މަޝްހޫރު ފުޓްބޯޅަ ކޮމެންޓޭޓަރު ޖޯން މޮޓްސަންގެ ގާތު 2003 ވަނަ އަހަރު މޮޅު ކޮމެންޓޭރަކަށްވޭނީ ކިހިނަކުންތޯ ނޫސްވެރިއަކު ސުވާލުކުރި އެވެ.
ފުރަތަމަ ކަމަކީ ވަރުގަދަ އަޑެއް އޮތުން، ވަގުތުގެ މުހިންމުކަން އެނގެންވާނެ. ވާހަކަ ދައްކާފައި ނުދައްކާނެ ދަނޑިވަޅުތައް އެނގެންވާނެ. މެޗު ބަލާ މީހާގެ ލޮލާއި އަޑުހާ މީހާގެ ކަންފަތަކަށްވާނީ ޖެހޭނީ ކޮމެންޓޭޓަރުޖޯން މޮޓްސަން
50 އަހަރު ވަންދެން އިވިއިވިހުރި އޭނާގެ ވަރުގަދަ އަޑު މީދެ ހަފުތާ ކުރިން ވަނީ ހުއްޓިފަ އެވެ. އުމުރުން 77 އަހަރުގައި އޭނާ ނިޔާވީ އެތަކެއް ހަނދާންތަކެއްގެ އަޑު ކުރިމަގަށް ދޫކޮށްލާފަ އެވެ.
މޮޓްސަންގެ އަޑު އެންމެ ފުރަތަމަ އާއްމުންނަށް އިވެން ފެށީ 1969ގަ އެވެ. އިނގިރޭސިވިލާތުގެ ޑާބީ ކައުންޓީ އާއި އެވަޓަން ބައްދަލުކުރި މެޗާއެކުގަ އެވެ. އެއަށްފަހު މުޅި ދުނިޔެ އަށް މަޝްހޫރުވި އަޑުގެވެރިޔާ ޖޯން މޮޓްސަން ވެގެންދިޔައީ ޓީވީން ފުޓްބޯޅަ ބަލާ ކޮންމެ މީހަކަށް ވެސް ވަރަށް ފަރިތަ މީހަކަށެވެ.
ޓީވީ އާއި ރޭޑިއޯ ހިމަނައިގެން މޮޓްސަން ވަނީ 2500ވުރެ ގިނަ މެޗުގައި ކޮމެންޓްރީދީފައެވެ. 1970 އިން ފެށިގެން 2008 އާ ހަމައަށް އޭނާގެ އަޑު އިވެމުންދިޔައީ މަޝްހޫރު ބީބީސީގެ ލީޑިން ފުޓްބޯޅަ ކޮމެންޓޭޓަރުގެ ގޮތުގަ އެވެ. 10 ވޯލްޑްކަޕާއި 10 ޔޫރޯ އަދި އިނގިރޭސި އެފްއޭކަޕުގެ ފައިނަލްގައި 29 ފަހަރު އޭނާ ކޮމެންޓްރީ ދީފައިވެ އެވެ.
އިނގިރޭސިވިލާތުގެ ކަލްފޯޑް ސްކޫލުން ކިޔެވުމަށްފަހު، އެންމެ ފުރަތަމަ އޭނާވީ ކުޅިވަރު ޚަބަރު ލިޔާ ނޫސްވެރިއަކަށެވެ. މަދުރަސީ ހަޔާތުގައި ވެސް ސްކޫލްކުޅޭ މެޗުތަކުގެ މައުލޫމާތު ފެތުރުމުގައި ކޮންމެވެސް މިންވަރަށް އުޅެން ޖެހުމުން އެކަމަށް އުފެދުނު ލޯތްބެއްގެ ސަބަބުންނެވެ.
