އިރުފާން: ނިއުރޭޑިއަންޓްގެ ވަފާތެރި ހަތަރު ނަންބަރު
އަހުމަދު އިރުފާން
ކ. މާލެ |

އަހުމަދު އިރުފާން ކުޑައިރު ބޭނުންވީ މޫސާ މަނިކު (ކުޑަމޫސަ) އާއި އިބްރާހީމް ރަޝީދު (އަންދަރޭ) އާއި މުހައްމަދު ކަލީމް ފަދަ ކުޅުންތެރިއަކަށްވުމަށެވެ. މި ހުވަފެނުގައި ކުލަ ޖެއްސުމަށް އެމީހުން ކުޅޭތަން ބަލަން އޭނާ ދެ އެވެ. މޫދަށް އެރިއުޅޭއިރު އެތަނަށް ވެސް ދަނީ އެވެ. އަންދަރޭމެންގެ ބޫޓުގައި އަތް ކާއްތައި ހަދަ އެވެ. މިހެން ހުއްޓައި ހެންވޭރު ދަނޑުގައި ނިއުރޭޑިއަންޓް ދެ ބަޔަކަށް ބަލާހައިގެން ކުޅުނު ދުވަހަކު ޓީމު ހަމަކުރުމަށް ކޯޗު ސްމިތު ވަލަޕޮލާ އޭނާ އަށް ގޮވާފައި ކުޅެން އައުމަށް ބުންޏެވެ.

ފުރަތަމަ ކުޅެން ގޮސް ބެލެނީ ވެސް އެމީހުން މޫނަށް. ކުޅޭކަށް ނޫޅެވޭ. އެމީހުން އުޅޭގޮތް ބެލެނީ ވެސް. ދެން އަންދަރޭމެން ފެނުނީމަ ބިރުން (ޖެހިގެންއައި ދުވަހު ކުޅެން) ދާކަށް ނުކެރުނު
އިރުފާން އޭނާގެ ފެށުން އައިގޮތް ކިޔައިދިނެވެ.

ސްރީލަންކާގެ ކޯޗު ސްމިތަށް ދެން އިރުފާން ފެނުނީ ހެންވޭރުގައި ހުރި އޭނާ ގޭދޮށުންނެވެ. އަނެއްކާ ވެސް ކުޅެން އައުމަށް ކޯޗު އެދުނެވެ. މިފަހަރު ނިއުގެ ސީނިއާ ކުޅުންތެރިން އެހީތެރިކަން އިރުފާނަށް ލިބެންފެށި އެވެ. ކަލީމްމެން ފަދަ ކުޅުންތެރިން އިރުފާނަށް ކުޅޭނެ ބޫޓު ހޯދައިދިނެވެ. ނިއުގެ ހަތަރު ނަންބަރުގައި އަރައިގަންނަ ފެށީ މިހިސާބުންނެވެ.

އަހަރެންނަށް އެންމެ ފަސޭހައީ ކުޑަމޫސަ، ކަލީމް، އަންދަރޭއާއެކު ކުޅެން. ހާއްސަކޮށް ކަލީމް. ހަދަންވީ ގޮތް ބުނެދޭނެ. ވަރަށް އެހީވާނެ
އިރުފާން ބުންޏެވެ.
އިރުފާން (4) ނިއުރޭޑިއަންޓް ޓީމުގެ ކުޅުންތެރިންނާއެކު - ރާއްޖެއެމްވީ

އުމުރުން އެންމެ 18 އަހަރުގައި އިރުފާން ފުޓްބޯޅައިގެ ހަޔާތް ފެށީ 1988 ވަނަ އަހަރު އެވެ. އުމުރުން މިހާރު 54 އަހަރުގެ ކުޅުންތެރިޔާ 2004ގައި ކުޅުން ހުއްޓާލަންދެން ވެސް ހުރީ ނިއުގެ ގަދަ ނޫޖާޒީގަ އެވެ. އެހެން ޓީމުތަކުން އޭނާ ގެންދަން އުޅުނަސް ނިއުގައި ހަރުލިގޮތަށް އެގޮތުގެ މަތީގައި އޭނާ ދެމިހުރުމުގެ ފަހަތުގައި އޮތީ އެންމެނަށް އެނގޭ ސިއްރެކެވެ.

