ޕާކިސްތާނުގައި ފެންބޮޑުވެ އެތައް މިލިއަން ބަޔަކު ވަނީ ގެދޮރު ގެއްލި، ހާލުގައި ޖެހިފައި

30 އޯގަސްޓް 2022 | އަންގާރަ 17:45
-
4164
މޫސުމީ ވިއްސާރައިގެ ސަބަބުން އެކަމުގެ އަސަރު ޕާކިސްތާނުގެ 33 މިލިއަން މީހުންނަށް އެކި ގޮތްގޮތުން ކުރިމަތިލާން ޖެހިފައިވާއިރު، މޫސުން ގޯސްވެ، ފެންބޮޑުވެ، ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ އެތައް ހާސް ބަޔަކު މިވަގުތު އެބަތިއްބެވެ. އަދި ބައެއް ހިސާބުތަކަށް ދެ މަހެއްހާ ދުވަސް ވަންދެން ވިއްސާރަ މޫސުމާ ކުރިމަތިލާންޖެހުމާއެކު، ބޮޑެތި ހިސާބުތަކުގައި ފެންބޮޑުވެ ދިމާވި އެކި ހާދިސާތަކުގައި 1،500ށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މީގެ އިތުރުން އިމާރާތްތަކަކާއި ބްރިޖްތަކެއްވެސް ވަނީ ވެއްޓިފައެވެ. ފެންބޮޑުވެ، ކިސަޑު ބޯވުމުގެ ސަބަބުން ގިނަ މަގުތަކެއް ބަންދުވެފައިވާއިރު އެސަރަހައްދުތަކަށް ޚިދުމަތް ފޯރުކޮށްދެވޭނެ ގޮތެއްވެސް ވަނީ ނެތިފައެވެ. ފެންބޮޑުވުމުގެ ސަބަބުން އެ ގައުމުގެ ދަނޑުބިންތަކާއި މަގުތައް ވަނީ ހަލާކުވެފައެވެ. އެގޮތުން ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުން 10 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެކަމަށް މިވަގުތަށް އަންދާޒާ ކުރެވޭކަމަށް އެގައުމުގެ ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ.
ޕާކިސްތާނުގެ މެހެރްގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ އާއިލާއެއް މަގެއްގެ މަތީގައި އިށީނދެލައިގެން. އެމީހުންގެ ފުރަގަހުން އެ ފެންނަނީ ފެނުއަޑިއަށް ގޮސްފައިވާ ގެތައް - ފޮޓޯ: ރޮއިޓަރސް
ޕާކިސްތާނުގެ ނައުޝޭރާގައި ހުޅަނގު މޫސުމުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާއިރު، ފެންގަނޑުގައި މީހަކު ބައިސްކަލެއް ހިފައިގެން ހިނގާފައި ދަނީ - ފޮޓޯ: ރޮއިޓަރސް
ޕާކިސްތާނުގެ ސޯހްބަތުޕޫރުގައި ހުޅަނގު މޫސުމުގެ ވިއްސާރައާއި ފެންބޮޑުވުމުގެ ސަބަބުން ފެންބޮޑުވެފައިވާ މަގެއްގައި މީހުންތަކެއް އެމީހުންގެ ތަކެތި ހިފައިގެން ދަނީ - ފޮޓޯ: ރޮއިޓަރސް
ޕާކިސްތާނުގެ ސޮހްބަތުޕޫރުގައި ހުޅަނގު މޫސުމުގެ ވިއްސާރައާއި ފެންބޮޑުވުމުގެ ސަބަބުން އެރަށު ރައްޔިތުންނަށް ވަނީ އެމީހުންގެ ގެދޮރު ގެއްލިފައި - ފޮޓޯ: ރޮއިޓަރސް
ޕާކިސްތާނުގެ ސޯހްބަތުޕޫރުގައި ހުޅަނގު މޫސުމުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން، އަންހެނަކު އޭނާގެ މުދަލާއެކު. އޭނާގެ އާއިލާވަނީ އުސް ބިމެއްގައި ހިމާޔަތް ހޯދައިގެން - ފޮޓޯ: ރޮއިޓަރސް
ޕާކިސްތާނުގެ ޖަފަރާ އާބާދުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބުނު ގެއެއްގެ ކުރިމަތީގައި ހަދާފައިވާ ފޭލިގެއެއް ފަދަ ތަނެއްގައި މީހަކު އޮށޯވެލައިގެން. - ފޮޓޯ: ރޮއިޓަރސް
ޕާކިސްތާނުގެ ޗާރްސަދާގައި ހުޅަނގު މޫސުމުގެ ވިއްސާރައާއި ފެންބޮޑުވުމުގެ ސަބަބުން އުފެދިފައިވާ ޗަކަގަނޑެއް ތެރޭގައި މީހަކު ފަންކާއެއް ހިފައިގެން ދަނީ - ފޮޓޯ: ރޮއިޓަރސް