ހީވެސް ނުކުރާހާ އަވަހަށް މޮޓްސަންގެ ކޮމެންޓްރީ ވައިގައި ހިފިއެވެ. މިއާއެކު ބީބީސީގެ މަގުބޫލުކަން ވެސް ބޮޑުވެ، މޮޓްސަން އަށް ފުރުސަތު ފަހިކޮށްދޭން މަޖުބޫރުވި އެވެ. ކުލަކޮށް މަންޒަރު ނުފެނުމާއި ފުޓްބޯޅައިގެ މައުލޫމާތު ލިބުން ދަތި ޒަމާނެއްގައި މޮޓްސަން އަމިއްލަ އަށް އިސްނަގައިގެން މެޗުތަކުގެ ވާހަކަ ކިޔައިދެމުންދިޔައީ އެތައް ބައެއްގެ ހިތްއަތުލަމުންނެވެ. އޭނާގެ އެންމެ ޚާއްސަ އެއް މެޗަކީ 1972 ވަނަ އަހަރުގެ އެފްއޭކަޕުގައި ނިއުކާސަލް އާއި ހެރެފޯޑް ޔުނައިޓެޑް ކުޅުނު މެޗެވެ. ނިއުކާސަލް މޮޅުވާނެ ކަމަށް އެތައް ބަޔަކު ހީކޮށްގެން ތިއްބައި ރޮނީ ރަޑްފޯޑް ނަތީޖާ ހަމަހަމަކުރަން ޖެހި ގޯލު މޮޓްސަން ސިފަކޮށްދިންލެއް ފުރިހަމަކަމުން އެ އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ހާދިސާއަކީ އެއީ ކަމަށްވި އެވެ.
އަސްތާ ކޮން ފަދަ މޮޅުގޯލެއް! ގޯލު ޖެހީ ރަޑްފޯޑް، ރޮނީ ރަޑްފޯޑް. ކުޅިބަލާ މީހުން މިތިބީ ދަނޑުމަތީގައި. ރަޑްފޯޑް ގޯލަށް ފޮނުވާލީ ކޮން ކަހަލަ މޮޅު ހަމަލާއެއްކޮމެންޓްރީ ގެނެސްދެމުން މޮޓްސަން ބުންޏެވެ.
ބީބީސީން ކޮމެންޓަރީ އަށް ހާއްސަ މީހަކަށް އޭނާ ހަމަޖައްސައި މުހިންމު ރޯލެއް ދޭން ފެށީ ވެސް މިހިސާބުންނެވެ. ފުރަތަމަ ވެސް ދިނީ ތިން އަހަރުގެ ކޮންޓްރެކްޓެކެވެ.
އަހަރެންނަށް ކޮމެންޓްރީގެ ކުރަން ފެށުމުގެ ކުރިން ލިބުނީ ނޫހަކަށް ލިޔަން 1960ގެ ތެރޭގައި. އޭގެ ފަހުން ޝެފީލްޑްގް މޯނިން ޓެލެގްރާފަށް ބަދަލުވީ. ނަސީބަކުން ބީބީސީން 1968ގައި އެމީހުން އެބުނާ އެކްސްޕެރިމެންޓު ހަދަން ރޭޑިއޯ ފެއްޓީ ޝެފީޑްލްޑްގައި. އަހަރެންނަށް ދިނީ ރޭޑިއޯއިން ރިޕޯޓްކުރަން. އޭގެ ފަހުން ރޭޑިއޯ 2ގައި ޖެހުނީ މެޗު އޮފް ދަ ޑޭ ޝޯ ހުށަހަޅަން. ކޮމެންޓްރީ ފެށުނީ މި ހިސާބުން. އަހަރެން ވަރަށް އުފާވި ރަނގަޅު ވަގުތުގައި ރަނގަޅު ތަނުގައި ހުރެވެމުންޖޯން މޮޓްސަން
އެންމެ ކަމުދާ އަަޑަކީ ވެސް އޭނާގެ އަޑު
