އޭނާގެ ވަން އެންޑް އޯލް ކެފޭގައި އިނދެ ކިޔައިދިން ވާހަކައިން އަޅުގަނޑަށް ނެގުނީ ފަސް ކަމެކެވެ. ނިއުގެ ކޯޗު ޓީމަށް ނުނަގަންވެގެން އޭނާ ފޮނުވާލީ ޖެހިގެން އޮތް ބަކަރި ދަނޑަށެވެ. ދެ ވަނަ ކަމަކަށް އޭނާ އަކީ ގޮތް ދޫނުކޮށް ކާމިޔާބު ހޯދި މީހެކެވެ. ހުރައަށް ކުޅެން ދިޔައީ އެއް ގަޑިއިރު ކެނޯއެއްގައި ފަލިޖަހާފަ އެވެ. ނިއުރޭޑިއަންޓްގައި މޮޅަށް ކުޅުނެވެ. ފަސް ވަނަ ކަމަކަށް މިހާރު އެއީ ތައުލީމީ ރޮނގުން މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވާ ކާމިޔާބު ވިޔަފާރި ވެރިއެކެވެ. އުމުރުން މިހާރު 50 އަހަރުގެ ކާމިޔާބު ހުނަރުވެރިޔާ، މަހުދީ އަގީލްގެ ވާހަކަ ފަށައިގަތުމުގެ ކުރިން އޭނާގެ ކާމިޔާބީ އަށް މަރުހަބާ ކިޔަމާ ހެއްޔެވެ.
ފުޓްބޯޅައިގެ ތެރެއަށް އޭނާގެ ހިތް ގެނބުނީ އޭނާގެ ގޭގެ ކުރިމަތީގައި އޮތް ހެންވޭރު ދަނޑުގައި ނިއުރޭޑިއަންޓް ކުޅޭތަން ފެނިފެނި އެވެ. ނިއުގެ ކުޅުންތެރިން ޖަހާ ބޯޅަ މަގުހުރަސްކޮށް އޭނާގެ ގެއަށް ކިތަންމެ ފަހަރަކު ވަނަސް އެ ބޯޅައިގެ ފަހަތުން ނުދެވި އޭނާ ހުރީ "ހައްޔަރު" ވެފަ އެވެ. މައިންބަފައިން ނުރުހޭތީ އެވެ. މަހުދީ ބުނީ ފަހުން ކުޅެން ދަނީ " ފާރުމަތިން އަރައި ފިލައިގެން،" ކަމަށެވެ.
އޭނާގެ ޅަ ދުވަހަކީ ހަވީރު ފުޓްބޯޅަ ކުޅުން ނޫން އެހެން ކަމެއް މުނިފޫހިފިލުވަން އޮތް ޒަމާނެއްނޫނެވެ. އެކަމަކު ފުޓްބޯޅައިގެ އަވަށުވާދަ ބޮޑުވުމާއި، ފޯރިގަދަވުމާއި ކުޅުންތެރިންގެ މަޝްހޫރުކަމުން އެ ދުވަސްވަރު ބޮޑު ޓީމަކުން ފުރުސަތު ލިބުމަކީ ދަތި ކަމެކެވެ.
"ސީނިއާ ކުޅުންތެރިންގެ ލޯބި ލިބެންވާނެ، ވަރަށް މޮޅަށް ކުޅެންޖެހޭނެ، ޓީމަށް އަރަން ސަޕޯޓަރުން ބޭނުންވާ ކުޅުންތެރިއަކަށް ވާންޖެހޭނެ. މިކަންކަން ފުރިހަމަވެގެން ޓީމަށް އެރޭނީ،"މަހުދީ ބުންޏެވެ.![]()
މިހެންވެ އޭނާ ފުރަތަމަ ދިޔައީ ރޭވަންސަށެވެ. އެއީ ނިއުރޭޑިއަންޓް މީހުން ހިންގި ޓީމެކެވެ.
