ނުވާނެ ކަންކަން ވޭތޯ ބެލި ކީޕަރު: މާޓިނޭޒަކީ ދަ ބެސްޓް!
އެމިލިއާނޯ މާޓިނޭޒް
ކ. މާލެ |

2020 ވަނަ އެމިލިއާނޯ މާޓިނޭޒް އާސެނަލް ދޫކޮށް އެސްޓަން ވިލާ އަށް ބަދަލުވިއިރު ޗޭންޖިން ރޫމުގައި ހުރި ލޮކަރުގައި އޭނާ ހާސިލްކުރަން ބޭނުންވާ ކަންކަމުގެ ލިސްޓެއް ބޭއްވި އެވެ. އޭގެ ތެރޭގައި ހިމެނުނު އެއް ކަމަކީ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމެވެ.

މިއީ އެއިރު ބައެއް މީހުންނަށް ޖޯކަކަށްވެދާނެ އެވެ. ސަބަބަކީ ކުޅޭ ކުލަބުގެ ފުރަތަމަ 11 އަށް ނާރާ ކީޕަރަކު ހަތަރު އަހަރުން އެއް އަހަރު ބާއްވާ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރާ ވާހަކަ ދެއްކުމުންނެވެ. އަދި މިއީ ގަވާއިދުން ނުކުޅޭ ކީޕަރަކު މިފަދަ ހުވެފެނެއް ހަގީގަތަކަށް ހަދަން އުޅޭ ފުރަތަމަ ފަހަރު ކަމަށް ވެސް އެއިރު ހީވެފައި އޮތެވެ.

ތަޖުރިބާކާރު ކޯޗު ޑީން ސްމިތުގެ އިރުޝާދުގެ ދަށުން އެސްޓަންވިލާ އަށް ކުޅެން މާޓިނޭޒް ބަދަލުވީއިރު އޭނާގެ އުމުރުން 28 އަހަރުވެއްޖެ އެވެ. މީގެ ކުރިން އޭނާ އުޅުނީ އާސެނަލްގެ ކުޅުންތެރިއެއްގެ ގޮތުގައި ކުދިކުދި ޓީމުތަކުގަ އެވެ. ޕްރެމިއާ ލީގުން ވެސް ފެނުނީ އެންމެ 13 ފަހަރު އެވެ.

އާޖެންޓީނާގެ ކީޕަރު މާޓިނޭޒް (23) އާއި ކެޕްޓަން މެސީ: މާޓިނޭޒަކީ ފީފާއިން ހޮވި 2022 ވަނަ އަހަރުގެ އެންމެ މޮޅު ކީޕަރު. - ގޫގުލް

ނަމަވެސް އެސްޓަންވިލާގެ ބޮޑީމޫ ހެންތް ޓްރެއިން ދަނޑުގައި ހުރި މާޓިނޭޒްގެ ލޮކަރ ރޫމް މިހާރު ޖަރީވެފައިވަނީ ރަންމެޑެއްޔާއި ޓްރޮފީތަކުންނެވެ. ކޮޕާ އެމެރިކާ އާއި ފައިނަލިސިމާ އަދި ވޯލްޑްކަޕްގެ ރަންމެޑަލް އެތަނުގައި އެބައޮތެވެ. ކޮޕާ އެމެރިކާ އާއި ވޯލްޑް ކަޕް އަދި ފީފާ ދަ ބެސްޓްގެ އެންމެ މޮޅ ކީޕަރުގެ އެވޯޑެއްތައް ވެސް އެތަނުގައި އެބަހުއްޓެވެ. މިއީ އެތައް އަހަރަކަށް މާޓިނޭޒް ފަހުރުވެރިވާނެ ހާއްސަ ކާމިޔާބީތަކެވެ.

