ރާއްޖޭގެ އަންހެން ބާސްކެޓް ޓީމުން ފުރަތަމަ ފަހަރަށް މެޑައްޔެއް ހޯދުން

10 ޑިސެންބަރ 2019 | އަންގާރަ 23:54
-
42642
ސައުތް އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަންހެން ބާސްކެޓް ބޯޅަ ޓީމުން ހޯދި މެޑައްޔާއެކު ގައުމީ އަންހެން ބާސްކެޓް ޓީމުން ތާރީހީ ކާމިޔާބެއް ހޯދައިފިއެވެ. މިއީ ރާއްޖޭގެ އަންހެން ބާސްކެޓް ބޯޅަ ޓީމުން ބައިނަލްއަގްވާމީ މުބާރާތަކުން ހޯދި އެންމެ ބޮޑު ކާމިޔާބީވެސްމެއެވެ. މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އިންޑިއާ އަތުން ތަފާތު ބޮޑު ނަތީޖާ އަކުން ބަލިވި ކަމަކު ރާއްޖޭގެ ބާސްކެޓް ޓީމުން ވަނީ ޖެހިގެން އައި މެޗުގައި ލަންކާ އަތުން މޮޅުވެ މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައެވެ. އަދި ސެމީ ފައިނަލުގައި މުބާރާތް ބާއްވާ ގައުމު ނޭޕާލް އަތުން ބަލިވި ކަމަކު ނޭޕާލް މެޗުގައި ރާއްޖެއިން ވަނީ އުންމީދީ ކުޅުމެއް ދައްކައިފައެވެ. ތިން ވަނަ ހޮވާ މެޗު ރާއްޖެއިން ވަނީ ބޫޓާން ފަސޭހަ ކަމާއި އެކު ބަލި ކޮށްފައެވެ.