އިޓަލީގެ އިތުރުން ދުނިޔޭގައި ވެސް އެންމެ ކާމިޔާބު އެއް ފުޓްބޯޅަ ކުލަބަކީ އޭސީ މިލާނެވެ. އެކުލަބުގެ އެންމެ ކާމިޔާބު ރައީސަކީ އިޓަލީގެ ކުރީގެ ބޮޑު ވަޒީރު ސިލްވިއޯ ބާލުސްކޯނީ އެވެ. އުމުރުފުޅުން 86 އަހަރުގައި އިއްޔެ އޭނާ ނިޔާވުމާއެކު މިލާނަށް ވަނީ މަޑުމޮޅިކަމާއި ހިތާމަވެރިވެފަ އެވެ. އޭސީމިލާނުން ނެރުނު ތައުޒިޔާގެ މެސެޖުގައި ބުނެފައިވަނީ އެއީ "ހިތުން ނުފިލާނެ" ރައީސް ކަމަށެވެ.
ސިޔާސީ ގޮތުން ބާރުގަދަ އަދި މީޑިއާ ކޮންޓްރޯލްކުރެއްވި ނުފޫޒުގަދަ ވިޔަވާރިވެރިޔާ ބާލުސްކޯނީ އޭނާ އުފަންވި ޝަހަރުކަމަށްވާ މިލާނަށް ނިސްބަތްވާ އޭސީ މިލާން ބައްލަވައިގަތީ 1986ގަ އެވެ. އެއިރު މިލާނަކީ އިޓާލިއަން ލީގުގައި މެދުފަންތީގެ ޓީމެކެވެ. އެކަމަކު އޭނާގެ ހިކުމަތްތެރިކަމާއެކު މުޅި ޓީމު ބަދަލުކޮށް، ޔޫރަޕާއި އިޓަލީގެ އެންމެ ކާމިޔާބު އެއް ޓީމަށް މިލާން ބަދަލުކޮށްލީ ހަލުވި ސްޕީޑެއްގަ އެވެ.
އޭސީ މިލާނުގެ ތާރީހުގައި އެކުލަބުން ހޯދާފައިވަނީ 51 ތައްޓެވެ. މީގެ ތެރެއިން ބާލުސްކޯނީގެ ވެރިކަމުގައި ވަނީ 29 ތައްޓެއް ކާމިޔާބުކޮށްފަ އެވެ. މީގެ ތެރޭގައި ފަސް ފަހަރު ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގު ހޯދުން ވެސް ހިމެނެ އެވެ. މިކަންކަމާހުރެ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ވަނީ ބާލުސްކޯނީ ވަރުގަދަ ތަސައްވުރެއްގެ ވެރިއެއް ކަމަށް ސިފަކުރައްވައި ތައުރީފް ކުރައްވާފަ އެވެ.
ސިޔާސީ ގޮތުން އޭނާގެ ބާރުތައް ނިކަމެތިވާން ފެށުމާވެސް އެކު ވިޔަފާރީގެ ވިސްނުމެއްގެ ތެރެއިން ބާލުސްކޯނީ އޭސީ މިލާން ވިއްކާލީ 2017 ވަނަ އަހަރު އެވެ. ގާތްގަނޑަކަށް ހަތް ބިލިއަން ޔޫރޯ މިލްކިއްޔާތުގައި ހުރި، ބާލުސްކޯނީ އަތުން ޗައިނާގެ ވިޔަފާރިވެރިން މިލާން ގަތީ 740 މިލިއަން ޔޫރޯ އަށެވެ. މި ބަދަލަށްފަހު ބާލުސްކޯނީ "އައު އޭސީ މިލާނެއް"ގެ އުއްމީދުގައި ފުޓްބޯޅައިގެ ތެރެއަށް ވަނީ 2018 ވަނަ އަހަރު އެވެ. އޭނާ ގަތީ މިލާނަށް ނިސްބަތްވާ ކުޑަކުޑަ ފުޓްބޯޅަ ޓީމެއް ކަމަށްވާ މޮންޒާ އެވެ. އޭސީމިލާނެކޭ އެއްގޮތަށް މޮންޒާގެ ކުލައަކީ ވެސް ރަތްކުލަ އެވެ.
