އެންމެނާ ވެސް ގުޅޭ ބޭބެ، ދެވަނައެއް ނެތް އެންމެ މޮޅު ލިބަރޯ
އަހުމަދު އަދީލް
ކ. މާލެ |

"މުބާރާތުގެ އެންމެ މޮޅު ލިބަރޯއާ އަށް ހޮވިފައިވަނީ...އަހުމަދު އަދީލް". މި ޖުމްލަ އަކީ ރާއްޖޭގެ ބޮޑެތި ވޮލީ މުބާރާތްތަކުގައި ބަދަލެއްނުވެ އެންމެ ގިނައިން އިވުނު އެއް ޖުމްލަ އެވެ. މެދުނުކެނޑި އެތައް އަހަރަކު އެވެ. އެ މަގާމަށް އޭނާއާ ވާދަކުރެވޭ ވަރުގެ މީހަކު ވެސް ނެތީ އެވެ. ވޮލީގެ ނަމުންނަމަ "ބޭބެ" އަކީ ރާއްޖޭގެ އެންމެ ކްލެސިކް ލިބަރޯ ކުޅުންތެރިޔާ އެވެ. އެފަދަ ދެވަނަ މީހަކު ދިވެހި ވޮލީކޯޓުން އަދި ނުފެނެ އެވެ.

ބޭބެގެ ހިތް ވޮލީއަށް ލެނބިގެންދިޔައީ މަރުހޫމް މުހައްމަދު ޒާހިރު ނަސީރު ކޮންމެ ރޯދަ މަހަކު ބޭއްވި އެން.އެސް.އޭ ވޮލީ މުބާރާތުގެ ތެރެއިންނެވެ. ރާއްޖޭގެ ކުޅިވަރުގެ އެންމެ އަލިގަދަ ތަރި މޫސާ މަނިކު (ކުޑަމޫސަ) އެ މުބާރާތުގައި ކުޅުނު ފުރިހަމަ ކުޅުން ދެކިފަ އެވެ. އޭރު ބޭބެ ކިޔަވަމުންދިޔައީ މަޖީދިއްޔާ ސްކޫލުގަ އެވެ. ފުރަތަމަ ކުޅުނީ ވެސް އެޓޭކަރަކަށެވެ. ލިބަރޯއަކަށް ބަދަލުވީ މާފަހުންނެވެ.

ބޭބެ، މިނަމުން އަދީލަށް ވޮލީކޯޓުގައި މުހާތަބު ކުރަނީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި އެއްބަނޑުއެއްބަފާ ކޮއްކޮ އިބްރާހީމް އާދިލް، ވޮލީ ކުޅެން ފެށުމުންނެވެ.

ބޭބެ ވިކްޓަރީގެ ކުޅުންތެރިންނާއި ކޯޗާއެކު ގައުމީ ތަށި ހިފައިގެން - ރާއްޖެ އެމްވީ

ތަށި މިލްކުރުން:

ރާއްޖޭގެ ކުޅިވަރުގައި ތަށި މިލްކުކުރާ ގިނަ ޓީމުތަކެއްގައި ކުޅުމަކީ މާގިނަ ކުޅުންތެރިންނަށް ހާސިލްކުރެވުނު ކަމެއްނޫނެވެ. ނަމަވެސް ވިކްޓަރީ ސްޕޯޓްސް ކުލަބުން ޕްރޮފެޝަނަލް ވޮލީ ކެރިއަރު ފެށި ބޭބެގެ އަތުގައި މިކަމުގެ ރެކޯޑްތަކެއް އެބަހުއްޓެވެ. ބޭބެގެ ވާދަވެރި ފުރަތަމަ މުބާރާތަކީ ގައުމީ ފެންވަރުގެ މުބާރާތެއް ފަދައިން 90ގެ ތެރޭގައި ފޯރިއާއެކު ކުޅުނު އޮފީސް އަދި ކުންފުނި ވޮލީ މުބާރާތެވެ. އެންމެ ފުރަތަމަ ކުޅުނީ މަޝްހޫރު ކޯޗު ތަރި މުހައްމަދު އަނީސްގެ ބެލުމުގެ ދަށުން އެމް.ޓީ.ސީ.ސީ އަށެވެ. ވޮލީކުޅެން ބޭބެ "އެހެން އޮފީހަކަށް ބަދަލުވީ އެމް.ޓީ.ސީ.ސީއަށް ތަށި މިލްކުކޮށްދީފަ،" އެވެ.

ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަދި ކޯޗު ޝާހު ހޯދައިދިން ފުރުސަތެއްގައި ބޭބެ ވިކްޓަރީ އަށް ކުޅެން ފެށީ 1995 ވަނަ އަހަރު އެވެ. ރަތް ޖާޒީ ދޫކޮށް ނިއުރޭޑިއަންޓަށް ބަދަލުވީ 97 ވަނަ އަހަރު ވިކްޓަރީ އަށް ގައުމީ ވޮލީ ތަށި މިލްކުކޮށްދީފަ އެވެ. އެއަށް ފަހު 1999 ވަނަ އަހަރު އައްޑު އަތޮޅުގެ ހިޒްކުލަބަށް ބަދަލުވެ އެ ކުލަބުން ގައުމީ ތަށި މިލްކުކުރި ޓީމުގައި ވެސް ބޭބެ މުހިންމު ދައުރެއް އަދާކުރި އެވެ. މީގެ ތެރެއިން ވެސް ވިކްޓަރީ ގައުމީ ތަށި މިލްކުރުން، ބޭބެ ފާހަގަކުރެ އެވެ.

"ވިކްޓަރީއަށް ތަށި މިލްކުކޮށްދެވުމަކީ ވެސް (ބޮޑު) ކާމިޔާބީއެއް. އެއީ ނިއު، ވެލެންސިއާގައި ވަރަށް ވަރުގަދަ ޓީމެއް އޮއްވާ، ކުލަބު ފޯރި ގަދަ ދުވަސްވަރެއްގައި ހޯދުނު ބޮޑު ކާމިޔާބީއެއް ވީމަ،" އެވެ.

ބޭބެ (ކަނާތް ފަރާތުގައި) ވިކްޓަރީގެ ކުޅުންތެރިންނާއިއެކު ގައުމީ ތަށި ހިފައިގެން - ރާއްޖެ އެމްވީ
ތަށި މިލްކުކުރުމަކީ ވަރަށް ބޮޑު އުފަލެއް ލިބޭ ކަމެއް. އެކަމަކު ކުޅުނީ ކޮންމެހެން އެކަމަށް ވިސްނައިގެނެއްނޫން. ތަށި މިލްކުރުމުގެ ފުރުސަތު ތަނަވަސްވީމަ އެކަމަށް ވަރަށް މަސައްކަތް ކުރެވުނު ކޮންމެ ކޯޗަކު ވެސް ބުނާގޮތަށް މަސައްކަތްކޮށްގެން
ބޭބެ، 47، ބުންޏެވެ.

އަނެއްކޮޅުން ކުޅޭނެ ޓީމެއް ނިންމާއިރު އަބަދުވެސް ރަނގަޅު ކުޅުންތެރިން ތިބޭ ޓީމަކަށް ދިއުމަށް ބޭބެ އިސްކަންދިނެވެ. ބޭނުމަކީ މޮޅު ކުޅުންތެރިންނާއެކު ކުޅޭނަމަ ފަސޭހަވެފައި، "ކާމިޔާބު ލިބޭތީ،" އެވެ.

ބޭބެ ހިޒް ކުލަބުގެ ކުޅުންތެރިންނާއިއެކު ގައުމީ ތަށި ހިފައިގެން - ރާއްޖެ އެމްވީ
އަބަދުވެސް ޓީމަކަށް ދާއިރު ރަނގަޅު ކުޅުންތެރިން ތިބޭ ޓީމަކަށްދާން ބެލިން. ކާމިޔާބު ބޭނުންވާތީވެ. ފައްލޯ، ނިޒާރު ތިބޭ ކުލަބަކަށް ކުޅެން ފަސޭހަ. އެމީހުންގެ ސަޕޯޓް ލިބޭ
ބޭބެ ބުންޏެވެ.

