ފުރަތަމަ ފީފާގެ ރެފްރީގެ ވާހަކަ: ލޮއިޓިނުން ހެދި ކަށިގަނޑުން އަޑުނެރުނީ ކުންނާރު އޮށަކުން!
މައްލާ ޅަތުއްތު
ކ. މާލެ |

ނޫސްވެރިކަމުގެ ތެރެއަށް ވަނުމާއެކު ހ. ސާވަން މައްލާ ޅަތުއްތުއާ ވަރަށް ގިނައިން ގުޅަން ޖެހުނެވެ. އޭނާ އަކީ "މީހަކު ނުވުމުން" އެފްއޭއެމްގެ ރެފްރީންގެ ކަންކަން ބެލެހެއްޓުން އެންމެ ގިނައިން ހަވާލުވާން ޖެހުނު ބޭފުޅާ އެވެ. ނަމަވެސް މައްލާ އާއި އަޅުގަނޑާ ގުޅުން އުފެދުނީ އޭނާ އަށް ނިސްބަތްކުރާ "މައްލާ ގޯލުގެ ތަފްސީލު،" ހޯދަން ކިޔާވަރުންވެ. އޭނާގެ ރެފްރީކަން ފެށިފައިވަނީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އުފެއްދުމުގެ ވެސް މާކުރިންނެވެ. މަޖީދީއްޔާގައި ކިޔަވަން އުޅުމުގެ ތެރޭގައި އޭނާ ރެފްރީއަކަށްވާން ޖެހުނީ ސްކޫލް މުބާރާތްތަކުގައި ޖެހެމުންދިޔަ މައްސަލަތައް ހައްލު ކުރާނެ މީހަކު ނެތުމުންނެވެ. "އެވީ ހޭންޑް ބޯލްއެއް" ކަމަށް އެތައް ކުދިބަޔަކު ކުރަމުންދިޔަ ޝަކުވާތަކަށް ނިމުން ގެނައުމަށެވެ.

ރެފްރީ ކަށިގަނޑުން އަޑުނެރުނީ ކުންނާރު އޮށަކުން:

ރެފްރީއަކަށްވުމަށް މައްލާގެ މަދަދުގާރަގަށްވީ އޭނާގެ ކާފަ މަރްހޫމް މައްލާ ދޮހޮއްތު އެވެ. ކާފަ އަކީ ކަނބުރުވެރިއަކެވެ. މައްލާގެ އެދުމުގެ މަތީން ކާފަ، ރެފްރީކަންކުރާނެ ކަށިގަނޑެއް މައްލާ އަށް ތައްޔާރުކޮށްދިނީ ލޮއި ޓިނުންނެވެ. ނަމަވެސް އެކަށިގަނޑަށް ފުމެލުމުން ފުރަތަމަ އަޑު ބޭރެއްނުވި އެވެ. މިހެންވެ އަޑުނެރުމަށް ކަށިގަނޑުގެ ތެރެއަށްލެއްވީ ކައިރި ގެއަކުން ހޯދި ކުންނާރު އޮށެވެ.

މިހާ ދަތި ހާލުގައި ވެސް އުމުރުން އެންމެ 12 އަހަރުގައި ވެސް މައްލާ އޭނާގެ ރެފްރީކަމުގެ ފުރަތަމަ ފިޔަވަޅު އެޅީ ކޮންމެވެސް ދުވަހަކުން ފީފާ ރެފްރީއަކަށްވުމުގެ މަތިވެރި އަޒުމާއެކުގައެވެ. އެކަމަކު އާއްމުންގެ ތެރެއަށް އޭނާ މަޝްހޫރުވާން ފެށީ ރައީސް އިބްރާހީމް ނާސިރުގެ އެންގެވުމުގެ މަތީން 1970ގެ ތެރޭގައި އައްޑު އަތޮޅުގައި ބޭއްވި ގައުމީ ފުޓްބޯޅަ މުބާރާތުގެ މެޗުތަކުންނެވެ.

ރެފްރީއަކަށްވުމުގެ ކުރިން މައްލާ އަކީ ފުޓްބޯޅަ ކުޅުންތެރިއެކެވެ. ޑިފެންސަށް ކުޅެން އޭނާ ފުރަތަމަ ގުޅުނު ކުލަބަކީ ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. ފަހުން ބަދަލުވީ އެކުވެރި ކުދީންތަކެއް އުފެއްދި މާލޭ ޓެނިސް ކުލަބަށެވެ. ރަސްމީގޮތެއްގައި އޭނާގެ ރެފްރީކަމުގެ ފެށުންއައީ ޓެނިސް ކުލަބުގައި އުޅުނުއިރު މަރްހޫމް މުހައްމަދު ޒާހިރު ނަސީރު ހިންގެވި ރެފްރީ ކޯހުން ފާސްވުމުންނެވެ. މިއާއެކު ޒާހިރާއި ބަންދު އަހްމަދު ސަލީމް ފަދަ ބޭފުޅުންނާއެކު މައްލާގެ ރެފްރީކަމުގައި ފިޔަ ޖަހަން ފެށީ 1968ގައި ރަސްމީކޮށް ރެފްރީކަމުގެ ތެރެއަށް އޭނާ ވެންނެވުމުންނެވެ.

