ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
މުހައްމަދު ރަޝީދު (ސެންޓަރޭ)
ކ. މާލެ |

މިހާރު އޭނާގެ އުމުރަކީ 56 އެވެ. ރާއްޖެ ދުށް، އެފަދަ ދެވަނައެއްނެތް ފެތުންތެރިޔާ އޭނާގެ ވާހަކަ ކިޔައިދެމުން ބުނީ މިހެންނެވެ. "މަށަކީ އިސްލާމީ މަރުކަޒުގެ ހެދުމުގައި އުޅުނު މީހެއް. އެތަނަށް މަސައްކަތު ގެންދިޔަ ގްރޫޕުގައި ގޮސް ލައްވާލީ ކުލަ ލާން،" ކަމަށެވެ.

މުހައްމަދު ރަޝީދު ނުވަތަ ސެންޓަރޭ، އެވާހަކަ ކިޔައިދިނީ ކުރިމަގުގެ ޖީލަށް އިބުރަތަކަށެވެ. އެމަސައްތަކަށް ގެންދިޔަ ސަބަބަކީ ޅައިރުއްސުރެ، ދުވާލުދާ ހަތަރުދަމުހެން މޫދުގައި އުޅޭތީވެ، ކުރާނެ މަސައްކަތެއް ދެއްކުމުގެ ގޮތުންކަމަށް ވުން ގާތެވެ. އެއިރު އޭނާ ކިޔަވަން ސްކޫލަށް ނުދެ އެވެ. އޭނާ ބަހުންނަމަ "ގެއިން ދަނީ ފަތަން، ފަތާފައި ގެއަށް،" އަންނަނީ ކާން ނުވަތަ ނިދާށެވެ.  

ސެންޓަރޭ، ކުރީގެ ފަތާ ސަރަހައްދުގައި ބައެއް ފެތުންތެރިންނާއެކު - ރާއްޖެއެމްވީ

ފެތުމާ ކިތަންމެ ދޯޅު ކުއްޖަކަށްވިޔަސް ފަތަން ދަސްކޮށްދޭން 1980ގެ ފަހުކޮޅު އެޑިއުކޭޝަނަށް ގެނައި ކޯޗުގެ ތަމްރީނުތަކުން އޭނާ އަށް ފުރުސަތު ނުދިނެވެ. ސްކޫލް ކުއްޖަކަށް ނުވުމުންނެވެ. ދިވެހި ކުޅިވަރުގެ ބައްޕަ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ މުހައްމަދު ޒާހިރު ނަސީރު އިސްވެހުރެ ހިންގި ޕްރޮގްރާމުގައި ސެންޓަރޭއަށް ޖެހުނީ ޒާހިރަށް އަތްގާތްކޮށްދޭން ހުންނާށެވެ. އެކަމަކު ފެތުމަށް އޮތް ލޯތްބެއްގެ ބޮޑުކަމުން، ޒާހިރުގެ ވިސްނުމާ އޭނާ ދެކޮޅު ހެދި އެވެ. 

"ސްކޫލަށް ނުދާތީވެ، ޒާހިރު ކައިރީގައި ފައިލް ހިފައިގެން ހުންނަން ބުނީ. (ފަތަން މޫދަށް) އެރެން ބޭނުމޭ ބުނީމަ ބުނީ ނޭރެވޭނެއޭ. އެއިރު ފެތުން އޮންނާނީ ކަލުތުއްކަލާ ކޮށި ހުންނަ ހިސާބުގައި ދީނި އެހެލާ ދިމާލުގައި. ޒާހިރު އެހެން ބުނީމަ މަބުނީ މަށެއް ނުހުންނާނަމޭ ނޭރިއެއް. އެހެން ބުނީމަ ބުނީ ދެން ބުރެއްގައި ކަލޭ ބައިވެރިވާނީއޭ،"
ސެންޓަރޭ އޭނާގެ ފެށުން ކިޔައިދިނެވެ.
ސެންޓަރޭ، ރާއްޖޭގެ މުބާރާތެއްގައި ފަތަނީ - ރާއްޖެއެމްވީ

އެ ދުވަސްވަރު ރާއްޖެ އައި ކޯޗު ހުންނަނީ ފަތާނެ ކުއްޖަކު ނުވެގެން ފޫހިވެފަ އެވެ. ސެންޓަރޭ ބުނީ "އެ ކޯޗަށް ދިވެހި ބަސް އެނގޭ،" ކަމަށާއި ޒާހިރު ފުރުސަތު ނުދިނަސް، "މިހެންވެ މަށަށް ކޯޗާ ވާހަކަ ދެކެވޭ،" ކަމަށެވެ. ވަކިން ކޯޗާ ވާހަކަ ދައްކައިގެން މޮޅު ފެތުންތެރިއަކަށްވުމަށް "ޓެކްނިކްތައް ދަސްކުރި" އެ ހިސާބުންނެވެ.

