ބެންޒެމާ: ރޮނާލްޑޯ އާއި ނުލައި މާމޮޅު ކުޅުންތެރިއެއް
ކްރީމް ބެންޒެމާ
ކ. މާލެ |

އުމުރުން 21 އަހަރުގައި ރެއާލް މެޑްރިޑާ ގުޅުނު ފޯވަޑް ކަރީމް ބެންޒެމާ 14 އަހަރަށް ފަހު އިއްޔެ ކުލަބާ ވަކިވީ އެކުލަބުގެ އެންމެ ބޮޑު އެއް ލެޖެންޑްގެ ގޮތުގަ އެވެ. ތަފާތު މައްސަލަތަކުގެ ތެރެއިން ފްރާންސްގެ މާވަރުގަދަ ލެޖެންޑަކަށް ނުވިޔަސް އޭނާ ރެއާލް ދޫކޮށްލުމާއެކު އެކުލަބުގެ ފޯވަޑްލައިނުގައި އުފެދިފައިވަނީ ފޫބައްދަން އުނދަގޫ ބޮޑު ބާގަނޑެކެވެ. ބެންޒެމާ ރެއާލްގައި ޖެހި ގޯލުތަކާއި ދެއްކި ހިތްވަރާއި ކުޅުނު މޮޅު ކުޅުމަކީ އެ މަގާމު ފުރަން އަންނަ ކޮންމެ ކުޅުންތެރިއަކަށް ވެސް އޮތް ބެންޗްމާކެކެވެ.

ރޮނާލްޑޯ ނުލައި މާމޮޅު:

އުމުރުން 35 އަހަރުގެ ބެންޒެމާ ވަނީ ރެއާލް މެޑްރިޑްގައި ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. ހަތަރު ފަހަރު ސްޕެނިޝް ލީގް ކާމިޔާބުކުރި އެވެ. 2022 ވަނަ އަހަރުގެ ބެލޮންޑީއޯ އެވޯޑް ހޯދި އެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ފަހު 353 ގޯލާއެކު ރެއާލްގެ ރެއާލްގެ ތާރީހުގައި ކުލަބަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ވެސް އޭނާ އެވެ.

ރޮނާލްޑޯ އާއި އެހެން ކުޅުންތެރިން އެވޯޑްތައް ދައްކާލާއިރު ކަރީމް ބެންޒެމާ ފަހަތުގައި - ގޫގުލް

އޭނާގެ ޖެހި މި ގޯލުތަކުގައި ރޮނާލްޑޯއާއެކު ކުޅުނު ދުވަސްތަކުގައި ޖެހި ގޯލުތަކާއި ރޮނާލްޑޯ ނެތި ޖެހި ގޯލުތައް އުޑާބިމާހާ ތަފާތެވެ. ރޮނާލްޑޯ 2018 ވަނަ އަހަރު ރެއާލް ދޫކޮށްދިޔަ ފަހުން ބެންޒެމާ ވަނީ ކޮންމެ ސީޒަނެއްގައި އެވްރެޖްކޮށް 32.2 ގޯލު ޖަހައިފަ އެވެ. ރޮނާލްޑޯގެ މަދަދުގާރަކަށްހުރެ އޭނާ އަށް ޖެހުނީ ސީޒަނަކަށް 21.3 ގޯލެވެ. މިހެންވެ ރެއާލް ރޮނާލްޑޯ ނުލައި ބެންޒެމާ އަކީ ހުރިހާ ގޮތަކުން ވެސް ގޯލާ ރައްޓެހި ފޯވަޑެކެވެ.

