ހަމާސްގެ މާސްޓަރ މައިންޑް ޔަހްޔާ ސިންވާރު: އިސްރާއީލުގެ ވޯންޓެޑް ލިސްޓުގެ އެއްވަނައަށް!
ހަމާސްގެ މާސްޓަރ މައިންޑް
ކ. މާލެ |

އަބޫ އިބްރާހީމްގެ ނަމުންވެސް މަޝްހޫރު "ޔަހްޔާ ސިންވާރު" ވަނީ ހަމާސްގެ ހަނގުރާމަވެރި ގޮފީގެ މެމްބަރެއްގެ ހައިސިއްޔަތުން، ފެށުނީއްސުރެ ޣައްޒާގައި ހަރަކާތްތެރިވާ އިސްލާމީ ޖަމާއަތުގެ ލީޑަރަކަށް ވެވަޑައިގެން، 2017 ވަނަ އަހަރުން ފެށިގެން ޣައްޒާގައި ހުންނަ ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ވެރިޔާގެ މަގާމު ފުރުއްވާފައެވެ.

ހަމާސްގެ ތެރޭގައި "ހަރުކަށި ފިކުރުގެ" ބޭފުޅެއްގެ ގޮތުގައި ބެލެވޭ ސިންވާރު އިސްރާއީލާ ދެކޮޅަށް ގެންގުޅުއްވާ ހަރުކަށި އަދި ޖެހިލުންކުޑަ ފިކުރުގެ ސަބަބުން، ފަހަކަށް އައިސް ދެބައިމީހުންގެ މެދުގައި ތަކުރާރުކޮށް ހަމަނުޖެހުންތައް އުފެދި، އިސްރާއީލުގެ ވޯންޓެޑް ލިސްޓް އެއްވަނައަށް އޭނާވަނީ އަރާފައެވެ. އަދި މަޝްހޫރުކަން ލިބި، ޣައްޒާގެ ވެރިކަމުގައި ދެމިހުންނެވުމުގެ ފުރުސަތުވެސް އޭނާ ވަނީ ފުޅާކޮށްފައެވެ.

1962 ވަނަ އަހަރު ޣައްޒާގެ ދެކުނުގައި ހުންނަ ޚާން ޔޫނުސް ރެފިއުޖީ ކޭމްޕުގައި ދުނިޔޭގެ އަލިކަން ދެނެވަޑައިގަތް ސިންވާރު ހަމާސްއާ ގުޅިވަޑައިގަތީ، 1980ގެ އަހަރުތަކުގެ ފަހުކޮޅު ފުރަތަމަ އިންތިފާޟާގެ ފެށުމުގެ ތެރެއިންނެވެ. އޭނާ ވަނީ ހަމާސްގެ ސިއްރު އަސްކަރީ ގޮފި ކަމަށްވާ އިއްޒުއްދީން އަލްގަސަމް ބްރިގޭޑްސް އުފައްދައި، ބޮމާއި ރޮކެޓްގެ ހަމަލާތައް އިސްރާއީލަށް އަމާޒުކޮށް ދީފައެވެ.

1990އާއި 2000ގެ އަހަރުތަކުގައި އިސްރާއީލު މީހުން ވަގަށްނެގުމުގެ އަމަލުތައް ރާވައި ހިންގުމުގެ ތުހުމަތުގައި ސިންވާރު ވަނީ އިސްރާއީލުގެ ޖަލުތަކުގައި 20 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައެވެ. ޖަލުގައި ހުންނަވައިގެން ހިބްރޫ ބަސް ދަސްކުރައްވައި، ވަރުގަދަ ސިޔާސީ ލީޑަރެއްގެ ގޮތުގައި މަޝްހޫރުވެވަޑައިގަތެވެ. އޭނާގެ ހިތްވަރުގަދަ ހަރުކަށި ފިކުރުގެ ސަބަބުން، ގިނަބައެއްގެ ނަޒަރުގައި އޭނާގެ ހިކުމަތްތެރި، ދުރުވިސްނިވަޑައިގެންނެވުމުގެ ތަސައްވުރު ކުރެހިގެން ދިޔައެވެ. 

ޣައްޒާގެ ހަމާސްގެ ލީޑަރަކަށް ވެވަޑައިގަތުމަށްފަހު ސިންވާރު ވަނީ އިސްރާއީލާ ދެކޮޅަށް ކުރެވުނު ތިން ހަނގުރާމައެއްގެ އިސްލީޑަރެއްގެ ގޮތުގައި ހުންނަވައި، ކޮމާންޑްކުރައްވައި އެ ހަނގުރާމަތައް ބަލަހައްޓަވާފައެވެ.

އިސްރާއީލުން ޣައްޒާގެ ވަށައިގެން ރާނަމުންދާ ބޮޑުފާރު އުވާލުމަށް އޮތް ހަމައެކަނި މަގަކީ ހަތިޔާރުއެޅި ހަމަނުޖެހުންކަމަށް އޭނާ ސިފަކުރައްވާއިރު، އިސްރާއީލާ ދެކޮޅަށް ގެންގުޅޭ އޭނާގެ ތަސައްވުރު އަބަދުވެސް ނަގަހައްޓަވައި ހިފަހައްޓަވައެވެ. އަނިޔާވެރިކަމާއި ފިކުރީ ނުތަނަވަސްކަމަށް އޭނާ ދެކޮޅު ހެއްދެވުމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންގެ މެދުގައި އޭނާއަކީ މަގުބޫލު ޝަޚްސިއްޔަތެކެވެ. ގިނަބައެއްގެ އިތުބާރު އޭނާވަނީ ހޯއްދަވާފައެވެ.

ޣައްޒާގެ އެކަހެރި ވެފައިވާ ސަރަހައްދު ޣައްޒާގެ މަރުކަޒީ ބާރަކީ އުމުރުފުޅުން މިހާރު 60 އަހަރުވެފައިވާ، ވޮލެޓިލިޓީގެ ޝަރަފު ލިބިފައިވާ ތަޖުރިބާކާރު ލީޑާރު ޔަހްޔާ ސިންވާރު ކަމާމެދު ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ.

އޭނަގެ ސަޕޯޓަރުންގެ ނަޒަރުގައި އޭނާ ހަނގުރާމަ ކުރައްވަނީ ފަލަސްތީނުގެ ހައްގުތައް ހޯއްދަވައިދެއްވުމަށެވެ. އިސްރާއީލަށް ދުއްތުރާކުރައްވައި، އަމިއްލަ ގައުމާއި ދީނުގެ ދިފާއުގައި އޭނާ ގެންދަވަނީ ވަރުގަދަ ޖިހާދެއް ކުރައްވަމުންނެވެ.