ލިބަރޯ އަކަށް ބަދަލުވުން:

ވޮލީގައި ލިބަރޯ ތައާރަފްކުރީ 1999 ވަނަ އަހަރު އެވެ. މިހާ ހިސާބަށް ބޭބެ ވެސް ކުޅެމުން އައީ އެޓޭކަރެއްގެ ގޮތުގަ އެވެ. އޭނާ އެންމެ ޝައުވުވެރިވަނީ ވެސް އިދިކޮޅު ޓީމަށް ބާރު ހަމަލާދޭ ކުޅުންތެރިއެއްގެ ގޮތުގައި ކުޅޭށެވެ. އެކަމަކު އިދިކޮޅުން ފޮނުވާލާ ހަމަލާތައް ދިފާއުކޮށް، ޓީމު ލައްވައި ކުޅުވައިދޭ ކުޅުންތެރިއަކަށް އޭނާ ބަދަލުވީ ލިބަރޯ ތައާރަފްކުރި ހިސާބުންނެވެ. ހަގީގަތުގައި މިއީ ވޮލީ ކެރިއަރުގައި އޭނާގެ އެންމެ ބޮޑު ބަދަލެވެ.

ލިބަރޯ އަކަށް ކުޅެން ފެށީ ބޭސިކް ސްކިލް ރަނގަޅުވުމުން. ގުދުރަތީ ހުނަރު ވެސް ރަނގަޅުވުމުން. ރަނގަޅަށް ޖަޖް ކުރަން އެނގޭތީވެ، މެޗު ރީޑްކުރަން އެނގޭތީވެ. މި ސިފަތައް ހުރި ކަމަށް ކޯޗުން ބުނަން ފެށުމުން
ބޭބެ ބުންޏެވެ.
(ކ-ވ)ބޭބެ ގައުމީ ޓީމަށް ކުޅެނީ: އަދި ވަކި ފޮޓޯގައި، އަދި ވޮލީގެ ބައެއް އިސްވެރިންނާއެކު މަޑުކޮށްލައިގެން - ރާއްޖެ އެމްވީ

މިއީ ވަރަށް ރަނގަޅު ވާހަކައެކެވެ. އިންޑިޔާ އާއި ލަންކާފަދަ ޓީމުތަކަށް ދައުވަތުދީގެން ރާއްޖޭގައި ބޭއްވި އިންވިޓޭޝަނަލް ވޮލީ ބޯޅަ މުބާރާތުގައި ސަރަހައްދީ މޮޅު ލިބަރޯއިން ކުޅެމުންދަނިކޮށް އެއްވަނަ ލިބަރޯގެ މަގާމު ބޭބެ ދަމައިގަތެވެ. އެއީ ވޮލީގައި އޭނާގެ އެންމެ ބޮޑު އެއް ކާމިޔާބީ އެވެ.

"އެންމެ އުފާވީ އިންވިޓޭޝަންކަޕުގައި. ލަންކާ، އިންޑިޔާގެ ޓީމުތައް ތިއްބާ ލިބަރޯކަން ލިބުމުން،" ބޭބެ ބުންޏެވެ.

ހަވީރު އެވޯޑް:

މީގެ ހައެއްކަ އަހަރު ކުރިއާ ހަމައަށް ރާއްޖޭގައި ދެމުން އައި އެންމެ ޝަރަފުވެރި ކުޅިވަރު އެވޯޑަކީ ދުވަހު ނޫސް ހަވީރުން ދެމުން އައި އެވޯޑެވެ. އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާ އަށް ހަވީރު 2001 ވަނަ އަހަރު ހަވީރު އެވޯޑް ދޭން ފެށުމާއެކު މި އިނާމް މުޅިން ވެސް ހޯދަމުން އައީ އެޓޭކަރުންނެވެ. އެކަމަކު ކޮންމެ އަހަރަކު ވެސް ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި ބޭބެގެ ނަން ތަކުރާތުވަމުންދިޔަ އެވެ.