ބެންޒެމާގެ ހާއްސަ އަނެއް ކަމަކީ އޭނާގެ އަމިއްލަ އެދުމެއްނެތް ކުޅުމެވެ. ރެއާލްގައި ބްރެޒިލްގެ ވިނީޝިއަސް ޖޫނިއާ އާއި ރޮޑްރީގޯ ކުރިއަރައިދިޔަ މައިގަނޑު ސަބަބަކީ ބެންޒެމާގެ އެހީތެރިކަމާއި އޭނާގެ ޕާސްތަކެވެ. ޖުމުލަ 138 ފަހަރު އޭނާ ވަނީ ގޯލު ޖަހަން އެހީތެރިވެދީފަ އެވެ. މިހެންވެ ހުރިހާ ގޮތަކުން އޭނާ އަކީ ކުލަބުގެ އެންމެ މޮޅު ނުވަ ނަންބަރު ކުޅުންތެރިޔާ އެވެ. ހާއްސަކޮށް މިޑްފީލްޑް ލައިނާ ގުޅިގެން ބެންޒެމާ ކުޅޭ ކުޅުމަކީ ކޯޗު ކާލޯ އެންޗެލޯޓީ ދޮށީ އުމުރެއްގައި ވެސް އޭނާ ކުލަބު ދޫކޮށްލާން ރުހިގެތްނެތް އެއް ސަބަބެވެ. އެންޗެލޯޓީ ބުނީ މިހެންނެވެ.

"ކުލަބުގެ ލެޖެންޑުން ރިޓަޔާކުރަންވާނީ އެކުލަބެއްގައި. އޭނާ މިކުލަބަށް އައީ ކުޑަކުއްޖެއްގެ ގޮތުގައި ހުރެ. މޮޅު އެތައް ކުޅުންތެރިންނެއް ފަދައިން އޭނާ ރިޓަޔާކުރުން ހައްގީ މިކުލަބުގައި. އެކަމަކު އޭނާ ނިންމުމަށް އިހްތިރާމްކުރަން،" ކަމަށެވެ.
އެންޗެލޯޓީ
ކަރީމް ބެންޒެމާ: ރެއާލް މެޑްރިޑްގެ ކެޕްޓަން ބެލޮންޑީއޯ އެވޯޑާއެކު - ގޫގުލް

އުމުރުން ދޮށިވުން: ކުލަބު ދޫކޮށްލި ސަބަބެއްތަ؟

އަނިޔާގެ ސަބަބުން މިދިޔަ އަހަރުގެ ވޯލްޑްކަޕް ކުޅުމުގެ ފުރުސަތު ބެންޒެމާ އަށް ގެއްލުމެވެ. ދެން ފެނިގެންދިޔައީ އެއަނިޔާއާއެކު ކުލަބުގައި ވެސް ގިނަ މެޗުތަކެއް ގެއްލުނުތަނެވެ. ކުޅުނީ އެންމެ 23 މެޗެވެ. މިއާއެކު ނިމިދިޔަ ސީޒަނުގައި ބެންޒެމާގެ އަސްލުކުޅުން ފަނޑުވި އެވެ. ކެރިއަރުގެ ބާކީ އޮތް ދުވަސްތަކުގައި 200 މިލިއަން ޔޫރޯގެ މާލީ ފައިދާއަކަށް ސައޫދީ އަރަބިއާގެ އަލް އިއްތިހާދަށް އޭނާ ބަދަލުވާން ނިންމީ ކުރީގެ ކުޅުމަށް އެނބުރިދިއުން ފަސޭހަނޫން ކަމަށް ދެކިގެން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. ނަމަވެސް އޭނާގެ ނުވަ ނަންބަރު ޖާޒީ ހެޔޮވަރުކުރަން ކޮންމެކޮންމެ މީހަކަށް ފަސޭހަނުވާނެ އެވެ.

ކަރީމް ބެންޒެމާ ސްޕެނިޝް ލީގް ޓްރޮފީއާއެކު - ގޫގުލް

އައު ނުވަ ނަންބަރަކީ ކާކު؟

ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕްރޭޒަށް މި އަހަރުގެ ޓްރާންސްފާ މާކެޓް ބިޒީވެދާނެ ކަމަށް ކުރިން ހިއެއްނުވާނެ އެވެ. ބެންޒެމާގެ ހިޔާލު ސައޫދީ އަރަބިއާއާ ދިމާލަށް އެނބުރިދާނެ ކަމަށް އޭނާ ކުޑަކޮށްވެސް ހިޔެއްނުކުރެ އެވެ. ނަމަވެސް ކުރިން އެނގުމެއްނެތި ވަގުތުކުޑަތަންކޮށް ބެންޒެމާ އެމަގު އިހްތިޔާރުކުރުމުން  ޕްރޭޒަށް އޮތީ އުނދަގޫ މަރުހަލާއެކެވެ. ޓީމުގެ ކުރި ބަލަހައްޓައި ގޯލުތަކެއް ޖަހައިދޭނެ މޮޅު ފޯވަޑަކު ހޯދުމަކީ މިހާރުގެ މާކެޓަށް ބަލާއިރު ފަސޭހަ ޓާސްކެއްނޫންކަން ހުދު ޕެރޭޒް ވެސް ގަބޫލުކުރެ އެވެ.

