ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
އާމިނަތު ޝަހާ ޝާމިން
ކ. މާލެ |

ވޮލީކޯޓަށް ނުކުތީ އަހުމަދިއްޔާ ސްކޫލްގައި ކިޔަވަން އުޅުނު ދުވަސްވަރު އިންޓަރ ސްކޫލް މުބާރާތުންނެވެ. އޭނާގެ ކިބައިގަ ވޮލީގެ ހުނަރު ހުރިކަން ދެނެގަތީ ކޯޗު ޝުއައިބު އަހުމަދެވެ. މޮޅު ވޮލީ ކުޅުންތެރިއަކަށް ވާނެކަމާއި, ކުރިއަށް ދިއުމުގެ ޤާބިލްކަން ހުރިކަން އާމިނަތު ޝަހާ ޝާމިން (ކުޑަޝަހާ) އަށް އެންމެ ފުރަތަމަ ވިސްނައިދީ, ފުރުޞަތު ތަނަވަސްކޮށްދިނީވެސް ޝުއައިބުއެވެ. އޭގެފަހުން އޭނާއަށް އިރުޝާދުދިން ކޮންމެ ކޯޗެއްވެސް ވެގެންދިޔައީ ޝަހާއާ މެދު އިތުބާރު އޮތް ކޯޗަކަށެވެ. މިއަދު އެހުރި ހިސާބަށް ދަތުރުކުރުމުގައި ބޮޑު ހިއްސާދާރަކަށެވެ. އެކަމަކު ޝުއައިބުގެ ނަން ޚާއްޞައެވެ.

ޝުއައިބު ދިން ފުރުޞަތާއި ހިތްވަރުން އިންޓަރ ސްކޫލް ތިން މުބާރާތް ކުޅުނެވެ. 19 އަހަރުން ދަށުގެ ޓީމަށް ކުޅުނެވެ. އެސިލްސިލާ ނިމުނީ މާލެ ބަދަލުވި ބޭނުން ނިމުމުންނެވެ. އެއީ ސްކޫލް ނިމުމެވެ. ސްކޫލް ދައުރު ނިމުމުން ޝަހާ އެނބުރި ރަށަށް ބަދަލުވީއެވެ. ކުޑަކުޑަ އާބާދީއެއް އޮންނަ އެކަމަކު ވޮލީގެ ހުނަރުވެސް އޮތް އދ.ދިއްދޫއަށެވެ. ދެވަނަ ފަހަރަށް ޝަހާ މާލެ އައިސް ވޮލީކޯޓަށް ނުކުތީ ދޫކޮށް ނުލެވޭނެ, ނޫނެކޭ ނުބުނެވޭނެ ފުރުޞަތަކަށެވެ. އެއީ ޤައުމީ ވޮލީބޯޅަ ޓީމުން ލިބުނު ފުރުޞަތެވެ. ޤައުމީ ޚިދުމަތަށް ގޮވާލުމުން ނޫނެކޭ ބުނުމުގެ ހިތްވަރު ނެތީއެވެ. އަދި އެފަދަ ފުރުޞަތަކަށް ބޭނުންވެސްވީއެވެ.

ކްލަބް ވޮލީބޯޅަ ނުކުޅެ ޤައުމީ ސްކޮޑުން ޖާގަ ލިބުމުން ޝަހާގެ ހުނަރާމެދު ޝައްކު ކުރުމުގެ ދޮރު މުޅިން ބަންދުވިއެވެ. ޤައުމީ ޓީމުން ލިބުނު ފުރުޞަތުގައި މާލެ އައިސް ކްލަބް ވޮލީބޯޅައިގެ ތެރެއަށް ނުކުތީ ޕޮލިސް ކްލަބުންނެވެ. ޕޮލިސް ކްލަބާއެކު ހެދި އެއްބަސްވުމުގެ ދަށުން ދެ އަހަރު އެޓީމަށް ކުޅުނެވެ. ޕޮލިހުގެ ތަމްރީނުތަކާއި, ޤައުމީ ޓީމްގެ ތަމްރީނުތަކުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދިއެވެ. ކޯޗުން އިތުބާރު ކުރާ ކުޅުންތެރިއަކަށް ވިއެވެ.

ފޯ ނޭޝަންސް ކަޕްގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ޝަހާ ހިމެނޭ - ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ޤައުމީ ޓީމާއެކު ފުރަތަމަ މުބާރާތަކަށް ނުކުތީ 2019 ވަނަ އަހަރުއެވެ. އެއަހަރު ޤައުމީ ޓީމްގައި ޝަހާގެ ކާމިޔާބީތައްވެސް ފެށުނެވެ. ސެންޓްރަލް ޒޯން މުބާރާތުގައި ރިހި މެޑަލް ހޯދި ޓީމްގައި ހިމެނުނެވެ. އެއީ ޤައުމީ ޓީމާއެކު ޝަހާގެ އެންމެ ބޮޑު ކާމިޔާބީއެވެ. ރާއްޖޭގައި އޮތް ފޯ ނޭޝަންސް ކަޕުންވެސް ރިހި މެޑަލް ލިބުނަސް އެންމެ ބޮޑު ކާމިޔާބީއެއްކަމަށް ޝަހާ ދެކެނީ ސެންޓްރަލް ޒޯންގެ ރިހި މެޑެއްޔެވެ. 2019 ވަނަ އަހަރު ސެންޓްރަލް ޒޯންގެ ތަޖުރިބާގެ ކުރިން 2018 ވަނަ އަހަރު ޤައުމީ ޓީމާއެކު ދިޔަ ޓްރެއިނިންގ ކޭމްޕަކީވެސް ޝަހާގެ ވޮލީބޯޅަ ކެރިއަރުން ފާހަގަކުރާ މުހިއްމު ބައެއްކެވެ. މިއަދު ޝަހާއަކީ ރާއްޖޭގެ އެޓޭކްގައި އެންމެ އިތުބާރު އެއް ނަމެވެ. އެކަން ފޯ ނޭޝަންސް ކަޕުން ދައްކައިދިނެވެ. އެމުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ހިމެނުނެވެ. އެކަމަކު އެޖާގަ ޔަޤީންކުރުމަކީ މިއަދު އޮތް އެންމެ ބޮޑު ޗެލެންޖެވެ.

