އެފްއޭއެމުން އެދުނަސް ދެން ނުވާނެ، މިހާރު މާބިޒީ: ހާޝިމް
މުހައްމަދު ހާޝިމް
ކ. މާލެ |

ގަލޮޅު ދަނޑުގައި އެއްކޮޅުން ކުޅެމުންދިޔައީ ކުލަބު އީގަލްސް އެވެ. އެއީ އޭނާގެ ދަރިފުޅު މުފާވިޒް ހާޝިމް (މުފާ) ޖެނެރަލް ސެކްރެޓަރީ ކަން ކުރަމުންދިޔަ ޓީމެވެ. މެޗަށް ފަހު މުފާގެ ހަރަކާތްތައް އިމުން ބޭރުވެ ރެފްރީއާ ވެސް ދިމާކޮށްލި އެވެ. މީގެ އަހަރުތަކެއް ކުރިން މި ހާދިސާ ހިނގިއިރު މުފާގެ ބައްޕަ އަކީ އެމެޗުގެ ކަމިޝަނަރުގެ އިތުރުން އެފްއޭއެމުގެ ރެފްރީންގެ ކަންކަން ބަލަހައްޓާ އިސް ފަރާތްވެސްމެ އެވެ. ދަރިފުޅަށް ބެލުމެއްނެތި ބައްޕަ އެވާހަކަ މެޗު ކަމިޝަނަރ ރިޕޯޓްގައި ލިޔުނީ ދަރިފުޅަށް ސަސްޕެންޝަނެއް އަންނާނެކަން އެނގިހުރެ އެވެ. އެކަމަކު އޭނާ ބޭނުންވީ ވަޒީފާގެ ވާޖިބު ފުރިހަމަ އަށް އަދާކުރުމަށެވެ. އެފްއޭއެމުން މި މައްސަލަ ބަލައި މުފާ އަށް ބޮޑު ސަސްޕެންޝަނެއް ދިނެވެ.

"އަސްލު މުފާ އަކީ އަހަރެންގެ ދަރިއެއްކަން އެނގުނީ ވެސް އެހިސާބުން. އޭގެ ކުރިން މީހުންނަށް ނޭނގެ. މުފާ އުޅެން ނުވާ ގޮތަކަށް އުޅުމުން އެކަން ރިޕޯޓްކުރީ. އެކަމަކު އެއިރު ވެސް މިހާރު ވެސް ކުލަބުގެ ކަމެއްގައި އޭނާއާ ވާހަކަ ނުދައްކަން،" މުފާގެ ބައްޕަ މުހައްމަދު ހާޝިމް ވިދާޅުވި އެވެ.

ނަމަވެސް އޭނާގެ ފަސް ކުދިންގެ ތެރެއިން މުފާ އާއި މަލްދާން ހާޝިމް އީގަލްސް ހިންގުމުގެ ތެރެއިން ފުޓްބޯޅައިގައި ހަރަކާތްތެރިވާތީވެ ހާޝިމް އުފާކުރެ އެވެ.  

މުހައްމަދު ހާޝިމް މެޗެއް ނިމުމުން އިނާމް ދެއްވަނީ - ފޭސްބުކް

އެދުވަހު ހާޝިމްގެ އެނިންމުމަށް އޭނާ އަށް އެއިރު ގިނަ ބަޔަކު ތައުރީފްކުރި އެވެ. ކުރިއަށްވުރެ އޭނާއަށް އޮތް އިތުބާރު ބޮޑުވެގެންދިޔަ އެވެ. ހަގީގަތުގައި ހާޝިމަކީ ފުޓްބޯޅައިގެ ވަރަށްބޮޑު ހިދުމަތްތެރިއެކެވެ. އެފްއޭއެމުގެ ރެފްރީޒް ޑިޕާޓްމަންޓާއި އެޑްމިން މަސައްކަތްތަކާއި ވަރަށް ގިނަ މެޗުތަކުގެ ކަމިޝަނަރުކަން ވެސް ކުރެއްވި އެވެ. އެފްއޭއެމް ޓީމުތަކުގެ މެނޭޖަރުކަން ވެސްކުރެއްވި އެވެ. އެފްއޭއެމުން އެދެފި ކޮންމެ ކަމެއްގައި އެކަމެއް ކޮށްދެއްވަނީ ކަމަށް ކަމޭ ހިތައިގެންނެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް ކުލަބު ކަމަށްވާ ނިއުރޭޑިއަންޓްގެ މެނޭޖަރުކަންވެސް ގިނަ ދުވަސްތަކެއްގައި ކުރެއްވި އެވެ.