އަބަދު ފެތުމާއިގެން އުޅޭތީވެ، އޭނާ އަކީ ފެށުމުގައި ވެސް އެހެން އެންމެނާ ތަފާތު ފެތުންތެރިއެކެވެ. ސްޕީޑް ބާރެވެ. ފަތަނީ ވަރަށް ގަޔާވެގެން، ކަމަށް ކަމޭހިތައިގެންނެވެ. ފެތުން ރީއްޗެވެ. ސުލޫކް ރަނގަޅެވެ. ހާޒިރީ އަށް ސަތޭކައިން ސަތޭކަ ލިބެ އެވެ. މިހެންވެ 1984 ވަނަ އަހަރު ގައުމީ މުބާރާތްތަކުގައި ވާދަކުރަން ފެށިއިރު އޭނާ އަކީ "އެއްވަނަ" އެވެ.

ސެންޓަރޭގެ ބައެއް ފޮޓޯތައް - ރާއްޖެއެމްވީ

ސެންޓަރޭގެ ފުރަތަމަ ބައިނަލް އަގްވާމީ މުބާރާތަކީ 1989 ވަނަ އަހަރު ޕާކިސްތާނުގައި އޮތް ސާފް ގޭމްސް އެވެ. އެ މުބާރާތުގެ ކުރިން އިންޑިޔާގެ ގައުމީ ޓީމާއެކު އެ ގައުމުގައި ފަރިތަކުރަން ލިބުނު ފުރުސަތަކީ އޭނާ އަށް އަދިވެސް އެންމެ ކަމުދިޔަ ދުވަސްވަރެކެވެ.

އެ ސާފް ގޭމްސްއަކީ ސެންޓަރޭ އަށް ހިތުން ނުފިލާ ވަރުގެ ތަޖުރިބާއަކަށްވެސްވި އެވެ. ރާއްޖޭގެ މުބާރާތަކުން އަބަދު ވަނަ ލިބުމާއި، އަބަދު ފެތުމުގައި އުޅޭތީ އާއި ބިދޭސީ ކޯޗެއްގެ އިރުޝާދު ލިބެމުންދިއުމުން އޭނާ ހީކުރީ "ވަރަށް މޮޅުވާނެ،" ކަމަށެވެ.

"އެކަމަކު ޕޫލަށް ފުންމާލުމުގެ ކުރިން މަތީގައި އޮއްވާ ކަޓައިފި. އެހިސާބުން އެނގުނީ އަހަރުމެން އަދި މޮޅެއްނޫން. ދެން ހީވީ ވަރަށް މަސައްކަތުންނޭ މޮޅުވާނީ. މުބާރާތް ނިންމާފައި ރާއްޖެ އައިއިރު ކޯޗެއް ވެސް ނެތް،"
ސެންޓަރޭ ބުންޏެވެ.
ސެންޓަރޭ، 1989ގެ ސާފް ގޭމްސްގައި ބޭރުގެ ދެ ދުވުންތެރިއަކާއެކު - ރާއްޖެއެމްވީ

ކޯޗަކު ނެތި އަމިއްލަ އަށް ފެތުމުގައި އުޅެން ޖެހުމުން އޭނާ ދެން ދިޔައީ ރިސޯޓް ވަޒީފާ އަށެވެ. ކޯޗަކު ލިބުމުން ކެނޑިގެން ފަތަން އަންނަ ގޮތަށެވެ. އެނބޫދޫ ފިނޮޅުގެ ލޯންޑްރީ ބޯއީއަކުން ފެށި ރިސޯޓް ވަޒީފާގެ ލޯބީގައި މިހާރު ރީތިރަށުގައި އުޅޭތާ 17 އަހަރުވެއްޖެ އެވެ.

ތަފާތު ކޯޗުންނާއެކު މަސައްކަތްކޮށް، ސެންޓަރޭ ވަނީ މިހާތަނަށް ގިނަ މުބާރާތްތަކެއްގައި ގައުމު ތަމްސީލުކޮށްދީފަ އެވެ. އޭގެ ތެރޭގައި ސާފް ގޭމްސް އާއި 2003ގެ ބާސެލޯނާ އޮލިމްޕިކްސް، އާއި އޭޝިއަން ގޭމްސްއާއި އެޓްލާންޓާ އޮލިމްޕިކްސް އަދި ކަލްކަތާ ޗެމްޕިއަންޝިޕާއި އިސްލާމިކް ސޮލިޑިއަރިޓީ ގޭމްސް ފަދަ މުބާރާތްތައް ހިމެނެ އެވެ.