އެއިރު ކުލަބަށް ކުޅެނީ އަމިއްލަ ގެއަށް ކުޅޭ އުސޫލުން. އަވަށު ލޯބީގައި. މިހެންވެ ނިއުއިން ދާހިތެއްނުވޭ. ވިކްޓަރީ ލެގޫންސުން ފުރުސަތު ލިބުނު. ލާރިއެއް ކުލަބުން ނުލިބުނަސް ދާހިތްނުވި. އަހަރެން ބޭނުންނުވީ ކުލަބަށް ދެރައެއް ދީފައި ދާން. އެކަހަލަ ކަމެއް (އެއްފަހަރަކު) ޓީމު ތެރޭގައި ހިނގި ފައނަލެއް ކުރިމަތިވެފައި އޮއްވާ. އަހަރެން އެގޮތް ބޭނުމެއްނުވީ
އިރުފާން ކިޔައިދިނެވެ.

އޭނާ ވަޒީފާ އަދާ ކުރަނީ ސްޓެލްކޯގަ އެވެ. އެއީ އެއްދުވަސްވަރެއްގައި ފުރަތަމަ ޑިވިޝަނުގައި ފުޓްބޯޅަ ޓީމެއް ހިންގި ކުންފުންޏެކެވެ. އިރުފާނަށް ސްޓެލްކޯއިން ފުރުސަތު ދިނީ ވެސް އޭނާ އަކީ ފުޓްބޯޅަ ކުޅުންތެރިއަކަށްވުމުން އެކުންފުނީގެ ކުލަބަށް ކުޅެދޭގޮތަށެވެ. އެކަމަކު ސްޓެލްކޯގެ ވަޒީފާ އަށް ވަނުމަށްފަހު ވެސް ނިއުދޫކޮށް އޭނާއަކަށް ނުދެވުނެވެ.

ސްޓެލްކޯ އަށް ވެއްދީ ވެސް އެތަނަށް ކުޅެން. އެކަމަކު ނިއު ދޫކޮށްދާހިތެއްނުވި. އޮފީހުން ވެސް ފަހުން އެމީހުންނަށް ނުކުޅެ ނިއުއަށް ކުޅޭތީވެ އެކަމާ މައްސަލަ ނުޖެއްސި
އިރުފާން ބުންޏެވެ.
އިރުފާން (4) ނިއުރޭޑިއަންޓް ޓީމުގެ ކުޅުންތެރިންނާއެކު - ރާއްޖެއެމްވީ

ނިއުރޭޑިއަންޓްގެ ކޮންމެ ކޯޗަކު ހުއްޓަސް އިރުފާނަކީ ބަރާބަރަށް ފުލްޓީމުން ޖާގަ ލިބޭ ކުޅުންތެރިއެކެވެ. އޭނާ އަކީ މަޑުމައިތިރި އަހުލާގު ރަނގަޅު ކުޅުންތެރިއެކެވެ. ކޯޗު ބޭނުންވާ ގޮތަށް ކޮންމެ މަގާމަކަށް ވެސް އޭނާ ހުންނަނީ ކުޅެން ތައްޔާރަށެވެ. ނަމަވެސް ނިއުއަށް ގެނައި ކޯޗުންގެ ތެރެއިން ޖަރުމަނުގެ ބާނާޑް ޝުމް އަކީ އިރުފާނުގެ އެންމެ ހާއްސަ ކޯޗެވެ.

ކޮންމެ ކޯޗަކު ހުއްޓަސް އަހަރެން ޓީމަށް އަރާ. ކޮންމެވެސް ކަހަލަ (ރަނގަޅު) ކަމެއް ހުންނާތީ ކަމަށް ގަބޫލުކުރަނީ އެ ފުރުސަތު ލިބެނީ. އެންމެ ފާހަގަކޮށްލެވޭ ކޯޗަކީ ޝުމް. އޭނާ ކުޅެންވީ ގޮތް އަލިފުން ޔާ އަކަށް ކިޔައި ނުދޭނެ. އޭނާ ބުނަނީ ކަލޭމެންނަށް އެނގެންވާނެއޭ ކުޅެންވީގޮތް. ވަރަށް ފަސޭހަ އޭނާއާއެކު މަސައްކަތް ކުރަން
އިރުފާން ބުންޏެވެ.