![](https://dyncz33htw1ec.cloudfront.net/posts/cac0102c-ffe4-402b-ba17-7d858e5c0aee.png)
ނިއުގެ ކޯޗު އޭނާ ފޮނުވާލީ ބަކަރިކޮއްޓަށް:
މަހުދީ އަކީ މިޑްފީލްޑަރެކެވެ. އޭނާގެ ސްޓައިލަކީ ދެތިން ހަތަރު މީހަކު ގައިން ނައްޓާފައި ބޯޅަ ޕާސްކުރުމެވެ. އެކަމަކު ނިއުރޭޑިއަންޓްގައި އޭރު ހުރި އިނގިރޭސި ކޯޗު ކެންމޯޓަނަށް، މި ގޮތް ކަމަކުނުދިޔަ އެވެ.
"އަހަރެންނަކީ ކޯޗު މޯޓަން ބޭނުންނުވި މީހެއްނޫން. ލަންކާގައި ނިއު ކުޅެން ތިއްބާ މޯޓަން ބޯޅަ ދީފައި ބުނީ ޖެހިގެން އޮތް ގެރި ބަކަރި ދަނޑަށް ދާށޭ ކުޅެން. ގޮސް ބޭނުންވަރަކަށް ކޮއްޓާށޭ. އަހަރުމެން ބޭނުމެއްނޫނޭ. އެއީ އެންމެ ދެރަވި ދުވަސް،"މަހުދީ ބުންޏެވެ.![]()
ކޯޗު އޭނާ ބާކީ ކުރުމުން މަހުދީ އެރޭ ހޮޓަލުގައި ޓީމުގެ އެއް މަސްއޫލުވެރިޔާ ހަސަން މަނިކާ ބައްދަލުކުރި އެވެ. މާލެ ފޮނުވާނުލައި އިތުރު ފުރުސަތެއްދޭން އެދުނެވެ. އެކަމަކު ހަސަން މަނިކުގެ ޖަވާބަކަށްވީ "ތިކަމަށް ކޯޗު ގަބޫލުނުވާނެ" ވާހަކަ އެވެ.
"ހަސަން ބުނީ ނުވާނެއޭ. ކޯޗު ގަބޫލެއްނުވާނެއޭ. ތިޔައީ (ކޮއްޓުން ގައިގައި އަށަގަތުމަކީ ރަނގަޅު ކުރަން) ވަރަށް އުނދަގޫ ކަމެކޭ. ތިޔަކަން އަހަރެންނަށް ބަދަލެއްވެސް ނުކުރެވޭނެއޭ. މަހުދީ އޮތީ މާދަން މާލެ ފޮނުވާލާށޭ. މިހެން ބުނީމަ ވަރަށް ދެރަވި،"މަހުދީ ބުންޏެވެ.![]()
![](https://dyncz33htw1ec.cloudfront.net/posts/ca2061be-73c6-4536-9600-ee8e5e2e6fe8.png)
އެކަމަކު ކޮންމެވެސް ކަމެއް މެދުވެރިވެގެން، އޭސީސީގައި ސައުންޑާސްއާ ދެކޮޅަށް ކުޅުނު މެޗުގައި މަހުދީ ބެންޗުގައި އިނެވެ. 2-0 އިން ބަލިވާން ފެށުމުން ކޯޗު ހަނދާން ގޮތް ހުސްވެ، ރުޅިގަދަވެ، އެންމެ ފަހުން ނިންމީ މަހުދީ ކުޅެން ނެރުމަށެވެ.
"އޭނާ އަހަރެން އެރުވީ ކޮންމެހެން އަރުވާ ހިތަކުންނޫން. އަބަދު ބޯޅަ ހިފަހައްޓާ މީހަކަށްވާތީވެ، ބަލިވީމަ ރުޅިއައިސްފައި ހުރުމުން ޖެއްސުމަށް އެރުވީ،"މަހުދީ ބުންޏެވެ.![]()
މެދުތެރެއިން، މަހުދީ ބޯޅަ ހިފަހައްޓައި ކޮށްޓަން ފެށުމުން އެ މެޗުގައި ނިއުގެ ކުޅުން ރަނގަޅުވެ، ގޯލު ޖަހަން ފުރުސަތު ލިބުނެވެ. އެކަމަކު ކޯޗު ޕްލޭނަށް ފެތޭ ކުޅުންތެރިއަކަށްވުމަށް އޭނާ އަމިއްލައަށް ސްޓައިލް ބަދަލުކުރި އެވެ. މަހުދީ ބުނީ "އެ ފަހުން އަހަރެންގެ އުސޫލަކީ ގިނަވެގެން 2 ޓަޗް. ރިސީވް، ޕާސް،" ކަމަށެވެ.