މި ހުރިހާ މުބާރާތެއްގައި އޭނާ ވާދަކުރީ ރާއްޖޭގެ އެއްވަނަ ފެތުންތެރިޔާގެ ގޮތުގަ އެވެ. ހާއްސަކޮށް ދިގު ފެތުމުގައި އޭނާ އޮތީ އަތްނުފޯރާ ދުރުގަ އެވެ. އެހެން ފެތުންތެރިން ގިނަ ފަހަރު ރޭސް ނިންމަނީ އޭނާގެ ގައިން ފެންހިކޭ ފަހުންނެވެ.

މިވާހަކަ ދެއްކެމުން ސެންޓަރޭ ބުނީ "އަނިޔާވެފައި ހުއްޓާ ވެސް ވަނަ ލިބޭ،" ކަމަށެވެ.

ސެންޓަރޭ، ރާއްޖޭގެ މުބާރާތެއްގައި 1 ވަނަ ހޯދައި ތައްޓާއެކު - ރާއްޖެއެމްވީ
"އަނިޔާވެގެން ހުއްޓަސް ރާއްޖޭގައި ވަނަ ލިބޭ. ހާއްސަކޮށް ދިގު ފެތުމުގެ އިވެންޓްތަކުން. 98ގައި ފެތުން ހުއްޓާލީ ކޮނޑު ހަލާކުވެގެން. ދެން މީހުން ކިޔަންފެށީ ސެންޓަރޭއަކަށް ނުފެތޭނެއޭ. މަ ބުނިން ތިފަތާ ގޮތަށް ފަތަންޏާ އަދިވެސް މަށަށް ފެތޭނެއޭ. ކިޔާފައި އަލުން ނުކުތީ،"
ސެންޓަރޭ ބުންޏެވެ.

އޭނާ ވަނީ ޒުވާން ކުދިންނާއެކު މިދިޔަ އަހަރުގެ ގައުމީ މުބާރާތުގެ 50 މީތަރު ބަޓަފްލައި މާސްޓާސް ކެޓަގަރީގައި ވާދަކޮށްފަ އެވެ. އެކަމަކު ވަނަ ހޯދުމަށްވުރެ ބޮޑަށް އޭނާ މިހާރު ބައިވެރިވަނީ ފެތުމަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނާއި އެހެން ފެތުންތެރިންނާއެކު ވަގުތުފުރާލުމަށެވެ.

ސެންޓަރޭ 91ގެ ސާފް ގޭމްސްގައި ދިދ ހިފައިގެން އަދި ވަކި ފޮޓޯގައި - ރާއްޖެއެމްވީ

ސެންޓަރޭ އަކީ ހަމައެކަނި އެތްލީޓެއްނޫނެވެ. އޭނާ ވަނީ މިހާތަނަށް ގާތްގަނޑަށް 2000ވުރެ ގިނަ ފެތުންތެރިން ތަމްރީނުކޮށްފަ އެވެ. އެކަމަށްޓަކައި ހާއްސަކޮށް ކުލަބުތައް ވެސް އުފައްދައި ހަރަކާތްތެރި ކުރުވި އެވެ. މަޖީދިއްޔާ އާއި ކަލާފާން ފަދަ ސްކޫލްތަކުގެ ސްވިމިން ކޯޗުކަމާއި ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ވެސް ކުރި އެވެ. މާލޭގެ ހެދިގޮނޑުދޮށުގައި 1999ގައި ކުދިންތަކެއް މޫދަށް ގެނބި ހިނގި ހިތާމަވެރި ހާދިސާއަށް ފަހު ލައިފްގާޑުން ތަމްރީނުކޮށް، އެ ސަރަހައްދު ބެލެހެއްޓުމުގައި ވެސް އެތައް ދުވަހެއް އޭނާ ހޭދަކުރި އެވެ.

"މާބައިވަރު ފައިސާތަކެއް ލިބޭތީއެއްނޫން އެކަން ކުރީ. މުނިސިޕަލްޓީއާ ވާހަކަ ދައްކައިގެން މީހުން ހަމަކޮށްގެން ސަރުކާރުން ބޭނުންވި ގޮތަށް އެކަން ކޮށްދޭން ހުރީ އަހަރެން. މުސާރައަކަށް ލިބެނީ 1500ރ. އެއިރުގެ ނިސްބަތުން އެއީ ބޮޑު އެއްޗެއް. އިސްކޮށް ހުންނަ މީހާ އަށް އިތުރަށް ލިބެނީ 50ރ. ދެ ފޯން ކާޑު. އެހެން ހުއްޓާ ރިސޯޓަށް ދާން ޖެހިގެން، މަ ބުނިން މުނިސިޕަލްޓީގައި މަ ދިއުމަށްފަހު މިކަން ހަލާކުވީއޭ. އެހެން އެކަންވީ ވެސް،"
ސެންޓަރޭ ބުންޏެވެ.
ސެންޓަރޭ، ސާފް ގޭމްސްގައި ނޫސްވެރިއަކަށް އިންޓަވިއުދެނީ - ރާއްޖެއެމްވީ

ފެތުމަށް ކިތަންމެ ބޮޑު ހިތެއް އޭނާގެ އޮތަސް ސެންޓަރޭ ބުނީ އޭނާގެ ދުވަސްވަރާއި މިހާރު ވަރަށް ބޮޑަށް ތަފާތު ކަމަށެވެ. އޭނާ މިސާލު ދެއްކީ ދެ ކަމަކުންނެވެ. ކެއުމާއި ކޯޗުންގެ ފެންވަރުންނެވެ.