ދެ ނަންބަރު ކީޕަރުކަމުން ވޯލްޑްކަޕްގެ މޮޅު ކީޕަރުގެ މަގާމާ ހަމައަށް މާޓިނޭޒް ދެމިގަތީ ކިހިނެތް ހެއްޔެވެ؟ ހަގީގަތުގައި މިކަމަށް އޭނާއަށް ލަފާދިނީ އޭނާގެ ގޯލްކީޕިން ކޯޗު ނީލް ކަޓްލާ އެވެ.

ޕްރެމިއާ ލީގުގެ ދެ ވަނަ ކީޕަރަކަށް ހުރެފައި ވަރަށް ކުރުމުއްދަތެއްގެ ތެރޭގައި ގޮސް ވޯލްޑްކަޕް ކާމިޔާބު ކުރުމަކީ ވަރަށް ހާއްސަ ކާމިޔާބީއެއް. މިކަން ކުރެވުނީ މާޓިނޭޒްގެ ހިތްވަރާއި ކެރުމާއި، އަޒުމުގެ ސަބަބުން. މަސައްކަތުގެ އަހުލާގުގެ ސަބަބުން. އޭނާ އަކީ ބައެއް ފަހަރު އޯވަ ޓްރޭން ކުރާ މީހެއް. ހާއްސަކޮށް ޕެނަލްޓީތައް. މީގެ ސަބަބުން އަނިޔާވެސްވޭ. އެކަމަކު މޮޅުވާން އޭނާކުރި މަސައްކަތުގެ ނަތީޖާ ވަރަށް ފޮނި
މާޓިނޭޒްގެ ގާތް ރަހުމަތްތެރިއެއްގެ އިތުރުން އަންއޮފިޝަލް ފިޒިއޮތެރަޕިސްޓެއްގެ ގޮތުގައި ވެސް ހުރި ކަޓްލާ ބުންޏެވެ.
އާޖެންޓީނާގެ ކީޕަރު މާޓިނޭޒް: އޭނާ އަކީ ފީފާއިން ހޮވި 2022 ވަނަ އަހަރުގެ އެންމެ މޮޅު ކީޕަރު. - ގޫގުލް

އެސްޓަލަން ވިލާގެ ކޯޗުކަމާ އުނާއީ އެމެރޭ ހަވާލުވުމުން ކަޓްލާގެ ވަޒީފާ ގެއްލުނެވެ. އާގޯލްކީޕަރު ޓްރޭނަރަކަށް ގެނައީ މާޓިނޭޒާއެކު އާސެނަލްގައި ކުރިން މަސައްކަތް ކުރި ހާވިއާ ގާސިއާއެވެ. މި ދެ މީހުންގެ ގުޅުން ރަނގަޅު ނަމަވެސް ވޯލްޑްކަޕް ކާމިޔާބު ކުރުމަށްފަހު ގަތަރުގެ ލުސައިލް ސްޓޭޑިއަމުގައިހުރެ މާޓިނޭޒް ފުރަތަމަ ވެސް ގުޅީ ކަޓްލާއަށެވެ.

މިކަމާ ބެހޭ ގޮތުން ކަޓްލާ ބުނީ އެއީ އޭނާ ހައިރާންނުވާ ކަމަށާއި މާޓިނޭޒަކީ މޮޅުވުމަށްޓަކައި ވަރަށް ގިނަ މަސައްކަތް ކުރާ ކުޅުންތެރިއެއް ކަމަށެވެ.