އެ ދުވަސްވަރު ރާއްޖޭގެ ވޮލީގެ އެންމެ ތަޖުރިބާކާރު އެއް ކޯޗު މުހައްމަދު ނަދީމް ބުނީ މިހެންނެވެ.

މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދުމުގެ ފުރުސަތު ބޮޑަށް އޮންނަނީ އެޓޭކަރުންނަށް. އެކަމަކު ހުސް އެޓޭކަރުންނާއެކު ގަދަ ފަހެއްގައި ކޮންމެ އަހަރަކު ލިބަރޯއަކު ހިމެނުމަކީ ތަފާތު ކަމެއް. އޭގެއިން އަންގައިދެނީ އެ ކުޅުންތެރިޔާގެ ތަފާތު. އޭނާގެ މޮޅުކަން
ކޯޗު ނަދީމް
ހަވީރު އެވޯޑަށް ވާދަކޮށްގެން ބޭބެ އަށް ލިބިފައިވާ ސެޓްފިކެޓްތައް - ރާއްޖެ އެމްވީ

ބޭބެ ވެސް ބުނީ މިއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. ސަބަބަކީ "އަހަންނަކީ ލިބަރޯއެއްވީމާ،" ކަމަށެވެ.

މީގެ އިތުރުން ގައުމީ ވޮލީ ޓީމަށް 15 އަހަރު ކުޅުނުއިރު 1999 ވަނަ އަހަރުގެ ސާފް ގޭމްސްގައި އަފްގާނިސްތާން ބަލިކުރި ޓީމުގައި ވެސް ބޭބެ ހުއްޓެވެ. އެއީ ރާއްޖޭގެ ވޮލީގައި އަލަށް މެޗަކުން މޮޅުވި ދުވަހެވެ. މިހެންވެ ބޭބެ ބުނީ "އެއީ އެންމެ އުފާވި އެއް ދުވަސް،" ކަމަށެވެ.  

އިދިކޮޅު މީހަކު ނުހުންނާނެ

ރާއްޖޭގެ ގިނަ ކުޅިވަރުތަކެކޭ އެއްފަދައިން ވޮލީގައި "ކުނި ޖެހުން" ގިނަ އެވެ. އެކަމަކު ބޭބެ އަކީ ތަފާތު މީހެކެވެ. ވޮލީގެ ގިނަ ކޯޗުންނާއި ކުޅުންތެރިން އަދި ނޫސްވެރިންނާއި ކުޅިވަރުގެ ގިނަ ބަޔަކު ވެސް ގަބޫލުކުރާ ގޮތުގައި އޭނާ އަކީ އަބަދުވެސް އަހުލާގު ރަނގަޅު ކުޅުންތެރިއެކެވެ. ރަނގަޅު ސިފަތަކެއްގެ މަތީގައި ދެމިހުރި ހަރުދަނާ މީހެކެވެ. ލީޑަރޝިޕް ވަރުގަދަ މީހެކެވެ. ބޭބެ ބުނީ އެކަންކަން އޭނާ އަށް ދަސްވީ މަޖީދިއްޔާގައި އުޅުނުއިރު ކޯޗުކޮށްދިން ކުރީގެ ވަރަށް މަޝްހޫރު ދެ ކުޅުންތެރިން އަދި ފަހުން ގައުމީ ކޯޗުކަން ވެސް ކުރި މުހައްމަދު ނަދީމާއި މުހައްމަދު މުނީޒްގެ ފުށުން ކަމަށެވެ.