ޓޮޓެންހަމާއި އިނގިރޭސި ކެޕްޓަން ހެރީކޭން އާއި ޗެލްސީގެ ކައި ހަވަޓްޒް އަދި ނާޕޮލީގެ ވިކްޓަރ އޮސިމްހެން އާއި ލިވަޕޫލުން ދޫކޮށްލި ބްރެޒިލް ފޯވަޑް ރޮބާޓޯ ފިރްމީނޯ އަކީ ރެއާލްގެ ނުވަ ނަންބަރު ޖާޒީ ދިނުމަށް ކުލަބުން ޝޯޓްލިސްޓް ކޮށްފައިވާ ފޯވަޑުންނެވެ. އެކަމަކު ކުޅުންތެރިޔާ އަންނަން ހުރިނަމަ ރެއާލްގެ އެއްވަނަ ޓާގެޓަކީ ފްރާންސްގެ ޕީއެސްޖީގެ ފޯވަޑް ކީލިއަން އެމްބާޕޭ އެވެ. އޭނާ އަށް ރެއާލްގެ އިތުބާރު ނެތީ އެއްފަހަރު އަންނާނަމޭ ބުނަފައި ލަނޑުދީފައިވާތީ އެވެ.

ކަރީމް ބެންޒެމާ: ރެއާލް މެޑްރިޑަށް ހޯދައިދިން ކްލަބް ވޯލްޑްކަޕް ތައްޓާއެކު - ގޫގުލް

ބެންޒެމާ ނުލައި ޓީމު ރުކުރުވާލުން:

އެހެން ލެޖެންޑުން ފަދައިން އެމީހެއްގެ ވަޒީފާ ނިންމައި ކުލަބު ދޫކޮށްދިޔަ މުހިންމު އަނެއް ކުޅުންތެރިއަކަށް މިފަހަރުވީ ބެންޒެމާ އެވެ. އޭނާގެ ކުރިން ސާޖިއޯ ރާމޯސް އާއި ރަފޭލް ވަރާން، ގެރެތް ބޭލް، އިސްކޯ، މާސެލޯނާ އަދި ކަސެމީރޯ އަކީ ފާއިތުވެދިޔަ ދެ އަހަރު ތެރޭގައި ތެރޭގައި ކުލަބު ބަދަލުކުރި ކުޅުންތެރިންނެވެ. މިއިން ކޮންމެ ފަހަރަކު ވެސް ރެއާލް މެޑްރިޑް އާރޫހަކާއެކު ކާމިޔާބީ ހޯދަން ފެށި އެވެ. ނަމަވެސް ބެންޒެމާ ތަފާތުވަނީ އޭނާ އަކީ ކުލަބުގެ ޕޯސްޓަބޯއީ އަށްވުމުންނެވެ.

އޭނާ އަށް ފަހު މިވަގުތު ޓީމު ލީޑްކުރަންތިބީ އެޑުއާރޯ ކަމަވިންގާ އާއި ފްރެޑް ވަލްވާޑޭ އާއި ރޮޑްރީގޯ އާއި ވިނީޝިއަސް އާއި އަލަށް ގެންނަން މަސައްކަތް ކުރާ ޖޫޑް ބެލިންހަމް ފަދަ ކުޅުންތެރިންނެވެ. ނަމަވެސް ބެންޒެމާއާ އެއްހަމައެއްގައި އައު ޓީމަށް ފައިތިލަ ސާބިތުކުރެވޭނީ އޭނާ ދެއްކި ހިތްވަރާއި ކެރުމާއި، އަޒުމް ވަރުގަދަ ކޮށްގެންނެވެ.