ކޯޗަށް ކަމުދާ މީހަކަށްވުމަށް އޭނާ ރަނގަޅު އަހުލާގެއްގެ މަތީގައި ވެސް ދެމިހުއްޓެވެ. ފުޓްބޯޅަ ކުޅެން ތައްޔާރުވެގެން އައުމަކީ ނާޑުވާ ބާރުކޮށް އިސްކާޓީން ލައިގެން ބޫޓަށް އަރައިގެން ގަޑިއަށް ހާޒިރުވެ ހުރުން ކަމަށް މޯޓަން އޮތީ އަންގާފައި އޮތުމުން މަހުދީ އަބަދުވެސް އެކަންކަމަށް ފަރުވާތެރިވި އެވެ.
![](https://dyncz33htw1ec.cloudfront.net/posts/b218dd25-3712-4cf1-bcd5-a9ba3a8c2f6e.png)
ކޯޗަށް ކަމުނުދިޔަޔަސް ނިއުގެ މުހިންމު ކުޅުންތެރިގެ ތާއީދު އޭނާ އަށް އޮވެ އެވެ. ކެޕްޓަން މުހައްމަދު ކަލީމާއި، ދޮންބިލެތް އަހުމަދު ހަލީމާއި ރާއްޖޭގައި ކުޅުނު އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ ޕެޓްރިކް ޗިކާޔާ މަހުދީ އަށް ތައުރީފް ކުރެ އެވެ.
"ޗިކާޔާ ބުނޭ މަހުދީ ކުޅެފިއްޔާ ތިމަންނަމެން ފައިބާނީ މޮޅުވެގެންނޭ. މަހުދީ އަކީ ކުޅޭއިރު ވަރަށް ގޮތްދޫނުކުރާ މީހެކޭ. އެހެން ބުނާތީ ވަރަށް އުފާވޭ،"މަހުދީ ބުންޏެވެ.![]()
އޭނާގެ ވެސް އެންމެ ހާއްސަ ސީޒަނަކީ ނިއުގެ އެންމެ ވިދުންގަދަ ސީޒަން ކަމަށްވާ 1997 އެވެ. ސީޒަނުގެ ހުރިހާ މުބާރާތެއް ނިއު ކާމިޔާބުކުރިއިރު މެދުގައި ހުރި އެއް ކުޅުންތެރިއަކީ އޭނާ އެވެ. އޭސީސީގެ ގަދަ 4 އަށް ނިއު ގެންގޮސްދިން ޓީމުގައި އޭނާ ކުޅުނެވެ. އިންޑިޔާގެ ވަރުގަދަ ބޯހަން ބަގާން ކޮޅަށް ގޯލު ވެސް ޖެހި އެވެ.
![](https://dyncz33htw1ec.cloudfront.net/posts/8781c11d-45f0-468d-94a8-a3d147f9bd6b.png)
ހުރަށް ކުޅުނު ކެނޯގައި ފަލިޖަހާފައި ގޮސް:
ނިއުއަށް ކުޅެފައި އޭނާ ދެން ބަދަލުވީ ލެގޫންސުން ހެދި ޑްރީމް ޓީމަށެވެ. އެކަމަކު އަލުން ނިއު އަށް ކުޅުމަށް ފަހު ދެން ބަދަލުވީ ނިއުގެ ކުރީގެ ކެޕްޓަން މޫސާ މަނިކު (ކުޑަމޫސަ)ގެ އެދުމަކަށް އޭނާ ކޯޗުކޮށްދެމުން އައި މާލެ އަތޮޅު ހުއްރިއްޔާ އަށެވެ. އެކަމަކު ހުރައަށް ކުޅެން އޭނާ ވާންޖެހުނު ގުރުބާނީ މިއަދާއި މާދަމާގެ ޖީލުތަކަށް ވެސް އަގުހުރި ފިލާވަޅެކެވެ. ކެރުމާއި، ފަސްނުޖެހުމާއި ހިތްވަރާއި، ހީވަގިކަމުގެ ނަމޫނާ އެކެވެ. އެއިރު މަހުދީ ހުރީ މާލެ އަތޮޅު ރިސޯޓެއް ކަމަށްވާ ޅޮހިފުށީގެ ވޯޓަ ސްޕޯޓްސް ލީޑަރަކަށެވެ.