2001 ވަނަ އަހަރު ސްޕީޗް ތެރަޕިސްޓް ޖޭން ކޯމިސް އިންސާނުންގެ އަޑުގެ ދިރާސާއެއް ކުރި އެވެ. މި ގޮތުން ޓީވީ އާއި ރޭޑިއޯ ކޮމެންޓަރީގެ 8 ބާވަތެއް އަޑު އޭނާ ދިރާސާކުރި އެވެ. މި ދިރާސާގައި ބަލާފައިވަނީ ޕިޗާއި، އަޑުގެ ބާރުގަދަ މިންވަރާއި، ރިދަމް، އަދި ޓޯނަށެވެ. ކޯމިސްގެ ދިރާސާއިން ފެނުނީ މިކަންކަމަށް އެންމެ ފައްކަލީ މޮޓްސަންގެ އަޑުކަމަށެވެ. އަދި ފުޓްބޯޅަ ބެލުންތެރިންގެ މެދުގައި ކުރި ސާވޭގައި ވެސް އިނގިރޭސި އެންމެ މަގުބޫލު ކޮމެންޓޭޓަރަކީ އޭނާ ކަމަށް 32 އިންސައްތަ މީހުން އެއްބަސްވި އެވެ. މީގެ ނަތީޖާއެއްގެ ގޮތުން ފީފާއިން ތައްޔާރުކުރި މަޝްހޫރު ފީފާ ފުޓްބޯޅަ ގޭމް އާއި ޕެސް ފަދަ އެތައް ގޭމަކަށް ވެސް މޮޓްސަންގެ އަޑުވަނީ އިހްތިޔާރުކޮށްފަ އެވެ.
އެންމެ ފާހަގަކޮށްލެވޭ ތިން މެޗު:
މޮޓްސަން ބުނާ ގޮތުން އޭނާގެ ކޮމެންޓްރީދިން އެންމެ ފާހަގަކޮށްލެވޭ ތިން މެޗަކީ
* 1982 ވަނަ އަހަރުގެ ވޯލްޑްކަޕުގައި ބްރެޒިލް އާއި އިޓަލީ ކުޅުނު މެޗު
* އެމުބާރާތުގައި ސްޕޭނާއި ނެދަލޭންޑްސް ކުޅުނު މެޗު އަދި
* 1984 ވނަ އަހަރުގެ ޔޫރޯގައި ޕޯޗުގަލް އާއި ފްރާންސް ކުޅުނު މެޗެވެ.
ބައެއް ފަހަރު ޓީވީން މެޗު ބަލާ މީހުންނަށް ދެނެގަނެވޭ ވަރަށްވުރެ ރަނގަޅަށް ކޮމެންޓޭޓަރު މެޗު ކިޔައިދޭނެ ކަމަށާއި އަދި ޓީވީން ފެންނަ މަންޒަރުގެ އިތުރަށް ދަނޑުމަތީގަ އާއި ދަނޑުބޭރުގައި ހިނގާ ކަންކަމަށް ކޮމެންޓޭޓަރު ސަމާލުކަންދީ ކިޔައިދޭން ޖެހޭ ކަމަށް މޮޓްސަން ބުންޏެވެ. ސަބަބަކީ މެޗުގެ ފޯރިގަދަ ކުރުމަށްޓަކައި ކަމަށާއި 10 ވޯލްޑްކަޕާއި 10 ޔޫރޯ އަދި އެތައް އެފްއޭކަޕް ފައިނަލެއްގައި ކޮމެންޓްރީ ދޭން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ނަސީބެއް ކަމަށް މޮޓްސަން ބުންޏެވެ.
އޭނާ ބުނީ އެންމެ އުނދަގޫވީ އަދި ބިރުން ގައިން ދާހިއްލާލި މެޗަކީ އެންމެ ފުރަތަމަ ކޮމެންޓްރީކުރި ފައިނަލް މެޗު ކަމަށެވެ. އެއީ އޭނާގެ ފުރަތަމަ ލައިވް މެޗު ވެސްމެ އެވެ.
