1988 ވަނަ އަހަރު ވިކްޓަރީ އަށް ގެނައި ސްރީލަންކާ މިސްކީން ޓުއާން ހަލުވިކަމުން ހިފަހައްޓައި ނުލެވުނެވެ. ބޭނުން ގޮތަކަށް ނައްޓަ ނައްޓާފައި ގޮސް ގޯލު ޖަހަނީ އެވެ. މިކަމާ އެންމެ ދެރަވި އެކަކީ އަނިޔާގެ ސަބަބުން އެއަހަރު ކުޅުން ހުއްޓާލައިގެން އެސިސްޓެންޓް ކޯޗަކަށް ހުރި ވެލެންސިއާގެ ޑިފެންޑަރު އަހުމަދު ޝަފީގް (ތިނަދޫ ސައްޕޭ) އެވެ.
މިސްކީން އޮބަހައްޓާނެ ކަމަށް ބުނެ، ޗެލެންޖް ކޮށްފައި ޖެހިގެން އައި އަހަރު ސައްޕޭ އަނެއްކާ ވެސް ވެލެންސިއާގެ ޖާޒީގައި ދަނޑަށް ނުކުތެވެ. އެއަހަރު ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ހަގީގަތުގައި ވެސް މިސްކީނަށް ޖެހުނީ ސައްޕޭގެ ކުރިމަތީގައި ހަތިޔާރު ބަހައްޓާށެވެ. ވެލެންސިއާ ކޮޅަށް އެއްކަލަ މޮޅު ފޯވަޑަށް އެންމެ ގޯލެއް ވެސް ނުޖެހުނެވެ. ސައްޕޭ އަލުން ކުޅެން ނުކުތީ ކީއްކުރަންކަން އެންމެ ރަނގަޅަށް އެނގިހުރި މީހަކީ އެއިރު ވިކްޓަރީގެ ކޯޗު އަބްދުލްޖަލީލް (އަބުޖީ) އެވެ. މިހެންވެ ޕޮމިސްކަޕްގައި ވެލެންސިއާ އާއި ވިކްޓަރީ ލަނޑެއްނުޖެހި އެއްވަރުވި ދެ މެޗަށް ފަހު ވެލެންސިއާގެ ބެންޗަށް ގޮސް އަބުޖީ ސައްޕޭއާ ސަލާމްކޮށްފައި ބުނީ "ކަލެއަށް ބޯޅަ ކުޅެވިއްޖެ،" ކަމަށެވެ.

އަބްޖީ އައިސް އެހެން ބުނީމާ ސައްޕޭ އުފާވި އެވެ. ސަބަބަކީ އޭނާގެ ވަރަށް ބޮޑު ބައިވެރިވުމާއެކު އުފެއްދި ވެލެންސިއާއިން ސައްޕޭގެ ފައިތިލަ ލުއްސާލައި، ވިކްޓަރީ އަށް ގެންދަން އެންމެ މަސައްކަތް ކުރި އެކަކަށް އަބުޖީއަށްވުމެވެ.
ބައްދަލުކުރަން އެތައް ފަހަރަކު އޭނާ އެދުމުން އަހަރެން ބައްދަލުކުރީ ރެސްޓޯރަންޓެއްގައި. އެއީ ވެސް ބަޔަކަށް ފެނިދާނެތީވެ. ކާރުގައި އަބްޖީ އައީ ވެސް. ފުރަތަމަ ބުނީ ވިކްޓަރީ އަށް ކުޅެދޭން އަގެއް ކިޔަން. އެއިރު އެއީ އަގު ނަގައިގެން ބޯޅަ ކުޅުނު ދުވަސްވަރެއްވެސްނޫން. އެކަމަކު ދާން ބޭނުންނުވީމަ އަހަރެން އަގުކީ. އެކަމަކު އެ އަގަށް އަބުޖީ އޯކޭއޭ ބުނުމުން ދެން ކޮންޓްރެކްޓްގައި ސޮއިނުކުރަން ވެގެން ބައްދަލުނުކުރީ. އެއީ ވެލެންސިއާ ދޫކޮށްދާން ބޭނުންނުވާތީވެސައްޕޭ![]()