މައްލާ (ވާތުން ދެވަނަ އަށް) ކުރީގެ ރެފްރީން ތަކަކާއެކު - ފޭސްބުކް

އެންމެ ފުރަތަމަ ފީފާ ބެޖް ހޯދީ ވެސް މައްލާ:

މި ގޮތުން ވަރަށް އަވަހަށް ކުރިއަރައި ގޮސް އެންމެ ފުރަތަމަ ރާއްޖެއިން ފީފާ ބެޖް ހޯދި ދެ ރެފްރީގެ ތެރެއިން އެއްބޭފުޅަކީ ވެސް މައްލާ ޅަތުއްތު އެވެ. މިވާހަކަ އެއިރު ސިލޯނުގެ ނޫސްތަކުގައި ވެސް ޖެހިއެވެ. ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައި ރެފްރީކަން ކުރި ފުރަތަމަ ދިވެއްސަކީ ވެސް އޭނާ އެވެ. އެއީ 1986 ވަނަ އަހަރު އިންޑިޔާގެ ކަލްކަތާގައި އޮތް މުބާރާތެއްގައި ލިބުނު މަޝްހޫރުކަމެއްގެ ސަބަބުންނެވެ. ނަތީޖާއެއްގެ ގޮތުން ސާކް ސަރަހައްދުގައި ވެސް ވަރަށް މަގްބޫލު ރެފްރީއަކަށް މައްލާ ވެގެންދިޔަ އެވެ.

ހާއްސަކޮށް ފީފާގެ ބެޖް ހޯދުމަށް އޭނާ އިމްތިހާނުގައި ބައިވެރިވާންދިޔަ ސްރީލަންކާގައި މައްލާއަކީ އެދުވަސްވަރު ވަރަށް މަޝްހޫރު ރެފްރީއެކެވެ. ނަތީޖާއެއްގެ ގޮތުން ސާފް ގޭމްސްގައި ދެ ފަހަރު ރެފްރީކަން ކުރަން ލިބި 1991ވަނަ އަހަރު މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ލިބުނެވެ. އެ މުބާރާތުގައި އިންޑިޔާ އާއި ބަނގްލަދޭޝް ކުޅުނު މެޗަށް އޭނާ އިންސާފުކުރިލެއް މޮޅު ކަމުން ތައުރީފު އޮހިގެންދިޔަ އެވެ. މައްލާ ބުނާ ގޮތުން ފައިނަލް މެޗުން ފުރުސަތު ނުލިބުނީ އެއްކޮޅުން ދިވެހިރާއްޖެ ފައިނަލުގައި ވާދަ ކުރަންޖެހުމުންނެވެ.

އެހެންނޫންނަމަ ޔަގީން ކަށަވަރު މަށަށް ނުލިބި އެހެން މީހަކަށް ފައިނަލް މެޗު ނުލިބޭނެ. އެ މުބާރާތުގައި މަހުރީ ވަރަށް ފޯމުގައި. ވަރަށް ޓަފް މެޗުތަކަކަށް އަހަރެން އަރުވަމުންދިޔައީ ދެން އެމީހުން ތިބީ ވަރަށް ހިތްހަމަޖެހިގެން އަހަރެންގެ ނިންމުންތަކާމެދު
މައްލާ ބުންޏެވެ.
މައްލާ އޭނާ އަށް ލިބުނު ރެފްރީ ބެޖްތަކާއެކު - ފޮޓޯ: އަދިވެސް

އެފްއޭއެމުގެ ފުރަތަމަ ސެކްރެޓަރީ، އެފްއޭއެމާއި ރެފްރީ ބެޖް ކުރެހީ އަމިއްލަ އަތުން