ކޮމެންޓޭޓަރުން ވެސް މިސްޓޭކް ހަދާނެ:
އޭނާ އަތުން ވަރަށްބޮޑު މިސްޓޭކްތަކެއް ހެދުނު ކަމަށް މޮޓްސަން އެއްބަސްވެއެވެ. މީގެ ތެރެއިން އެއް މެޗަކީ 1989 ވަނަ އަހަރުގެ ފައިނަލްގައި އެވަޓަން އާއި އިސްޕިޗް ޓައުން ކުޅުނު މެޗެވެ.
ސްޓުއަޓް މެކްކޯލް ކުޅެން ނުކުމެ އެވަޓަން އަށް ދެ ގޯލު ޖަހައިދިނީ. އޭނާ ކުޅެން ނުކުތުމާއެކު އަހަރެން އޭނާ އަށް މުހާތަބުކުރީ ސްޓީވް މެކްކޯލް ކިޔާފައި. އެކަމަކު ސްޓީވް މެކްކޯލްއަކީ އިސްޕިޗްގެ ކުޅުންތެރިއެއް. މިކަންވީ ވަރަށް ބޮޑު މައްސަލައަކަށް. ނަސީބަކުން ފަހުން ސްޓުއަޓް ދެ ވަނަ ގޯލެއް ޖެހި. އެ ފަހަރު އަހަރެން އޭނާގެ ނަން ރަނގަޅަށް ބޭނުންކުރިން. މިކަމުން ސަލާމަތްވީ ހަގީގަތުގައި އޭނާ އިތުރު ލަނޑެއް ޖެހުމުންޖޯން މޮޓްސަން
މިފަދަ ދެ ވަނަ ހާދިސާ ދިމާވީ މިޑްލްސްބަރާ އާއި ޗެލްސީ 1997ގައި ކުޅުނު މެޗުގަ އެވެ.
ރޮބާޓޯ ޑިމަޓެއޯ 43 ސިކުންތު ނުވަނީސް ގޯލެއް ޖެހީ. އަހަންނަށް އެމަންޒަރު ރަނގަޅަށް ނުފެނުނު. މިގޯލަކީ އެފްއޭކަޕް ފައިނަލުގައި ޖެހި އެންމެ އަވަސް ގޯލު. މިކަން ވެސް އަހަންނަކަށް އެއިރު ނޭނގެ. އަހަރެން މެޗު ނިންމާލީ ވެސް މިކަން ނޭނގިހުރެ. މިހެންވެ މިފަދަ ކަންކަމަށް ފަހުން ވަރަށް ސަމާލުވަންޖޯން މޮޓްސަން
އެހެން ކޮމެންޓޭޓަރުން ދެކޭގޮތް:
މަސައްކަތުގެ މާހައުލުގައި އޭނާގެ އެކުވެރި ކޮމެންޓޭޓަރުން ބުނާ ގޮތުގައި މޮޓްސަން އަކީ ވަރަށް ގަޔާވެގެން ކޮމެންޓްރީދިން މީހެކެވެ. މަޝްހޫރު ކޮމެންޓޭޓަރު އެންޑީ ގްރޭ ބުނީ މިހެންނެވެ.