ރިސޯޓް ވަޒީފާ ދޫކޮށްފައި އޭނާ މާލެ އައީ ފުޓްބޯޅަ ކުޅޭހިތްވާލެއް ބޮޑުކަމުންނެވެ. މިހެންވެ އޭނާވީ އެއިރު ވަޒީފާއަކަށް ނުގޮސް ފުޓްބޯޅަ ކުޅެން ހުރި ހަމައެކަނި ކުޅުންތެރިޔާ އެވެ. ވަޒީފާއެއް ނެތުމުން އުޅެން ޖެހުނީ ވަރަށް ދަތިކޮށެވެ. މިކަމުގެ ފައިދާ ނަގަން ވިކްޓަރީގެ އިތުރުން ނިއުރޭޑިއަންޓުން ވެސް މަސައްކަތް ކުރި ކަމަށެވެ.
ނިއުރޭޑިއަންޓަށް ކުޅެދޭން (ފަހުން ވިކްޓަރީގެ އިސްހިންގުންތެރިއަކަށްވި) ރިނބދޫ (އަހުމަދު ނާސިރު) ނާބެ ވަރަށް ހުށަހެޅި. ބުނީ ހުންނާނެ ތަނަކާއި ކެއުން ހަމަޖައްސައިދޭނަމޭ. މިދެކަންތައް ވެއްޖެނަމަ އެއިރު މާލޭގައި ބޭނުންގޮތަކަށް އުޅެވޭނެ. ދަތިކޮޅެއް އުޅޭތީވެ ފުރަތަމަ ވިސްނިން ދާން. އެކަމަކު ފަހުން ދާން ބޭނުންނުވީސައްޕޭ![]()
އެކަމަކު އޭނާ ބުނީ މާލޭގައި އުޅެން ފައިސާ ބޭނުންވާއިރު ވަޒީފާއަކަށް ނުދާތީވެ، ވެލެންސިއާގައި ކޮންމެވެސް ވަރެއްގެ އެހީތެރިކަމަކަށް އޭނާ އެދެން ޖެހުނު ކަމަށެވެ. މިހެންވެ ކުލަބުގެ ކުޅުންތެރިން ވެގެން އޭނާ އަށް މަހަކު ދެހާހާ ގާތްކުރާ އަދަދަކަށް ފައިސާ ދެމުންދިޔަ ކަމަށެވެ.

