ފެށީ ބައްތެލިން، މިހާރު ބަންނަނީ އެންމެ ބޮޑެތި ސަފާރީ
އަބުދުއްރަހުމާން ޔޫސުފް
ކ. މާލެ |

ޔުނިވަރސަލްއިން 2000 ވަނަ އަހަރު 10 ބައްތެލި ބަންނަން ހުޅުވާލުމުން އެކަމަށް އެދި ކުރިމަތިލިއެވެ. ނަސީބު ވަރަށް ރަނގަޅެވެ. އޭގެތެރެއިން ފަސް ބައްތެލި ބަންނަން ފުރުޞަތު ލިބި އަހަރެއްގެ ތެރޭގައި ނިންމާ ހަވާލުކުރިއެވެ. ނިންމާ ހަވާލުކުރިތާ ގިނަ ދުވަސްތަކެއްނުވެ ދެން ފުރުޞަތު ލިބުނީ ޔުނިވަރސަލްގެ ދޯނިތަކެއް މަރާމާތުކުރުމުގެ ފުރުޞަތެވެ. އެކަންވެސް ކޮށްނިންމާލިއިރު ހުރީ ހަމަ ރަނގަޅަށްވެސް މަސައްކަތުގައި ކުރިއަށްދެވޭނެކަމުގެ އިތުބާރު ލިބިފައެވެ. މިއީ ރ.އަލިފުށި ރީފް އަބުދުއްރަހުމާން ޔޫސުފް (އަދުރޭ) ކިއްސަރު ވަޑާމުގެ ތެރެއަށް ވަން ހިސާބެވެ.

ސަފާރީގައި މުވައްޒަފުން މަސައްކަތްކުރަމުންދާއިރި އަދުރޭ ބަލަހައްޓައިގެން

އޭގެކުރިން މަސައްކަތްކުރީ ފަތުރުވެރިކަމުގެ ދާއިރާގައެވެ. ބައްތެލި ބަންނަން ފުރުޞަތު ލިބުނީ ޗުއްޓީއެއްގައި ރަށަށްގޮސް ހުރި ވަގުތެއްގައި, ރަށުގައި ހުރެވޭނެ ގޮތަކާމެދު ވިސްނުމަށް އަންހެނުން އޭނާ ކައިރިން އެދިފައިވަނިކޮށެވެ. އެފަދަ ފުރުޞަތަކަށް ފެނުނީ ކިއްސަރު ވަޑާމްގެ ތެރެއަށް ވަނުމެވެ. އެއީ ކުރިންވެސް ޝައުޤާ ގުޅިފައިވާ މަސައްކަތަކަށްވެސް ވާތީއެވެ.

ފުރަތަމަ މަސައްކަތާ ޖެހިލުމެއް ނެތި ކުރިމަތިލިޔަސް ގޮންޖެހުންތަކެއްވެސް ހުއްޓެވެ. އެއީ އަތްމަތީގައި އެވަރުގެ ތަނަވަސްކަމެއް ނެތުމާވެސްއެކު މުވައްޒަފުން ގެންގުޅޭނެ ގޮތުގެ ގޮންޖެހުންތަކެވެ. ފަނަރަ ވަރަކަށް ދިވެހިންނާއެކު އެމަސައްކަތްތައް ކޮށް ނިންމާލިފަހުން އަބަދުވެސް މަސައްކަތް ލިބެއެވެ. ފަހަރަކު އޮޑިއެއް ނިންމަމުން ގޮސް އަމިއްލަ ނަފްސަށް އޮތް އިތުބާރާ އެއްވަރުގެ އިތުބާރެއް މަސައްކަތް ހަވާލުކުރާ ފަރާތްތަކުން އޭނާއަށް ކުރިއެވެ. އެކަމަކު އޭރުވެސް މަސައްކަތް ކުރަމުން ދިޔައީ މިނިވަން ކޮންޓްރެކްޓަރެއްގެ ގޮތުގައެވެ. މަސައްކަތްކުރަމުން ދިޔައީ އުފަން ރަށް, ކިއްސަރު ވަޑާމުގެ އެއްވަނަ އަލިފުށީގައެވެ.

