15 އޭޕްރިލް 2021 | ބުރާސްފަތި 09:20

ޕޮލިޓިކަލް ޑިސީސް މިބަހަކީ އައްނަބީލް ގަލޮޅުގޭ މުޙައްމަދު ދީދީގެ އަލްފާޟިލް އިބްރާހިމް މުޙައްމަދު ވިދާޅުވިބަހެކެވެ. ފުރަތަމަ ޤާނޫނު ފާސްކުރުމާއި ގުޅިގެން ބޭބޭފުޅުންނަށް ވަޒީރުކަން ދެއްވިއިރު އިބްރާހިމް ދީދީއަށްވެސް އެނަސީބު އަރުތަވެ ވަޑައިގަތެވެ. އެއީ ފުރަތަމަ ޤާނޫނު އަސާސީއަށް ފުރާނަ އެޅެވެމުން އައި ދުވަސްވަރެވެ. މީނާއާއި އެހެން ވަޒީރުންގެ ތަފާތުބޮޑުވެގެންގޮސް އެއްބާރުނުލެވި ވަޒީރުންގެ މަޖިލީހުން ވަކިކުރެއްވިއެވެ. މިދުވަސްވަރަކީ އެތެރެވަރީގައި ޚިޔާލު އުފެދިގަތް ދުވަސްވަރެވެ. މަހާތުމާގާނދީ މިނިވަން ކަމާއިގެން ހަށިފޮޅާލެއްވި އިރުވަރެއެވެ.

އިބްރާހިމް ދީދީ ކިޔަވާ ވިދާޅުވީ ސިލޯނުގެ ރޯޔަލް ކޮލެޖްގައެވެ. ޑޮކްޓަރީކަން ވެސް ކޮންމެވެސް ވަރަކަށް އުނގެނިވަޑައިގަތެއެވެ. ސިލޯނުގައި އުނގެނިވަޑައިގަތުމަށް ހުންނެވި އިރު އޭނާގެ ނަންފުޅަކީ މައިކަލް އެޑްމަންޑް ޑީޑީ ކަމުގައި ބޭނުން ކުރެއްވިއެވެ. ކިޔަވާ ވިދާޅުވެގެން މާލެވަޑައިގެން އުޅުއްވީ ކޯޓް ފަޓްލޫނުގައެވެ. އަހަރެއްހާ ދުވަހު ޑޮކްޓަރީ މަސައްކަތް ކުރައްވާ އުޅުއްވިއެވެ. އަޅުގަނޑާ އަޅުގަނޑުގެ ބައްޕައަށް އޭނާ ފަރުވާދެއްވިއެވެ. އެއީ އަޅުގަނޑުގެ ބައްޕަގެ ޅިޔަނެވެ. ސިކުޑިއަށް ކުޑަ އާލާސްކަންފުޅެއް ޖެހިގެން ކަމަށްވެގެން ފަހަކަށް އައިސް ބުއްދިފުޅަށް ކުޑަ އުނިކަމެއް ލިބުނެވެ. އިބްރާހިމް ދީދީގެ ”އާލާސްކަންފުޅު"ގެ ކުރީކޮޅުގައި ވެރިކަމުގެ އެންމެ އުސް ކުންނުގައި ތިއްބެވި ދެބޭފުޅު ސިހިވަޑައިގަތް ކަމުގައި ވިއެވެ. ބަލާބެލުމަށް ސަމައްތަރު ހެޔޮ އިސްކޮޅުފުޅުން ބޮޑު ދޮންބޭފުޅެކެވެ. ކަންދިމާވިގޮތުން ސިކުނޑީގެ އާލާސްކަންފުޅު ބޮޑުވެ އުނިކަން ވެރިވީވަރުން އޭނާ ގޭގައި ބަހައްޓައިގެން ސަރުކާރުން ވަރަށް ހެޔޮކޮށް ހިއްތަވާ އަޅާލެއްވިއެވެ.

ކުރީ ޒަމާނުގައި އަހަރު މަނަވަރު ކިޔާ މަނަވަރެއް މާލެ އަންނާނެއެވެ. އެއީ އިނގިރޭސި މަނަވަރެކެވެ. މިމަނަވަރު އައިސްގެން މަނަވަރު މީހުން މާލެތެރޭ ހިނގާ ތަންތަން ބަލާ އުޅުނެވެ. މިހިނގުން ހިނގާ ހަދަނީ ދިވެހި ތަރުޖަމާނަކު ހުރެގެންނެއެވެ. ސޮޑާގެ އަލިމަނިކަކީ އިނގިރޭސި ބަސް ދަންނަ ވަރަށް މަދު މީހުންގެ ތެރެއިން އެކެކެވެ. މިއީ ކަސްޓަމު ސަރުޖަނެކެވެ. އިނގިރޭސި މަނަވަރެއް އައި ފަހަރަކު އޭގެ ބައެއް އޮފިސަރުންނާއި އެކު ސޮޑްގޭ އަލިމަނިކު ތަރުޖަމާނަކަށް ހުންނަވައިގެން މެދުޒިޔާރަތް މަގުން އިރުމައްޗަށް ހިންގެވިއެވެ. މުންނާރަށްވުރެ ތަންކޮޅެއް އިރުމައްޗަށް ދެވުނުތަނާ ރީތި އިގިރޭސިބަހުން އިބްރާހިމް ދީދީ އެމީހުންނަށް ސަލާމްގޮވާލެއްވިއެވެ. އެމީހުން ތަރުޖަމާނު އެގޭ ދޮރާށި ދޮށުގައި އިންނެވި އިބްރާހިމް ދީދީގެ އަރިހަށް ދިޔައެވެ. ގާތްގަނޑަކަށް ދެމިނެޓެއްހާއިރު ވާހަކަ ދައްކައިލުމުގެ ތެރޭގައި އިބްރާހިމް ދީދީގެ ސިކުނޑީގެ އާލާސްކަންފުޅެއް ހުރިކަމަށް އެމީހުން ވިސްނައިފިއެވެ. ވަރަށް ކަމޭހިތުމާއިއެކު އެމީހުން ދެންނެވިއެވެ. އާލާސްކަންފުޅާތޯ؟ އެވެ. ޖެހިލުމެއްނެތި އިބްރާހިމް ދީދީ ވިދާޅުވިއެވެ. ތިމަންނައަށް މިހިރީ ޕޮލިޓިކަލް ޑިސީސް ޖެހިފައެވެ. ބައްދަލުކުރި އިނގިރޭސިންގެ ތެރެއިން ދެތިން މީހުން އެކަމާ ޙައިރާންވިއެވެ. އެވެރިން ނުދަންނަ ބައްޔަކަށް ވީތީ އަންތަރީސް ވީވަރުން ތަރުޖަމާން އިބްރާހިމް ދީދީއާ ދެބޭކަލުންނާ ސުވާލުކޮށްލިއެވެ. އަލިމަނިކު ހަމަ ބަހަކުންކުރެ ނުބުނުއްވިއެވެ. އިނގިރޭސި އޮފިސަރަކު ދެންނެވި ކަމަށްވަނީ ބައްޔެއްތޯ؟ އެވެ. ކޮންކަހަލަ ބައްޔެއްތޯ؟ އެވެ. ޖަވާބުގައި އިބްރާހިމް ދީދީ ވިދާޅުވިކަމަށްވަނީ އެއީ ހަމަ ދިވެހިރާއްޖެގައި އުޅޭ ބައްޔެކެވެ. އެއީ ޕޮލިޓިކަލް ޑިސީސްއެވެ.

(ނިމުނީ)