މި ހިދުމަތްތެރިޔާ އާއި އަޅުގަނޑާއި އެންމެ ފަހުން ބައްދަލުވީ ހުސްވި ހަފުތާގައި މާފަންނުގައި ހުރި ރެޑްވޭވް ފިހާރައިންނެވެ. ކައިރިއަށް އައިސް ތިޔަ ހޯދަނީ ކޯއްޗެއްހޭ އެހުމުން އަޅުގަނޑަށް އަހާލެވުނީ ހާޝިމް މިތަނުގައި ކުރަނި ކޮންކަމެއްތޯ އެވެ؟ އޭނާގެ ޖަވާބުން ކުޑަކޮށް ހައިރާންވި އެވެ.

"އަހަރެންނަކީ މިހާރު މިތަނުގެ މެނޭޖަރު. މިތަން ބެލެހެއްޓުން އޮންނަނީ. މިހާރު މިއީ ވަޒީފާއަކީ،"
ހާޝިމް ވިދާޅުވި އެވެ.
މުހައްމަދު ހާޝިމް: މާފަންނު ރެޑްވޭވް ފިހާރައިގައި: އޭނާ އަކީ އެތަނުގެ މެނޭޖަރު- ރާއްޖެއެމްވީ

އަޅުގަނޑު ހިތަށް އެރީ މިހެންނެވެ. ފުޓްބޯޅައިގެ ތެރޭގައި ރަނގަޅަށް މަސައްކަތް ކުރަމުންދިޔަ އިހްލާސްތެރިއަކު "ނަގައި އެއްލާލުމުން" މިހާރު މިހުރީ އެއަށްވުރެ މާ ޒިންމާބޮޑު މަސައްކަތެއްގަ އެވެ. ހާޝިމަކީ މީގެ ކުޑަ ދުވަސްކޮޅެއްކުރިން އެފްއޭއެމުގައި މަސައްކަތް ކުރި މުވައްޒަފެކެވެ. ކުށަކަށްނުވާ ކަމެއްގައި "ބޭނުންނެތިގެން" އޭނާ ވަކިކޮށްލުމުން ވެސް އެފްއޭއެމުން އެދުނު ކޮންމެ ކަމެއްގައި އުޅުއްވިތަން ފެނިގެންދިޔަ އެވެ. ނަމަވެސް ހާޝިމް ވިދާޅުވީ ދެން އެކަމެއްނުވާނެ ކަމަށެވެ.

"އެފްއޭއެމުގައި ހުއްޓަސް ނެތަސް އަބަދުވެސް ހިދުމަތްދެން. އެކަމަކު ދެން ނުވާނެ. މިހާރު ވަޒީފާގައި މާބިޒީ. މިހާރު ވަގުތެއްނުވޭ،"
ހާޝިމް ވިދާޅުވި އެވެ.
މުހައްމަދު ހާޝިމް އޭނާ މެޗު ކަމިޝަނަރުކަން ކުރި ދިވެހި ލީގު މެޗެއް ނިމުމުން އިނާމް ދެއްވަނީ - ފޭސްބުކް

ފުޓްބޯޅައިގެ މަޝްހޫރު ހަސަން ނިޒާރު ނުވަތަ ލައްޓި ބޮޑޭ އަކީ އޭނާގެ ތިމާގެ މީހެކެވެ. ސައީދު ހަސަން އާއި ސައްޔިދު އަލީ ފަދަ ކުރީގެ ކުޅުންތެރިންނަކީ އޭނާގެ ގާތް މީހުންނެވެ. ހާޝިމް ފުޓްބޯޅައިގެ ތެރެއަށް ވަދެވުނީ އެމީހުންގެ ފަހަތުންނެވެ.  

