އެއީ މަޖީދިއްޔާ ސްކޫލުގެ ރެޑް ހައުސްގެ ދުވަސްވަރެވެ. އެދުވަސްތައް މާޒީގެ ތެރެއަށް ދޫކޮށް އަމަލީ މައިދާނަށް ނުކުތް ކުދިންގެ ތެރެއިން ކުޅިވަރު ކުޅޭ ތަންތަނަށް ދައްކަންޖެހޭ ފީ 120 ރުފިޔާއިން 240 ރުފިޔާ އަށް ބޮޑުކުރިއެވެ. މިކަމާ ކަންބޮޑުވި އެއް ބޭފުޅަކީ ރިނބުދޫ މުހައްމަދު ނާސިރެވެ. އޭނާ އާއި އެކުގައި އުޅުނު ރަހުމަތްތެރިންގެ މިކަންބޮޑުވުން އިންތިހާ އަށް ދިޔައީ އަލަށް ކުލަބެއް ރަޖިސްޓްރީ ކުރާނަމަ ދައްކަންޖެހޭ ފީ 1100ރުފިޔާ އަށް ބޮޑުވުމުންނެވެ.
ނަމަވެސް ވަރަށް ހިތްވަރުކޮށްފައި ކުރި މަސައްކަތަށް ފަހު ވިކްޓަރީ ސްޕޯޓްސް ވުޖޫދަށް ގެނުވި އެއް ބޭފުޅަކީ ރިނބުދޫ ނާސިރެވެ. ވިކްޓަރީގެ ކާމިޔާބު ހަޔާތުގެ ކުރިން އޭނާ ފެނިގެންދިޔައީ މާލޭ ޒަމާނީ މިއުޒިކް ކުލަބުންނެވެ. ފުޓްބޯޅަ އާއި ވޮލީ އަދި ބާސްކެޓާއި ހޮކީގެ އިތުރުން ކްރިކެޓާއި ހޮކީގައި ވެސް އޭނާއަކީ ފާހަގަކޮށްލެވުނު ކުޅުންތެރިއެކެވެ. އަދި ބައިސްކަލް ރޭހާގައި ސަގާފީ ކުޅިވަރެއް ކަމުގައިވާ މަންޑި ކުޅުމުގައި ވެސް ފާހަގަކޮށްލެވުނު ކުޅުންތެރިއެކެވެ.
ފުޓްބޯޅައިގައި ނާބެ އަކީ ފޯވަޑެކެވެ. ނަމަވެސް އޭނާގެ ދުވަސްވަރު ޑިފެންސަށް ކުޅޭ ކުޅުންތެރިން މަދުވުމުން ގިނަ މެޗުތަކުގައި އޭނާ އަށް ޖެހުނީ ފަހަތުގައި ޑިފެންސިވް މަގާމުތަކަށް ކުޅޭށެވެ. ނާބެ ބުނި ގޮތުގައި އޭގެ މައިގަނޑު ސަބަބަކީ ފަހަތަށް ކުޅެނިކޮށް ގޯލެއް ވަދެއްޖެނަމަ ކުޅުންތެރިން އޭގެ ޒިންމާނަގަން ބޭނުންނުވުމެވެ. މިހެންވެ ފަހަތަށް ކުޅޭ ކުޅުންތެރިން މަދުވުމުން، އެވަގުތެއްގައި ކޯޗު އެންމެ ބޭނުންވާ މަގާމަށް އޭނާ ކުޅެދެ އެވެ. މި ގޮތުން އެންމެ ހާއްސަ އެއް މުބާރާތަކީ 1979ގައި ރިޔޫނިއަންގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އެވެ.
އެ މުބާރާތަށް ދިޔަ ރާއްޖޭގެ ޓީމުގެ ވައިސް ކެޕްޓަނަކީ އޭނާ އެވެ. އަދި ފުރަތަމަ މެޗުގެ ވަކި ހިސާބަކުން ފެށިގެން ފަހަތަށް ކުޅެން ޖެހުނީ އިދިކޮޅު ޓީމުތަކުގެ ވަރުގަދަކަމުން ކޯޗުގެ އެދުމުގެ މަތީންނެވެ.
އޭނާގެ ދިފާއީ ކުޅުން ދެން އެންމެ ބޮޑަށް ފެނިގެންދިޔައީ 1970 ވަނަ އަހަރު އައްޑޫގައި ބޭއްވި ގައުމީ ފުޓްބޯޅަ މުބާރާތުގެ ތަށި ޒަމާނީ މިއުޒިކް ކުލަބުން ހޯދިއިރު އެވެ. އެއިރުގެ އެންމެ މޮޅު ފޯވަޑުން އޮބަހައްޓާލިލެއް މޮޅުކަމުން އެ މުބާރާތުގެ އެންމެ މޮޅު ދިފާއީ ކުޅުންތެރިއަކީ އޭނާއެވެ. އަދި ސަރުކާރުން އަލަށް ހޮވަން ފެށި މަގާމެއް ކަމަށް ޓީމަށް އެންމެ ފައިދާހުރި ކުޅުމެއް ކުޅުނު ކުޅުންތެރިޔާގެ މަގާމު ފުރަތަމަ ދެ އަހަރު ހޯދީ ވެސް ނާސިރެވެ. އެއީ 1982 އާއި 1983 ވަނަ އަހަރު އެވެ.