މާޓިނޭޒް ތޫނުފިލި ކީޕަރަކަށް ހެދުމަށްޓަކައި އަހަރެން އޭނާގެ ދިރިއުޅޭ ގޮތް ވަރަށް ރަނގަޅަށް ދަސްކުރިން. އޭނާ އަކީ މެޗަށް ތައްޔާރުވުމުގެ ގޮތުން މެޗުގެ ކުރީ ދުވަހުގެ ރޭ ފެތުމާއި ޓީމު އެކުވެރިކުރުމުގެ ގޮތުން ބާބަކިއު ހެދުމާއި މިކަހަލަ ކަންކަމަކީ އޭނާ ގަވާއިދުން ކުރާކަންކަން. ބައެއް މީހުން ވޯލްޑްކަޕް ފައިނަލް މެޗުގައި ޕެނަލްޓީ ޖެހިއިރު އަދި މޮޅު ކީޕަރުގެ އެވޯޑް ހޯދުމަށްފަހު އޭނާގެ ހަރަކާތްތައްހުރި ގޮތް ބަލާފައި ފަހަރުގައި ފާޑުކިޔާފާނެ. މޮޔައެކޭ ވެސް ހީކޮށްފާނެ. އެކަމަކު އޭނާ އަކީ ވަރަށް މަޖާ މީހެއް. ވަރަށް ސާދާ މީހެއް. އެހާމެ ކަންކަމާ ފަރުވާތެރިވާނެ، އަދި މޮޅަށް ކަންކަން ކުރެވޭތޯ ބަލާނެ
ކީޕަރު ޓްރޭނަރު ކަޓްލާ

އާސެނަލް ދޫކޮށް ވިލާއަށް ބަދަލުވީ ކީއްވެ؟

އާސެނަލް ދޫކޮށް އެއަށްވުރެ މާ އާދައިގެ ކުލަބެއް ކަމަށްވާ އެސްޓަންވިލާ އަށް ބަދަލުވިއިރު މާޓިނޭޒްގެ ހަމައެކަނި މާޔޫސްކަމަކީ ކުލަބުގައި ގޯސްތަކެއް ހަދައިގެން ބެންޗުގައި އިންނަން ޖެހުމުގެ ބަދަލުގައި ގަވާއިދުން ކުޅެން ފުރުސަތު ނުލިބުމެވެ. އޭނާ އަށް ކިރިޔާ ވެސް ފުރުސަތެއް ލިބުނީ އޭރުގެ އެއްވަނަ ކީޕަރު ބެނާޑޯ ލެނޯ އަށް އަނިޔާވުމުން ކޮވިޑް19ގެ ތެރޭގައި ކުޅުނު މެޗުތަކުގަ އެވެ. މި ދުވަސްވަރު ކޮމިއުނިޓީ ޝީލްޑް މެޗާއި ޗެލްސީ ފަދަ ޓީމުތަކާ ދެކޮޅަށް މާޓިނޭޒް ކުޅެން ނުކުތެވެ. ރަނގަޅު ކުޅުމެއް ވެސް ދެއްކި އެވެ.

އެއީ ކަޓްލާ ބުނިގޮތުންނަމަ ވިލާ އަށް ރަނގަޅު ކީޕަރަކު ހޯދަން އެކުލަބުގެ ސްކައުޓުންނާއި އޭނާ މަސައްކަތް ކުރި ދުވަސްވަރެކެވެ. އެ މަސައްކަތުގައި ތަފާތު ކީޕަރުންގެ ޑާޓާތައް އެއްކުރިއެވެ. ނަމަވެސް މި ލިސްޓުގައި މާޓިނޭޒް ހިމެނުނީ އެހެން ކީޕަރުންނަށްވުރެ ފަހަތުގަ އެވެ.

އާޖެންޓީނާގެ ކީޕަރު މާޓިނޭޒް ދަރިފުޅާއެކު ވޯލްޑްކަޕް ޓްރޮފީ ހިފައިގެން: އޭނާ އަކީ ފީފާއިން ހޮވި 2022 ވަނަ އަހަރުގެ އެންމެ މޮޅު ކީޕަރު. - ގޫގުލް
އަހަރުމެން ބެލީ ސޭވް ޕަސެންޓޭޖާއި ކްލީން ޝީޓް ފަދަ އެތައް ކަމަކަށް. މާޓިނޭޒް ލައްވާލީ ލިސްޓުގެ ފަހަތުގައި. ސަބަބަކީ އޭނާ ގިނަ މެޗުތަކެއް ނުކުޅޭތީވެ. އެކަމަކު އަހަރެންނަށް އޭނާގެ ސްޓައިލާއި ހަށިގަނޑުގެ ތަރުބިއްޔަތުކަމުދިޔަ. މިހެންވެ އަހަރެން ދެކޭގޮތް ހުށަހެޅުމުން އަހަރެންގެ ހިޔާލަށް ސްކައުޓުން އެއްބަސްވި. އަދި ގެންނާނެ ކީޕަރެއް އިހްތިޔާރުކުރުން އަހަންނަށް ދޫކޮށްލި
ކީޕަރު ޓްރޭނަރު ކަޓްލާ