ޗެލެންޖަކީ މިހާރު ވަރަށް އެވްރެޖް ކުޅުންތެރިން މިތިބީ, ފުލް ސިކްސްގައި ކުޅެން ބޭނުމިއްޔާ ހަމަ ވަރަށް ޓްރައިކޮށްގެން ޗާންސް ލިބޭނީ މިވަގުތުގައި.
އާމިނަތު ޝަހާ ޝާމިން/ ޤައުމީ އަންހެން ވޮލީ ޓީމްގެ ކުޅުންތެރިއެއް

ވޮލީބޯޅައިން ކުރިއަށް ދިއުމަށް ޝަހާއަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ ވޮލީބޯޅައަށް އޮތް ލޯތްބެވެ. ޤައުމަށް އޮތް ލޯތްބެވެ. މެދުނުކެނޑި ވޮލީބޯޅައިގަ ހުންނަން އެންމެބޮޑަށް ލިބޭ ހިތްވަރަކީ އެއީއެވެ. އެއާއެކު މަންމައަކީވެސް ވަރަށް ބޮޑު ހިތްވަރެކެވެ. ހުރިހާ ޗެލެންޖަކާ ފޭސްކޮށްގެން ވޮލީ ކޯޓްގައި ހުރެވެނީ މަންމަގެ ހިތްވަރުންނެވެ. ޝަހާ މޮޅު ވޮލީބޯޅަ ކުޅުންރެރިއަކަށްވާން, ކާމިޔާބީ ހޯދަން މަންމަ ބޭނުންވާ މިންވަރު ހިތަށް ގެނައުމުން އެކަނިވެސް ވޮލީބޯޅައާ ދުރަށްދާން ބޭނުން ނުވެއެވެ. ވޮލީކޯޓުން ޝަހާ ފައިބާނީ އަދި ފައިބަން ބޭނުންވަނީވެސް މަންމަ ފަޚުރުވެރިވާ ވަރުގެ ކާމިޔާބީއެއް ހޯދައިދީފައެވެ. އެއީ ޝަހާގެ ވަރަށްބޮޑު އަޒުމެކެވެ. އެކަމަކު އެކަމަށް ކުރަންޖެހޭ މަސައްކަތް ގިނަކަންވެސް ޝަހާ ޤަބޫލުކުރެއެވެ.

ފުރަތަމަ ބޭނުންވީ ޤައުމީ ޓީމަށް ފުލްކޮށް ކުޅެން. މިހާރު އިރާދަކުރެއްވިއްޔާ އެކަން ކުރެވޭ އެބަ. އެކަމަކު ކުރިއަށް އޮތްތަނުގައި ބޭނުންވަނީ ޤައުމީ ޓީމްގައިވެސް މީހުން ބަލައިގަންނަ ވަރު ލީޑަރަކަށްވުން. އޭރުން ވޮލީއަށް ކަމެއްކޮށްދެވިއްޖެކަމަށް ޤަބޫލުކުރެވޭނެ އެހިސާބުން.
އާމިނަތު ޝަހާ ޝާމިން/ ޤައުމީ އަންހެން ވޮލީ ޓީމްގެ ކުޅުންތެރިއެއް

ރާއްޖޭގެ އަންހެން ވޮލީބޯޅަ މިހާރު އޮތް ހިސާބުން އިތުރަށް ކުރިއަށް ގެންދިއުމަށް ކުރަން ޖެހޭ މަސައްކަތްތަކެއް އަދިވެސް ހުރިކަމަށް ޝަހާ ދެކެއެވެ. އޭގެތެރެއިން މުހިއްމު އެއްކަމަކީ އަންހެން ކުޅުންތެރިންނަށް ގިނަ މުބާރާތްތަކެއް އަދިވެސް ބޭއްވުމެވެ. އެއީ ގިނަ ކުޅުންތެރިން އުފެދިގެން އަންނާނެ ސަބަބެވެ.

ޤައުމީ ޓީމާއެކު މިހާރު ޝަހާ ތައްޔާރުވަމުން އެދަނީ މިމަހު ނޭޕާލްގައި އޮންނަ ކާވާ ޗެލެންޖަށެވެ. އެމުބާރާތުން ރަނގަޅު ކާމިޔާބީއެއް ހޯދުމަށް ދެއިރު އެދަނީ ޕްރެކްޓިސް ކުރަމުންނެވެ. ދުވަހުގެ ގިނަ ވަގުތުތަކެއް ހޭދަކުރަމުން އެދަނީ ވޮލީކޯޓާއި ޖިމްގައެވެ. ޝަހާއާއި ޤައުމީ ޓީމަށްވެސް އެދެނީ ކާމިޔާބީއެވެ.