ގދ. ތިނަދޫ އަށް އުފަން ސައްޕޭ އަކީ ވެލެންސިއާ އުފެއްދުމުގެ އިސް ބައިވެރިއެކެވެ. އަދީލް ޖަލީލާއި އަހުމަދު ނާޒިމާއި ހީނާ އަހުމަދު ސަލީމާއި ހަސަން ނިޒާރު (ލައްޓިބޮޑޭ) ފަދަ މީހުންނާއެކު ވެލެންސިއާ އުފެއްދުމުގައި އަމަލީގޮތުން އެންމެ އިސްކޮށް އުޅުނީ ވެސް ސައްޕޭ އެވެ. ކްލަބް ރަޖިސްޓަރީ ކުރުމަށް އޭރުގެ ހޯމް އެފެއާޒަށް ސިޓީ ހިފައިގެން ދިޔަ އެކަކަށްވީ ވެސް އޭނާ އެވެ. ލޯގޯ އާއި ދިދަ ފަރުމާ ކުރުމުގައާއި ޓީމުގެ ކަންކަން ރޭވުމުގައި ވެސް އޭނާގެ ބައިވެރިވުން ބޮޑެވެ.
މިހެންވެ އޭނާ ބުނީ އެއިރު ވެސް މިހާރު ވެސް "ވެލެންސިއާ މޮޅުވާ ކޮންމެ ދުވަހަކީ އުފާވެރި ދުވަހެއް،" ކަމަށާއި ޓީމު ބަލިވުމުން އެކަމާ "ރުޅި އަންނަނީ،" ކަމަށެވެ.
ފަހުން ޑިފެންސަށް ކުޅުނަސް ސައްޕޭއަކީ އެންމެ ފުރަތަމަ އަރިމަތިން ކުރިއަށް ކުޅުނު މީހެކެވެ. އޭނާ ޑިފެންސަށް ބަދަލުވާން ޖެހުނީ ވެސް ވެލެންސިއާއަށްޓަކަ އެވެ. އައްޑިހައިގެ މެދުތެރޭގައި ވެލެންސިއާ އަށް ގެނައި ލަންކާގެ ކޯޗު އެޑްވަޑް ޖަޔަވަރްދަނާ (ބަޖިޔާ ކޯޗު) އަށް ކުޅުންތެރިން ދައްކާލަން ވެލެންސިއާގެ ޓީމު ތިން ބަޔަކަށް ބަހާލައިގެން މެޗުތަކެއް ކުޅުނެވެ. ސައްޕޭ ހިމެނުނީ "މުސްކުޅިން"ގެ ޓީމުގަ އެވެ. ދަނޑު ބޭރުން ގޮވަމުންދިޔައީ "މުސްކުޅި އލތނ ކަޓަނީއޭ،" ކަމަށެވެ.
މިކަމާ ނުރުހިގެން އެދުވަހު ވެސް އޭނާ ދަނޑަށް އެރީ ދޮނާ އާއި ހިޔަލީ އާއި ނާޒިމް ބޫޓު ގަނެދިނުމުން ކުޅެން އަރަން ބުނުމުން "ޒުވާނުން ނިކަން ގޯލު ޖަހާބަލާށޭ" ބުނަމުންނެވެ. ތިން ދުވަހުގެ ދައްކާލުމުގެ މެޗުތަކަށްފަހު ކޯޗަށް އެންމެ ކަމުދިޔަ އެއް ކުޅުންތެރިއަކަށްވީ ސައްޕޭ އެވެ. މުސްކުޅިވާންޖެހޭ ކަމަށް ބުނި ގްރޫޕުން ނަގައި އޭނާ ފުލް ޓީމަށް އަނެއްކާ ވެސް ޕްރޮމޯޓްވީ އެވެ.
ލަންކާ ކޯޗު ކޮންމެވެސް ވަރަކަށް ދަސްކޮށްދިން ޑިފެންސަށް ކުޅެން. އޭނާގެ ޓްރޭނިންތައް މޮޅު. އެކަމަކު (ގައުމީ ޓީމަށް ގެނައި) ރަޝިޔާގެ ކޯޗު ބިބިޗޭފް ދަސްކޮށްދިނީ ޑިފެންސަށް ކުޅެން. އޭނާ ދަސްކޮދިން ކަންކަމުން ވަރަށް ގިނަ ފައިދާވި. ޓްރޭނިންތައް ވަރަށް މޮޅު އޭނާގެސައްޕޭ![]()

އެ ދުވަސްވަރުގެ ކުޅުންތެރިން ބުނާ ގޮތުގައި ސައްޕޭ އަކީ ވަން އޮން ވަންގައި އެންމެ އުނދަގޫ ޑިފެންޑަރެވެ. އޭނާގެ ހެޑިން ބަރާބަރުވާނެ އެވެ. ސައްޕޭ ވެސް ބުނީ "މަށާއެކު ކުޅެން އެހެން ކުޅުންތެރިންނަށް ފަސޭހަވާނެ،" ކަމަށެވެ.
އަހަރެން އެހެން ކުޅުންތެރިންނަށް އެހީވަން. އެހެން ކުޅުންތެރިން ލައްވައި ގޯލު ޖެހޭތޯ ބަލަން. އެހެން މީހުންނަށް ކުޅެން އުނދަގޫވާ މަގާމުތަކަށް ކޯޗު ލަނީ އަހަރެން. އެއީ އަހަރެން ކުޅޭހިތުން އަބަދުވެސް 100 ޕަސެންޓް ދޭން މަސައްކަތް ކުރާތީވެ. އެ މަގާމަކަށް އަހަރެން ކުޅޭ ހިތްނުވިޔަސް ޓީމަށް ފައިދާހުރި މަގާމުތަކަށް ކޯޗު ބުނީމަ އަހަރެން ކުޅެފައި ހުންނާނީ. މިސާލަކަށް ބާޑީއާމިރު އައިމާ އޭނާ ލެފްޓަށް ލާފައި އަހަރެން ކަނާތް ފަރާތަށްލީ. އެއީ އެތަނަށް ކުޅޭނެ މީހަކު ނެތުމުން. މީހަކު ނެތީމަ އެތަނަކަށް ލަމުން ކޯޗު ދިޔައީސައްޕޭ![]()