މި ކުލަބު އިޓަލީގެ ވަރުގަދަ ބާރަކަށް ހެދުމުގެ އުއްމީދުގައި ކުލަބު ހިންގަން ހަވާލުކުރީ އޭސީމިލާނުގައި ވެސް އޭނާގެ ރައިޓް ހޭންޑްގެ ގޮތުގައި ހުރި އެޑްރިއާނޯ ގަލިއާނީއާ އެވެ. މޮންޒާއާއެކު ތިން ވަނަ ޑިވިޝަނުން ފެށި ދަތުރުގައި 110 އަހަރުވީ ކުލަބު ތިން އަހަރު ތެރޭގައި އިޓާލީއަން ސީރިއާގެ އަށް ޕްރޮމޯޓްކުރި އެވެ. އެކުލަބުން ނިމިދިޔަ ސީޒަން ނިންމާލީ 52 ޕޮއިންޓާއެކު އިޓާލިއަން ލީގުގެ 11 ވަނާގަ އެވެ. މިއީ އޭސީ މިލާނަށްވުރެ 18 ޕޮއިންޓް މަދު އަދަދެކެވެ.
ބާލުސްކޯނީ މަރުވުމުން މޮންޒާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ބާލުސްކޯނީ ނެތުމަކީ ފޫނުބެދޭނެހާ ބޮޑު ހުސްކަމެއް ކަމަށެވެ.
އޭސީ މިލާނުގެ އެންމެ ކާމިޔާބު ދުވަސްވަރަކީ ބާލުސްކޯނީގެ ދުވަސްވަރުކަމާމެދު ޝައްކެއްނެތެވެ. އެކުލަބުގެ އެންމެ ކާމިޔާބު ކޯޗަކީ ރެއާލް މެޑްރިޑްގެ މިހާރުގެ ކޯޗު ކާލޯ އެންޗެލޯޓީ އެވެ.
"މިއަދުގެ ހިތާމަވެރިކަމަކީ އެކުގައި ހޭދަކުރި އުފާވެރި ދުވަސްތައް ފޮހެނިގެންދާނެ ކަމެއްނޫން. ރައީސަށްޓަކައި އޮތް އިހްތިރާމާއި ލޯބި ބަދަލެއްނުވާނެ. އޭނާގެ ޝަހުސިއްޔަތާއި، ކެރުމާއި، އިހްލާސްތެރިކަމާއި، ހިކުމަތްތެރިކަމަކީ ފުޓްބޯޅައިން ކާމިޔާބު ލިބުމުގެ މުހިންމު ސިފަތަކެއް. އަބަދުވެސް އޭނާގެ މަތިން ހަނދާންކުރެވޭނެ،"އެންޗްލޯޓީ ބުންޏެވެ.
އޭސީމިލާނާ އެންމެ ވާދަވެރި ކުލަބަކީ މިލާނަށް ނިސްބަތްވާ އިންޓަމިލާނެވެ. ބާލުސްކޯނީގެ ވަކިވެދިއުމުގެ ހިތާމައިގައި އިންޓަ ވެސް ބައިވެރިވި އެވެ. އެކުލަބުން ބުނީ ބާލުސްކޯނީ އަކީ އިޓަލީގެ ތާރީހުގައި ވަރަށް މުހިންމު ފާހަގަ ކުރެވޭ ކަންތައްތަކެއް މާޒީ އަށް ދޫކޮށްލި ޝަހުސިއްޔަތެއް ކަމަށެވެ. އަދި އޭނާގެ ވެރިކަމުގައި އޭސީ މިލާނާއި އިންޓަމިލާނުގެ ވާދަވެރިކަމުގެ ތެރެއިން އުފެދިގެން އިޓަލީގެ މިލާން ސިޓީ ވެގެންދިޔައީ ފުޓްބޯޅައިގެ ހިތް ކަމުގަ އެވެ.
އޭނާގެ ސިޔާސީ ކެރިއަރާއި ވިޔަފާރި އާއި އެނޫން ކަންކަމަށްވުރެ ފުޓްބޯޅައިން ހޯދި ކާމިޔާބީ މާފުރިހަމަވެފައި ޗާލެވެ. އާއްމުންނަށް އޭނާގެ މޫނުމަތި ރީތިކޮށްދިން ލޯގަނޑަކީ ވެސް އޭސީމިލާނުގެ ކާމިޔާބު ފުޓްބޯޅަ ޓީމެވެ. މިލާނުގެ އެންމެ ކާމިޔާބު އެއް ކެޕްޓަން ޕައުލޯ މަޑްޑިނީ ވެސް ބުނީ އޭނާ ފަދަ ދެވަނަ ރައީސެއްނުވާނެ ކަމަށެވެ.