"83 ވަނަ އަހަރު ސްކޫލް ނިންމާފައި ދެ ވަނަ ޑިވިޝަނުގެ ނިއު ފްރެންޑްސް އަށް ކުޅުނިން، ތިން ވަނަ ޑިވިޝަނުގައި އަދި ފަހުން ދެ ވަނަ ޑިވިޝަނުގެ ރޭޑިއަންޓަށް ކުޅުނިން،"
ހާޝިމް ވިދާޅުވި އެވެ.

އެކަމަކު ދިވެހިރާއްޖޭގެ އަޑުގައި އޭނާ އަދާކުރަމުންދިޔަ ރަސްމީ ވަޒީފާގެ ސަބަބުން ބޭނުންއިރަކު ޗުއްޓީ ލިބުމަށް ދަތިވުމުން ހާޝިމަށް ކުޅުން ކުރިއަށް ގެންދެވޭ ގޮތެއްނުވި އެވެ.

"އެއިރު އެފްއޭއެމްގެ (ކުރީގެ އެގްޒެކެޓިވް ސެކްރަޓަރީ ހުސެން (ރަޝީދު) މެން ހެދީ ޕްރަގަންސް ޓީމު. ކުޅެން ނުދެވޭތީވެ ހުސެން ބުނީ ކަލޭތީ މެނޭޖަރޭ. އެހިސާބުން މެނޭޖަރުކަން ކުރަން ފެށީ،"
ހާޝިމް ވިދާޅުވި އެވެ.
މުހައްމަދު ހާޝިމް މެޗު ކަމިޝަނަރުކަން ކުރި މެޗެއް ފެށުމުގެކުރިން ރެފްރީންނާއެކު - ފޭސްބުކް

ފުޓްބޯޅައިގެ ކަންކަން ހިންގައި ބަލަހައްޓަން ޖެހުމުން އެފްއޭއެމުން ހިންގި ގިނަ ކޯސްތަކެއް ހާޝިމް ފުރިހަމަކުރެއްވި އެވެ. އޭނާ ފާހަގަ ކުރެވުނީ އެފްއޭއެމުން ކޮންމެ ވަގުތަކު ގޮވާލި ނަމަވެސް ވަރަށް ތެދުވެރިކަމާއެކު ކަމަށް ކަމޭހިތައިގެން މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގަ އެވެ. އޭނާ ވަނީ އުމުރު ފުރާތަކުގެ ގިނަ ޓީމުތަކެއް މެނޭޖްކޮށްދީފަ އެވެ. އަދި ގައުމީ ގައުމީ އަންހެން ޓީމުގެ ފުރަތަމަ މެނޭޖަރަކީ ވެސް އޭނާ އެވެ. އެދުވަސްވަރު މައްސަލަ ބޮޑުވި ރާއްޖެތެރޭގެ އަތޮޅު ފުޓްބޯޅަ މުބާރާތް ހިންގައި ދިނުމަށް އެފްއޭއެމުން އެދުނީ ވެސް އޭނާ ގާތުގަ އެވެ. އަޑުގައި އުޅެމުން އޭނާ އަށް މިކަންކަމަށް ވަގުތު ދެވޭގޮތްވީ އަޑާއި އެފްއޭއެމުގެ ވެސް ވެރިއަކީ ކުރީގެ އިންފޮމޭޝަން މިނިސްޓަރ މަރުހޫމް ސަމަރުބުލޫ އިބްރާހީމް މަނިކު ކަމަށްވުމުންނެވެ.