"ޕްރެކްޓިހަށް ހުރައަށްދާން ލޯންޗް ނުލިބޭ. މިހެންވެ ފަތިހު ކެނޯއެއްގައި ފުރައިގެން ފަލިޖަހާފައިވަނީ ހުރައަށް ދަނީ ކަނޑުއޮޅިއެއް ހުރަސްކޮށްފައި. ޕްރެކްޓިހަށް ދާން ފަތިހު 4:30ގައި ފުރަން، ހުރައަށް ދެވޭނީ 5:45ގައި. ހެނދުނު ޕްރެކްޓިސް ނިންމާފައި 7 ޖަހާއިރު އެނބުރި ރިސޯޓަށްދާން ހުރައިން ފުރަން. ރާޅާއެކު އެއްލާލާ ދުވަސްވެސްދިޔަ. ދެން ވިސްނާ 45 މިނިޓްވާ ދެ ދަތުރު ކުރަން ކަނޑުމަތީގައި ތެޅިތެޅިފައި، އެއްގަޑިއިރު ފުޓްބޯޅަ ޕްރެކްޓިސް ކޮށްފައި އަންނައިރު މީހާއަށް ވާނެ ވަރުބަލިކަން،"މަހުދީ ބުންޏެވެ.![]()
އޭނާ ބުނީ އެހާލުގައި އުޅެންޖެހޭތީވެ ޕްރެކްޓިހަށް އައުމަށް ކުޑަމޫސަ މަޖުބޫރުނުކުރާ ކަމަށާއި، އެކަމަކު ވާރޭވެހުނަސް، ކަނޑުގަދަޔަސް، ވައިޖެހުނަސް ގަވާއިދުން ކޮންމެ ދުވަހަކު އެ އުނދަގޫ ދަތުރުކޮށްފައި އޭނާ ހުރައަށް ދަނީ "ކޯޗުގެ ލޯބި ނުލިބި ފުޓްބޯޅައެއް ނުކުޅެވޭނެ،" ތީ ކަމަށެވެ.
ހުރާގައި ކުޑަމޫސަ ކުޅުނީ ޓޫޓަޗް ގޭމެކެވެ. އެ ޕްލޭނަށް މަހުދީ ފިޓްވި އެވެ. އަދި ހުރާއިން އެހެން ޓީމުތައް ރާޑިކޮށްލިއިރު މަހުދީ ވެގެންދިޔައީ ޓީމުގެ މައިއެއް ތަނބަށެވެ.
![](https://dyncz33htw1ec.cloudfront.net/posts/eab6a3d4-10d1-4f80-8cc3-1d6e068b9cae.png)
ރާއްޖޭގައި ފުރަތަމަ ސްލައިޑިން ޓެކްލް ޖެހީ ވެސް އޭނާ
90ގެ ދުވަސްވަރު ދިވެހިންނަށް ބޭރުގެ ފުޓްބޯޅަ ހާލަކުން ފަހަރަކު ފެނުނަސް މަހުދީ އަކީ ޒަމާނީ އުކުޅުތަކާއެކު ކުރިއަށްދިޔަ ރާއްޖޭގެ ޓެކްލް މާސްޓަރެވެ. ދިވެހިންގެ ތެރޭގައި އެންމެ ފުރަތަމަ ސްލައިޑްކޮށްފައި ޓެކްލްކުރަން ފެށީ އޭނާ އެވެ. މާލޭގައި ކުޅޭއިރު އެކަން ސަޕޯޓަރުންނަށް އިހުސާސްނުވިޔަސް ބޭރު ޓީމުތަކާ ދެކޮޅަށް އަވޭގައި ކުޅުނު މެޗުގައި އޭނާގެ ޓެކްލްތަކަށް ސަޕޯޓަރުން ތައުރީފްކުރި އެވެ.