އެފްއޭއެމުގެ އުފައްދައި އެތަނުގެ ފުރަތަމަ ޖެނެރަލް ސެކްރެޓަރީ އަކީ ވެސް މައްލާ އެވެ. އޭގެ ފަހުން ރެފްރީޒް ޑިޕާޓްމަންޓްގެ ހިންގުމާ ދެ ފަހަރެއްގެ މަތީން ހަވާލުވެ އޭނާ ވަނީ މިއަދާ ހަމައަށް ގިނަ އަދަދެއްގެ ރެފްރީންތަކެއް ގައުމީ ހިދުމަތަށް ނެރެދީފަ އެވެ. މާލެ އާއި އަތޮޅުތެރެއަށް ދަތުރުކޮށް އެއްވެސް އުޖޫރައަކާނުލައި ރެފްރީންނަށް ބުނެދިނުމަކީ އޭނާ ވަރަށް ކުރާހިތުން ކުރާ ގައުމީ ހިދުމަތެކެވެ. އޭނާގެ ހިދުމަތްތަކުގެ ތެރެއިން އެންމެ ފާހަގަ ކުރެވެނީ ރެފްރީޒް ކަޕް ބާއްވައިގެން އުފެއްދި ރެފްރީންނެވެ.

2002 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ރެފްރީކަން ކުރި މުހައްމަދު ސައީދާއި އަދިވެސް އެންމެ ކުޅަދާނަ ރެފްރީންކަމަށް އެތައް ބަޔަކު ގަބޫލުކުރާ އަލީ ސަލީމާއި އަހުމަދު އަމީޒާއި އަހުމަދު އަބީރާއި ނާގޫރު އާސިމް ފަދަ ރެފްރީންނަކީ ސީދާ މައްލާގެ އިރުޝާދުގެ ދަށުން ހިދުމަތަށް ތައާރަފްވި މޮޅު ރެފްރީންތަކެކެވެ. މައްލާ ބުނީ އޭނާގެ ދަރިވަރުން މޮޅަށް ރެފްރީކަން ކުރުމަކީ އެންމެ އުފާވާ ކަންތައް ކަމަށެވެ.

ރާއްޖޭގައި ފުރަތަމަ ރެފްރީން ބޭނުންކުރާނެ ބެޖެއް ކުރެހީ އަހަރެން. އެއީ 1969ގައި. ދެން 1982 ވަނަ އަހަރު އެފްއޭއެމް އުފެއްދިއިރު އަހަރެން ހުރީ ސެކްރެޓަރީއަކަށް. އެއީ މާބައިވަރު މުވައްޒަފުން ތިބޭ ޒަމާނެއްނޫން. ދެން ބެޖެއް ހުރަހަން ޖެހުނީމާ އެކަން ވެސް ކުރީ އަހަރެން. މިހެންވީމާ ރެފްރީ ބެޖްގެ ބައެއް އެފްއޭއެމް ބެޖްގައި ވެސް ހިމަނައިގެން ކުރަހާފައި ހުންނާނެ. އެފްއޭއެމް ބެޖަށްވުރެ ރެފްރީންގެ ބެޖް ދޮށިވާނެ. އެ ޒަމާނަކީ ކޮމްޕިއުޓަރު ޒަމާނެއްނޫންވީމާ އަހަރެން ގެންގުޅުނު ފޮޓޯ އާއި މެގަޒިންތަކެއް ބަލައިގެން ކުރެހީ
މައްލާ ތަފްސީލުކޮށްދިނެވެ.
މައްލާ (ކ) ބިދޭސީ ރެފްރީންނާއެކު - ފޭސްބުކް

ހިދުމަތުގެ އަގު ސަރުކާރުން ވަޒަންކޮށްފި

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2023ގައި ލައިފް ޓައިމް އެޗީވްމަންޓް ލިބުމުން ރެފްރީކަމުގެ ދާއިރާގައި މައްލާ އަށް މިހާރު ނުލިބޭ އިނާމެއްނެތެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިއިނާމް ދެއްވުމުގެ ކުރިން މައްލާ އަށް ރެފްރީކަން ކުރުމުގެ ރޮނގުން ސަރުކާރުން ދެއްވާ އާއްމު ހިދުމަތުގެ އިނާމް 1990 ވަނަ އަހަރު ލިބުނެވެ. އަދި 2019 ވަނަ އަހަރު އެފްއޭއެމް ޕްރެޒިޑެންޓް އެވޯޑް އަދި 2022 ވަނަ އަހަރު ކުޅިވަރަށް ހިދުމަތްކުރުމުގެ ރޮނގުން އާއްމު ހިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމް ވެސް ލިބުނެވެ. މީގެ އިތުރުން މި އަހަރު ކުރީކޮޅު އޭނާ އަށް ވަނީ 35 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތަށް ހިދުމަތްކޮށްދިނީތީވެ ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމް ވެސް ލިބިފަ އެވެ.