އެބަޔަކާއެކު ކުޅެން އިރުފާން ބޭނުންވި ކުޅުންތެރިންނާއެކު ނިއު އަށް ކުޅެ، އެންމެ އުފާވީ 1994 ވަނަ އަހަރުގެ ޕޮމިސްކަޕް ނިއު އަށް ކާމިޔާބު ކޮށްދެވުމުން ކަމަށް ކަމަށް އިރުފާން ބުނެއެވެ. އެ މުބާރާތުގެ ފައިނަލްގައި ނަތީޖާ ނެރުމަށް ޕެނަލްޓީ ޖަހަންޖެހި ސްރީލަންކާގެ ކޮލަމްބޯ އެފްސީ ކޮޅަށް ނިއުއަށް ޗެމްޕިއަންކަން ލިބުނު ފަހު ޕެނަލްޓީ ކާމިޔާބުކޮށްދިނީ އޭނާ އެވެ. 

އެންމެ އުފާވީ ނިއުއަށް ޕޮމިސްކަޕް ލިބުނު ދުވަހު. ފަހު ޕެނަލްޓީ ޖެހީ އަހަރެން. މަ ބޭނުންވި މީހުންނާއެކު ކުޅެ، މަގޭ ފަރާތުން ކުލަބަށް ކަމެއް ކޮށްދެވިއްޖެކަމަށް ގަބޫލުކުރެވުނު އެދުވަހު
އިރުފާން ބުންޏެވެ.
އިރުފާން (4) ނިއުރޭޑިއަންޓް ޓީމުގެ ކުޅުންތެރިންނާއެކު - ރާއްޖެއެމްވީ

އޭނާ ބުނީ އެންމެ ދެރަވީ 1992 ވަނަ އަހަރުގެ ގައުމީ ތަށި މިލްކުކުރަން ނިއު އަށް ލިބުނު ފުރުސަތު ބޭކާރުވުމުން ކަމަށެވެ.

ނިއުގައި އިރުފާން ކުޅުނު އިރު ޓީމު ލީޑްކުރަން މަޝްހޫރު ގިނަ ކުޅުންތެރިން އަބަދުވެސްތިބެ އެވެ. މިހެންވެ ކިތަންމެ ކުލަބު ވަންތަ މީހަކަށް ވިޔަސް ކެޕްޓަކަން ލިބިދާނެ ކަމަށް އޭނާ ހިޔެއް ނުކުރެ އެވެ. އެންމެ ފަހުން އެފުރުސަތު ލިބުނީ 2004 ވަނަ އަހަރު އެވެ.

ކެޕްޓަން ލިބުނީމަ ވަރަށް އުފާވި. އެ ހިސާބަށް ދެވިދާނެ ކަމަށް ހިޔެއް ނުކުރަން. މަސައްކަތުގެ ރޭޓް ހައިވެފައި ހިތްވަރުކުރާތީ އެހިސާބަށް ދެވުނީ. އެއީ އަހަރެން ގަބޫލުކުރާ ގޮތް
އިރުފާން ބުންޏެވެ.
އިރުފާން (4) ނިއުރޭޑިއަންޓް ޓީމުގެ ކުޅުންތެރިންނާއެކު - ރާއްޖެއެމްވީ

އޭނާގެ ޒަމާނާއަޅާ ބަލާއިރު މިހާރުގެ ފުޓްބޯޅަ ފޯރި ބަދަލުވެއްޖެ އެވެ. އެއީ ކުރީގެ ކުޅުންތެރިއެއްގެ ހައިސިއްޔަތުން އޭނާ ވެސް ހިތާމަ ކުރާ ކަމެކެވެ. އިރުފާން ބުނީ "މިހާރު ފުޓްބޯޅަ އެއްނެތް. ކުޅެނީ ކޮންބައެއް ކަމެއް ވެސް ނޭނގެ. ގައުމީ ޓީމު ކުޅުނަސް (ކުޅިބަލަން) ތިބެނީ ބިދޭސީން،" ކަމަށެވެ.

މިއަދު ފުޓްބޯޅައިގެ ތެރެއިން ނުފެނުނަސް އިރުފާނަކީ ނިއުރޭޑިއަންޓްގެ ވަރުގަދަ ލެޖެންޑެކެވެ. އަބަދުވެސް ކުލަބަށް ވަފާތެރި އަހުލާގުހުރި މީހެކެވެ. މިސްޓޭކް މަދު، ގޯލުޖަހާ ކުޅުންތެރިއެކެވެ. ނިއުގެ ހަތަރު ނަންބަރު ޖާޒީ ފެނުމާއެކު އޭނާގެ ނަން އެންމެންގެ ހިތަށް ވެސް ވެރިވާ މައިގަނޑު ސަބަބަކީ ވެސް މުޅި ހަޔާތް ނިއުރޭޑިއަންޓަށް ދޫކޮށްލާފައި އޮތުމެވެ.