13 އޭޕްރިލް 2021 | އަންގާރަ 09:56

ނެތުމުގެ ތެރޭން އުފެދިގެން، އަނދިރީގެ ތެރޭން އަލިކަމުގެ ތެރެއަށް ނުކުމެވުނު ހިނދު މިފެންނަ އަޖައިބުކަމުގެ ބޮޑުކަމާއެވެ. ބުނާތީ އަހަމެވެ. މިބިމުގެ ޙަޔާތަށް ފެށުނުތާ އަށްސަތޭކަ މިލިޔަން އަހަރަށްވުރެ ގިނަ ވެދާނެއެވެ. ކުރިއެރުމުގެ ޤާނޫނުގައިވާ ގޮތުގެމަތީން އެންމެ ކުދި ފަނިފަކުސައިން ފެށިގެން ހަފާކެއުމަށް ބާރުގަދަ ގުނަވަންތައް ލިބިފައިވާ ސޫފިތައް ކަނޑާއި އެއްގަމުގައިވެއެވެ. ކުރީން އުފެދުނު ސޫފިތަކާއި، ފަހުގެ މަޚުލޫޤުންކުރެ ބަލިކޮންމެ އެއްޗަކަށް އެއަށްވުރެ ގަދަ ކޮންމެ ސޫތްޕެއް ބާރު ހިންގާނެއެވެ.

އާއެކެވެ! ކަންވެގެން ދިޔައީވެސް ހަމަ އެހެންނެވެ. އަހަންނަށް މިފެންނަނީ އަޖައިބު ދުނިޔެއެކެވެ. މާސިންގާ ކަނޑުން ފުރަތަމަ އަހަރެން ދެކެންފެށީ ފިރުޢައުނު މުދަލާއި، ހުހިވައް އަދި މޮލަސްކާއި މިކަހަލަ އެއްޗިއްސެވެ. މިތަކެތީގެ ފަހަތުން މައިކަށިލީ ކުދިބޮޑު އެކިސިފައިގެ ސޫފިތައް އަންނާތީ ފެނުނެވެ. މިޒަމާންތަކުގައި އަހަރެން ވަނީ ކަނޑު އަޑީގައެވެ. އޭގެ ފަހުން އަލިކަމުގެ ތެރޭގައި ހަރުފަތަކާއި މަންމަލި ޖަނަވާރުތައް ފެނިގެންފިއެވެ. ދިރުން އުފެދުނު މިމަޚުލޫޤުން ކުރެ ޖިސްމާނީ ހަތިޔާރާއި ބޯތޮށިގަނޑު ލިބިފައިވާ އެއްޗެހި މިވާ ހޫނާއި ފިނީގެ އަސަރުތައް އިޙުސާސްކުރާލެއް ކުޑަކަމަށް ފެނުނެވެ.

ބުނަންހެއްޔެވެ؟ ދެން މިޙައިވާނު ތަކުންގެ ބައިވަރުގަނޑެއް މަގޭ ބުރަކަށިމައްޗަށް އަރައިގަތެވެ. ޙައިވާނާތާއި ނަބާތާތު އަދި ޖަމާދާތުގެ ތަންމައްޗަކަށް އަހަރެން ހަދައިފިއެވެ. މިފެނުނުހާ މަޚުލޫޤުންގެ ތެރެއިން އެންމެ ބޮޑު އަޖައިބަކީ ދެން މިއައި އިންސާނުންނެވެ. އެމީހުން އައީ ދައުވާއަކާއިގެންނެވެ. ޖެހިލުމެއްނެތި އެބުނަނީ، ވަނިވިހާތް ވާހާ އެއްޗެއްގެ ވެރިންނަކީ އެމީހުންކަމަށެވެ. އަދި ކީއްހެއްޔެވެ! އެމީހުންގެ ވެރިންނަކީވެސް އެމީހުންނޯލައެވެ. އަދި ބުނެއެވެ! އެންމެ ގަދަ މީހަކީ ދިރިއުޅުމޭ މިކިޔާ ހަނގުރާމައިގައި އެފަހަރަކަށް އެންމެގަދަ ބާރެއް ކާމިޔާބުކުރި މީހެކެވެ.

ވިސްނާށެވެ! އިންސާނުން އައިސް އަހަރެންގެ ބުރަކަށިމައްޗަށް އެރުމާއެކު ހަމަހިމޭން ކަމުގެ ދުވަސްތައް ހިނގައްޖެއެވެ. އެމީހުން ހިތައްއެރި ކޮންމެ ގޮތަކަށް އުޅެން ފަށައިފިއެވެ. ބޭރިއާއި، ކަހަނބާއި، ޅެލާ، މިހެންގޮސް އެމީހުންގެ ކަށިތަކަށްވުރެ އެތައްބައެއް ބާރުގަދަ އަދި ވަރުހެސަ ޖަނަވާރުތައްވެސް މިރަށުން ފައްސައިނަގައިލިއެވެ. ބިންހިމަ ގަހުން ފެށިގެން ނިކަބިލީއްސަށް ގަސްތައްވެސް ކޮށާ އުކާލާ ބިން އަލިކުރަނީއެވެ. ރަށްތައް އުފެދިގެން އައި ހިލަ ދަމޫގަނޑުން ފެންމައްޗަށް ހިކިފައިވާ އާނު ބިންތައް އެމީހުން ބޭނުންގޮތަކަށް ތަޅާ ކޮށައި ހެދުމުގައި، ދޭހާ އަތްވާއި ފިނީގައި އެއްވެސް ދާ ފަރާއެއް ނެތި އަހަރެން އޮންނަން ޖައްސައިފިއެވެ.

