މޮޅު "ބަދަލު" ކީޕަރު، ދުނިޔޭގެ ސަމާލުކަމަށް!
ޒެކީރާ މުސޮވިޗް
ކ. މާލެ |

އަންހެނުންގެ ވޯލްޑްކަޕުގައި އެމެރިކާއިން ފުލުފުލުގައި ފޮނުވާލި ބާރު ހަމަލާތައް ސްވިޑްންގެ ކީޕަރު ހުށިޔާރުކަމާއެކު ދިފާއު ކުރި އެވެ. އެލެކްސް މޯގަން އާއި ލިންޑްސޭ ހޯރަން ފަދަ ތަރިންނަށް 120 މިނިޓްގައި މި ކީޕަރު ފަހަނައަޅައި ބޯޅަ ގޯލަށް އެތެރެކުރެވޭ ގޮތެއްނުވި އެވެ. އެންމެ ފަހުން ޕެނަލްޓީ ޝޫޓް އައުޓްގައި ވެސް ހުށިޔާރުކަން ދައްކައި، ޗެމްޕިއަން އެމެރިކާ މުބާރާތުން ކަޓުވާލުމުގެ ޝުކުރު އޮތީ ސްވިޑްންގެ ކީޕަރު ޒެކީރާ މުސޮވިޗް އަށެވެ.

އޮސްޓްރޭލިޔާ އާއި ނިއުޒީލޭންޑްގައި މިހާރު ކުރިއަށްދާ ވޯލްޑްކަޕުގައި މިހާރު އެންމެ އަލިގަދަ އެއް ތަރިއަކީ ވެސް މުސޮވިޗެވެ. އެމެރިކާގެ ކޯޗު އެންޑޮނޮވްސްކީ ވެސް ވަނީ މުސޮވިޗަށް ތައުރީފްކުރަމުން އޮއްސާލައިފަ އެވެ. ކޯޗު ބުނީ "ކޮންމެ ކޮންމެ ކީޕަރަކަށް ނުކުރެވޭނެ މޮޅު އެތައް ސޭވްއެއް އޭނާކޮށްފި، ކަމަށެވެ. އެހެންވިއްޔާ މުސޮވިޗް އަކީ ކާކު ހެއްޔެވެ؟

ސްވިޑްންގެ ކީޕަރު ޒެކީރާ މުސޮވިޗް - ގޫގުލް

އުމުރުން 27 އަހަރުގެ މުސޮވިޗް އަކީ އިނގިރޭސި ކުލަބު ޗެލްސީގެ ބަދަލު ކީޕަރެވެ. މިދިޔަ ސީޒަނުގައި ޗެލްސީ ކުޅުނު 22 މެޗުގެ ތެރެއިން މުސޮވިޗް ކުޅުމުގެ ފުރުސަތު ލިބުނީ އެންމެ ހަތް މެޗުގަ އެވެ. މިއީ އޭނާގެ ހަތަރު ވަނަ ވޯލްޑްކަޕެވެ. އެކަމަކު މި ވޯލްޑްކަޕާ ހަމައަށް އޭނާ އަކީ ސްވިޑްންގެ ތިން ވަނަ ކީޕަރެވެ. ގައުމީ ޓީމަށް ކުޅެދީފައިވަނީ އެންމެ 14 މެޗެވެ.

އޭނާ އަށް ގައުމީ ޓީމުގެ އަންގި ލިބުނީ 200 އަށްވުރެ ގިނަ މެޗު ކުޅެދީފައިވާ ތަޖުރިބާކާރު އެއްވަނަ ކީޕަރު ލިންދާލް މިފަހަރުގެ ޓީމުގައި ލައްވާނުލުމުންނެވެ. މިހިސާބުން ވެސް ދެ ވަނަ ކީޕަރު ޖެނިފާ ފަލްކް ހުރުމުން، މުސޮވިޗް ފުރަތަމަ 11ގައި ކުޅޭނެ ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެ އެވެ.