"ކެއުމަށް ބަލަންޏާ އެއިރު ދުވާލުގެ ބޮޑުބައެއްގައި ފަތާނެ. ހަތަރު ފަސް ގަނޑިއިރު ވެސް ފަތާނެ. އެވަރަށް ފަތާފައި އައިސް ކަނީ ގަރުދިޔަ އާއި ބަތް. އެކަމަކު ބޭރު ކޯޗު ހުންނައިރު އޭނާ ތަރުކާރީ ބަތް ހަދައިގެން ކާންދޭނެ. އޭނާ އެކަން ކުރަނީ ރަނގަޅު ކާނާ ކާންޖެހޭކަން އެނގޭތީވެ. އެކަމަކު މިހާރު ބެލެނެވެރިން ވެސް ކުދިންނަށް ކާންދެނީ އެންމެ މޮޅު ކާނާ،"
ސެންޓަރޭ ބުންޏެވެ.

ދެން އޭނާ ފާހަގަ ކުރީ ކޯޗުންގެ މައްސަލަ އެވެ. ސެންޓަރޭ ބުނީ އޭނާގެ ޒުވާން ދުވަސްވަރު ބިދޭސީ ކޯޗުންގެ އެހީތެރިކަން ލިބުނު ނަމަވެސް އެދުވަސްވަރުގެ ފެންވަރުން ކޯޗުންނަށް ފެތުންތެރިޔާ ކުރިއަރުވައިދޭން ނޭނގުނު ކަމަށެވެ.

"އެކަމަކު މިހާރުގެ ކޯޗުން ވެސް މޮޅު. ކުރިއާ އަޅާ ބަލާއިރު އަންނަނީ ފެތުމުގެ ހާއްސަ ކޯޗުން. އެދާއިރާއިން ކިޔައިވައިގެން ތިބި މޮޅު މީހުން. އެއިރު ކާމިޔާބު ނުލިބުނީ ކޯޗުގެ ނުހުރޭ މީހުން މޮޅުކޮށްދޭ އިލްމެއް. އެހެންވެ އަހަރުމެން ޕޫލަށް ފުންމާލުމުގެ ކުރިން ކަޓާފައި ތިބެނީ،"
ސެންޓަރޭ ބުންޏެވެ.
ސެންޓަރޭ، 2006ގެ އިސްލާމިކް ސޮލިޑިއަރިޓީ ގޭމްސްގައި - ރާއްޖެއެމްވީ

އިންޓަވިއު ނިންމާލަމުން އޭނާ ދެން ބުނީ ރާއްޖެ އަށް ބޭނުންވަނީ ރަނގަޅު ސްވިމިން ޕޫލަކާއި ގަޔާވެގެން އެކަން ކުރާނެ ބަޔަކު ކަމަށެވެ. ރާއްޖޭގެ ސަރުކާރުތަކުން މިހާތަނަށް 10 ވަރަކަށް ޕޫލް ކުރަހައިފި ކަމަށާއި އަމަލީ ސިފަ ނައުމަކީ ދެރަކަމެއް ކަމަށެވެ. ޒާހިރު ނަސީރާ ޗެލެންޖްކޮށްފައި ފަތަން އެރުނު ފަދައިން އޭނާ ހުރީ ކަންކަމުގައި ވާހަކަ ދައްކައި ފަތުމުގެ ދާއިރާ ކުރިއަރުވަން އޭނާގެ ދެއަތް ހުސްކޮށްލަން ތައްޔާރަށެވެ. އިސްލާމީ މަރުކަޒުގެ މަސައްކަތަށް ހޮވައިގެން އޭނާ ގެންދިޔަ ނަމަވެސް ސްވިމިން ޕޫލް އަޅަން ފަށައިފިނަމަ އޭނާ އެތަނަށް ދާނީ އުފަލާއެކު އެމަސައްކަތް ކޮށްދިނުމަށް ހުޅުވާލެވިފައިވާ އަތަކާއެކުގަ އެވެ. އޭނާގެ ހިތާއި ރޫހު އޮތީ ފަތާ ފެންގަނޑުގަ އެވެ.