ކެޕްޓަން ޗެތްރީ އަށް 38 އަހަރު، އަދިވެސް އެހާ މޮޅުތަ؟
ސުނިލް ޗެތްރީ
ކ. މާލެ |

އަދިވެސް ސުނިލް ޗެތްރީ ކުޅޭތަ؟ އޭނާ އެހާ މޮޅުތަ؟ އޭނާ އުމުރުން ކިހާ ދުވަހެއްވެއްޖެ؟ ހަށިގަނޑަށް ބަލާފައި ސާޅީހާ ގާތްކޮށްފާނެ ހެން ހިޔެއްވެސްނުވޭ! އަހަރުމެން ކީއް މިކުރަނީ؟. މިއީ ގަލޮޅު ދަނޑުގައި 2021 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އެކުވެރިއެއްގެ ފަރާތުން އަޅުގަނޑަށް ކުރިމަތިވި ސުވާލުތަކެކެވެ.

ޖަވާބަކީ އާނއެކެވެ. އުމުރުން 38 އަހަރުގެ ސުނިލް ޗެތްރީ އަދިވެސް ކުޅެ އެވެ. އިންޑިޔާގައި މާދަމާ ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް އޭނާ ނުކުންނަނީ ގަލޮޅު ދަނޑުގައި އުފުލާލި ތަށި އަލުން ދިފާއު ކުރުމަށެވެ. އެކަމަށްޓަކައި އިންޑިޔާ ޓީމުގައި އަދިވެސް އެންމެ ފިޓްކޮށް ހުރި ކުޅުންތެރިއަކީ ވެސް އޭނާ އެވެ.

އިންޑިޔާގެ ކޯޗު އިގޯ ސްޓިމަކް ބުނީ އުމުރުން ދޮށި ވިޔަސް އިންޑިޔާގެ އެންމެ ކާމިޔާބު ފޯވަޑް ޓީމުގައި ދެމިހުރީ ކޯޗާއި މެނޭޖްމަންޓާ އަދި ކުޅުންތެރިންގެ މެދުގައި މުއާމަލާތްކުރާ ލީޑަރެއްގެ ގޮތުގައި އެކަނި ނޫން ކަމަށެވެ.

އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތްރީ، ސާފް ޗެމްޕިއަންޝިޕް 2021ގެ ތަށި އުފުލާލަނީ - ގޫގުލް
"އޭނާ ދަނީ އެސެސްމަންޓްތަކުގައި ހުރިހާ ގޮތަކުން އަދިވެސް އެންމެ މޮޅީ އޭނާކަން ދައްކަމުން. އެންމެ ފަހުގެ ކޭމްޕްގައި އަހަރުމެން ފަސް ކަމަކަށް ބަލައިގެން ކުޅުންތެރިން ޓެސްޓްކުރިން. އެ ފަސް ކަންތަކުގައި ވެސް އެންމެ ކުރީގައި ވަނީ ޗެތްރީ. މިއީ ޓީމެއް ލީޑްކުރުމުގައި ދެއްކޭނެ އެންމެ ރަނގަޅު ނަމޫނާ. އޭނާގެ އުމުރާމެދު ވިސްނާނެ ކަމެއްނެތް،"
ކޯޗު ބުންޏެވެ.

މި އަހަރަކީ ޗެތްރީ މެދުނުކެނޑި ގައުމީ ޓީމަށް ކުޅޭ 18 ވަނަ އަހަރެވެ. އޭނާ ވަނީ 135 މެޗުން 86 ގޯލު ޖަހާދީފައެވެ. އަދިވެސް އޭނާގެ އަޒުމަކީ ގައުމަށްޓަކައި އަބަދުވެސް 100 ޕަސެންޓް ދިނުމެވެ.