"މެޗު ކޮމިޝަނަރުކަން ކުރަން އެންމެ ފުރަތަމަ ދިޔައީ އަތޮޅު މުބާރާތަށް 92 ވަނަ އަހަރު. ގއ. ވިލިނގިއްޔަށް. އެ މުބާރާތުގައި ތަޅައިގަތް. އަހަރެން އެރަށަށް ދިއުމުން ފުރަތަމަ ވެސް ބުނީ މުބާރާތް ނުކުޅެވޭނެއޭ. އެވާހަކަ އަޑުނާހައި ގޮސް އެރޭ ނިދާފައި އަނެއް ދުވަހު ހެނދުނު ސައިބޯން ތިބެފައި އަހަރެން ބުނީ މުބާރާތް ނިންމަންވާނެއޭ. ދެން ގެނައީ ސެކިއުރިޓީން. އެމީހުންގެ ބެލުމުގެ ދަށުން މުބާރާތް ނިންމާލެވުނު. އެއީ ވަރަށް ފާހަގަކުރެވުނު މުބާރާތެއް،" ހާޝިމް ވިދާޅުވި އެވެ.
ނިއުރޭޑިއަންޓްގެ ކުރީގެ މެނޭޖަރު މުހައްމަދު ހާޝިމް ނިއުގެ ޓީމާއެކު - ފޭސްބުކް

ހާޝިމްގެ ވިދުން އެންމެ ގަދަވީ ރާއްޖޭގެ އެންމެ ކާމިޔާބު ކުލަބު ނިއުރޭޑިއަންޓްގެ މެނޭޖަރުގެ ގޮތުގަ އެވެ. އޭނާގެ އާއިލާގެ ގިނަ މެމްބަރުން ނިއުއަށް ނިސްބަތްވި ނަމަވެސް ނޫ ޓީމުން އޭނާ އަށް ޖާގަ ލިބުނީ ވާދަވެރި ވިކްޓަރީގެ ވޮލީ ޓީމާއެކު ހުއްޓަ އެވެ. ނިއުގެ އެއް މަސްއޫލުވެރިޔާ ކާމިނީޕޫލް ހަސަން މަނިކު މީހަކު އެބަހޯދައޭ ބުނެގެން އެތަނަށް ދިއުމުންނެވެ. ފުރަތަމަ ލިބުނީ އެސިސްޓެންޓް މެނޭޖަރުކަމެވެ. އެކަމަކު ޕްރެކްޓިހަށް ސާމާނު ހަމަކުރުން ފަދަ މަސައްކަތުން ފެށިގެންގޮސް މެނޭޖަރުގެ ހުރިހާ ޒިންމާއެއް ވެސް އަދާކުރަމުންދިޔައީ އޭނާ އެވެ. މިތަން ފެނި މެނޭޖަރަކަށް އޭނާ ބަދަލުކުރީ ނިއުގެ ސީނިއާ ބައެއް ކުޅުންތެރިން އެވާހަކަ ދައްކަން ފެށުމުންނެވެ.

"ހުރިހާ ކަމެއް ކުރަނީ އަހަރެން. އެހެން ހުއްޓާ ދޮންބިލެތް ހަޅޭއްލަވައިގަތީމާ މެނޭޖަރުކަން ރަސްމީކޮށްދިނީ"
ހާޝިމް ވިދާޅުވި އެވެ.

1997 ވަނަ އަހަރު ނިއުރޭޑިއަންޓް ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގެ ހުރިހާ ތައްޓެއް ހޯދިއިރު މެނޭޖަރަކީ ހާޝިމެވެ. އެކަމަކު އޭނާ ބުނީ އެންމެ އުފާވީ 1995 ވަނަ އަހަރުގެ ގައުމީ ތަށި ލިބުމުން ކަމަށެވެ.