ކާށިދޫގައި ބަންނަމުންދާ ސަފާރީގެ އެންމެ މައްޗަށް އަރަނީ

މަސައްކަތުގައި ދެން އައީ ކިއްސަރު ވަޑާމުގެ ތެރެއަށް ވަންނަން ޖެހުނު މައިގަނޑު ސަބަބު ނެތިދިއުމެވެ. އެއީ އަނެއްކާވެސް ރަށުން ބޭރަށް ދާން ޖެހުމެވެ. ކިއްސަރު ވަޑާން ރަށްތަކުގައި މަދުވެ, އަލިފުށްޓަށް ގެންގޮސްގެން ކުރަންޖެހޭ މަސައްކަތްތައްވެސް މަދުވުމާއެކު މުވައްޒަފުންނަށް ރަނގަޅު ގޮތް ހޯދއިދޭން ރަށުން ބޭރަށްދާން ޖެހުނީއެވެ. އޭގެފަހުން މަސައްކަތް ކުރަމުން ދަނީ ރަށާއި, ރަށުން ބޭރުގައެވެ. މިއަދު ތިން ރަށެއްގައި އެއްފަހަރާ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އެކަމަކު މިހާރު އަދުރޭ ބަންނަނީ ބައްތެއްޔެއްނޫނެވެ. މިލިއަން ޑޮލަރުގެ ބޮޑެތި ސަފާރީތަކެވެ.

މަސައްކަތްކުރަމުން އައިސް 2006 ގައި އަޅުގަނޑާ ދިމާވަނީ ދިވެހި ވިއުގަގެ އައްބި ކިޔާމީހަކާ. ރަށްޓެއްސެއްގެ ފަރާތުން ދިމާވީ. އޭނައާ ބައްދަލުކުރީމަ ބުނީ ބޯޓެއް ބަންނަން ބޭނުމޭ. މުދާ އުފުލާ ދޯންޏެއް ބަންނަން ރެޑީވެ ގޮސް, އެބަދަލުވަމުން އައިސް ސަފާރީއަކަށް ބަދަލުވީ. އެހިސާބުން ސަފާރީ ބަންނަން ފެށުނީ.
އަބުދުއްރަހުމާން ޔޫސުފް (އަދުރޭ)

އެސަފާރީ ފުރަތަމަ ފެށީ ސަތޭކަ ދިހަ ފޫޓަށެވެ. އެކަމަކު ބަދަލުތައް ގެންނަންމުން ގޮސް ނިމުނީ ސަތޭކަ ފަނަރަ ފޫޓްގެ ސަފާރީއެކެވެ. ސަފާރީގެ ހުރިހާ މަސައްކަތެއް އަލިފުށީގައި ކޮށް ނިންމާ, އެސަފާރީގައި "އާކްރޯޔަލް" ކަނޑުމަތީގައިވެސް އަހަރެއްހާ ދުވަސް ހޭދަކުރިއެވެ. އެކަމަކު އެމުއްދަތުގައިވެސް އެހެން މީހެއްގެ ދޯންޏެއް ބަނެވެ. ނަމަވެސް އެމުއްދަތުގެ ތެރޭގައި ކުދި ދޯނި ފަހަރަށްވުރެ ބޮޑެތި ދޯނިފަހަރަށް ޝައުޤުވެރިކަން ބޮޑުވިއެވެ. އެކަމަކު ކަނޑުމަތީގައި ހޭދަކުރި އަހަރެއްހާ ދުވަހަށްފަހު އެނބުރި އައިސް ސަފާރީ ބަނުމުގައި އުޅެން ކޮންމެސްވަރެއްގެ ފަސްޖެހުމެއް އައެވެ. އެއީ ސަފާރީއެއް ނިންމުމަށް ނަގާ ދިގު މުއްދަތުގެ ސަބަބުންނެވެ. ނަތީޖާއަކީ އަލުން ކުދިދޯނި ފަހަރަށް މިސްރާބުޖެހުމެވެ.

