވާ ރުޅިމަޑުވެފައި، މިރެއަކު ހަމަހިލާ އެހެންވިޔަކަ ނުދޭނަން މޫސާކޮބޭ: (ދެތަނބު ދޭތެރެއަށް ހުއްޓިފައި ”ނައިބު ކަލޭގެއާ ދިމާއަށް“ ގޮވާލިއެވެ) ދެން އެހެންވިއްޔާ ތިންފަށްވަރީން ވަރިކުރަންވީ. ނައިބުކަލޭގެ:(މޫސާކޮބޭ ގޮނޑީގައި އިށީނދެ ހަމަޖެހިލާފައި ތިޔަހެން އަދި ވަރިވެ ފިރިކަލޭގެވެސް ބުނާ އެއްޗަކުން، ފިރިކަލޭގެ ފަހެބުނަނީ ކީކޭތަ؟
ފިރިމޫސާކޮބޭ (ގޮނޑިން ތެދުވެ، އަނބިކަނބުލޭގެއާއި އެއްހަމާގައި ހަށަމަށް އަތްއަރުވާ ހުއްޓިހުރެ) އަޅުގަނޑު ހަމައެއްގޮތަކަށް ވެސް ވަރިކުރާކަށް ބޭނުމެއްނޫން، ދެން ވަރިވަންޏާ ތިންފަށްވަރީން ވަރިވާންއޮތީ، މިފަހަރު ވަރިކޮށްފިއްޔާ ރަށުގައި އެއުޅޭ ފަށްކަނޑާ ސޮރާ މީނާ އާއި އިންނާނެ. އިނދެގެން........ ނާއިބުމޫސާކޮބޭ: (އެދިޔަ ދިޔައިނުން ގޮސް ގޮނޑީގައި އިށީނދެ) ކަލޭމެން ދެމަފިރިންނަކަށް ދެން އިދެގެނެއް ނޫޅެވޭނެކަމަށް ފެންނަނީ، ވަރި ބޭނުމިއްޔާ މަގޭ ޙާޒިރުގައި އެކަން ނިންމާ!
ނައިބުގޮނޑިން މޫސަބޭ ތެދުވެގެން އައިސް އަނބިކަނބުލޭގެއާއި، ޖެހިގެން ހުއްޓިގޮވާލިއެވެ. އަޅުގަނޑަށް ދެން މިކަނބުލޭގެއާއި އިނދެގެން އުޅެވޭނެ އެއްވެސް ގޮތެއްނެތް، އެހެންވެ މިތާހުރެ އަނބިކަނބުލޭގެ ވަރިކޮށްފިން މިކަން މިމަގަށް ނިންމާ، މޫސަކޮބޭ، ނައިބުކަލޭގެއަށް ވެގެން އެކުރި ވަރީގެ ވަނަވަރު ލިޔެ އަތޮޅު އޮފީހަށް ރިޕޯޓް ފޮނުވައިފިއެވެ. ދެން އަޅުގަނޑު، މިކަން ހިނގި ގޮތް ޝަރީޢަތަށް އަންގަންޖެހޭތީ އޭރުގެ މަޙްކަމަތުއްޝަރުޢިއްޔާއަށް ރަސްމީ ސިޓީއެއް އުރަންނައިކޮށް، އެދެމަފިރީންގެ ބަޔާންވެސް ހިމަނައިގެން ފޮނުވައިފީމެވެ. އުއްތަމަ ފަނޑިޔާރަކަށް ހުންނެވީ، ފަޟީލަތުއް ޝައިޚު އަލްއުސްތާޛު ޢަބްދުލް ފަހުމީއެވެ. ޝަރުޢީ ހަމައިން މިމައްސަލަ ނިންމެވުމަށް ޙަވާލުކުރެއްވީ އިސްގާޒީ ބޮޑުފެންވަޅުގޭ ސީދީއާއިއެވެ. ސީދީ ޙުކުމްކުރައްވާ ނިންމެވީ ވަރި ޞައްޙަކަމަށާއި، މޫސާކޮއި ނައިބު އަމިއްލައަށް ޤަވާޢިދާ ތަފާތުކޮށް މިހިންގި ކަންތައް އެއީ ކުށެއްކަމަށެވެ. ވީމާ މޫސާކޮއި ނައިބު ފަސްފަހަރުން ތަޢުޒީރުކުރައްވާ ނަޞޭހަތް ދެއްވަމުން މައްސަލަ ނިންމެވީއެވެ.
(ނިމުނީ)