ގަލޮޅުގޭ އަލިކިލެގެފާނަކީ 19 ވަނަ ޤަރުނުގެ ކުރީކޮޅުން ފެށިގެން އޮޅުދޫ ކަރައިގެ ގާލީގައި ހުރި މުއްސަންޖެކެވެ. އެރަށުގައި ކާބޯތަކެތީގެ ވިޔަފާރި އޮތީ އޭނާގެ އަތްޕުޅުމަތީގައެވެ. އޭނާގެ އަމިއްލަފުޅު ނައުފަހަރު ދިވެހިރާއްޖެއާއި އޮޅުދޫކަރައިގައި އެކިލެގެފާނު ވިޔަފާރިއާއިގެން އެތައް ދަތުރެއްކޮށްފައިވެއެވެ. އެއްފަހަރަކު ގާލީގެ ބަނދަރުގައި ވިޔަފާރިވެރި ނައުފަހަރުތަކެއް ބޮޔާރައްޓުގައި ޖެހިފައި އޮތެވެ. ބަނދަރުގައި އޮވެ ގިނަދުވަސްވުމުން ދަތިވެގެން ކިތައްމެ ބަޔަކު ގާލީ ކަސްޓަމަށް މައްސަލަ ހުށަހެޅިއެވެ. އަދި ކަސްޓަމާ ކައިރިއަށް ނައުފަހަރު ގެންނަންވެގެން ވަރަށް މަސައްކަތްކުރިއެވެ. އެއީ ކުރީގައި ޖެހިގެން ކުރީ ނަންބަރެއް ލިބޭތޯއެވެ.
ކޮންމެއަކަސް އެކިލެގެފާނުގެ ނައުފަހަރުގެ ވެރިން އަލިކިލެގެފާނުގެ އަރިހަށް ޝަކުވާއާއިގެން އައިސް ވާހަކަ ދެންނެވުމުން ވިދާޅުވީ ކަލޭމެން ބާރަށް އަންބާ ކިޔާފައި ކަސްޓަމާއި ވީހައިވެސް ކައިރިއަކުން ބަނދަރުން ތަން ހޯދާށެވެ. އެމީހުން އެކަމާ އުޅެގެންވެސް މާބޮޑު ވަރެއް ނުވިއެވެ. އެމީހުން އަންބާގެ މައިގަނޑަކަށް ކިޔަނީ ”ވަނާޖުބޭސާ ވަނާޖުބޭސާ“ މިހެންނެވެ. އެންމެފަހުން ވަގުތު ގާތްވަމުން ދާތީ އެކިލެގެފާނު ދުންބައްތެއްޔެއްގައި ކަސްޓަމް ދޮށަށް ވަޑައިގެން އެއްގަމަށް އަރައި ވަޑައިގެން ކަސްޓަމާ ދިމާއަށް ވަޑައިގަތެވެ. ވަޑައިގަންނަވަމުން ވަނާޖުބޭސާގައިތޯ ވަރުހުރީ ފައިސާގައިތޯ ވަރުހުރީ މިފަހަރު ބަލާނަމެވެ. ވިދާޅުވިއެވެ. އޭރު އަތްޕުޅުގައި ރުފިޔާ ކީސާއެއްއޮތެވެ. އެވަޑައިގަތް ގޮތަށް ކަސްޓަމްގެ ވެރިމީހާއާއި ބައްދަލުކޮށް ފުރަތަމަ ވެސް އެމީހާއަތަށް ދިއްކޮށްލީ ރުފިޔާ ކީސާއެވެ. ދެން އެދިވަޑައިގަތީ އޭނާ ބޭނުންފުޅުވާ ކަންތައްތަކެވެ. އެދިވަޑައިގަތުމާއެކު ކަސްޓަމުގެ ވެރިމީހާ ބަނދަރަށް އެންގީ އަލިކިލެގެފާނުގެ ނައުފަހަރު ބަނދަރު ކުލީގެ ޖޫރިމަނާ މުޅިން ކަޑާލާ އަވަހަށް އޭގެ މާލިމީ އެއްގަމަށް އަރުވާ މަގުފަހިކޮށްދީ ހެދުމަށެވެ.
މިކަމާ އެމީހުން އުޅެނިކޮށް އެކިލެގެފާނު ކަސްޓަމުން ބަނދަރުތެރެއަށް ވަޑައިގަތުމަށް އޭނާގެ ދުންބައްތެއްޔަ އަރާވަޑައިގަންނަވަމުން ގޮވާލެއްވިއެވެ. ދުނިޔޭގައި އަބަދުވެސް ވަރުހުރީ ފައިސާގައެވެ. ފައިސާގެ ކުރިމަތީގައި ބާރުހުރި އެހެން އެއްވެސް އެއްޗެއްނެތެވެ. މިއަދު މިކަންތަކުންވެސް މަށަށް އެނގުނީ ވަނާޖުބޭސާއަށްވުރެ ވެސް ފައިސާގެ ބާރު ގަދަކަމެވެ.“ އެޒަމާނުގައިވެސް ނުފޫޒާއި ފައިސާގެ ބޭނުން ކޮށްގެން އެމީހަކު ބޭނުންކަމެއް ފުއްދަމުން ދިޔައެވެ.
(ނިމުނީ)