"އެދުވަހު ދަނޑަށް ވަންއިރު ލިބުނީ ޝޮކެއް. ވެލެންސިއާއިން މުޅި ދަނޑު ތައްޔާރުކޮށްފައި އޮތް ވަރުން. އެމީހުން ތަށި މިލްކުކުރާ ފަހަރުވީމަ ވަރަށް ކުލަގަދަކޮށްފައި އޮތީ. އެދުވަހު ތަށިލިބިގެން އުފާވީ ވެސް މިސަބަބާހެދި. ދެން ސާފް ޗެމްޕިއަންޝިޕް (ގައުމީ ޓީމު) ހޯދުމުން އުފާވި. ރޮވުނު،"
ހާޝިމް ވިދާޅުވި އެވެ.
މުހައްމަދު ހާޝިމް ނިއުރޭޑިއަންޓް ޓީމާއެކު - ފޭސްބުކް

އޭނާ ބުނީ ވަރަށް ވަރުގަދަ ޓީމެއް އޮވެ ހުއްރިއްޔާ އަތުން 2000 ވަނަ އަހަރު އެފްއޭކަޕުގައި ނިއު ބަލިވި ދުވަހަކީ މިހާތަނަށް އެންމެ ދެރަވި ދުވަސް ކަމަށެވެ.

ހާޝިމް ނިއުގައި މަސައްކަތް ކުރީ އެކުލަބުގެ އެންމެ ކާމިޔާބު އަދި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިންނާއި ކޯޗުން ނިއުގައި ތިބި ދުވަސްވަރު އެވެ. ނަމަވެސް އޭނާ ބުނީ މޮޅު ކުޅުންތެރިން ގިނަޔަސް "އެމީހުންގެ ކަންކަން ހަމަޖައްސައިދިނީމާ ޓީމު މެނޭޖްކުރާކަށް އުނދަގުލެއްނޫން،" ކަމަށެވެ. އަދި "މައްޗަން ގޯޅީގައި އުޅެމުން ހެންވޭރަށް ގޮސް ބޯޅަތައް ހިފައިގެން ޕްރެކްޓިސް ކުރާތަނަށް ކޮންމެ ދުވަހަކު ދަނީ ކުލަބު ލޯބީގައި،" ކަމަށެވެ.

އޭނާގެ ނަޒަރުގައި ނިއު އަށް ގެނައި އެންމެ މޮޅު ކޯޗަކީ 95ގެ ގައުމީ ތަށި ހޯދައިދިން ކޯޗު ކެންމޯޓަން އެވެ. އެންމެ މޮޅު ކުޅުންތެރިއަކީ އެމެޗުގައި ދެ ގޯލު ޖެހީ ޕެޓްރިކް ޗިކާޔާ އެވެ. ކުލަބުގެ ހިންގެވުމުގައި އޭނާގެ އައިޑޮލް އަކީ ކުޑަމޫސަ އާއި ކުއީން އަހުމަދު ވަހީދާއި ހަސަން މަނިކެވެ.

އެހާރާއި މިހާރުގެ ފުޓްބޯޅައިގެ ހާލަތު އަޅާކިޔަން އެދުމުން އޭނާ ވިދާޅުވީ ހަމައެކަނި މައްސަލައަކީ ކުޅިބަލާނެ ބަޔަކު ނެތުން ކަމަށެވެ.

"މިހާރު ވެސް ކުޅުންތެރިންގެ ފެންވަރު ދަށެއްނޫން. މޮޅު. އެކަމަކު ފުޓްބޯޅަ ބަދަލުވެއްޖެ. އެކަމަކު ސަޕޯޓަރުން ތިބެގެން މެޗު ފޯރިގަދަ ކޮށްދެނީ"
އުމުރުން 60 އަހަރުގެ ހާޝިމް ވިދާޅުވި އެވެ.