މިއަށްފަހު ވިލާގެ ވެރިންނަށް މާޓިނޭޒް "މާކެޓް" ކުރަން ކަޓްލާ އަށް ޖެހުނެވެ. އެކަމަށްޓަކައި ޕްރެޒެންޓޭޝަންތައް ހަދައި ކުލަބު އެއްބަސްކުރުމާއި އެކުއެކީގައި މާޓިނޭޒްގެ ރުހުންވެސް ކަޓްލާ ހޯދި އެވެ.

ނުވާނެކަންކަން ކުރަން ފޯރިހުރުން:

ކަޓްލާ ބުނީ އެސްޓަން ވިލާއަށް އައުމަށްފަހު ހާސިލްކުރަން ބޭނުންވާ ކަންކަން ލޮކަރުގައި ލިޔުމަށްފަހު އޭގެ ތެރެއިން ހާސިލްކުރެވޭ ކަންކަމުގައި ކޮންމެ ދުވަހަކު ފާހަގަލަމުންދިޔަ ކަމަށެވެ. އޭގެ ތެރޭގައި ގަވާއިދުން ފުރަތަމަ 11އިން ޖާގަ ހޯދުމާއި ގޯލެއް ނުވަދެ މެޗުތައް ނިންމާލުންފަދަ ކަންކަން ހިމެނެއެވެ. މި ގޮތުން ވިލާގައި ކުޅުނު ފުރަތަމަ ފަސް މެޗުގައި ހަތަރު މެޗެއްގައި އޭނާ ކޮޅަށް ގޯލެއް ނުވަދެ އެވެ. މިއާއެކު އާޖެންޓީނާގެ ގައުމީ ޓީމުގެ ސްކައުޓުންގެ ލޮލުގައި ވެސް އޭނާ އަޅައިގަތެވެ. ނަތީޖާއެއްގެ ގޮތުން ގައުމީ ޓީމުން ފުރުސަތު ލިބި 2020 ވަނަ އަހަރުގެ ކޮޕާ އެމެރިކާގައި ވެސް އެންމެ ގިނަ މެޗުގައި ބައިކޮޅަށް ގޯލެއް ނުވައްދައި ހިފެހެއްޓި ކީޕަރަކަށްވީ މާޓިނޭޒް އެވެ.

އޭނާގެ ކަންކަން ހުންނަ ގޮތުން ނުވާނެ ކަމަށް ގަބޫލުކުރެވޭ ކަންކަން ކުރަން މާޓިނޭޒް ވަރަށް ފޯރިހުރޭ. މިހެންވެ އަހަރެން ބުނިން ދުނިޔޭގެ އެންމެ މޮޅު ކީޕަރަށް އޭނާ އަށް ދުވަހަކު ވެސް ނުވެވޭނެ ކަމަށް. އެއީ އޭނާ ލައްވައި އެކަމަށް ގަދައަޅައި މަސައްކަތް ކުރުވުމަށް. މިހާރު އޭނާ އެހުރީ އެކާމިޔާބީއާ (ފީފާގެ އެންމެ މޮޅު ކީޕަރުގެ މަގާމު ހޯދުމާ) ނުހަނު ގާތުގައި
ކީޕަރު ޓްރޭނަރު ކަޓްލާ

އޭނާ އަދި ބުނީ ވޯލްޑްކަޕް ފައިނަލް މެޗުގައި ޕެނަލްޓީ ދިފާއު ކުރުމަށްފަހު މާޓިނޭޒް ދެއްކި ހަރަކާތްތަކަކީ އޭނާ އަށް ކުލަބުގައި ދަސްކޮށްދިން ކަންކަން ކަމަށެވެ.

