ފުރަތަމަ އިންޓަރ ސްކޫލް، ދެން ޤައުމީ ޓީމް، ކްލަބް ވޮލީއަށް ނުކުތީ އޭގެފަހުން!
ވޮލީބޯޅައިގަ ނަންނިގެ ކުރިމަގު
ކ. މާލެ |

ވޮލީ ކޯޓަށް ނުކުތީ ފ.ފީއަލީ ސްކޫލްގައި ކިޔަވަން އުޅުނު ދުވަސްވަރުއެވެ. އެސްކޫލްގެ އިންޓަރ ހައުސް މުބާރާތްތަކުގައި ވާދަކުރުމަކީ ވޮލީބޯޅައިގެ ފެށުމެވެ. އެއާއެކު ރަށުގެ ޖަމްއިއްޔާތަކުން ބާއްވާ މުބާރާތްތަކުގައި ޅަ އުމުރުގައި ކުޅެން ފުރުޞަތު ލިބި ކުޅުނެވެ. އޭގެފަހުން މާލެ ބަދަލުވެ, ފުރަތަމަ ތައްޔާރުވީ ފެކަލްޓީ މުބާރާތަކަށެވެ. އެކަމަކު ފެކަލްޓީ މުބާރާތަށް ތައްޔާރުވުމުގެ ތެރެއިން އޭނާއަށް ހުޅުވުނީ މާބޮޑު ދޮރެކެވެ. ލިބުނީ މާބޮޑު ފުރުޞަތެކެވެ. މިއީ ޒުވާން ބްލޮކަރު ނަރީމާ އިދުރީސް (ނަންނި) ގެ ވޮލީބޯޅަ ކެރިއަރުގެ އެންމެ ފުރަތަމަ ފެށުމެވެ.

ނަރީމާ އިދުރީސް (ނަންނި) ފޯނޭޝަންސް ކަޕްގައި: ފޮޓޯ-ވީއޭއެމް

ނަންނިއަށް ބޮޑު ފުރުޞަތެއް ތަނަވަސްވީ ފެކަލްޓީ މުބާރާތަށް ތައްޔާރުވުމުގެ ތެރެއިން ކޯޗު ސޮފްވާން އަހުމަދުގެ ލޮލުގައި އަޅައިގަތުމުންނެވެ. އިސްކޮޅަށް ކުރަސް, އުމުރުން ހަގަސް 23 އަހަރުން ދަށުގެ ޤައުމީ ސްކޮޑުން ކޯޗު ސޮފްވާން އަހުމަދު ނަންނިއަށް ޖާގަދިނީ ހުނަރާމެދު ޝައްކެއް ނެތުމުންނެވެ. 18 އަހަރުގައި އެފުރުޞަތު ތަނަވަސްކޮށްދިނީ މިއަދު ނަންނި އެހުރި ހިސާބަށް ދާނެކަން ކޯޗު ސޮފްވާނަށް ޤަބޫލުކުރެވޭތީއެވެ. 2019 ވަނަ އަހަރު ވިއެޓްނާމްގައި އޮތް އޭވީސީ ޖޫނިއަރ ވޮލީބޯޅަ މުބާރާތަކީ ނަންނިގެ ފުރަތަމަ ބޮޑު ތަޖުރިބާއެވެ. ކްލަބް ވޮލީބޯޅައަށް ނިކުތީ އެމުބާރާތަށްފަހު އެނބުރި އައިހެވެ.

ނަންނި ފޯނޭޝަންސްކަޕްގައި އިދިކޮޅު އެޓޭކެއް ބްލޮކް ކުރަނީ: ފޮޓޯ-ވީއޭއެމް

އޭގެފަހުން ނަންނިގެ ދުވެއްޔަށް މަޑުޖެހުމެއް ނެތެވެ. އެންމެ ބާރަށް, އަވަހަށް ކުރިއަރަމުން އަންނަ އެއް ކުޅުންތެރިއަކީ ނަންނިއެވެ. އޭގެ ހެއްކަކީ ސީނިއަރ ޤައުމީ ޓީމްގެ ގަދަ ހައެއްގައި ކޯޓް މަތީގައި ކުޅެން ލިބޭ ފުރުޞަތެވެ.

ޤައުމީ ޓީމްގައި އެންމެބޮޑު ކާމިޔާބީއެއްގެ ގޮތުގައި ދެކެނީ ފެށުނީއްސުރެ އަބަދުވެސް ސިކްސްގައި ކުޅެން ލިބޭ. އޭތި ވަރަށް ފާހަގަކުރަން.
ނަރީމާ އިދުރީސް (ނަންނި)- ޤައުމީ ޓީމްގެ ބޮލްކަރ