އަހަރެން ނުދެކެން މިހާ އެއްވަރުގެ މޮޅު ދެ ކީޕަރުން ގައުމީ ޓީމެއްގައި ތިބިތަނެއް. އަހަރެންނަކަށް ނޭނގެ އަހަރެން މުސޮވިޗް އެއްވަނަ ކީޕަރަކަށް ހެދިގޮތެއް. ވަރަށް ކުޑަކުޑަ ތަފާތަކުން އޭނާ އަށް ފުރުސަތު އެލިބުނީ
ސްވިޑްގެ ކޯޗު ޕީޓަ ގާހަޑްސަން

މުސޮވިޗްގެ މައިންބަފައިންނަކީ ޔޫގޯސްލާވިޔާ ހަނގުރާމައިގެ ސަބަބުން 1990 ވަނަ އަހަރު ބޮސްނިއާއިން ފިލައިގެން ދިޔަ ބައެކެވެ. މުސޮވިޗް އުފަންވީ އޭނާގެ މަންމަ އާއި ބައްޕަ އަދި ބޭބެ އާއި ދެ ދައްތައާއެކު ފިލަން ގައުމުގެ އިރުމައްޗަށް ނުކުތްތާ ދެތިން ގަނޑިއިރުގެ ތެރޭގަ އެވެ. އޭނާ ފުޓްބޯޅަ ކުޅެން ފެށީ ބޭބެ ހުނަރު ފެނިފަ އެވެ. މުސޮވިޗް ބުނީ އާއިލާގެ މެމްބަރުންނާ ބައްދަލުކުރަން ބޮސްނިއާއަށް ދިއުމަށް އޭނާ ފުރަން ތައްޔާރުވާ ކޮންމެ ފަހަރަކު ވެސް އެންމެ ފުރަތަމަ ފޮއްޓަށްލަނީ ފުޓްބޯޅަ ބޫޓު ކަމަށެވެ. ސަބަބަކީ ބޭބެއާއެކު ފުޓްބޯޅައިގެ ކުޅެލުމުގެ ބޭނުމުގަ އެވެ.

ސްވިޑްންގެ ކީޕަރު ޒެކީރާ މުސޮވިޗް - ގޫގުލް

މުސޮވިޗަށް މެޗު ތަޖުރިބާ ހޯދުމުގެ ފުރުސަތު މަދުން ލިބުނު ނަމަވެސް އޭނާ ވަނީ އުމުރުން 20 އަހަރުން ފެށިގެން މޮޅު ޓީމުތަކުގައި ގަދަ ޓީމުތަކާއި މޮޅު ކުޅުންތެރިންނާއެކު މަސައްކަތްކޮށްފަ އެވެ. ސްވިޑްންގެ ރޯސެންގާޑަން ކުޅެނެވެ. އުޅެ ބޮޑުވީ ނެދަލޭންޑްސްގެ މަޝްހޫރު ލިއެކޭ މާޓެންސް އާއި ޑިފެންޑަރު އަމަންޑާ އާއި މިޑްފީލްޑަރު ކެރޮލީން ސެގަ އަދި އޮސްޓްރާލިޔާގެ މިހާރުގެ ކެޕްޓަން ސޭމް ކާ ފަދަ ކުޅުންތެރިންނާއެކުގަ އެވެ. މިހެންވެ އެ ކުޅުންތެރިންގެ ފުށުން ދަސްވިކަންކަން މިހާރު އޭނާ އަށް ފައިދާއަކަށް ފުދެއެވެ. އޭނާ ދެކޭ ގޮތުގައި ސްވިންޑްގެ ގޯލު ބަލަހައްޓަން ލިބުމަކީ ވަރަށް ބޮޑު ޒިންމާއެކެވެ.

އެއީ އަހަރުމެން ބައްދަންޖެހޭ ވަރަށް ބޮޑު ގޯލެއް. މިހެންވެ އަހަރެންގެ ޑިފެންޑަރުން އެކަމުގައި ބައިވެރިކުރެވިއްޖެނަމަ އެކަންވާނީ ވަރަށް ބޮޑު އެހީތެރިކަމަކަށް. އެކަމަށް އަހަރުމެން މިހާރު ވެސް މިދަނީ މަސައްކަތް ކުރަމުން. ޑިފެންޑަރުންނަށް އަހަރެން ފުރިހަމަ އަށް އިތުބާރުކުރަން. ގޯލް ދިފާއުކޮށްފައި ބަހައްޓަން އަހަންނަށް ޑިފެންޑަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް އަހަރެން އެމީހުންނަށް ޝުކުރުވެރިވާންޖެހޭ
މުސޮވިޗް
ސްވިޑްންގެ ކީޕަރު ޒެކީރާ މުސޮވިޗް - ގޫގުލް

