17 އޭޕްރިލް 2021 | ހޮނިހިރު 09:15

ދެވަނަ ބޮޑުހަނގުރާމަ ހުޅުފަޅައިގެންގޮސް އަހަރެއް ދެ އަހަރެއް ވީއިރު ރާއްޖެއަށް ނިވައްތައި ގަތުމާއި ބިރުވެރިކަމުގެ ވިގަނި ދުނިއަޅާން ފަށައިފިއެވެ. ސަރުކާރަށް ލިބޭ އާމްދަނީވެސް ވަރަށް ބޮޑަށް ހުލިވާގޮތް ދިމާވެއްޖެއެވެ. ލިބޭ އާމްދަނީގެ ވަރަށްބޮޑު ބަޔަކީ މާލޭގައި ތިބި ވޯރާ ވިޔަފާރިވެރިންނާއި އަދި ފުރެއްދެ ދަތުރުކުރާ ވިޔަފާރިވެރިންގެ އަތުންލިބޭ އިންކަމް ޓެކްސްއެވެ. އެއީ މަޢުމޫލެވެ. ކާބޯތަކެތީގެ ދަތިކަން މާ ބޮޑުވުމުން ބޭރުން ގެނެވޭ ހަނޑޫ، ހަކުރު، ފުށް ލިބުން އިންތިހާއަށް ދަތިވެ ބައިކާޑޭ ބުނާ ޢަދަދަށް މީހުންނަށް ކާޑު ދޫކުރާން ފެށުނެވެ. އެއީ ރެއަކާ ދުވާލަކަށް މީހަކަށް ލިބެންވީ ފުރާގުގެ ދެބައިކޮށްފައި އެއްބައެވެ. އަދި ފަހުން އެއަށްވުރެވެސް ބޮޑަށް އުނިކުރެވުނެވެ. ބައިކުޅަ ބަޔަށެވެ.

މިހާލަށް ފުރޮޅިފާ އޮއްވާ ގިރާވަރު މީހުންގެ ތެރެއިން ވަފްދެއް މާލެއައިސް ދައުލަތް ހިންގަވަން ހުންނެވި ޙަސަން ފަރީދާއި ބައްދަލުކުރަން ބޮޑު ބަނޑޭރިގެއަށް ވަދެ ޙަސަންފަރީދު މަނިއްޕުޅު ދެކެން އެދިއްޖެއެވެ. ގިރާވަރު މީހުންނަކީ އެޒަމާނުގައި ސަރުކާރުން ކާންބޯން ދެއްވާ ބައެކެވެ. ފެންބުއިމަށްޓަކައި ތާނގީއެއް ރާނާދެއްވާ ވާރޭފެން ލިބޭގޮތް ހައްދަވާ ދެއްވާފައިވެއެވެ. މަހަށްދާ ދޯންޏެއް ދެއްވަނީވެސް ސަރުކާރުންނެވެ. އެއީ ކުދިބޮޑު އެންމެންގެ ސަތޭކަވެސް ހަމަނުވާ. ރައްޔިތެކެވެ.

ގިރާވަރު މީހުންނަކީ ދެކުނު އިންޑިއާއިން އައިކަމަށް ބުނެވޭ ބައެކެވެ. އެމީހުން ހަމައެކަނި ގިރާވަރުގައި ސަރުކާރުން ވަޒަންވެރި ކުރުވީއެވެ. އެމީހުންގެ ވަރިކައިވެނި ހިންގަނީވެސް އެމީހުން އަމިއްލަ އަށެވެ. ލިބޭ ދަރިން އަމިއްލަ އަށް މަސައްކަތް ކުރެވޭ ވަރު ވާންދެން ބަލަހައްޓާނީ މައިމީހާއެވެ. ރަށުގައި ވަލެއް، ވަހެއް ފުދޭވަރަކަށް ނޯވެއެވެ. ދިރިއުޅެން ކުރަން އޮތްހާ ކަމަކީ މަހަށް ފަރަށް ދިއުމެވެ. ގިރާވަރު އަންހެނުންނާ ފިރިހެނުންނަކީ މެރަނާވުމެއްނެތި ވަރަށް ކަމީނާކޮށް ތިބޭ ބައެކެވެ. އަންހެނުން ވަކީން ބޮޑަށް ނިކަމެއްޗެވެ. އެވެރިންގެ ބޮލުގެ އިސްތަށިގަނޑު ނުހަނު "ދޯހަޅި“ އެވެ. ވެސްޓް އިންޑީޒްގައި ބަނޑު ފުރާނަ މުއްތި ނުކުރެވޭ ނިކަމެތި އަންހެނުންގެ އިސްތަށިގަނޑު މިވެރިންނާ އެއްގޮތްކަމަށް، އެހިސާބުގަނޑަށް ދަތުރުކުރި ބައެއްމީހުންގެ ފުށުން އަޅުގަނޑަށް އެނގިފައިވެއެވެ. ލައިއުޅޭ ހެދުމަކީ އިހުގެ މުސްކުޅި ދިވެހި ފަކީރު އަންހެނުންގެ ހެދުމެވެ. އިބްރާހިމް ނާސިރުގެ ވެރިކަމުގައި ގިރާވަރު ފަޅުކުރައްވާ ހުޅުލެއަށް އެމީހުން ބަދަލުކުރައްވާ އަދި މާލޭގެ ހުޅަގު ދެކުނުގައި އެމީހުންގެ އަވަށެއް އާބާދުކުރައްވާ މާލޭމީހުންނާއި ގުޅެންދެން އެއުރެން ކައިވެނިކުރަނީވެސް އެމީހުން އެމީހުންނާއިއެވެ.