އެފްއޭއެމުގެ ސީނިއާ ރެފްރީޒް އިންސްޓަކްޓަރުކަން ވެސް ކުރި މައްލާއަކީ ފުޓްބޯޅައާ ގުޅޭ ކޮންމެ ކަމަކަށް ކޮންމެ ވަގުތެއްގައި ގޮވާލިއަސް ހިނިތުންވުމާއެކު އިޖާބަ ދޭ މީހެކެވެ. މައްލާ ބުނާ ގޮތުން އެކަން އެހެންވަނީ "ފުޓްބޯޅަ އަށް ހުރި ލޯތްބެއްގެ ބޮޑުކަމުން"ނެވެ. މެދުނުކެނޑި 44 އަހަރަށްވުރެ ގިނަދުވަހު ހިދުމަތުގައި ދެމިހުރީ "ހިދުމަތްކުރާހިތްވާލެއް ބޮޑުކަމުން،" ނެވެ.

1989ގެ ޕޮމިސްކަޕް މެޗަކަށް ފަހު ރައީސް މައުމޫން (ވ)މައްލާއާ ސަލާމް ކުރައްވަނީ - ފޭސްބުކް

މައްލާ ގޯލު: ރެފްރީންނަށް އިބްރަތެއް

ހަގީގަތުގައި ދިވެހި ފުޓްބޯޅަ ދެމިއޮތްހާ ހިނދަކު މައްލާގެ ނަމަށް ފަނޑުކަމެއް ނާންނާނެ އެވެ. ހާއްސަކޮށް ރެފްރީންގެ އާއިލާގައި އޭނާގެ ނަމަކީ ސަމާސާކޮށް ހަދާ އަދި އެހާމެ އިބްރަތްތެރި ނަމެއްވެސްމެ އެވެ. ރެފްރީންނާއި މެޗު އިކުއިޕްމަންޓްގެ ފެންވަރު ވަރަށް ދެރަވަރު ޒަމާނެއްގައި ބޭރުވެގެން ކުޅުމުގެ ތެރެއަށް އައި ބޯޅަ އެއް ދާގަނޑުގެ ތެރެއަށް ދެމިގަތުމުން ގޯލެއް ކަމަށް އޭނާ ނިންމި ނިންމުމާއެކު ވަރަށް ގިނަ ބައެއްގެ ނުރުހުން ދިގު ޒަމާންތަކަކަށް އަމާޒުވި އެވެ. ނަތީޖާއެއްގެ ގޮތުން 1995 ވަނަ އަހަރު ރެފްރީ ޔުނީފޯމް ބާލަން މަޖުބޫރުވި އެވެ. އެގޯލަށް އިޝާރާތްކޮށް ސަމާސާއަކަށް ހަދާފައި ވިޔަސް އޭނާ އަށް ނިސްބަތްކުރެވޭ "މައްލާ ގޯލު"ގެ ވާހަކައަކީ ދިވެހި ފުޓްބޯޅަ ރެފްރީންނަށް އެމީހުންގެ ޒިންމާ އެންމެ ފުރިހަމަ އަށް އަދާކުރުމަށް އަބަދުވެސް ސަމާލުވެ ތިބުމަށް ލޯހުޅުވައިދީ އަދި އެތަކެއް މުހިންމު ފިލާވަޅުތަކެއް ހަންދާންއާކޮށްދޭ މުހިންމު ހާދިސާއެކެވެ.

އެބޯޅަ އަހަރެންނަކަށް ނުފެނޭ. ފެނުނީ ގޯލަށް ވަން ފަހުން. ގޯލުގެ އަރިމަތީ ދާގަނޑު ފަޅައިގެން ގޮސްފައިހުރި ތަންކޮޅަކުން އެ ބޯޅަ ގޯލަށްވަނީ ބޯޅަ ޖެހިލެއް ބާރުކަމުން. ލައިންސްމަނަށް ވެސް ނޭގުނުވީނުވީއެއް. އަހަރެން ވެސް ނިންމީ ގޯލަކަށް. އެހެންވެ މައްލާ ގޯލާ ކިޔަނީ. ދެން އެއީ ރެފްރީން އަބަދުވެސް ތިބެންވާނީ ހުށިހާރުވެގެންކަން އަންގައިދޭ މިސާލެއް. އަހަރެން އުފާވޭ އަހަރެންގެ މަސައްކަތް ސަރުކާރުންނާއި އެފްއޭއެމުން ބަލައިގަންނާތީވެ
މައްލާ ބުންޏެވެ.
މައްލާ އެކި ދުވަސްވަރު ނަގާފައިވާ ފޮޓޯތައް - ފޭސްބުކް