އޭނާ އަކީ ކޮންމެ މެޗަކަށް ވެސް ނަފްސާނީ ގޮތުން ތައްޔާރުވުމުގެ އިތުރަށް ފެނުމުގެ ކަސްރަތު ވެސް ކުރާ ކުޅުންތެރިއެކެވެ. އެމެރިކާ މެޗުގެ ކުރިން މުސޮވިޗް އޭނާގެ މަންމައާ ވާހަކަ ދެއްކި އެވެ. މަންމަ އަކީ އޭނާ އަށް މޮޅަށް ކުޅެވިދާނެ ކަމަށް ގަބޫލުކުރާ މީހެކެވެ. މަންމަގެ ހިތްވަރުން އޭނާ އަށް މެޗަށް ނުކުތުމުގެ ކުރިން ބޮޑު ހިތްހަމަޖެހުމެއް ލިބުނު ކަމަށް މުސޮވިޗް ބުންޏެވެ.

އެމެރިކާ މެޗުގައި މުސޮވިޗް 11 ސޭވްކުރި އެވެ. ހަގީގަތުގައި އޭނާ ވިދާލައި އެންމެނަށް އޭނާ އަޅައިގަތީ މި މެޗުގަ އެވެ. މި މެޗުގައި އޭނާ ކުރި 11 ސޭވަކީ 2011ގެ ފަހުން އަންހެނުންގެ ވޯލްޑްކަޕުގެ ނޮކްއައުޓް މެޗެއްގައި ކީޕަރަކު ސޭވްކުރި އެންމެ ގިނަ އަދަދެވެ. މިކަން އެނގުމުން މުސޮވިޗް ބުނީ އޭނާ އަށް މެޗަށް ފަހު އެރޭ ރަނގަޅަށް ނުވެސް ނިދުނު ކަމަށެވެ.

ސްވިޑްންގެ ކީޕަރު ޒެކީރާ މުސޮވިޗް - ގޫގުލް
އެހާ ރަނގަޅަށް ނުވެސް ނިދުނު. ވަރަށް ގިނަކަންކަން އެއްފަހަރާ ހިނގައިގެންދިޔަ. އަހަރެންގެ ހިތަށް ވަރަށް ގިނަ އިހުސާސްތަކެއް ވެރިވެގެންދިޔަ. އެކަމަކު އަހަރެން ހިތަށް އެރީ އަހަރެން މުބާރާތަށް މިއައީ ކޮންމެ ދުވަހަކު މިފަދަ ކަންކަން ދިމާވާ ފަދަ ބޮޑު ކުލަބެއް ކަމަށްވާ ޗެލްސީގައި ކުޅެފައޭ. އެހެންވީމާ ކޮންމެ މެޗަށް ފަހު އާ މެޗަކަށް ތައްޔާރުވާންވާންވާނެއޭ. އެގޮތަށް ވިސްނަން ފެށުމުން އަހަރެންނަށް މިހާރު އެއީ މާބޮޑު ކަމެއްނޫން
މުސޮވިޗް

ދުނިޔޭގައި މިވަގުތު އެންމެ ބާރަށް ކުރިއަރަމުން ސްޕޭންއާ ދެކޮޅަށް ސެމީ ފައިނަލިގައި ކުޅޭއިރު މުސޮވިޗަށް އޮތް ހިތްހަމަޖެހުމަކީ މޮޅު ސޭވްތަކަކާއެކު ކުރީގެ ދެ ޗެމްޕިއަނުން ކަމަށްވާ އެމެރިކާ އާއި ޖަޕާން މުބާރާތުން ކަޓުވާލެވުމުގެ ހިތްހަމަޖެހުމެވެ.

އޭނާ އަކީ ވޯލްޑްކަޕުގައި 300 މިނިޓް އެންމެ ފަހުން ހަމަކުރި ކީޕަރުންގެ ތެރެއިން 2011ގެ ފަހުން ސޭވްތަކަށް ބަލާއިރު ދެ ވަނަ އަށް އެންމެ ގިނަ ސޭވްކުރި ކީޕަރުވެސްމެ އެވެ. މިހެންވެ މި ފަހަރުގެ ވޯލްޑްކަޕުގެ އެންމެ ގަދަ ކީޕަރަކީ އެއްކަލަ ބަދަލު ކީޕަރު ކަމަށް ބުނާ މީހުން މިއަދު މާގިނަވެއްޖެ އެވެ.