ގިރާވަރަކީ މާލޭގެ ބައެއް ބޮޑުން އެކި އެކި ޗުއްޓީގައި އެރަށަށް ދަތުރުކުރައްވާ ރަށެކެވެ. ގިރާވަރު މީހުންނާ ސަމާސާ ކުރައްވާ އެމީހުން ނައްޓުވާ ކޯޑިހެއްދުން ވަރަށް މައްޗަށް އޮވެއެވެ. ތާރަޖެހުމުގައި އެމީހުންނަކީ އެމީހުންގެ ވައްތަރުން ފާހަގަވާބައެކެވެ. ދިވެހިން ބަސްމޮށެ އުޅުމުގައި ދޫމައްޗަށް ފަސޭހަ ލާމާއި ޅަވިޔަނި ހެޔޮކޮށެއް ނުކިޔޭނެއެވެ. ޢައްރާހޯ ބޭރާއޭ ކިޔައިގެން ސޯރުކުރާ ލަވަ މިސާލުޖަހަމެވެ. ﷲ ރައްބީ ކިޔަންވާތަނަށް އެމީހުންގެ ދުލަށް އަންނަނީ އައްރާހޮ ބޭރާ އެވެ. ބޮކެއް ފެނިއްޖެނަމަ ބިރުން ހޭވެރިކަމެއް ނުހުންނާނެއެވެ.

ފުރަތަމަ އަލުން ފެށުމުގައި ދެންނެވުނު ވަފްދުގެ ވަނަވަރާއިގެން ހެލިގަންނަމާތޯއެވެ. ސަރުކާރުގެ އޮފީސްތައް ހުޅުވުނު ތަނާހެން ހަސަން ފަރީދު ހިންގަވާ އޮފީހަށް ގިރާވަރު ވަފްދު އަތުވެއްޖެއެވެ. އަދި އެމަނިއްޕުޅުގެ ފައިންޕުޅު ދެކެން އެދުނެވެ. މިކަމަކީ އާދައިގެ ކަމެއް ނޫނެވެ. މިދެންނެވީ އެފެންވަރުގެ މީހުން ސީދާ ހަސަންފަރީދާ އެގޮތަށް ބައްދަލުވުމެވެ. ދައުލަތް ހިންގަވާ ވެރިޔާ ކަމަށްވާތީއެވެ.

ކޮންމެ އަކަސް ވަކި މީހަކުގެ ހުއްދައަކަށް ބެލުމެއްނެތި އެވެރިން އެދިޔަ ގޮތަށްގޮސް ޙަސަންފަރީދާ ފެންނަ ހިސާބަށް އަރިސްވެއްޖެއެވެ. ކަންމިހެން ވުމުން ޙަސަންފަރީދަށް ޖެހުނީ ސީދާ ބައްދަލުކުރައްވާށެވެ.

ކަލޭމެން މިއަދު އަހަރެން ކައިރިއަށް ތިޔައައީ ކީއްކުރަންހޭ ހަސަންފަރީދު އެމީހުން ކުރެން އެއްސެވިއެވެ. މަނިއްޕުޅު ދެއްވާ ކާބޯތަކެތި މަދުކަމުން އަހަރުމެންނަށް ހަމަނުޖެއްސޭތީ އެކަން ފުއްދުމަށޭ އެމީހުން ރަށުބަހުން ދެންނެވިއެވެ. މާލެއައިސް ކޮންމެ ދުވަހަކު މިހޮވާ ބަބުކެޔޮކޮޅާއި ރައްޓެހިންދޭ ތަކެތީން އަހަރެމެންގެ ބަނޑު ފުރާނަ މުއްތިވާވަރެއް ނުވެއެވެ.

ހަސަންފަރީދު އެމީހުން އަރިސްކުރައްވާ ސީދާ ވިދާޅުވިއެވެ. ބަލަ! މިހާރު މިއުޅެނީ ދުނިޔޭގައި ބޮޑު ހަނގުރާމައެއް ފެށިގެން ކާބޯތަކެއްޗަށް ދަތިވެ އަދި އެހެން ނުރައްކާތެރި ބިރުތައްވެސް މާބޮޑުވެގެންނެވެ. ގިރާވަރުމީހުން ދެންނެވިއެވެ. ތިޔައީ މަނިއްޕުޅު ހިތުންކުރައްވާ ކަމެއްނޫންހޭ. މަނިއްޕުޅު ހަނގުރާމަ ހުއްޓަވާލައްވަން އަންގަވާށެވެ. އަޅުގަނޑުމެންނަށް ނުކައި ނުބޮއި ވޮށު އަނދިރިއަކު ނުތިބެވޭނެއެވެ. ދެން ޙަސަންފަރީދު ބޮނބުޑަށް ސައިވިދާޅުވިއެވެ. ދުނިޔޭގެ ބޮޑުހަނގުރާމަ ހުއްޓުވުމަކީ އަހަރެންނަށް ވާވަރުކަމަކަށް ވަންޏާ ތިޔަކަން މިނިންމާލަނީއެވެ. ކަލޭމެން ދެން އަވަހަށް ރަށަށް ދާށެވެ!

(ނިމުނީ)