އަދުރޭ ކާށިދޫގައި ބަންނަމުންދާ ސަފާރީގެ މަސައްކަތުގައި

އެވިސްނުން ބަދަލުވެ އަލުން ސަފާރީ ބަންނަން ފެށީ 2013 ވަނަ އަހަރު ބޮޑު ސަފާރީއެއް ބަންނަން ލިބުނު ފުރުޞަތާއެކުއެވެ. އެއީ ތިން މިލިއަން ޑޮލަރުގެ 151 ފޫޓްގެ ސަފާރީއެކެވެ. ވީސީސީގެ އެސަފާރީގެ މަސައްކަތް ކުރަމުން ދަނީ ވ.ރަކީދޫގައެވެ. ރަކީދޫގައި ސަފާރީގެ މަސައްކަތް ފެށިތާ ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ވީއޭއެމްކޯގެ ސަފާރީއެއް ބަނުމުގެ ފުރުޞަތު ލިބުނެވެ. 135 ފޫޓްގެ އެސަފާރީ ބަންނަމުން ދަނީ އަލިފުށީގައެވެ. އެއީވެސް ތިން މިލިއަން ޑޮލަރުގެ ސަފާރީއެކެވެ. އަލިފުށީގައި އެސަފާރީގެ މަސައްކަތް ފެށިތާ އަށް މަސް ތެރޭގައި ދެން ފުރުޞަތު ލިބުނީ އެފް.ޑަބުލިޔު ކޮންސްޓްރަކްޝަންގެ ސަފާރީއެއް ބަނުމަށެވެ. އެސަފާރީގެ މަސައްކަތް ކުރަމުންދަނީ ކ.ކާށިދޫގެވެ. 3.4 މިލިއަން ޑޮލަރުގެ ސަފާރީއަކީ 147 ފޫޓްގެ ސަފާރީއެކެވެ.

މިއަދާ ހަމައަށް އައިއިރު އިރާދަކުރެއްވިއްޔާ ރާއްޖޭގައި ހަމަ އެންމެބޮޑެތި ސަފާރީ އަޅުގަނޑު ބަންނަމުން މިދަނީ, ހަމަ އެއްވެސް ޖެހިލުމެއްނެތި ސަތޭކަޕަސަންޓް ދިވެހިންނާއެކު.
އަބުދުއްރަހުމާން ޔޫސުފް (އަދުރޭ)

މަސައްކަތުގައި އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އިތުބާރާއެކު, ދިވެހި މުއްޒަފުން ގޮވައިގެން މަސައްކަތް ކުރުމެވެ. ކާށިދުއާއި, އަލިފުށީގައި މަސައްކަތްކުރަމުން ދަނީ ސައްތައިން ސައްތަ ދިވެހި މުވައްޒަފުންނެވެ. ރަކީދޫގައި ވަޑާމުގެ ހުރިހާ މަސައްކަތެއް ކުރަމުންދަނީ ސައްތައިން ސައްތަ ދިވެހިންނެވެ. އެކަން އަދުރޭ ފާހަގަކުރީ ފަޚުރުވެރިކަމާއެކުއެވެ. ދިވެހިން ލިބުމާއި, ގެންގުޅުމުގައި އުނދަގޫތައް ކުރިމަތިނުވާކަންވެސް އޭނާ ފާހަގަކުރިއެވެ. މިއަދުވެސް އުފަން ރަށް އަލިފުށްޓަށް މުވައްޒަފުންގެ މުސާރައިގެ ގޮތުގައި މަހެއްގެ މައްޗަށް ހަތްލައްކައެއްހާ ރުފިޔާ ދަނީ ވައްދަމުންނެވެ. އޭނާގެ މުވައްޒަފުންގެ ގޮތުގައި ފަސްދޮޅަހަކަށް މީހުން މަސައްކަތް ކުރެއެވެ. މިއީ މަސައްކަތުގެ ވަރަށްބޮޑު ކާމިޔާބީއެއްކަމަށް އަދުރޭ ދެކެއެވެ.

އަދުރޭ އޭނާގެ ދަރިފުޅާއެކު ރަކީދޫގައި ބަންނަމުންދާ ސަފާރީގައި

މިދިޔަ މުއްދަތުގައި މަސައްކަތުގައި ކުރިމަތިވި އެންމެބޮޑު ގޮންޖެހުމަކީ ކޮވިޑެވެ. އެގޮންޖެހުންތަކުން އަރައިގަތުމުގައި ބޮޑެތި ހުރަސްތައް ކުރިމަތިވިނަމަވެސް މަސައްކަތުގައި ފަސްބެލުމެއް ނެތި ކުރިއަށް ދަނީ އާއިލާގެ އެހީތެރިކަމާއެކުއެވެ. މަސައްކަތުގެ ތެރޭގައި ދަރިން ބައިވެރިކޮށްގެންނެވެ. އަމިއްލަ ނަފްސަށް އިތުބާރުކޮށް, މީހުންގެ އިތުބާރު ހޯދައިގެންނެވެ. އޭނާގެ ބަހުންނަމަ ބޭނުންވަނީވެސް އިތުބާރު ލިބިގެން އިތުބާރާއެކު ކުރިއަށް ދާށެވެ.