ބޭބެ ގައުމީ އަންހެން ޓީމާއެކު - ރާއްޖެ އެމްވީ
އަބަދުވެސް ޑިސިޕްލިން މެއިންޓެއިން ކުރަން ބަލަން. އެއީ މުނީޒާއި ނަދީމްގެ ފަރާތުން އެކަން ދަސްވެފައި ހުރުމުން. ގަޑިއަށް ހާޒިރުވުން، ނިދުން، ކެއުން ފަދަ ކަންކަން ގަޑިއަށް ބަރާބަރަށް ކުރެވޭތޯ ބަލަން، ރަނގަޅު. (އަޅުގަނޑުގެ ހުންނަނީ) މަޑުމައިތިރި މިޒާޖެއް. ކެތްތެރިކަން ހުންނާތީވެ އުނދަގޫވާ ކަންކަމާ ޗެލެންޖްކުރަން. ކުޅުނުއިރު އުނދަގޫ ކަންކަމާ ދިމާވި. އެކަންކަމާ ޗެލެންޖްކުރިން. އިދިކޮޅު މީހަކު ނުހުންނާނެ، އެންމެނާ ވެސް ގުޅޭނެ،
ބޭބެ ބުންޏެވެ.
ބޭބެ ހޯދާފައިވާ ތައްޓާއި ބައެއް މެޑަލްތައް - ރާއްޖެ އެމްވީ

މިހާރު ކޯޗެއް، ހިންގަނީ އެކަޑަމީއެއް

އެތައް ގިނަ ކުލަބުތަކަށާއި ގައުމީ ޓީމަށް ވެސް ކުޅުމަށްފަހު ބޭބެ ކުޅުންތެރިންގެ ޖާޒީ ބޭލީ އުމުރުން 35 އަހަރުގައި 2011 ވަނަ އަހަރު އެވެ. މިހާރު އޭނާ އަކީ ގައުމީ ވޮލީ އިދާރާގެ އެކްސްކޯ މެމްބަރެކެވެ. ގައުމީ އަންހެން އަދި ފިރިހެން ސީނިއާ ޓީމާއި، ޖޫނިއާ ޓީމުތަކަށް ވެސް ކޯޗެއްގެ ގޮތުން މަސައްކަތްތަކެއް ވަނީ ކޮށްދީފަ އެވެ. އަދި ބައެއް ކުލަބުތަކަށް ވެސް ކޯޗުކަންކޮށްދިނުމަކީ އޭނާގެ އުފަލެކެވެ. މީގެ ތެރެއިން މިހާރު ކުރިލައި ހެދެން ފަށާފައިވަނީ އަމިއްލަ ވޮލީ އެކަޑަމީއެކެވެ. ނަމަކީ ނިއޯން ސްޕޯޓްސް ކުލަބެވެ.

ބޭބެ ގައުމީ ޓީމުގެ ބައެއް އޮފިޝަލުންނާއެކު - ރާއްޖެ އެމްވީ
ވޮލީ ކޯޗުކޮށްދެން. އެއީ ކާމިޔާބު ހޯދުމަށާއި ވޮލީގެ ލޯބި ބޮޑުވުމުން. ކުޅުންތެރިން އުފައްދަން މަސައްކަތް ކުރަނީ. މިހާރު ނިއޯން ސްޕޯޓްސް ކުލަބު ހަދައިގެން އެ މަސައްކަތް ކުރަމުންދަނީ. ވޮލީގައި އަޅުގަނޑަށް ކުރިއަށް ދެވުނީ އާއިލާގެ ސަޕޯޓް ވަރަށް ލިބުނީމަ. ބައްޕަ އަބަދުވެސް ހިތްވަރުދޭ. ކޮއްކޮގެ ސަޕޯޓް ވަރަށް ލިބޭ. އަންހެނުން ވަރަށް އެހީތެރިވޭ (ފުލް ސަޕޯޓް) ދެ ކުދިން ބަލަމުން
ބޭބެ ބުންޏެވެ.
ބޭބެ އާއިލާގެ މެމްބަރުންނާއެކު - ރާއްޖެ އެމްވީ