ގޯހެއް ހަދާފައިވާނަމަ އެކަމުގެ ޒިންމާ އަހަރެންވެސް ނަގާ ކަމަށާއި އޭނާ އަށް ދަސްކޮށްދިނީ ކުރަން އުޅޭކަމެއް ނުވެ ހުއްޓައި އެކަމަކާ ކުރިމަތިލާއިރު ހުންނަންޖެހޭ ސާބިތުކަންކުރުމާއި އޭނާގެ ފަރާތުން ފެންނަންޖެހޭ ހަރުކަށި، ގޮތްދޫނުކުރާނެ ސިފަތައްކަމުގައި ކަޓްލާ ބުންޏެވެ. އަދި އެކަމެއް ކުރުމަށްފަހު އޭނާގެ އިހުސާސްތައް ބޭރުކުރާ ކަމަށާއި އިނާމްދިނުމަށްފަހު އެވީވެސް އެފަދަ ކަމެއް ކަމުގައި މާޓިނޭޒް ވޯލްޑްކަޕުގެ މޮޅު ކީޕަރުގެ އެވޯޑް ހޯދުމަށްފަހު ހުތުރުވައްތަރެއް ޖައްސާފައިވާތީ އެކަމަށް އިޝާރާތްކޮށް ކަޓްލާ ބުންޏެވެ.

އާޖެންޓީނާގެ ކީޕަރު މާޓިނޭޒް ފީފާ ދެ ބެސްޓް ކީޕަރުގެ އެވޯޑާއެކު. - ގޫގުލް

އާޖެންޓީނާގެ ކީޕަރުކަން ލިބުނީ ކިހިނެތް؟

އާޖެންޓީނާ އަށް ފާއިތުވެދިޔަ ވޯލްޑްކަޕްތަކުގައި އެންމެބޮޑު މައްސަލައަކަށްވެފައި އޮތީ ރަނގަޅު ކީޕަރެއްގެ މައްސަލަ އެވެ. މިކަން ހައްލުނުވެ އޮއްވައި ކޯޗު ލަޔޮނަލް ސްކަލޯނީ، އޭނާގެ ޓީމަށް މާޓިނޭޒަށް ގޮވާލީ އޭގެ ކުރިން ހަތް ކީޕަރަކަށް ފުރުސަތު ދިނުމަށްފަހު އެވެ. މާޓިނޭޒްވީ އޭނާ އަށް ލިބުނު ރަންގަނޑަކަށެވެ.

ކުރިއަށް ލިސްޓުގައި އޮތީކޮންކަމެއް؟

އަހަންނަށް ހީވަނީ އަހަރެންނަކީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިދާނެ ކީޕަރެއްހެން. އެކަން ކުރަން އަހަރެން ބޭނުން. އެކަމަކު އެސްޓަންވިލާއިން އަހަރެންނާއެކު ހަދާފައިވާ ކޮންޓްރެކްޓަށް އަހަރެން އިހްތިރާމް ކުރާނަން
ކީޕަރު މާޓިނޭޒް

އޭނާ އަކީ ވިލާގެ ކޯޗު އެމެރާ ސްޓައިލާ އެހާ ގުޅޭ ކީޕަރަކަށްނުވެ އެވެ. މިހެންވެ މާޓިނޭޒް ވިއްކާލުމަކީ ވެސްއޮތް ފުރުސަތެކެވެ. އުމުރުން 30 އަހަރުވިޔަސް ދަނޑުމަތީގައި އެއީ 22 އަހަރުގެ ހަށިގަނޑެކެވެ. މިހެންވެ މާޓިނޭޒްގެ ލިސްޓުން އަދިވެސް ފުރިހަމަކުރެވިދާނެ އެވެ.