"10 ފޫޓު ދުރުން ސްލައިޑްކޮށްފައި ގޮސް ބޯޅަ އަތުލަން. އެހެން ޓެކްލް ޖެހީމަ ބޭރު މެޗުތަކުގައި ސަޕޯޓަރުން އަތްޖަހާލާ. އެކަމަކު ރާއްޖޭގައި އެކަންވީ ވަރަށް އާކަމަކަށް،"މަހުދީ ބުންޏެވެ.![]()
![](https://dyncz33htw1ec.cloudfront.net/posts/7b5df8ef-1271-40b3-9895-4d4fd45b9084.png)
ގައުމީ ފުޓްސަލް ޓީމުގައި ވެސް މުހިންމު ރޯލެއް:
އިސްކޮޅުން ދިގުވުމުން އޭނާ ފުރަތަމަ ވިސްނީ ވޮލީ ކުޅުމަށެވެ. އެކަމަކު ފުޓްބޯޅަ އަށް ހިތްދެވި، ކާމިޔާބު ދުވަސްތަކަށްފަހު ދެން އޭނާ ފެނުނީ ގައުމީ ފުޓްސަލް ޓީމުންނެވެ. މަހުދީ ބުނީ ވޯލްޑްކަޕް ކޮލިފައިންގައި ވެސް ހިމެނޭ ގޮތަށް ތިން އަހަރު ފުޓްސަލް ގައުމީ ޓީމަށް ކުޅުނުއިރު، ފުރަތަމަ އަހަރު އެކަނި ވެސް ހަ މެޗުން ބައިކޮޅަށް 60 ގޯލުވަން ކަމަށެވެ. އެކަމަކު މިހާރުނަމަ އެނަތީޖާ ރަނގަޅުވާނެ އެވެ.
![](https://dyncz33htw1ec.cloudfront.net/posts/8dd39cc6-0f97-4af7-a9a9-0cc30356fa60.png)
މިހާރު ގަދަ ވިޔަފާރިވެރިއެއް:
ފުޓްބޯޅައިގައި ހަރަކާތްތެރިވާން ބޭނުން ވިޔަސް މަހުދީ ބުނީ "ކޮރަޕްޝަން ބޮޑުކަމން" ފުޓްބޯޅައިގައި އުޅެވެންނެތް ކަމަށެވެ. އޭނާގެ މިހާރުގެ ދާއިރާ އަކީ ވިޔަފާރި އެވެ. އެ ދާއިރާއިން ވަނީ ރާއްޖޭން ބޭރުގައި މާސްޓާސް ޑިގްރީ ހާސިލްކޮށްފަ އެވެ. މީގެ 17 އަހަރު ކުރިން އޭނާ ފެށި ވިޔަފާރީގެ ގޮފިތައް ދަނީ ހެދި ބޮޑުވަމުންނެވެ. އޭނާގެ ވަން އެންޑް އޯލް ބްރޭންޑްގެ ދަށުން ހިންގާ ކެފޭ އަކީ ޑިމާންޑް ބޮޑުތަނެކެވެ. ގަރާޖަކީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ހިދުމަތްދޭ ކަސްޓަމަރުންގެ އިތުބާރުބޮޑުތަނެކެވެ. ސްޕެއާޕާޓްސް ވިޔަފާރީގައި އޭނާގެ ދައުރު ބޮޑެވެ. އަމިއްލަ ގެއިން ބިންގާ އެޅި ގެސްޓް ހައުސް ފުޅާވެ، ދޭސީ ބިދޭސީންގެ މެދުގައި އެތަނުގެ މަގުބޫލުކަން ބޮޑެވެ. މީގެ އިތުރުން އޭނާ އަކީ ފަސް ކުދިންގެ ޒިންމާދާރު ބައްޕައެކެވެ. މަހުދީގެ ވާހަކައިން ލިބެނީ އިބުރަތެވެ. ގަދަ އަޅައި މަސައްކަތްކޮށްފިނަމަ ކާމިޔާބު ލިބޭނެ ކަމެވެ.
![](https://dyncz33htw1ec.cloudfront.net/posts/dc90373d-36a4-4668-89dc-7370f148cc30.png)
![](https://dyncz33htw1ec.cloudfront.net/posts/1e101396-c8ac-4297-87b8-3c74bc381f04.png)
![](https://dyncz33htw1ec.cloudfront.net/posts/484ec932-7d82-45f6-93ad-d4336aead513.png)