އެކަމަކު އެމަޤާމް ދަމަހައްޓަން ންނަނި ވަނީ ބޮޑު ޤުރުބާނީއެކެވެ. އަދާކުރާ ވަޒީފާގެ ގޮތުން ހުރި ގޮންޖެހުންތަކާ އެކުއެވެ. ހަވީރު ޕްރެކްޓިސްއަށް ދަނީ ހެނދުނު ޑިއުޓީ ކުރުމަށްފަހުއެވެ. ހަވީރު ޑިއުޓީ އޮވެއްޖެނަމަ ހަވީރުގެ ޕްރެކްޓިސް ގެއްލެއެވެ. ޤައުމީ ޓީމަށް ދޫކުރާ މުއްދަތު ފިޔަވާ މިއުނދަގޫތަކާ ކުރިމަތިލަމުންވެސް އެދަނީ ކުރިއެރުން ހޯދަމުންނެވެ. އެއީ ވޮލީބޯޅައަށް އޮތް ލޯބީގެ ސަބަބުންނެވެ. ވަށައިގެން ތިބި ކޮންމެ މީހަކީވެސް ނަންނިގެ ވޮލީބޮޅަ ކެރިއަރުގައި އޭނާއަށް ހިތްވަރެކެވެ. ޓީމްގެ ކުޅުންތެރިންނާއި, ކޯޗާއި ހިސާބުންނެވެ. އާއިލާއާއި, ގާތް ރަހުމަތްތެރިންނެވެ. ކުރުކޮށް ނަންނި ބުނީ އޭނާ ދަންނަ ކޮންމެ މީހަކުވެސް ހިތްވަރުދޭކަމަށެވެ. އޭގެތެރެއިންވެސް އޭނާއަށް ޚާއްޞަ ނަމަކީ ކޯޗު ސޮފްވާނެއެވެ. އެއީ ކޮންމެ މުބާރާތަކަށްމެ އޭނާއަސް ބޮޑު ހިތްވަރެކެވެ. މީގެއިތުރުން މަންމައާއި ބައްޕަގެ ސަޕޯޓަކީ ކޮންމެ ގޮންޖެހުމެއް ގިރާކުރެވޭ އެންމެ ބޮޑު ސަބަބެވެ.

 

ފޯނޭޝަންސްކަޕް ފައިނަލްގައި ބަލިވުމުން ނަންނި ރޮމުން ކޯޓުން ފައިބަނީ: ފޮޓޯ-ވީއޭއެމް

ކުރިއަށް އޮތީ މިމަހު ނޭޕާލްގައި އޮންނަ ކާވާ ޗެލެންޖެވެ. އެމުބާރާތަށް ތައިލެންޑްގެ ކޯޗަކާއެކު ތަމްރީނު ހޯދަމުންދާތާ ދޮޅުމަހެއްހާ ދުވަސް ވީއެވެ. ޕްރެކްޓިސްތައް ރަނގަޅަށް ކުރިއަށް ގެންދެވުނު ނަމަވެސް އައުޓްޑޯގައި ޕްރެކްޓިސްތައް ކުރިއަށް ގެންދަން ޖެހުމުގެ މާޔޫސްކަން ނަންނިގެވެސް އެބައޮތެވެ. އެއާއެކުވެސް އޭނާ ހުރީ ވަރުގަދަ އަޒުމެއްގައެވެ.

ޓޭގެޓަކީ ފޯނޭޝަންގައި ސިލްވާ ލިބިފައި މީނީ, ދެން މިމުބާރާތުގައި ވަރަށް މަސައްކަތްކުރާނަން އެސިލްވާ ގޯލްޑަކަށް ބަދަލުކޮށްލެވޭތޯ.
ނަރީމާ އިދުރީސް (ނަންނި)- ޤައުމީ ޓީމްގެ ބޮލްކަރ

ަޕޯޓަރުންގެ ލޮލުގައި ނަންނި އެންމެބޮޑަށް އަޅައިގަތީ މިއަހަރު ރާއްޖޭގައި އޮތް ފޯނޭޝަންސް ކަޕުންނެވެ. އެމުބާރާތުގައި ހިތްވަރުގަދަ މޮޅު ކުޅުމެއް 22 އަހަރުގެ ކުޅުންތެރިޔާގެ ފަރާތުން ފެނުނެވެ. ކޯޓް މަތީގައި ޒުވާން ކުޅުންތެރިޔާވީ އެހެން ކުޅުންތެރިންނަށްވެސް ހިތްވަރަކަށެވެ. އެމުބާރާތުން ގާތުން ބެލި ރާއްޖޭގެ ސީނިއަރ ފިރިހެން ޤައުމީ ޓީމްގެ ކުރީގެ ކޯޗު މުޙައްމަދު ޝަރަފް ޤަބޫލުކުރާ ގޮތުގައި ނަންނި ކޯޓްމަތީގައި އަދާކުރާ ރޯލަކީ އަންހެން ވޮލީއަށް, މުޅީ ގޭމަށް ބޮޑު ބަދަލެއް ގެންނާނެ ރޯލެއްކަމަށެވެ.

ނަންނިގެ އަމިއްލަ ހުނަރެއްނޫން, ހުނަރު ހަމަ ވަރަށް މޮޅު ކުޅުންތެރިއެއް އެއީ. އެކަމަކު ހުނަރަށްވުރެ ބޮޑަށް ޓީމެއްގެ ގޮތުގައި ކުޅޭއިރު ނަންނި އެކުޅޭ ރޯލް ޓީމަށް ހަމަ ވަރަށް ފައިދާކުރޭ. ދިވެހި ވޮލީއަށް ނަންނި ކަހަލަ ދެތިން ކުއްޖަކު ބޭނުންވޭ.
މުޙައްމަދު ޝަރަފް- ޤައުމީ ސީނިއަރ ފިރިހެން ވޮލީޓީމްގެ ކުރީގެ ކޯޗު

ކޯޗުންގެ ވާހަކަތަކަށް ބަލާއިރުވެސް, ކޯޓުމަތީގައި މިހާތަނަށް ދެއްކި ހުނަރާއި ޖޯޝަށް ބަލާއިރުވެސް ނަންނިއަށް އޮތީ ވޮލީބޯޅައިގަ ކުރިއެރުމާއި, ކުރިމަގެވެ. ނަންނިއަށް އެދެނީ ކާމިޔާބީއެވެ.