ވާހަކަ
ސިލްސިލާ ވާހަކަ
30 އޮކްޓޯބަރ 2017 | ހޯމަ 09:30
10 ވަނަ ބައި

އެސްއެމްއެސް ޓޯންގެ އަޑު އިވުމުން އައިޝާގެ ފޯނަށް ބަލައިލިއެވެ. އެއީ އީތަން ގެ އެސްއެމްއެސް އެކެވެ. އަދިވެސް އައިޝާއަށް އެ ނަންބަރު އެވަނީ ޑިލީޓްކޮށްނުލެވިފަ އެވެ. އެ އެސްއެމްއެސް އައިޝާ ކިޔައިލި އެވެ.


'އައިޝާ، އަހަރެން އެބަ ބޭނުންވޭ ކަމަކާ ޓޯކް ކޮށްލަން. ސްކޫލް ނިމިގެން މިއަދު އެއްކަލަ ތަނަށް ދާނެކަމަށް ހޯޕްކުރަން'

-އީތަން-

ޖެހިގެން އައިދުވަސް – 1600 މިނެޓް

އައިޝާ އީތަން އަށް އިންތިޒާރު ކުރިއެވެ. އީތަންގެ ގެ ކައިރީގައި އޮންނަ ވީރާނާވަމުންދާ ޕާކް ތެރޭގައެވެ. އެ ޕާކަކީ ކުރިން އެ ދެމީހުން އެތަކެއް ވަގުތަކުތަކެއް އެކުގައި ހޭދަކޮށްފައިވާ ޕާކެކެވެ. އައިޝާ އަށް އީތަން އެއްމެ ފުރަތަމަ ލޯބި ހުށައެޅި ގޮތް އޭނާ އަދިވެސް ހަނދާން އެބަހުއްޓެވެ. އީތަން، އައިޝާއަށް އެޕްރޯޗްކުރީ ބުކްޝޮޕެއް ތެރެއިންނެވެ.

ރަށްޓެހިވުމަށްފަހު އެމީހުން އެތައް އިރެއްވަންދެން ޕާކްތެރޭގައި ހުންނަ ގޮނޑިތަކުން އެމީހުން އަމިއްލަޔަށް ޚާއްޞަކޮށްފައިވާ ގޮނޑީގައި ކޮންމެ ދުވަހަކު ވާހަކަދައްކަން ތިބެއެވެ. އެމީހުން 'ޖޯޑެއްގެ' ގޮތުގައި ހޭދަކުރި ކޮންމެ ދުވަހެއް، ކޮންމެ ހިނދުކޮޅެއް އޭނާ އަދިވެސް ހަނދާން އެބަހުއްޓެވެ.

އައިޝާ އާއި އީތަން، އަހަރަކަށްވުރެން ގިނަދުވަހު ރައްޓެހިވެގެން އުޅުނެވެ. އެ ގުޅުމަށް ނިމުމުގެ ސިއްކަ ޖެހުނީ އެއްދުވަހަކު އައިޝާ އަށް ފެނުނު މަންޒަރަކަށް ފަހުގައެވެ. އީތަން އެހެން އަންހެންކުއްޖަކާއެކު އެއްމެ ބޮޑުގޮތަށް އުޅެނިކޮށް ފެނި ފަޅާއެރީމަ އެވެ.

އިއްޔެ އީތަންގެ މެސެޖް ލިބުމުން އައިޝާ އެއްމެ ފުރަތަމަވެސް ނިންމީ އެތަނަށް ނުދިއުމަށެވެ. ނަމަވެސް ރޭގެ ވަގުތުތައް ހޭދަވަމުން ދިޔަވަރަކަށް އެ މެސެޖާއިމެދު ބޮޑަށް ވިސްނަން ފެށުނީއެވެ. އެކަމާމެދު ވިސްނިވަރަކަށް އޭނާގެ ހިތް ގޮވަމުން ދިޔައީ އެތަނަށް ދިއުމަށެވެ. އެއީކީ ކޮންމެހެން އޭނާ އީތަން ދެކެ ލޯބިވާތީކީ އެއް ނޫނެވެ. އެއީ އެ މެސެޖްގައިވާ އިބާރަތްކޮޅުން އުފެދުނު ޝައުޤުވެރިކަމުގެ ސަބަބުންނެވެ.

އީތަން ދައްކަފާނެ ވާހަކަ އަކާއިމެދު ޝައުޤުވެރިކަން އުފެދިގެންނެވެ.

"އަހަރެމެންނާއެކު ކުޅެން ބޭނުންތަ؟" މަޑުމައިތިރި އަޑެއް އައިޝާގެ ކަންފަތުގައި ޖެހުމުން ޚިޔާލީ ދުނިޔެއިން ނިކުމެވުނެވެ. އެނބުރި ބަލައިލިއިރު ތިބީ ހަތަރު ކުޑަކުދިންނެވެ.

އެތަނުން ބޯޅައެއް ހިފައިގެން ހުރި ކުއްޖާ ވާހަކަދެއްކިއެވެ. "އަހަރެންގެ ޓީމަށް ވާނީ އިނގޭ. އޭރުން އަހަރުންނަށް އެމީހުން ބަލިކޮށްލެވޭނެ."

"ކޮންމެވެސް އެހެން ގަޑިއަކުން ދޯ. އަހަރެން ގެއަށްދާން ޖެހިއްޖެ." އައިޝާ ހިނިތުންވަމުން ޖަވާބުދިނެވެ.

'ގަޑި.' އައިޝާއަށް ގަޑިމަތިން ހަނދާންވިއެވެ. އަވަސް އަވަހަށް ފޯނުގެ ލޮކް ހުޅުވާލަމުން ގަޑި ބަލައިލިއެވެ. އިރުއޮއްސި 6 ޖެހީއެވެ.

ނުނިމޭ