ޒުވާން ދަނޑުވެރިޔާ ނިހާންގެ އުއްމީދަކީ، ސްމާޓް ފާމިންގ ގެ ނަފާ ތޮއްޑޫ ހުރިހާ ދަނޑުވެރިންނަށް ހޯދައިދިނުން
އަބްދުﷲ ނިހާން
ކ. މާލެ |

އއ. ތޮއްޑޫ ކޮންމެ މީހަކީ ދަނޑުވެރިއެކެވެ. ދަނޑުވެރިއެއްގެ ދަރިއެކެވެ. ދަނޑުވެރި އާއިލާއަކަށް ނިސްބަތްވާ މީހެކެވެ. މިއިން ކޮންމެވެސް ސިފައެއްގައި ދަނޑުވެރިއަކަށް ވުމަކީ ތޮއްޑޫ ރައްޔިތަކަށް ވުމުގެ ސިފައެކެވެ. ކޮންމެ ގެއަކަށް ނިސްބަތްވާ ކޮންމެ ކުއްޖަކުވެސް ބޮޑުވެގެން އަންނަނީ ދަނޑުވެރިކަމުގެ ވާހަކަތައް އިވި, ދަނޑުވެރިކަމުގައި ބޭނުންކުރާ އާލާތްތައް ފެނި, ދަނޑުބިންތަކަށް ގޮސް، ދަނޑުވެރިކަމުގެ ނަފާ ލިބިގެންނެވެ.

ނިހާން އޭނާގެ ފާގަ ދަނޑުގައި

މިހާރު އުމުރުން 35 އަހަރުގެ އަބްދުﷲ ނިހާނަށްވެސް މެދުވެރިވީ އެހާލަތެވެ. އެންމެ ކުޑައިރުން ފެށިގެން ބައްޕަމެންނާއެކު ދަނޑުބިންތަކަށް ދިޔައެވެ. އާއިލީ ދަނޑުވެރިކަމުގައި އެހީވިއެވެ. ސްކޫލް ކިޔެވުން ނިމުމުން އާއިލާ މެންބަރުންނާއެކު ދަނޑުބިންތަކަށް ގޮސް ދަނޑުވެރިކަމުގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވިއެވެ. ސްކޫލް ދައުރު ނިމުނުއިރު ހުރީ ހަމަ ރަނގަޅަށްވެސް އެމަސައްކަތަށް ޝައުޤުވެރިކަން އުފެދި, ލޯބި ޖެހިފައެވެ. މިއީ ނިހާން އޭނާގެ ދަނޑުވެރިކަމުގެ ފެށުން ކުރުގޮތަކަށް ކިޔައިދިން ގޮތެވެ.

އެކަމަކު ސްކޫލް ދައުރު ނިންމުމަށްފަހު އޭނާ ފުރަތަމަ ވަޒީފާ އަދާކުރީ މާލޭގައެވެ. ރަށުގައި ދިރިއުޅެން ބޭނުންވުމާއި, ދަނޑުވެރިކަމަށް އޮތް ޝައުގުވެރިކަމާއެކު، މީގެ ދިހަވަރަކަށް އަހަރު ކުރިން އެނބުރި ރަށަށް ބަދަލުވެ އަމިއްލައަށް ދަނޑުވެރިކަން ފެށީ އެ މަސައްކަތުން ރަނގަޅު އާމްދަނީއެއް ހޯދައިގެން ދިރިއުޅެވޭނެކަމުގެ ޔަގީންކަން އޮވެގެންނެވެ. އެންމެ ލޯބިވާ، އެންމެ ޝައުގުވެރިވާ މަސައްކަތް އަމިއްލައަށް ފެށިއިރު އޭނާގެ އުމުރުން ވިއްސަކަށް ބާވީހަކަށް އަހަރެވެ. ޒުވާން ދަނޑުވެރިއެއްގެ ގޮތުގައި މިއަދު މަސައްކަތް ކުރަމުން އެދަނީ އާއިލާގެ ފަސް ބެއިން އެކުގައެވެ. ނިހާނާއި އޭނާގެ އާއިލީ ދަނޑުވެރިކަމުގައި މިހާރު އޮތީ އެހެން ތަސައްވުރަކާއި އުއްމީދެކެވެ.