"އަހަރެންގެ ގައުމަށް، ގައުމީ ޓީމަށް ކުޅެން އަހަރެން ލޯބިކުރަން. މިއީ އަހަރެން މޯޓިވޭޓްވާ މައިގަނޑު ސަބަބު. އަހަރެންނަށް އެނގޭ ގައުމީ ޓީމަށް ކުޅެން އަހަރެންގެ އުމުރުގައި މާގިނަ ދުވަހެއްނެތްކަން. އެކަމަކު ދަނޑުމަތީގައި އަހަރެން ހުންނަ ކޮންމެ ވަގުތެއްގައި ގައުމަށްޓަކައި ހުރިހާ ކަމެއް ކޮށްދޭން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އަހަރެން ހިފަން،"
ޗެތްރީ ބުންޏެވެ.
އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތްރީ - ގޫގުލް

ގައުމީ ޓީމަށް ކުޅޭ ކޮންމެ ކުޅުންތެރިއަކު ވެސް ގައުމީ ޖާޒީލާނަމަ ކުޅޭހިތުން ކުޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވެސް ޗެތްރީ ބުންޏެވެ. އޭނާ އެފަދައިން ކަންކުރަނީ އެހެން ކުޅުންތެރިންނަށް ނަމޫނާ ދެއްކުމަށެވެ.

"ގައުމީ ޓީމަށް ކޮންމެ ކުޅުންތެރިއަކު އަޔަސް ކެޕްޓަން ސުނިލް ޗެތްރީ އެކުޅުންތެރިންނަށް ނަމޫނާ މިސާލަކަށްވުމަކީ މުހިންމުކަމެއް. ދަނޑުމަތީގައި ކުޅުންތެރިއަކަށް ރަނގަޅު ދުވަހަކާއި ގޯސް ދުވަހެއް ވެސް އަތުވެދާނެ. އެކަމަކު ގައުމަށްޓަކައި އެމީހެއްގެ ބެސްޓްނުދޭނަމަ އެކަން ބަލައިނުގަނެވޭނެ. މިކަހަލަ ކަންކަމަކީ ޕްރެޝަރެއްގެ ގޮތުގައި އަހަރެން އަމިއްލަ އަށް ނަގާ ކަންކަން،"
ޗެތްރީ ބުންޏެވެ.
އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތްރީ - ގޫގުލް

ކޮންމެ ކުޅުންތެރިއަކު ވެސް އުމުރު މަތިވުމުން ކުޅުމާއި ދަނޑުން ބޭރުގައި އުޅޭއުޅުމާއި އާއްމު ދިރިއުޅުމުގައި ފަރުވާތެރިކަމާއެކު އުޅެންޖެހޭ ކަމަށް ވެސް ޗެތްރީ ބުންޏެވެ.

"އުމުރުން 20 އަހަރުގައި ވިސްނާނެ ބައިވަރު ކަންކަން ހުރެދާނެ. އެކަމަކު އުމުރުން 38 އަހަރުވުމުން ރަނގަޅަށް ކެއުމަށާއި، ކުރިން ނިދުމަށާއި ކަސްރަތަށް އިސްކަންދޭންޖެހޭނެ. ކުޅުންތެރިއްގެ އަތުން ޕާހެއް ނުވަތަ ގޯލަށް ޖަހަން ލިބޭ ކޮންމެ ފުރުސަތެއް ބޭނުން ނުކުރެވިދާނެ. ގޯސްކޮށް ގޯލަށް ބޯޅައެއް ވެސް ޖެހިދާނެ. އަދި ޓެކްނިކަލީ ގޯސް ކަމެއް ވެސް ކުރެވިދާނެ. އެކަމަކު ކުރިއަށް ދާންވާނެ. އެކަމަކު ކޮންމެ ކުޅުންތެރިއަކު ވެސް ގައުމަށްޓަކައި 100 ޕަސެންޓް ދިނުމަކީ މަޖުބޫރުކަމެއް. 38 އަހަރުގެ ކެޕްޓަން މިކަންކުރާނަމަ ދެންތިބި ކުޅުންތެރިން ވެސް މިކަން މަޖުބޫރުވާނެ،"
ޗެތްރީ ބުންޏެވެ.
އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތްރީ، ކުރީގެ ކެޕްޓަން ބުޓިއާ އަދި ވިޖެއަންއާއެކު - ގޫގުލް

އިންޑިޔާ ދެކެފައިވާ މޮޅު ކުޅުންތެރިންނާއެކު ކުޅެ، އެމީހުންގެ އެހީތެރިކަން ލިބުމަކީ ކެރިއަރު ބައްޓަންކޮށް ކުރިއަރުވަން ލިބުނު ބާރެއް ކަމަށް ވެސް ޗެތެރީ ބުންޏެވެ.