ކުޅުމުގެ ތެރޭގައި ހިނގި ތަފާތު ހާދިސާތަކުގެ ތެރެއިން ކުރިމަތިވި ސަސްޕެންޝަންތަކާހުރެ ދޭތެރެދޭތެރެއިން ކުޅުމާ ދުރަށް ވަޑައިގަންނަވަން ޖެހުނު ނަމަވެސް ނާސިރަކީ ގައުމީ ޓީމުތަކުގައި ވެސް ވިދާލި ކުޅުންތެރިއެކެވެ. ރިނޫނިއަންގައި 1979 ވަނަ އަހަރު ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުއްވުމުގެ އިތުރަށް އޭނާ އަކީ ގައުމީ ކްރިކެޓް ޓީމުގެ ވެސް މުހިންމު ކުޅުންތެރިއެކެވެ. ފުރަތަމަ ފަހަރަށް ބޭއްވި ލިމިޓެޑް އޯވަރު ކްރިކެޓް މުބާރާތުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަކީ ވެސް ނާސިރެވެ. މީގެ އިތުރުން އޭނާ އަކީ މޮޅު ހޮކީ ކުޅުންތެރިއެކެވެ. ނާބެ ދެކިލައްވާ ގޮތުގައި ހޮކީ ރާއްޖޭގައި ނުކުޅޭ ކުޅިވަރަކަށް ހެދީ ކޮންމެވެސް ބާރުގަދަ ބަޔަކަށް އުނދަގޫވެގެންނެވެ.
ނާސިރަކީ ކުޅުންތެރިއެއްގެ އިތުރުން ކޯޗެއްވެސްމެ އެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ބޭރުން ތައުލީމް އުނގެނިގެން ކުޅިވަރު ކޯޗުކޮށްދޭން ފެށުމަކީ ވެސް އޭނާ އެވެ. ޖަރުމަނުން ދޮޅު އަހަރުގެ ކޯޗިން ފުރިހަމަކުރުމަށްފަހު ފުޓްބޯޅަ ދަސްކޮށްދޭ މީހަކަށް ވުމުން އޭނާ އަށް ކުލަބުތަކަށް ކުޅުން ހުއްޓާލަން ޖެހުނެވެ. ސަބަބަކީ ސްޕޯޓްސް ޑިވިޝަނުގައި ކުޅިވަރު ދަސްކޮށްދޭ މީހެއްގެ ވަޒީފާ އަދާކުރަން ޖެހުމެވެ. އެދުވަސްވަރު ކޯޗުންނަށް ކިޔައި އުޅެނީ "ކުޅިވަރު ދަސްކޮށްދޭ" މީހާ އެވެ.
ހަޔާތުގެ ގިނަ ދުވަސްތައް ވިކްޓަރީ ހިންގެވުމުގައި ހޭދަކުރެއްވި ނަމަވެސް ނާސިރަކީ ތަފާތު ކުލަބުތަކުގެ ހިދުމަތްތެރިއެކެވެ. ނިއުރޭޑިއަންޓަށް ކުޅުންތެރިއެއްގެ ގޮތުގައި ކްރިކެޓް ތަށި ހޯދައިދިން އިރު ނާސިރަކީ މަޝްހޫރު ލެގޫންސް އުފެއްދެވި އެކުލަބުގެ އެއް މަސްއޫލުވެރިޔާ އެވެ. ވިކްޓަރީ ސްޕޯޓްސްގެ ތަފާތު މަގާމުތައް ފުރުއްވައި އެކި ކުޅިވަރުތަކުގައި ބައިވެރިވާ ޓީމުތަކަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސެވުމަކީ މިހާރު ވެސް އޭނާގެ އުފަލެކެވެ. ކުރުކޮށް ބުނާނަމަ ނާސިރަކީ ވިކްޓަރީ އޭނާ އަށް ބޭނުންވިޔަސް ނުވިޔަސް ކުލަބުގެ ކަންކަމުގައި އެންމެ އަވަދިނެތި އެންމެ ގާތުގައި ހުންނަވާ މަދަދުގާރެކެވެ.
އުމުރުން މިހާރު 73 އަހަރުގެ ނާސިރުގެ ހިދުމަތުގެ އަގު ވަޒަންކޮށް 2006 ވަނަ އަހަރު ސަރުކާރުން ވަނީ ކުޅިވަރަށް ހިދުމަތްކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމް ދީފަ އެވެ. އަދި 2018 ވަނަ އަހަރު ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވަނީ އޭނާ އަށް އެފްއޭއެމް ޕްރެޒިޑެންޓް އެވޯޑް ދީފަ އެވެ.