ނިހާން ސްމާޓް ފާމިންގ މަސައްކަތް ކުރާގޮތް ކިޔައިދެނީ

ޓީނޭޖް ކިރިޔާ ފަހަނަ އެޅުމާއެކު ފުރަތަމަ ދަނޑުވެރިކަން ކުރަންފެށީ އެމަސައްކަތް އަބަދުވެސް ކުރަމުން އަންނަ ގޮތަށެވެ. އެކަމަކު ދަނޑުވެރިކަމުގެ ނަފާ އިތުރުކުރަން ޒަމާނީ ބަދަލުތަކާއެކު ސްމާޓް ފާމިންގއަށް ބަދަލުވާންޖެހޭކަން އޭނާ ގަބޫލުކުރިއެވެ. މިހާރު އޭނާގެ މަސައްކަތަކީ ސްމާޓް ފާމިންގއަށް ބަދަލުކޮށް ނަތީޖާ ނެރުމެވެ. އެމަސައްކަތް އަމަލީގޮތުން ފެށިނަމަވެސް، ހާސިލްކުރަން ބޭނުންވާ އުއްމީދު އަދި އޮތީ ތަންކޮޅެއް ދުރުގައެވެ.

ތޮއްޑޫގައި މިހާރު ބަލިތައް އިތުރުވާތީ ޒަމާނީ ދަނޑުވެރިކަމެއް ކުރަން އުނދަގޫވިޔަސް، ނަތީޖާ ނެރުމަށް އޭނާއަށް އުއްމީދާއި ޔަގީންކަން އެބައޮތެވެ. ނިހާން މިހާރު ކުރަމުންދާ މަސައްކަތަކީ ސްމާޓް ގޮތަކަށް ފަރޓިލޭޝަން ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމެވެ. އެމަސައްކަތުގައި ދަނޑު ބިމުގެ ވަކި ސަރަހައްދެއްގައި ކުކުޅު ގެންގުޅެއެވެ. އެބިމުން ނަގާ ވެލި ދަނޑުވެރިކަމުގައި ބޭނުންކުރެއެވެ. އެމަސައްކަތުގެ ތެރެއިން ކުކުޅު ބިސް އެކަށީގެންވާ މިންވަރަކަށް ލިބެއެވެ. މިވަގުތު ނިހާންގެ ފާމްގައި 50 ކުކުޅު ގެންގުޅެއެވެ. އާއްމުގޮތެއްގައި ކޮންމެ ކުކުޅެއްވެސް ދުވާލަކު ބިހެއް އަޅައެވެ. މިއީވެސް ނިހާނާއި އޭނާގެ އާއިލާގެ އާމްދަނީއާ ގުޅިފައިވާ މަސައްކަތެކެވެ.

ދަނޑުވެރިކަމުން ހާސިލްކުރަން ބޭނުންވަނީ، ސްމާޓް ފާމިންގއަކީ ތޮއްޑޫގެ ހުރިހާ ދަނޑުވެރިންނަށް ކުރަން އެނގޭ ކަމަކަށްވެ، މީގެ ނަފާ ލިބުން.
އަބްދުﷲ ނިހާން/ ތޮއްޑޫ ދަނޑުވެރިއެއް

ނިހާން އިސްވެ ހުރެ, އޭނާގެ އާއިލީ މެންބަރުންނާއެކު ކުރާ ދަނޑުވެރިކަމުގައި މިވަގުތު ބޮޑު ސަމާލުކަމެއް ދީފައިވަނީ ފާގައަށެވެ. މީގެއިތުރުން ފަޅޯވެސް ހައްދައެވެ. މަސައްކަތްކުރަނީ 300 ފޫޓް 100 ފޫޓްގެ ދެ ބިމުގައެވެ. ނިހާން ބުނީ، ދަނޑުބިންތަކަކީ ވަރަށް ފަރިތަ ބިންތަކެއް ކަމަށެވެ. ނިހާނަކީ ހަމައެކަނި ދަނޑުވެރިއެއްވެސް ނޫނެވެ. އޭނާއަކީ ވިޔަފާރިވެރިއެއްވެސް މެއެވެ.

ނިހާންގެ އޭނާގެ ކުކުޅު ފާމްގައި ކުކުޅުތަކަށް ކާންދެނީ

ގެސްޓްހައުސްއަކާއި, ކެފޭއެއް ރަށުގައި ހިންގައެވެ. އެކަމަކު ދަނޑުވެރިކަން ޚާއްސައެވެ. އޭނާ ބުނީ އެހެން ވިޔަފާރިތައް ކުރިޔަސް ދަނޑުވެރިކަން ކުރާހިތްވާކަމަށާއި, ދަނޑުވެރިކަމަކީ އަސްލު "ޕެޝަނެއް" ކަމަށެވެ. ދަނޑުވެރިކަމަކީ އެކަށީގެންވާ ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތެއްކަންވެސް އޭނާ ފާހަގަކުރިއެވެ. ރާއްޖޭގެ ފުރަތަމަ ކައުންސިލް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަންވެސް ކުރާ ނިހާންގެ ވިސްނުމާއި ތަސައްވަރު އޮތީ މުޅި ތޮއްޑުއަށެވެ.