އޭނާ ކުޅުނު ދުވަސްވަރަކީ ވެލެންސިއާއިން ތަށިތަކެއް ހޯދި ދުވަސްވަރެއްނޫނެވެ. އެކަމަކު އެއީ "މަގޭ ކުލަބު" ކަމަށްވުމުން ކެރިއަރު ނިންމާލަންދެން ވެސް ސައްޕޭ ހުރީ ވަފާތެރި ވެލެންސިއާ މީހެއްގެ ގޮތުގަ އެވެ.
އަސްލު އެއިރު ވެސް ތަށި ލިބޭ ފެންވަރުގެ ޓީމެއް އޮވޭ. އެކަމަކު ތަފާތު ނުފޫޒުތަކާހުރެ ތަށި ނުލިބެނީ. ދެން ލަންކާ ކޯޗު ގެނެސްގެން ވެސް ވަރުގަދަ ޓީމެއް އޮތް. އޭނާގެ ޓްރޭނިން މޮޅަސް މެޗުގައި ނިންމާ ނިންމުތައް އެހާ ރަނގަޅެއްނޫން. އެއީ ވެސް ތަށި ނުލިބިދިޔަ ސަބަބެއްސައްޕޭ![]()

1992ގެ ކުރިން ސައްޕޭ ކުޅުން ހުއްޓާލީ ވެލެންސިއާ ޓީމު "ތަށި ހޯދުމަށް" ޕްރޮފެޝަނަލް ޓީމަކަށް ބަދަލުކޮށްލަން ކުޅުންތެރިން ގަންނަން ފެށި ހިސާބުން "ބެންޗުގައި ނީންނަން" ވެގެންނެވެ.
އެކަމަކު ސައްޕޭ އަކީ ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހީ ނަމެކެވެ. ފަހުރުވެރި ކުޅުންތެރިއެކެވެ. 80ގެ ތެރޭގައި އަތޮޅުތަކުން މާލެ އައިސް ގައުމީ ފުޓްބޯޅަ ޓީމުގައި ކުޅުމަކީ ކޮންމެ ކޮންމެ މީހަކަށް ވާވަރުގެ ކަމެއްނޫނެވެ. ނަމަވެސް ސައްޕޭ އަކީ ފުރަތަމަ ފަހަރަށް ގައުމީ ފުޓްބޯޅަ ޓީމު މެޑެއްޔެއް ހޯދިއިރު އެ ޓީމުގެ ފަހުރުވެރި ޑިފެންޑަރެވެ. 1984 ވަނަ އަހަރުގެ ސާފް ގޭމްސްގެ ބްރޯންޑް މެޑަލް ހޯދުމަށްފަހު 1991 ވަނަ އަހަރުގެ ސާފް ގޭމްސްގެ ފައިނަލްގައި ޕާކިސްތާން އަތުން ބަލިވެ ރިހިމެޑަލް ހޯދި ގައުމީ ޓީމުގައި ވެސް އޭނާ އަކީ މުހިންމު މެމްބަރެކެވެ.

މިހެންވެ ފުޓްބޯޅަ އަށް ވަރުހުންނަ ގދ. ތިނަދޫ ފަހުރުވެރިކޮށްދިން ފުރަތަމަ ކުޅުންތެރިޔާ ސައްޕޭ އެވެ. އެރަށުން އަރައިގެން އައި ތަރިންގެ ފެށުމަކީ އުމުރުން މިހާރު 65 އަހަރުގެ ސައްޕޭ ކެރުމާއި، ހިތްވަރާއި ކެތްތެރިކަމެވެ. މިއަދު ވެސް ތިނަދޫގެ ޒުވާން ކުދިންނަށް ދަސްކޮށްދިނުމަށް ކޮންމެ ދުވަހަކު ބޫޓަށް އަރައިގެން ދަނޑަށް ދިއުމަކީ އޭނާގެ އުފަލެކެވެ.