އޭނާ އަކީ އަހަރެންނަށް ވަރަށް ކަމުދާ މީހެއް. ވަރަށް ޕްރޮފެޝަނަލް ލެވެލްއެއްގައި އަހަރެން އޭނާ ބަލައިގަންނަން. އޭނާ އަކީ މެޗަށް ތައްޔާރުވުމުގައި އެފަދަ ދެވަނައެއް ނެތް މީހެއް. އޭނާ އަކީ އޭނާ ކޮމެންޓްރީ ދޭ މެޗެއްގައި ވެދާނެ ހުރިހާ ގޮތެއް ވަރަށް ރަނގަޅަށް އެނގެން ބޭނުންވާ މީހެއް. އޭނާ އަކީ އަހަރެންނަށް ފެނުނު މޮޅު މިސާލެއްއެންޑީ ގްރޭ / ކޮމެންޓޭޓަރެއް
މޮޓްސަން އަކީ ކޮމެންޓަރީގައި މަދުން ވާހަކަ ދައްކާ، އެކަމަކު ގިނަ ވާހަކަ ބުނާ މީހެކެވެ. އިސްރާފުނުކޮށް އަގުހުރި ބަސްތަކެއް ބޭނުންކުރި ޝަހުސިއްޔަތަކެވެ. ކޮމެންޓްރީ ބޮކްސް އަށް އޭނާ ދަނީ އަބަދުވެސް ނިކަން ރީތިކޮށް ހެދުން އަޅައިގެންނެވެ. ގިނަ މީހުން އޭނާ ފާހަގަ ކުރަނީ އާއްމުކޮށް ގްރޭ ސޫޓްގައި ހުންނަ މީހާގެ ގޮތުގަ އެވެ. އެއީ އެއްފަހަރު ސްކޯ ތެރޭގައި ގްރޭ ސޫޓެއްލައިގެން އޭނާ ރިޕޯޓްކުރީތީ އެވެ.
މަޝްހޫރު ކޮމެންޓޭޓަރު މާޓިން ޓެއިލާ ބުނީ އޭނާގެ ފުރަތަމަ ކޮމެންޓްރީ ދިން މެޗުގެ ކުރިން މޮޓްސަންގެ މެސެޖެއް ލިބުނު ކަމަށެވެ.
އޭގައި ބުނެފައި އޮތީ މަދު ވާހަކަ ދައްކަން. އެކަމަކު ގިނަ ވާހަކަ ބުނަން. އަހަރެން އަބަދުވެސް އޭނާގެ މި އިރުޝާދު ހަނދާންކުރަން. މޮޓްސަން އަކީ ކޮމެންޓްރީގައި ހުންނަންޖެހޭ ސްޓޭންޓަޑްތަކެއްގެ ބިންގާ އަޅައިދިން މީހެއް. އޭނާ އަކީ ޓީވީ ކޮމެންޓްރީގައި ތަފްސީލު ވާހަކަތަކެއް ކިޔައިދޭނެ ގޮތް ދައްކައިދިން މީހެއް. އިންޓަނެޓް ނެތް ޒަމާނެއްގައި ވެސް އޭނާ އަކީ ތަފާސް ހިސާބާއި ތާރީހާއި މެޗު އެނަލިސިސް އަމިއްލައަށް އުފައްދައިގެން ގެނެސްދިން ކޮމެންޓޭޓަރެއްމާޓިން ޓެއިލާ / ކޮމެންޓޭޓަރެއް
މޮޓްސަން އަކީ މައިކާ ނުލައި ނިކަން މަޖާ ވެސް މީހެކެވެ. ކޮމެންޓްރީގައި ތަފާސް ހިސާބުގެ ބޭނުން ވަރަށް ރަނގަޅަށް ކުރި މީހެކެވެ. އޭނާ ވަކިވެދިޔައީ 50 އަހަރުވެންދެން ޚިދުމަތްކުރި މުހިންމު އަޑަކާއި އެއަޑުން ކިޔައިދިން މުހިންމު ވާހަކަތަކެއް ކުރިމަގަށް ދޫކޮށްލައިފަ އެވެ. ފުޓްބޯޅައިގެ ވަރަށް މުހިންމު ތާރީޚީ ހަނދާންތަކާ ގުޅިފައިވުމުން މޮޓްސަން މަރުވިޔަސް އޭނާގެ އަޑު މަރެއްނުވާނެ އެވެ.