"އަހަރެންގެ ކެރިއަރުގެ ބޮޑުބައެއްގައި ވަރަށް ރަނގަޅު ކުޅުންތެރިންނާއެކު ކުޅެން ފުރުސަތު ލިބުނު. އެމީހުން އަހަރެން ދެކެ ލޯބިވި. ބައިޗުން ބުޓިއާ އާއި މަހޭޝް ގަވާލީ، ރެންޑީ ސިންގް، މަހޭޝް ސިންގް ފަދަ ކުޅުންތެރިން އަހަރެންނަށް އިތުބާރުކުރި. އެމީހުން އަހަރެން ގޯލު ޖަހަން އެހީތެރިވި،"
ޗެތްރީ ބުންޏެވެ.
އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތްރީ، އެހެން ކުޅުންތެރިއަކާ ވާހަކަ ދައްކަނީ - ގޫގުލް

މި އުސޫލުން އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް އެހީތެރުވުމަކީ އޭނާ ކުރަންޖެހޭ ކަމެއް ކަމަށް ވެސް ޗެތްރީ ބުންޏެވެ. މި ގޮތުން މިފަހަރުގެ ޓީމުގައި ހުރި އެންމެ ފާހަގަކޮށްލެވޭ ޒުވާން ކުޅުންތެރިޔާ ނައޮރެމް މަހޭޝް ސިންގަކީ ކުރިމަގުގެ ތަރިއެއްކަން ޗެތްރީ ފާހަގަކުރި އެވެ.

"އޭނާ އަކީ މޮޅުވާނެ ކުޅުންތެރިއެއް. އޭނާ އެދަނީ ޓީމުގައި ދުވަސްވީ ކުޅުންތެރިންނާ ވާދަކުރަމުން. އޭނާ އަކީ ހަލުވި، މެޗު ރީޑްކުރަން އެނގޭ ކުޅުންތެރިއެއް. ޒުވާން ކުޅުންތެރިންނަށް ހިތްވަރުދީ އެމީހުންނަށް ކުރިއަށްދެވޭނެ މަގު ދެއްކުމަކީ އަހަރެން ކުރަން ބޭނުންވާ ކަމެއް. ސަބަބަކީ އެމީހުންނަށް އޮތް ޕްރެޝަރު ފިލުވާލަން ވެސް ބޭނުންވާތީވެ،"
ޗެތްރީ ބުންޏެވެ.
އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތްރީ، ރާއްޖޭގެ ކީޕަރު އިމްރާން ގައިން ނައްޓާލަނީ - ގޫގުލް

މިދިޔަ 18 އަހަރުގައި ޗެތްރީ ވަނީ އިންޑިޔާގެ ފުޓްބޯޅައިގެ ގިނަ މަގާމުތަކެއް ހޯދައިފަ އެވެ. އަޅުގަނޑާއި ޗެތްރީ އެންމެ ފުރަތަމަ ބައްދަލުވީ 2008 ވަނަ އަހަރު ދިވެހިރާއްޖޭގައި އޮތް ސާފް ޗެމްޕިއަންޝިޕުގަ އެވެ. އާޓިފިޝަލް ބީޗްގައި ހުރެ ވާހަކަ ދައްކަމުން އެފަހަރު އޭނާ ބުނީ ބޭނުންވަނީ ބައިޗުން ބުޓިޔާ ނަމޫނާއަކަށް ބަލައިގެން އެހާމޮޅު ފޯވަޑަކަށް ވާން ކަމަށެވެ. އޭގެ 13 އަހަރު ފަހުން ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް އިންޑިޔާ ކާމިޔާބު ކުރީ ޗެތްރީގެ މޮޅު ކުޅުމާއެކުގަ އެވެ. އެ މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ވެސް އޭނާ އެވެ. މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ. މިއީ އޭނާ ސާފް ޗެމްޕިއަންޝިޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ޗެތްރީ ހޯދި ތިން ވަނަ ފަހަރެވެ. ރަންބޫޓު ހޯދި ދެ ވަނަ ފަހަރެވެ. ފަސް މުބާރާތުގައި ކުޅެ ތަށި ހޯދި ތިން ވަނަ ފަހަރެވެ. މި ތަފާސް ހިސާބު ކިޔައިދިނުމުން އަޅުގަނޑުގެ ރަހުމަތްތެރިޔާ ބޯޖަހާލާފައި ބުނީ "އެހެންވީމާ އޭނާ ތަފާތު މޮޅު ދޯ،" އެވެ.