ކަނޑާއި އެއްގަމުގައި ދަރިމައިވެ، ވިހާބޮޑުވެ، ދިރިއުޅުނު ޖަނަވާރުތައް އަހަރެންގެ ބަނޑުދޮށުން ނުކުމެގެން ފަޅުތެރޭން ފުންވެގެން ކަނޑު ތެރެއަށް ގޮސް އޮބާލައިފިއެވެ. "ގަހާ ވެލާނަލަ ކުލަރީތި ވާގޮތުން" ހެދިފައިވާ ބަގީޗާތައް ހިކި ސަހަރާއަކަށް ބަދަލުވަމުންދާތީ، މިދިޔަހާ ޒަމާންތަކުގައި އެކަނިވެރިކަން ފިލުވައިދިން މިއުޒިކީ ދޫނިތަކާއި ކުލަ ރީތި ކޮކާތައް "ވަހާދުވާރަހަލާމީރު މާތަކާއި" އެކު އަބަދަށްޓަކައި މިވަޒަން ދޫކޮށްލައިފިއެވެ. މިބިމުގައި އިންސާން ހަށިފޮޅާލާ ކޮންމެފަހަރަކު، ސޫފިތަކާއި ގަސްގަހާގެހީގެ އެތަކެއް ދަރިކޮޅެއް އުވި ހުސްވެގެން އެބަދެއެވެ.

އަހާށެވެ! ޤަރުނުތަކެއް ހިނގަމުން އަދިވެސް އެއްދުވަހަކު ގޮވާލި އަޑު އިވުނެވެ. ފިރިވިކަރާގައި (ޔޫރަޕްގައި) ޞިނާޢީ އިންޤިލާބެއް އަތުވެއްޖެޔޯލައެވެ! ދެނަކާ ދެނެއްނެތެވެ! ހުޅަނގުން އިރުމައްޗަށް މިއައި ދުވަހަކު ނުދެކޭ ބާރު އޮޔާއި، ގަދަރުދައިގެ ނަތީޖާއަކަށްވީ، މަގޭ ބުރަކަށި މަތީގައި މީސްގަނޑުގެ އުނދަގޫ އެއްހާސް ގުނަ ބޮޑުވުމެވެ. މޭސްތިރިކަމުގެ ސިކުނޑީގައި ރޭވިގެން ބުއްދީގެ ބާރުން ނެރުނު ޙިކްމަތްތަކަކުން އަތްފައިގެ ޙަރަކާތް މުޅިން ލުއިކޮށްލައިގެން އެމީހުންގެ ބޭނުންތައް ފުއްދާނެ ގޮތް ހޯދިއެވެ. ރޭގަނޑުގެ އަނދިރިކަމުގެ ތެރެއަށް ދުވާލުގެ އަލިކަން ވައްދައިފިއެވެ. ކަނޑުގެ ލޮނުން ފެން ނެރެފިއެވެ. އެކަތައާއި ހިލަ މަށިގަނޑެކޭ އެއްފަދައިން ބޭނުންގޮތަކަށް މޮޑެ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ބޭނުން ސިފައެއް އެބަފެނެއެވެ. ދިރިއުޅުމުގެ ބޭނުންތައް ފުއްދުމުގައި ރެއާއި ދުވާލުގެ ވަގުތު ނޭވާއެއްލާހާ ހިނދުކޮޅަކަށް ހަދައިފި ކަހަލައެވެ.

އަތަމަނަހުރާގެ ޝަކުވާއަކީ، މިގޮނޑު ދޮށަށް ލަގުވާތެލާއި، އުކާލާ ޖަސްތާއި ދަގަނޑުގެ ސާމާނުތައް ފަޅުތެރޭގައި ރޯކަން ހުރެގެން ހެދެމުންދާ މުރަކަތަކާއި ގައުތައް މަރަމުން ދާތީ ކުރާ ޝަކުވާ އެވެ. އަދި މިކަމުން މަސްމަހާމެހީގެ ކާނާ ހުސްވެ ވިހަ އަސަރުތައް ފެތުރިގެން މިތާ ދިރިތިބިހާ އެއްޗެއް ނައްތާލާތީއެވެ. ކުޅަދުންވަންތަކަމުގެ މިޙަޔާތު މުޅިން ނެތިދާނީ ހެއްޔެވެ؟ ދަގަނޑުގެ ބޮޑެތި މެޝިންތަކާއި، ސަވާރީން އަދި އިމާރާތްކުރުމުގެ ހިލައާއި ދަގަނޑުން މަގޭބުރަކަށިމަތި އަންބާރީ އަރުވަމުންގޮސް މިބިމުގެ ސަތުޙަފުރި، އަދި މައްޗަށް ހުސްތަން އޮތުމުން އުޑާވާހަކަ ގޮވާ ހިސާބަށް އަރުވާއިރު އަޑީގައި މަގޭފައި ވިދިފައިވަނީ، ކިހިނެއްތޯ ބަލާލީމު ހެއްޔެވެ؟އަދި މިއަށްވުރެވެސް ބޮޑު ނުރައްކަލަކީ މި ކުޑަކުޑަ ރަށަކީ ތުލުން 29. 73 (އުއްތަރަ) ޢަރުޝުން 12 04 (ފޫރުއްބަ) ގައިވާ އަތަމަނަ ހުރައެވެ. މީސްތަކުންގެ ދިރިއުޅުން ބާއްޖަވެރިކުރުމުގައި، މިހުރިހާ މަޚްލޫގުން ދިރިތިބުމަށް ބޭނުންވާ ވަޔާއި ފެން ވިހަވެގެން މިދަނީއެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެއެވެ؟!

(ނިމުނީ)